ރާއްޖޭގެ ޚަބަރު

ދޮންވެ ފީވަމުންދާ ޑިމޮކްރަސީ

2012 ވަނަ އަހަރު ސްޕްރީމް ކޯޓް ބޭރުގައި ކުރެވުނު މުޒާހަރާގެ ތެރެއިން. | ދިއިސްލާމް ފޮޓޯ: އަޝްވާގު

 

2012 ވަނަ އަހަރު ސްޕްރީމް ކޯޓް ބޭރުގައި ކުރެވުނު މުޒާހަރާގެ ތެރެއިން. | ދިއިސްލާމް ފޮޓޯ: އަޝްވާގު

2012 ވަނަ އަހަރު ސްޕްރީމް ކޯޓް ބޭރުގައި ކުރެވުނު މުޒާހަރާގެ ތެރެއިން. | ދިއިސްލާމް ފޮޓޯ: އަޝްވާގު

މާރުކޭޓައްވަދެ ފުސްކެޔޮކޮޅެއް ގަތީ ހަމަ އެކަނި މީރުކަމަކުންނޫނެވެ. ގަނޑުގައި ހުރިއިރު ވައްތަކުގެ ރީތިކަމާއި ނަލަކަމުން އެއަށް ހިތްދަމައިގަތީއެވެ. ދިހަވަރަކަށް ކެޔޮވަށް ގަނެގެން ކޮތަޅަކައްލައިގެން ގެއަށްއައިސް ބަލާލިއިރު ކަމަކުދާކަށްނެތެވެ. އެވީ ބައިގަޑިއެއްހާއިރުގެ ތެރޭގައި އެއްކަލަ ކެޔޮވައްތަކުގެ ރީތިކަމާއި ޗާލުކަން ގެއްލިއްޖެއެވެ. ދޮންކުލަ ކަޅުކުލައަށް ބަދަލުވެއްޖެއެވެ. މިއީ ފުސްކޭލޭ މިޔަށްވާނީ މިހެންނޭ އެތެރެ ރީތިވާނޭ ހިތައް އަރުވާލައިގެން ހިތްހަމަޖައްސާލީމެވެ. ނަމަވެސް އެދޮންކަމާއި ފައްކާކަމުގައި ވީ ހަމަ އެންމެ ދުވަހެވެ. ބާކީ ކޭވޭވަރުނުވެގެން އެއްލާލީ ކުނިވަށިގަނޑަށެވެ.

ޑިމޮކްރަސީގެ ވާހަކައަކީ ބަޔަކު ކިތަންމެ ދައްކާ ހިތްވާ ވާހަކައެއް ނަމަވެސް، މިއީ އަޅުގަނޑު މާ ގަޔާވާ ވާހަކައެއް ނޫނެވެ. އެހެންނަމަވެސް ހުޅަނގުގެ ތަހުޒީބަށް ފެންބޮވައިގެންފައިވާ މިއަދުގެ މިނިކަމެތި ދުނިޔޭގައި މިއީ ނުދައްކާ ފަރުޖައްސާލެވޭނޭ ވާހަކައެއްވެސް ނޫނެވެ. އެހެންޏާފަހެ މަސްތުވާ ތަކެއްޗަކީ ގިނަބަޔަކު ގަޔާވާ އެއްޗެއް ނޫނޯލައެވެ. ނަމަވެސް އެއީ އެންމެންވެސް ދައްކާހިތްވާ ވާހަކައެކެވެ.

ޑިމޮކްރަސީއޭ މިކިޔާ ނިޒާމްގެ ހަޤީޤަތް ދަންނަނީ ކިތައް ދިވެހިންބާވައެވެ. އެއަށްވުރެ ފުޅާކޮށްލާނަމަ ކިތައް އިންސާނުންބާވައެވެ. ތެދުތެދައް ދަންނަވާނަމަ މީގެ ހަޤީޤީ އުސޫލެއް، މަންހަޖެއް، ގޮތެއް ފޮތެއް އޮތްކަމުގައި އަޅުގަނޑަކަށް ނުދެންނެވޭނެއެވެ. އަޅުގަނޑުހިތުން އަޅުގަނޑުގެ މިފިކުރު ޤަބޫލުކުރާ ކިތަންމެ ބަޔަކު މި ދިވެހިރާއްޖޭގައި އަދި މިއަދުގެ ދުނިޔޭގައި ދިރިއުޅެމުންދާނެއެވެ. އެހެންކަމުން ބަޔަކު ކިތަންމެ ބޭނުންވިޔަކަސް މި ފުކުރު ނައްތައެއް ނުލެވޭނެއެވެ.

މިއަދު އެންމެ ހަރުކޮށް އިވޭ ވާހަކައަކީ މި ކުޑަކުޑަ ދިވެހިރާއްޖޭގައި ޑިމޮކްރަސީ ދޮންވެ ފައްކާވަމުން އަންނަ ވާހަކައެވެ. އެބޭފުޅުން އެވިދާޅުވާހެން މިއަދު ރާއްޖޭގައި ޑިމޮކްރަސީ ދޮންވެ ފައްކާވަމުން އަންނަނަމަ، މިއީވާ ހާދަހާ އުމުރުކުރު ނިޒާމެއްތާއެވެ. އެހެނީ ފައްކާވަމުން އަންނައިރު ރަނގަޅަށް ދޮންނުވެ މި ނިޒާމް މިދަނީ ފީވަމުންނެވެ. ހަލާކުވެ ނެތެމުންނެވެ. އަޅުގަނޑު ގަތް ފުސްކެޔޮ ވައްތަކަށްވުރެ މީގެ އުމުރުކުރުކަމުގައި ދަންނަވަންޖެހެއެވެ.

ޑިމޮކްރަސީގެ އެންމެ މައިގަނޑު އަސާސަކީ ޚިޔާލު ފާޅުކުރުމާއި ގިނަ ބައެއްގެ ޚިޔާލާއި ފިކުރަށް ކަންކަން ބައްޓަންކުރުންކަމުގައި އެނިޒާމް ދަޢުވާކުރެއެވެ. އެގޮތުން މަޝަވަރާގެ އުސޫލަކީ މިނިޒާމްގެވެސް އަސާސްކަމުގައި އެމީހުން ކަނޑައަޅާފައިވާއިރު މިހާރު މި ދިވެހި ޑިމޮކްރަސީގައި އެމަޝްވަރާތައްނިމި މަޝްވަރާތައް ބާލިޣުވެ މުސްކުޅިވެއްޖެއެވެ. އަމުދަކުންދެން ކުރާނޭ މަޝްވަރާއެއް އޮތްކަމަކަށް ނުފެނެއެވެ. އޭގެ ބަދަލުގައި ކޮންމެ މީހަކުމެ ފެންނަނީ އެމީހެއްގެ ފިކުރު ނުވަތަ އެމީހަކު ލޯބިވާ ބައެއްގެ ފިކުރު ކުރިއަށް ނެރި އޭގައި ބަގުޑި ބައްދައިގެން ތިބޭމަންޒަރެވެ. ހައްޤެއް، ބާޠިލެއް، ހެވެއް ނުބައެއް، ތެދެއް ދޮގެއް ބެލުމެއްނެތިއެވެ. މިހާރު ދިވެހިރާއްޖޭގައި ފީވެ ހަލާކުވަމުންމިދާ ޑިމޮކްރަސީގައި މަޝްވަރާގެ މަތިވެރި އުސޫލަކަށް ޖާގައެއް ނެތެވެ. މަޝްވަރާގެ މޭޒުގައި އަގުބޮޑު މާލަންތަކުގައި މީރު ކެއުމާއި ސަޔާއި، ކޮފީ ޖަމާކޮށްގެން އިށީންނަނީވެސް އަނެކުންގެ ފިކުރާއި ދެކޮޅުހަދާ އެއީ ނުނިމޭނޭ މަޝްވަރާއެއްކަން ޔަޤީންކޮށް ކަށަވަރުކޮށްތިބެއެވެ. މީގެ ހަޤީޤީ މިސާލުތައް "އޯލް ޕާޓީ ޓޯކްސް" އާއި "ލީޑަރސް ޑައިލޮގްފަދަ" ބޮޑެތި ނަންތަކުގައި ދާދި ފަހުން ބާއްވަމުންދިޔަ މަޝްވަރާތަކުން ފެންނާން އެހުރީއެވެ. އެއިން އެއްކަމެއްވެސް އޭގެ މަޤަސަދައް ވާޞިލްވާވަރެއްނުވެއެވެ. އަދި ކިއެއްތަ އެއިން ނުކުތް ނަތީޖާއަކީ ހަސަދަވެރިކަމާއި، ދެކޮޅުވެރިކަމާއި، ބޮޑާކަން ފިޔަވާ އިތުރު ނަތީޖާއެއް ނޫނެވެ.

މިހާހިސާބުން ޑިމޮކްރަސީގެ އަސާސްކަމުގައިވާ މެޖޯރިޓީ އާއި ރައްޔިތުންގެ ވެރިކަމުގެ ވާހަކަ ހުއްޓާލާކަށް ނުވޭތޯއެވެ؟ ތިޔަބުނާ މެޖޯރިޓީ ހޯދާނީ ކޮންގޮތަކުންތޯއެވެ؟ ކޮރަޕްޝަނާއި، ފަސާދައާއި، މަކަރާއި، ހީލަތްތެރިކަމަށް ހުޅުވާލެވިފައިވާ ނިޒާމަކުން ތިޔަކަން ހާޞިލްވާނޭކަމަށް ދަޢުވާކުރާނީ މޮޔައެކެވެ. ހައްޤުގޮތް މެންދުރުގެ އިރުފަދައިން ފެނުނަސްވެސް އެއީ ރޭގަނޑުކަމުގައި ނިންމިދާނެތޯއެވެ؟ ރައްޔިތުންގެ ތާއީދު ހޯދުމަށް ތިޔަ އަޅާ ވޯޓްތަކުގައި ހުރީ ކޮން އިންސާފުވެރިކަމެއް ހެއްޔެވެ؟ އަހަރެން ބޭނުންގޮތަށް އެކަން ނުވެއްޖެނަމަ އަނެކާގެ ބޮލުގައި މަކަރާއި ހީލަތުގެ ބަދުނާމު އަޅުވާފައި ނުކުމެ އެންމެންގެ މަސްލަހަތު ގެއްލުވާލަންވީއެވެ. އެއީވެސް ޑިމޮކްރަސީގެ ހިޔަލުގައެވެ.

އިންސާނުންނަކީ އުނި ބައެކެވެ. ބުއްދި ދެއްވާފައިވީނަމަވެސް އޭގެ ބޭނުން ހިފުމަށް އަންގަވާފައިވާ މިންގަނޑުން ބޭރުގައި އޭގެ ބޭނުން ހިފަމުންދިއުމުގެ ސަބަބުން މިއަދު މިވަނީ އަޅުގަނޑުމެންގެ ފިކުރުގެ މިސްރާބު ހަނިވެފައެވެ. ހައްޤު ހައްޤުގެ ގޮތުގައި ބަލައިގަތުމުގައި އަޅުގަނޑުމެންގެ ސިކުނޑިތަކާއި ހިތްތައްމިވަނީ ކަނުވެފައެވެ. ހަޤީޤީ ލޯބިވާންޖެހޭ ފަރާތާއި، އެއަށް އިންކާރުނުކުރެވޭނޭ މަންހަޖާއި ޝަރީޢަތް މިވަނީ އޮޅިފައެވެ. ދިރިއުޅުމުގެ މަޤްސަދާއި، ކިޔަމަންވާންޖެހޭ ފަރާތްތައް އަޅުގަނޑުމެން މިވަނީ ޑިމޮކްރަސީގެ ފީވެ ހަލާކުވެފައިވާ ނިޒާމުގެ ތެރެއިން ހޯދާފައެވެ. ސަހަރޯއެވެ! އަދި މާދަމާ އެބައޮތެވެ. މިދުނިޔޭގެ ދިރިއުޅުމަށް އެކަނި ތިމާގެ ފިކުރު ހުސްކޮށްލައިގެން ޑިމޮކްރަސީގެ ބާވެ ހަލާކުވަމުންދާ ޖިފުޓީގެ ހިޔަލުގައި ތިބާއަށް ހުރެވޭނީ މަރާބައްދަލުވަންދެނެވެ. އެއީ ދާދި ގާތުގައިވާ ބައްދަލުމުކެވެ. އެ ބައްދަލުވުމުގައި މެޖޯރިޓީއެއް، މަޝްވަރާކުރުމެއް، އަނެކާރުއްސުމެއް، ނަފްސު ގަނެވިއްކުމެއް ނޯންނާނެއެވެ.

ޑިމޮކްރަސީ ދޮންވެ ފީވެ ހަލާކުވެއްޖެއެވެ. އިތުރައް އެއިން ކުރާނޭ ފައިދާއެއް ނެތެވެ. އަމާން ބަނދަރު ސާފުކޮށްވަނީ ބަޔާންވެގެންނެވެ. އެމަގުން ދަތުރު ފަށާށެވެ. އަދި ތިބާއަށް ވަގުތު އެބައޮތެވެ. މަސައްކަތް ފަށާށެވެ. ތަޢުފީޤުދެއްވާނީ ﷲ ސުބުހާނަހޫވަޠައާލާއެވެ.

ގުޅުންހުރި

2 ޚިޔާލު

  1. ޑިމޮކުރަސީގެ ތެރެއިން ގެނައި ޓެކުސްގެ ޖިޒިޔަ ނިޒާމާއި، ޕެންޝަނުގެ ޖިޒިޔަ ނިޒާމަކީ، މުސްލިމުންގެ އިޤުތިސާދު ހަލާކުކޮށް ފަރުދުންގެ މުއްސަދިކަން އިދެޖައްސާ، މުއްސަދިން މުއްސަދިކުރުވާ ނިޒާމެއް، ފަޤީރުން އިތުރަށް އަޅުވެތިކޮށް ފަޤީރު ކުރުވާ ރައުސްމާލީ ނިޒާމެއް، މިނިޒާމް ތަކުގެ ސަބަބުން އެތަކެއް ކުންފުނީގެ ވިޔަފާރި ބަންގުރޫޓުވެ ކުންފުނި ހިންގެން ނެތިގެން އުވާލަން ވެފައި ހުރީ ކިތައްކުންފުނިތޯ؟ ކޮބަްިތޯ އިކޮނޮމިކް މިނިސްޓަރުގެ ދައުރަކީ މެދުފަންތީގެ ވިޔަފާރި މުޅިން ހުއްޓެމުން ދަނީ، އެޔަކަށް ފިޔަވަޅެއް ނޭޅޭ، ގިނަކުން ފުނިތަކެއް ނުހިންގިގެން ހުއްޓާލަން ޖެހުކަމީ ދައުލަތުގެ އުފެއްދުން ތެރިކަން ދައްވަމުންދާކަން ދައްކައިދޭކަމެއް،

  2. މައުމޫނު އެހެރީ އިސްލާމީ މަރުކަޒުގެ މައްޗައް އަރާފައި، މީހާދަ ބޮޑުކަމެއް، އުމުރުން 75 އަހަރުވީމައި އެހެން މީހުން އުޅެނީ އަޅުކަމުގައި، މައުމޫނު މިހާރު ޓީނޭޖު ކުދިން އުޅޭގޮތަށް ސޯޝިއަލް މީޑިޔާގައި ވަގުތު ހޭދަކުރަން ފެށީ ޓީނޭޖު ކުދިންނަށް ނަމޫނާ ދައްކަން ވެގެންނޯ؟ ސޯޝިއަލް މީޑިޔާގައި އުޅުމައްވުރެން، ގަނަ ވަގުތު އަޅުކަމުގައި ހޭދަކޮއްބަލަ!

Your email address will not be published. Required fields are marked *