ތިންވަނަ ހަދީޘް
عَنْ أَبِي عَبْدِ الرَّحْمَنِ عَبْدِ اللَّهِ بْنِ عُمَرَ بْنِ الْخَطَّابِ رَضِيَ اللَّهُ عَنْهُمَا قَالَ: سَمِعْت رَسُولَ اللَّهِ صلى الله عليه و سلم يَقُولُ: ” بُنِيَ الْإِسْلَامُ عَلَى خَمْسٍ: شَهَادَةِ أَنْ لَا إلَهَ إلَّا اللَّهُ وَأَنَّ مُحَمَّدًا رَسُولُ اللَّهِ، وَإِقَامِ الصَّلَاةِ، وَإِيتَاءِ الزَّكَاةِ، وَحَجِّ الْبَيْتِ، وَصَوْمِ رَمَضَانَ”.رَوَاهُ الْبُخَارِيُّ وَمُسْلِمٌ
އަބޫ ޢަބްދުއްރަޙުމާނު އަބްދުﷲ ބިން ޢުމަރު ބުނުލް ޚައްޠާބު ރަޟިޔަﷲ ޢަންހުމާ ރިވާކުރައްވައެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާތީ ތިމަންކަލޭގެފާނު އަޑުއެއްސެވީމުއެވެ. “ އިސްލާމްދީން ބިނާވެގެންވަނީ ފަސްކަމެއްގެ މައްޗަށެވެ.އެއީ لَا إلَهَ إلَّا اللَّهُ އަދި مُحَمَّد رَسُولُ اللَّهِ މިފަދައިން ޝަހާދަތްކިޔުމާއި(އެބަހީ: ޙައްޤުގޮތުގައި އަޅުކަންވެވޭ އިލާހެއް ﷲ ފިޔަވައިނުވާކަމަށާއި އަދި ހަމަކަށަވަރުން ﷲގެ ރަސޫލާއަކީ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ކަމަށް ހެކިވުމާއި)، ނަމާދު ޤާއިމުކުރުމާއި ޒަކާތްދިނުމާއި އަދި ކަޢުބަތުﷲ ގެފުޅަށް ޙައްޖުވުމާއި އަދި ރަމަޟާންމަހުގެ ރޯދަހިފުމެވެ.”
ރިވާކުރެއްވީ ބުޚާރީ އަދި މުސްލިމު.
ހަތަރުވަނަ ހަދީޘް
عن أبي عبد الرحمن عبد الله بن مسعود (رضي الله عنه) قال: حدّثنا رسول الله (صلى الله عليه وسلم) وهو الصادق المصدوق: "إن أحدكم يجمع خلقه في بطن أمه أربعين يوماً نطفةً ثم يكون علقةً مثل ذلك ثم يكون مضغةً مثل ذلك، ثم يرسل إليه الملك فينفخ فيه الروح ويؤمر بأربع كلمات: بكَتْب رزقه وأجله وعمله وشقي أو سعيد، فوالله الذي لا إله غيره إن أحد كم ليعمل بعمل أهل الجنة حتى ما يكون بينه وبينها إلا ذراع، فيسبق عليه الكتاب فيعمل بعمل أهل النار فيدخلها، وإن أحدكم ليعمل بعمل أهل النار حتى ما يكون بينه وبينها إلا ذراع فيسبق عليه الكتاب فيعمل بعمل أهل الجنة فيدخلها". (رواه البخاري ومسلم)
ހަދީޘްގެ މާނަ:
''ތިޔަބައިމީހުންކުރެ ކޮންމެ މީހަކުވެސް އޭނާގެ ޚަލްޤް އޭނާގެ މައިމީހާގެ ބަނޑުގައި ނުތުފާއެއްގޮތަށް ސާޅީސް ދުވަސްވަންދެން އޮވެއެވެ. އަދި ގަނޑު ލޭކޮޅެއްގޮތަށްވެސް ސާޅީސްދުވަސްވަންދެން އޮވެއެވެ. އަދި މުޟުޣާއެއްގޮތަށް ސާޅީސްދުވަސްވަންދެން އޮވެއެވެ. ދެން އޭނަގެ ކައިރިއަށް މަލާއިކަތާ ފޮނުއްވެއެވެ. އަދި އޭނާގެ ރޫޙަށް ފުމެލައްވައެވެ. އޭނައަށް ހަތަރު ކަލިމައެއް ލިޔުމަށް އަމުރުކުރެވިގެންވެއެވެ. އެއީ އޭނަގެ ރިޒްޤާއި، ދިރިހުންނާނެ މުއްދަތާއި، އަދި އޭނަގެ ޢަމަލާއި، އަދި އޭނައަކީ ބާއްޖަވެރިއެއްކަން ނުވަތަ އަބާއްޖަވެރިއެއްކަމެވެ. ﷲފިޔަވައި އެހެންއެއްވެސް އިލާހެއްނުވާ ރަސްކަލާނގެ ގަންދެއްވާ ވިދާޅުވަމެވެ. ހަމަކަށަވަރުން ތިޔަބައިމީހުންކުރެ މީހަކު ސުވަރުގޭގެ އަހުލުވެރިންގެ ޢަމަލުތައްކުރަމުންދާނެއެވެ.
މި ހަދީޘް ޝަރަޙަކޮށްދެއްވަމުން އިމާމް ނަވަވީ ވިދާޅުވެފައިވެއެވެ.
ސޫރަތުލް ކަހުފުގެ 30 ވަނަ އާޔަތުގައި ﷲތަޢާލާ ވަޙީކުރައްވާފައިއެބަވެއެވެ. މިއާޔަތުން އެނގޭގޮތުގައި އިޚްލާސްތެރިކަމާއެކު ހެޔޮ ޢަމަލުކުރާމީހެއްގެ ޢަމަލުތައް ޤަބޫލުވެވިގެންވެއެވެ. ކަންމިހެންއޮތްއިރު މި ހަދީޘްގައި ''ތިޔަބައިމީހުންކުރެ މީހަކު ސުވަރުގެވަންތަވެރިންގެ ޢަމަލުތައް ކުރަމުންދާނެއެވެ. (މީސްތަކުންނަށް ފެންނަ ފެނުމުގައި) އޭނާ މުލައްދަނޑީގެ މިންވަރަށް ސުވަރުގެއާއި ކައިރިވެއްޖައުމަށްދާނދެނެވެ. ދެން އޭނަގެ މައްޗަށް ލިޔެވިފައިވާ ޤަދަރުއޭނަގެ މައްޗަށް ގަދަވެދެއެވެ. އަދި އޭނާ ނަރަކަވަންތަވެރިންގެ ޢަމަލުކޮށް ނަރަކައަށް އޭނާވަދެއެވެ.'' މިހެން މިވަނީ ކީއްވެގެންހެއްޔެވެ؟
މި ސުވާލުގެ ޖަވާބު ދެ ގޮތަކަށް ދެވިދާނެއެވެ.
ޖަވާބު ދެވިދާނެ ފުރަތަމަ އުސްލޫބު: ސުވަރުގެ ވަނުން ބިނާވެފައިވަނީ ޢަމަލުތައް ޤަބޫލުވުމާއި حسن الخاتمة (ހެޔޮ ނިމުމުގެ) މައްޗަށެވެ. އީމާންވެ އިޚްލާސްތެރިކަމާއެކު ޞާލިޙް ހެޔޮ ޢަމަލުކޮށްފިމީހާ ހެޔޮ ރަނގަޅުގޮތެއްގައި ނޫނީ ނިމިގެންނުދާނެއެވެ.
ޖަވާބުދެވިދާނެ ދެވަނަ އުސްލޫބު: سوء الخاتمة (ނުބައި ނިމުން) ލިބުންވަނީ ރަނގަޅު ނޫންގޮތްގޮތަށް ޢަމަލުކުރި މީހުންނަށެވެ. މިސާލަކަށް ދެއްކުންތެރިކަމާއި މަޝްހޫރުވުމުގެ ނިޔަތުގައި ހެޔޮ ޢަމަލުކޮށްފިނަމަ އޭނައަށް ލިބޭނީ ނުބައި ނިމުމެކެވެ. މިކަން އިމާމް މުސްލިމްގެނެސްފައިވާ ޞައްޙަ ހަދީޘަކުން އެނގެއެވެ. އެހަދީޘްގައިވަނީ ''ތިޔަބައިމީހުންކުރެ މީހަކު ސުވަރުގެވަންތަވެރިންގެ ޢަމަލުތައް ކުރަމުންދާނެއެވެ. (މީސްތަކުންނަށް ފެންނަ ފެނުމުގައި) އޭނާ މުލައްދަނޑީގެ މިންވަރަށް ސުވަރުގެއާއި ކައިރިވެއްޖައުމަށްދާނދެނެވެ.'' މިހެންނެވެ.
ހަދީޘުން ލިބޭފައިދާތައް
-އިންސާނާ މައިމީހާގެ ރަޙިމުގައި ހެދިބޮޑުވާ މަރުޙަލާތައް ބަޔާންވެގެންވުން
-ފުރާނައެޅުއްވެނީ ރަޙިމުގައި ޤަރުބަގަންނަތާ 120 ދުވަސްފަހުން ކަމުގައި އެނގުން
- މަލާއިކަތުންގެ ތެރޭގައި ރަޙިމުގައިވާ ކުދިންގެ ކަންކަން ބެލެހެއްޓެވުންހަވާލުކުރެވިފައިވާ މަލާއިކަތުން ވާކަން އެނގުން
-މިންވަރަށް އީމާންވުމަކީ ވާޖިބެއްކަން އެނގުން
- އިންސާނާގެ އުޚުރަވީ ބާއްޖަވެރިކަމާއި އޭނަގެ އެންމެ ފަހު ޢަމަލުތަކާއި ހުރި ގުޅުން ބަޔާންވެގެންވުން
- އިންސާނާ ދިރިއުޅޭއިރު އުއްމީދާއި ބިރުވެރިކަން ޖަމަޢަކުރުމުގެ މުހިންމުކަން . އަބަދުވެސް ﷲ ގެ ހެޔޮ ރަޙްމަތަށް އުއްމީދުކުރަންޖެހޭނެއެވެ. ހަމައެގޮތަށް އެކަލާނގެ އަޒާބާއި ޢުޤުބަތަށް އަބަދުވެސް ބިރުވެތިވާންޖެހޭނެއެވެ.
- ޢަމަލުތަކަކީ ސުވަރުގެ ވަނުން ނުވަތަ ނަރަކަވަންތަވެރިޔަކަށްވުމުގެ ސަބަބެއްކަމުގައި ބަޔާންވެފައިވުން
- ހެޔޮނިމުމެއް ދެއްވުންއެދި ދުޢާކުރުމުގެ މުހިންމުކަން
- ހިދާޔަތުގެ ނިޢުމަތަށް ޝުކުރުވެރިވުމުގެ މުހިންމުކަމާއި ހިދާޔަތުގެ މަތީގައި ސާބިތުކޮށްދެއްވަވާތޯ ދުޢާކުރުމުގެ މުހިންމުކަން
- އަބާއްޖަވެރިއެއްގެ ގޮތުގައި ލިޔުއްވިފައިވާ މީހާއަށް އެނަޔަކީ އަބާއްޖަވެރިއެއްކަމެއް ނޭނގޭނެއެވެ.
އިންސާނުން ކުރާ ކަމެއް ކުރަނީ، އޭނާގެ އަޒަލުގެ ފޮތުގައި ލިޔެވިފައި އޮތް އެއްޗެއް އެނގިގެނެއް ނޫނެވެ. ފޮތުގައި އޮތީ އޭނާ ވާނީ ފާފަވެރިއަކަށް ކަމެއް ނުވަތަ އަޅުވެރިއަކަށް ކަމެއް އޭނާއަކަށް ނޭނގެއެވެ. ދެން އޭނާ އަމިއްލަ އިޚްތިޔާރުގައި، ފާފަވެރިއަކަށް ނުވަތަ އަޅުވެރިއަކަށް ވަނީއެވެ. ވީމާ ﷲ މިންވަރުކުރައްވާފައިވާ ގޮތް އަހަރެމެންނަށް ވަންހަނާވެފައިވާއިރު، މިންވަރުފުޅޭ ކިޔާފައި ހުއްޖަތްދެއްކޭނެ އެއްވެސް ގޮތެއް ނެތެވެ.
އިންސާނާއަށް ޘަވާބާއި ޢަޛާބު ދެވެނީ ދުނިޔޭގައި އޭނާކުރާ ޢަމަލަށެވެ. މާތް ﷲ ޘަވާބު ނުވަތަ ޢަޛާބު ދެއްވަނީ، ކުރުމާއި ނުކުރުމުގެ އިޚްތިޔާރު އަހަރެމެންނަށް ލިބިފައިވާ ކަންކަމަށެވެ. އޭނާ ކުރި ހެޔޮކަމެއްގެ ދަރުމަ އޭނާއަށް ވެއެވެ. އަދި ކުޅަ ނުބައި ކަމެއްގެ ސަޒާވެސް އޭނާއަށް ލިބޭނެއެވެ. މީހަކަށް ނުކުޅަދާނަ ކަމެއް ކުރާކަށް ވެސް އިސްލާމްދީން ނާންގައެވެ
މި ހަދީޘް ގުޅިފައިވަނީ އީމާންކަމުގެ ހަރުކުނުގެ ތެރެއިން މިންވަރަށް އީމާންވުމުގެ ބަޔާއެވެ. އެހެންކަމުން ތަފްޞީލީ ނަޒަރަކުން މިންވަރަށް އީމާންވުމާއިމެދު ބަލައިލާނަމެވެ.
ޤަޟާ ޤަދަރަށް އީމާންވުން
މި ބައިގެ ދަށުން މި ގެނެސްދޭ މަޢުލޫމާތުތައް ނަގާފައިމިވަނީ އައްޝައިޙް (ޅޮހީ) ޢަބްދުލްރަޙީމްގެ ލިޔުމަކުންނެވެ
(ޤަޟާ ޤަދަރަށް) މިންވަރަށް އިމާންވުމަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ އެންމެ ކުރިން ހުރިހާ ތަކެއްޗެއް މިންވަރު ކަނޑައަޅުއްވައި، އެކަންކަން ވުމަށް ﷲ ތަޢާލާގެ ޙަޟްރަތުގައި ކަނޑައެޅިފައިވާ ވަޤުތު އެއިލާހު ދެނެވޮޑިގެންވާ ކަމާއި، އަދި އެނގިގެންވާ ތަނެއްގައި އެކަންކަން ވާނެކަމަށް (އީމާންވުމެވެ.). އަދި އެކަމެއް ހިނގާނީ ﷲ ތަޢާލާ ކަނޑައެޅުއްވި ގޮތެއްގެ މަތީންނެވެ.
ޤަދަރަށް (މިންވަރަށް) އީމާންވުމުގައި ހިމެނޭ ކަންކަން.
ފުރަތަމައީ: ހުރިހާ އެއްޗެއް ﷲ ސުބުޙާނަހޫ ވަތަޢާލާ އިޖުމާލީކޮށާއި އަދި ތަފުޞީލުކޮށް އަބަދުގެ އަބަދަށް ދެނެވޮޑިގެންވާ ކަމާއި، އަދި އެއިލާހު ވެފައިވާ ކަންކަމާއި އަދި ވާނޭކަންކަން ދެނެވޮޑިގަންނަވާކަމާއި އަދި އަދި ނުވާކަންކަމާއި އަދި ވަންޏާއި ވާނޭގޮތްވެސް ދެނެވޮޑިގަންނަވާކަމަށް އީމާންވުމެވެ.
ދެވަނައީ: ﷲ ސުބުޙާނަހޫ ވަތަޢާލާ އެކަންކަން އައްލައުޙުލް މަޙްފޫޡުގައި ލިޔުއްވާފައިވާ ކަމަށް އީމާންވުމެވެ.
އަދި ޞަޙީޙް މުސްލިމުގައި އައިސްފައިވާ ޙަދީޘެއްގައި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.
(كَتَبَ اللَّهُ مَقَادِيرَ الْخَلَائِقِ قَبْلَ أَنْ يَخْلُقَ السَّمَاوَاتِ وَالْأَرْضَ بِخَمْسِينَ أَلْفَ سَنَةٍ) رواه مسلم في صحيحه: 2653.
މާނައީ: "ﷲ ސުބުޙާނަހޫ ވަތަޢާލާ ޚަލްޤުތަކުންގެ މިންވަރުފުޅުތައް، އުޑާ ބިންހެއްދެވުމުގެ ފަންސާސް ހާސް އަހަރު ކުރިން ލިޔުއްވެވިއެވެ.
ތިންވަނައީ: ﷲގެ އިރާދަފުޅާ ލައިގެން މެނުވީ ކާއިނާތުގައި އެއްވެސް ކަމެއް ނުވާނެކަމަށް އީމާންވުމެވެ. އެއީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޢަމަލުފުޅުތައްކަމުގައި ވިޔަސް މެއެވެ. އަދި އަދި އަޅުތަކުންގެ ޢަމަލުތައް ކަމުގައިވިނަމަވެސް މެއެވެ.
ހަތަރުވަނައީ: ހުރިހާ ކާއިނާތު ތަކަކީ ﷲ އުފައްދަވާފައިވާ މަޚުލޫޤުންތަކެއްކަމަށް އީމާންވުމެވެ. އެހެނީ ބިމާއި އުޑުގައި ޒައްރެއްގެ މިންވަރުވިޔަސް އެތަކެތި އުފައްދަވާފައިވަނީ ﷲއެވެ. އަދި އެތަކެތީގެ ޙަރަކާތްތަކާއި އަދި ޤާއިމުވާތަންލައްވަނީވެސް ﷲއެވެ. އެއިލާހު ނޫން އުފައްދަވާ ފަރާތެއްނުވެއެވެ. އަދި އެނޫން އުފައްދަވާ ބަލަހައްޓަވާ ފަރާތެއް ނުވެއެވެ. ﷲ ވަޙީކުރައްވާފައިވެއެވެ.
ޤަދަރަށް(މިންވަރަށް) އީމާންވުމުގެ ފައިދާތައް.
ހ. ކަންތައް މެދުވެރިވާ ސަބަބު ތަކުގައި ހިފާއިރު ﷲއަށް ބަރޯސާވުން. ސަބަބުތަކުގައި ހިފަންޖެހޭފަދައިން އެކަމުގެ އާޚިރު ނަތީޖާގެނެސްދިނުމުގެ ބާރު ލިބިގެންވަނީ ހަމައެކަނި ﷲ އަށް ކަމުގައި ޤަބޫލުކުރަންޖެހެއެވެ..
ށ. ދެރަކަމެއް މެދުވެރިވެގެން ހާސްވުމެއް އޭރުން ނުވެއެވެ. ސަބަބަކީ ހުރިހާ ކަމެއްވެސް ވަނީ ﷲގެ ޤަދަރުގެ (މިންވަރުގެ) މަތީންނެވެ

















ޚިޔާލު