އެތަކެއްޗެއް ބޭނުން ކުރެވޭނީ ޙަރާމްގޮތުގައި ކަމެއް ނުވަތަ ޙަލާލުގޮތުގައި ކަމެއް ނޭގޭފަދަ އަންނައުނު ވިއްކުމުގެ ޙުކުމް.
ސ: އަހަރެން އަތުގައި އަންހެނުންނާއި ފިރިހެނުންގެ ހެދުން ވިއްކާ އެތައް ވިޔަފާރި މަރުކަޒެއް އެބަހުއްޓެވެ. އަންހެނުންގެ ހެދުން ވިއްކުން ހުއްދަ ޙާލަތް ތަކެއް އަހުރެން ކިޔައިފީމެވެ. އަދި އަންހެނުން ހެދުން ގަނެގެން އެ ހެދުން ޙަރާމްގޮތުގައި ބޭނުން ކުރާނަމަ އެފަދަ ޙާލަތުގައި އަންހެނުންގެ ހެދުން ވިއްކުން ހުއްދަނުވާކަމުގައި ވެއެވެ. ނަމަވެސް އެ ގަންނަމީހާ އެ އެއްޗެއް ބޭނުންކުރާނީ ﷲ ޙަރާމް ކުރެއްވި ގޮތުގައިކަމެއް ވިޔަފާރިވެރިޔާއަށް ނުވަތަ ވިއްކާ މީހާއަށް އެނގޭނީ ކިހިނަކުން ހެއްޔެވެ؟ އެހެނީ ވިއްކާމީހައަކަށް ގަންނަމީހާ އެބޭނުންކުރާނެ ގޮތެއް ނޭގޭ ޙަލާތްތައް އާދެއެވެ.
ޖ: ފިހާރަތަކުގައި ވިޔަފާރިވެރިން މިވިއްކާ އަންހެނުންގެ ހެދުން ވިއްކުން ތިން ބަޔަކަށް ބެހެއެވެ.
1- އެތަކެތި ބޭނުންކުރާނީ ޙަލާލުގޮތުގައިކަން ވިއްކާމީހާއަށް އެނގުން ނުވަތަ ޔަޤީނާ ގާތަށް ބުރަވުން . މިފަދަ ޙާލަތުގައި އެ ބޭނުން ކުރާނީ ޙަލާލު ގޮތުގައިކަން އެނގޭނަމަ އެފަދަ އެއްޗެއް ވިއްކުން ހުއްދައެވެ.
2- އެތަކެތި ބޭނުންކުރާނީ ޙަރާމްގޮތުގައިކަން ވިއްކާމީހާއަށް އެނގުން ނުވަތަ ޔަޤީނާ ގާތަށް ބުރަވުން . ( ޙަރާމްގޮތުގައި އިސްތިޢުމާލުކުރުމޭ ބުނެވޭ ބަހުގެ މާނައަކީ އެ ތަކެތި ލައިގެން ޒީނަތްތެރިވެ އެކަނބަލުންގެ ޒީނަތްތެރިކަމުގެ ފިތުނަ ފާޅުކުރަން ހިލޭ ފިރިހެނުންނަށް ފެންނަ ގޮތަށް މަގުމައްޗަށް ނިކިތުމުގެ ވާހަކައެވެ.) މިފަދަ ޙާލަތުގައި އެފަދަ އެއްޗެއް ވިއްކުން ހުއްދަވެގެން ނުވެއެވެ. މާތް ﷲ ވަޙީކުރައްވާފައިވަނީ ( وَلا تَعَاوَنُوا عَلَى الإثْمِ وَالْعُدْوَانِ ) المائدة/2 . " ފާފަކުޅައުމާއި ޢަދާވާތްތެރިވުމަށް ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކާ އެހީތެރި ނުވާށެވެ!"
ގަންނަމީހާ އެއެއްޗެއް ބޭނުން ކުރާނީ ކިހިނެއްކަން ވިއްކާމީހާ ދެނެގަނާނެ ގޮތަކީ ގަންނަ ހެދުމުގެ ބާވަތުންނާއި ގަންނަމީހާގެ ޙާލަތުންނެވެ. ( ގަންނަމީހާއަކީ ނިވާނުވާފަދަ ކުޑަ ޓީޝާޓުކޮޅެއް ނުވަތަ ގަޔަށްބާރު އެއްޗެއް ލައިގެންހުރި މީހެއްކަމުގައި ވާނަމަ އޭނާ އެފަދަ އެއްޗެއް ގަންނަނަމަ އެ ހެދުންވެސް ބޭނުންކުރާނީ މިހާރުވެސް ބޭނުންކޮށްފައި އެހުރި ގޮތަށް ކަމަށް ބުރަވެވޭނެއެވެ.)
ބައެއް ހެދުމަކީ އެގަންނަ އަންހެންމީހާއަކީ ކިތެއްމެ ނިވާކަން ކުޑައެއްޗެހި ލައިގެންހުރި މީހެއްކަމުގައި ވިޔަސް އެ އެއްޗެއް ލައިގެން ފިރިމީހާގެ ކުރިމައްޗަށް ނޫނީ ނުނިކުނާނެކަން އެނގޭ ބާވަތުގެ ހެދުމެވެ. އަދި އެފަދަ އެއްޗެއްލައިގެން ހިލޭ ފިރިހެނުން ކުރިމައްޗަށް ނުނިކުންނާނެކަން ޔަޤީންވާ ބާވަތުގެ ހެދުމެވެ. މިފަދަ ތަކެތި ވިއްކުން ހުއްދަވާނެއެވެ.
ބައެއް ފޭރާމަކީ އެތަކެތި ވިއްކާއިރު ވިއްކާމީހާއަށް މިތަކެތި ބޭނުންކުރާނީ ޙަރާމްގޮތުގައި ކަން ޔަޤީންވާ ނުވަތަ ޔަޤީނާ ގާތަށް ބުރަވެވޭ ބާވަތުގެ ހެދުމެވެ. ވީމާ ވިއްކާ މީހާގެމައްޗަށް ލާޒިމުވެންވަނީ ގަންނަމީހާގެ ޙަލަތަށްބަލައި ބުރަވެވޭ ގޮތުގެ މައްޗަށް ބަލައި ޢަމަލު ކުރުމެވެ.
ހެދުމަކީ ބައެއްފަހަރު ހުއްދަ ގޮތުގައި ބޭނުންކުރެވޭ ހަމައެހެންމެ ބައެއްފަހަރު ހުއްދަނޫން ގޮތުގައި ބޭނުން ކުރެވޭ އެއްޗެކެވެ. ނަމަވެސް އެންމެހާ އަންހެންތަކުން ޝަރުޢީ ޙިޖާބުން ނިވާވެ ، ނުވަތަ ދައުލަތުގެ ފަރާތުން އަންހެނުން ޝަރުޢީމިންގަނޑުން ނިވާވުމަށް ލާޒިމް ކުރާނަމަ އެފަދަ ތަނެއްގައި ޙަރާމް ގޮތުގައި ހެދުން ބޭނުން ކުރުމަކީ އެކަށީގެން ވާނެކަމެއް ނޫނެވެ. މިފަދަ ތަނެއްގައި ނަމަ އެފަދަ ހެދުން ވިއްކުމުގައި އެއްވެސް މައްސަލައެއް ނެތެވެ.
3- އެހެދުމެއް ބޭނުންކުރާނެ ވަކިގޮތަކާމެދު ވިއްކާ މީހާއަށް ޝައްކުވެ ވަކި ކޮޅަކަށް ބުރަކުރާނެ ޤަރީނާއެއް ނެތި ( އެބަހީ އެ އެއްޗެއް ބޭނުން ކުރާނީ ޙަރާމްގޮތުގައިކަން ނުވަތަ ޙަލާލުގޮތުގައި ކަން ކަނޑައަޅަން ނޭގި) އެއްޗަކީ ދެގޮތުގައިވެސް ބޭނުން ކުރެވިދާނެފަދަ ހެދުމެއް ނަމަ އެފަދަ ޙާލަތުގައި އެފަދަ ހެދުމެއް ވިއްކުން ހުއްދަވެގެން ވެއެވެ. އެހެނީ ވިޔަފާރީގައި އަޞްލަކީ ހުއްދަވުމެވެ. ޙަރާމްވާނީ ޙަރާމްވާފަދަ ސަބަބެއް މެދުވެރިވެގެންނެވެ. މާތް ވަޙީކުރެއްވިއެވެ. ( وَأَحَلَّ اللَّهُ الْبَيْعَ ) البقرة/275 މާނައީ " އަދި މާތް ﷲ ވިޔަފާރިކުރުން ހުއްދަކުރެއްވިއެވެ."
ގަންނަމީހާގެ މައްޗަށް ވާޖިބުވެގެންވަނީ އެއްޗެއް ޙަލާލުގޮތުގައި ބޭނުން ކުރުމެވެ. އަދި ޙަރާމްގޮތުގައި ބޭނުން ކުރުމަކީ ހުއްދަވެގެންވާ ކަމެއް ނޫނެވެ.
އިސްވެދިޔަ ވާހަކަތަކަށް ބާރުއަޅާ ފަތުވާތައް ޢިލްމުވެރިން ދެއްވާފައި ވެއެވެ. ( އައްޝައިޚް މުޙައްމަދު ޞާލިޙުލް މުނައްޖިދު)
ސަޢުދީ ޢަރަބިޔާގެ ފަތުވާ ކޮމިޓީއާއި ސުވާލުކުރެވުނެވެ.
ސ: ނިވާކަން ކުޑަކޮށް މަގުމައްޗަށް ނިކުމުއުޅޭ އަންހެނުން ޒީނަތްތެރިކަމަށް ބޭނުންކުރާ ހެދުންފަދަ ތަކެއްޗާއި ޒީނަތްތެރިވުމުގެ ތަކެތި، އަންހެންމީހާ ހެދުން އަޅާފައި އޭނާގެ ކުރިމަތީގައި ފެންނަން ހުރިގޮތުންނާއި އަދި ބައެއް ޤައުމުތަކުގައި މިބަލާވެރިކަން ޢާންމުވެފައި ވުމުގެ ސަބަބުން އެތަކެތި ބޭނުން ކުރާނީ މަގުމަތީގައި ހިލޭ ފިރިހެނުން ކުރިމަތީގައި ފާޅުވެ އުޅުމަށްކަން އެނގިހުރެ އެފަދަ ތަކެތި ވިއްކުމުގެ ޙުކުމަކީ ކޮބައިހެއްޔެވެ؟
ޖ: ގަންނަމީހާ އެތަކެތި ބޭނުން ކުރާނީ ޙަރާމް ގޮތުގައިކަން އެނގޭޙާލުގައި އެފަދަ އެއްޗެއް ވިއްކުން ހުއްދަވެގެން ނުވެއެވެ. އެހެނީ އެކަމުގައި ފާފައަށް އެހީތެރިވުން ހިމެނޭކަމަށްޓަކައެވެ. ނަމަވެސް އޭނާ އެތަކެތި ބޭނުންކުރާނީ އޭނާގެ ފިރިމީހާއަށް ޒީނަތްތެރި ވުމުގައިކަމުގައިވާނަމަ ނުވަތަ އޭނާ އޭތި ބޭނުންކުރާނެ ގޮތެއް އެއްގޮތަކަށްވެސް ނޭގޭނަމަ އެޙާލަތުގައި ވިއްކުން ހުއްދައެވެ. "فتاوى اللجنة الدائمة للبحوث العلمية والإفتاء" (13/67) ސަޢުދީ ފަތުވާ ކޮމިޓީ : (13/67)
- ސުވާލު : އެތަކެތި ގަންނަ ގިނައަންހެނުންނަކީ އެކަނބަލުންގެ ފިރިންނަށް އެތަކެތީން ޒީނަތްތެރިކަން ފާޅުކުރުމުގެ ބަދަލުގައި އޮރިޔާން ނިވާނުކޮށް މަގުމަތީގައި އެކަނބަލުންގެ ޒީނަތްތެރިކަން ފާޅުކޮށްގެން އުޅޭ ، މާތް ﷲ އާއި އެކަލާނގެ ރަސޫލާއާށް އަށް އުރެދޭ ފާޖިރު ، އަންހެނުންކަމުގައިވާނަމަ، އެފަދަ ޙާލަތުގައި އަންހެނުންގެ ޒީނަތްތެރިވުމަށް ޚާއްޞަތަކެތި ވިއްކުމުގެ ޙުކުމަކީ ކޮބައިހެއްޔެވެ؟
ޖ- ސުވާލުގައި ބުނެފައިވާގޮތަށް ކަންހިނގާނަމަ އެޙާލަތުގައި އެކަނބަލުންގެ ޙާލު އެނގިހުރެ އެފަދައެއްޗެއް އެކަނބަލުންނަށް ވިއްކުން ހުއްދަވެގެން ނުވެއެވެ. އެހެނީ އެއީ ފާފަކުޅައުމަށް އެހީތެރިވުމުގައި ހިމެނޭ ކަމަކަށް ވާތީއެވެ. އެކަން މާތް ﷲ ވަނީ ނަހީކުރައްވާފައެވެ. މާތް ﷲ ވަޙީކުރައްވާފައިވަނީ ( وَلا تَعَاوَنُوا عَلَى الإثْمِ وَالْعُدْوَانِ ) المائدة/2 . " ފާފަކުޅައުމާއި ޢަދާވާތްތެރިވުމަށް ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކާ އެހީތެރި ނުވާށެވެ!" "فتاوى اللجنة الدائمة للبحوث العلمية والإفتاء" (13/105) . ސަޢުދީ ފަތުވާ ކޮމިޓީ : (13/105)
- އަންހެނުންލާ އުޅޭ ބާރު ޖިންސާއި އަންހެނުންލާ އުޅޭ ބާރު ފަޓުލޫނާއި ބާރުހެދުމާއި ޢައުރަ ނިވާނުވާވަރުގެ ތުނި ފޭރާމާއި މިބާވަތުގެ އެއްޗެއްހި ވިއްކުމުގެ ޙުކުމާއި ބެހޭގޮތުން ސުވާލުކުރެވުން ސަޢުދީ ފަތުވާ ކޮމިޓީގެ ޢިލްމުވެރިން ވިދާޅުވިއެވެ.
- ޙަރާމް ގޮތުގައި ބޭނުން ކުރެވޭ ކޮންމެ އެއްޗެއް ނުވަތަ ޙަރާމްގޮތުގައި ބޭނުން ކުރާނެކަމަށް ބުރަވެވޭ ކޮންމެ އެއްޗެއް . އުފެއްދުމާއި އެފަދަ އެއްޗެއް އެތެރެކުރުމާއި ވިއްކުމާއި މުސްލިމުންގެ މެދުގައި ފެތުރުން ޙަރާމްވާހުއްޓެވެ. މިގޮތުން މިހާރަކަށް އައިސް އަންހެނުން ކުރު އެއްޗެއްސާއި ބާރު އެއްޗެއްސާއި ތުނި އެއްޗެހިލައިގެން ހިލޭފިރިހެނުންކައިރިޔަށް ނިކުމެ އެކަނބަލކުންގެ ފިތުނަވެރިކަމާއި ޒީނަތްތެރިކަން ފާޅުކުރުން ހިމެނޭނީ މިދެންނެވި ޙަރާމް ކަންކަމުގެ ތެރޭގައެވެ. شيخ الإسلام ابن تيمية رحمه الله تعالى ވިދާޅުވިއެވެ. ޙަރާންކަމަކަށް ބޭނުން ކުރެވޭ އެއްވެސް ހެދުމެއް ވިއްކުމާއި ފާފައާއި އަނިޔާއަށް އެހީތެރިވުމުގެ ގޮތުން އެފަދަ ހެދުން ފެހުން ހުއްދަވެގެން ނުވެއެވެ. މިގޮތުން ރޮއްޓާއި އެއްގަމުމަސް ކައިފިނަމަ އޭގެމައްޗަށް ރާބޯނެކަން ޔަޤީންވާ މީހަކަށް ރޮއްޓާއި އެއްގަމުމަސް ވިއްކުން ހުއްދަވެގެން ނުވެއެވެ. ހަމައެހެންމެ ރަލާއި ފާޙިޝްކަންކަމަށް އެހީރެތިވުމުގައި ރައިޙާނު ބޭނުން ކުރާނެކަން ޔަޤީންވާ މީހަކަށް ރައިޙާނު ވިއްކުން ހުއްދަވެގެން ނުވެއެވެ. ( ނޯޓު : ރައިޙާނަކީ ގަހަކަށް ކިޔާނަމެކެވެ. އެއީ މީރުވަސް ދުވާ މަލެއް އަޅާގަހެކެވެ. ބައެއް މީހުން މަސްތުވުމަށް މިގަހުގެބޭނުން ކުރެއެވެ.) މިގޮތުން އެއެއްޗަކުން ފާފައަކަށް އެހީތެރިކަން ހޯދާނެކަން އެގިއްޖެ އެއްވެސް އެއްޗެއް އެއެއްޗަކީ އަޞްލުގައި ވިއްކުން ހުއްދަ އެއްޗެހިކަމުގައި ވިޔަސް އެޙާލަތުގައި ހުއްދަވެގެން ނުވެއެވެ.
ވީމާ މުސްލިމު ކޮންމެ ވިޔަފާރިވެރިޔެއްގެ މައްޗަށް ވާޖިބު ވެގެންވަނީ މާތް ﷲ އަށް ތަޤުވާވެރިވުމެވެ. އަދި އޭނާގެ މުސްލިމު އަޚުންނަށް ނަޞޭޙަތްތެރިވުމެވެ. އުފައްދާ ވިއްކަންވާނީ މުސްލިމުންނަށް އެއްޗެއްގައި ފައިދާހުރި ތަކެއްޗެވެ. އެއިގެ ސަބަބުން ނުބައެއް ނުވަތަ ގެއްލުމެއްވާ އެއްވެސް އެއްޗެއް ހަދައި ވިއްކައިގެން ނުވާނެއެވެ. އަހަރުމެންނަށް ފުދޭވަރަށް މާތް ﷲ ވަނީ ހުއްދަތަކެތި ދެއްވާފައެވެ. , ( ومن يتق الله يجعل له مخرجاً * يرزقه من حيث لا يحتسب ) الطلاق/3,2 މާނައީ :އަދި ﷲ އަށް ތަޤުވާވެރިވާ މީހާދަންނާށެވެ! ފަހެ އޭނާއަށް ދަތިކަމުން ފަސޭހަމަގެއް ދައްކަވާނެވެ. "(2) " އަދި އޭނާ ހީވެސް ނުކުރާ ގޮތްގޮތުން އެލާނގެ އޭނާއަށް ރިޒްޤު ދެއްވާނެތެވެ." (3)
އެކަކު އަނެކަކަށް ނަޞޭޙަތްތެރިވުމުގެ ޞިފަ އެއީ ޙަޤީޤީ މުއުމިނުންގެ ޞިފައެވެ. މާތްﷲ ވަހީކުރެއްވިއެވެ. والمؤمنون والمؤمنات بعضهم أولياء بعض يأمرون بالمعروف وينهون عن المنكر ) التوبة/71 , މާނައީ " މުއުމިނު ފިރިހެނުންނާއި މުއުމިނު އަންހެނުންނަކީ އެއްބަޔަކު އަނެއް ބައެއްގެ އެކުވެރިންނެވެ. އެބައިމީހުން ހެޔޮކަންތަކަށް އަމުރުކުރާނެއެވެ. އަދި މުންކަރާތްތައް މަނާކުރާނެއެވެ. " ................ ފަތުވާ ނަމްބަރު( 19852 ) : فتاوى اللجنة الدائمة للبحوث العلمية والإفتاء" (13/109) .
والله أعلم

















ޚިޔާލު