ހައްޖަށް ގެންގޮސްދޭނެކަމަށް ބުނެ މަލީޝާ ހައްޖު އެންޑް އުމްރާ ސަރވިސަސްގެ ފަރާތުން މަކަރާއި ހީލަތުން ފައިސާ ނެގުމަށްފަހު އެ ޖަމާއަތުގެ ވެރިޔާ އިސްމާއީލް އަބްދުއްލަތީފު ފިލާފައި ވުމުން، ހައްޖަށް ނުދެވުނު މީހުންނަށް ހައްޖަށް ދެވޭނެ ގޮތެއް ސަރުކާރުން ހޯދައިދޭން ނިންމައިފި އެވެ.
އިސްލާމިކް މިނިސްޓަރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވި ގޮތުގައި މަލީޝާ ޖަމާއަތުން ހައްޖަށް ދާން ފައިސާ ދެއްކި މީހުންނަށް ސަރުކާރުން އެހީވާން ނިންމީ، ހައްޖުވެރިންނަށް ދިމާވާ ކަންކަމާ ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު ވަހީދު އާއި މަޝްވަރާ ކުރުމަށް ފަހުގައެވެ. މިގޮތުން އަންނަ އަހަރު މީހުން ހައްޖަށް ގެންދިއުމަށް ދޫކުރާ ކޯޓާގެ ތެރެއިން މަލީޝާގެ ޖަމާއަތުގެ މީހުންނަށް ފުރުސަތު ދިނުމަށް ނިންމަވާފައިވާ ކަމަށް ޝަހީމް ވިދާޅުވި އެވެ.
މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ މަލީޝާ ޖަމާއަތުގެ ވެރިޔާގެ ފަރާތުން ލިބެން ޖެހޭ ހައްގު ހޯދައި ދިނުމަށް ސަރުކާރުން ކަމާ ބެހޭ ފަރާތްތަކުން މަސައްކަތްކުރަމުންދާ ކަމަށެވެ.
މި އަހަރު ހައްޖަށް ގެންދިއުމުގެ ހުއްދަ ނެތި، މަލީޝާ އިން ހައްޖަށް ގެންގޮސްދޭނެ ކަމަށް ބުނެ 100 އަށް ވުރެ ގިނަ މީހުންގެ އަތުން ފައިސާ ނަގާފައި ވާއިރު އެ ޖަމާއަތުގެ ވެރިޔާ ފިލައިގެން އުޅޭތީ އޭނާ ހޯދުމަށް އިންޓަޕޯލުން ވަނީ ރެޑް ނޯޓިސް ވެސް ނެރެފައެވެ.

















advertisment
ޚިޔާލު