ދީންސުވާލާއި ޖަވާބު

ނަމާދަށް ހަދާ ދޮގަކަށް ތައުބާ ވެވިދާނެތޯ؟

ސުވާލު:
ނަމާދަށް ހަދާ ދޮގަކަށް ތައުބާ ވެވިދާނެތޯ؟

ޖަވާބު:
الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:

ތައުބާއަކީ ތިމާއަށް ކުށެއް ކުރެވިއްޖެނަމަ އެކުށަށް އިޢުތިރާފުވެ، ދެން އެފަދަ ކުށަކަށް އަރައިނުގަތުމަށް ޢަޒުމްކަނޑައަޅައި މާތްﷲ ގެ ޙަޟްރަތުން ފާފަ ފުއްސެވުމަށް އެދި ދެންނެވުމެވެ. މިގޮތުން ތައުބާ ވުމުގައި ތިމާގެ އަމިއްލަ ބަހުން، ކުރެވިފައިވާ ފާފަ ފުއްސެވުމަށް އެދި ދުޢާ ދެންނެވިދާނެއެވެ. ޢަރަބި ބަހުން ދުޢާ ކުރުން ލާޒިމެއް ނޫނެވެ.

ތައުބާ ވުމުގައި ހިމެނޭ ޝަރުތުތައް:

1- ތިމާއަށް ފާފައެއް ކުރެއްވިޖެކަން ޤަބޫލުކޮށް އެކަމަށް ހިތާމަ ކުރުން.
2- ކުރަމުން އައި ފާފައިން ވަގުތުން ދުރުވުން.
3- ދެވަނަ ފަހަރަށް އެފަދަ ކަމެއް ނުކުރުމަށް ޢަޒުމްކަނޑައަޅާ އެ ފާފަ ތަކުރާރު ނުކުރުން. (ތެދު ނިޔަތަކުން ތައުބާވެއްޖެނަމަ އެފަދަ ފާފައަކަށް އެމީހަކު ދެވަނަ ފަހަރަށް އަރައެއް ނުގަންނާނެއެވެ.)
4- މީހެއްގެ ޙައްގަކަށް އަރައިގެންފައި ވާނަމަ އެމީހަކަށް އެ ޙައްޤު ރައްދުކޮށްދިނުން. އަދި އޭނަގެ ކިބައިން މާފަށް އެދުން.

އެފަދަ ހައްޤަކީ ތިމާ އެވާހަކަ އޭނާ ގާތު ބުނުމުން އެހައްޤުގެ ވެރި މީހާގެ ދިރި އުޅުމާއި ޢާއިލާރޫޅުންފަދަ އަދި މިނޫންވެސް މިފަދަ އެތައް ފަސާދައެއް އޭނާގެ ޙަޔާތަށް އަންނަ ފަދަ ކަމެއްކަމުގައި ވާނަމަ ސީދާ އެވާހަކައެއް ނުބުނެ، ތިމަންނަގެ ފަރާތުން ހިތްހަމަ ނުޖެހޭކަމެއް ހިގާފައިވާ ވާނަމަ ތިމަންނައަށް މަޢާފުކުރާށޭ ބުނާނީއެވެ. އެހެނީ ބައެއްކަހަކަލަ ކަންތަކަކީ އެވާހަކަ ބުނުމުގެ ސަބަބުން ޢާއިލާތައް ރޫޅި ދަރިން ބިކަވާ ޒާތުގެ ކަންތަކެވެ. އަދި އެއަށްފަހު ގިނަ ގިނައިން އޭނާ އަށް ފާފަ ފުއްސެވުން އެދި ދުޢާ ކުރާނީއެވެ.

ތައުބާވާން ވަކި ނަމާދެއް ކުރާކަށް ނުޖެހެވެ. މަތީގައި ލިޔެވިދިޔަ ހަތަރު ޝަރުޠު ހަމަވުމުން ތައުބާ ވެވުނީއެވެ. މީހަކަށް އޭނާ ކުރާ ފާފަތަކުގެތެރެއިން އެއް ފާފާއިން ތައުބާވިޔަސް އެފާފައެއްގެ ތައުބާ ކަމުދާނެއެވެ. ނަމަވެސް ހުރިހާ ފާފައަކުން ތައުބާ ވުމަކީ ވާޖިބެކެވެ. ބޮޑެތި ފާފަތަކުން ވަކިވަކީން ތައުބާ ވާން ޖެހޭނެއެވެ. ނަމަވެސް ކުދިފާފާތަކުން ޢާންމުކޮށް ތައުބާ ވުމުން ފުދޭނެއެވެ.

ރަނގަޅު އިޚްލާޞްތެރި ތައުބާއަކުން ތައުބާވެއްޖެނަމަ މާތް ﷲ ހުރިހާ ފާފައެއް ފުއްސަވާނެއެވެ. ތައުބާ ގަބޫލުކުރެއްވިކަން އަންގައިދޭ ޢަލާމާތަކީ ދެވަނަ ފަހަރަށް އެފާފަޔަށް އެނބުރި އަރައި ނުގަތުމެވެ. والله أعلم

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in ދީން