ސުވާލު:
އަލްކަހޯލް ހުންނަ ވަސްމީރު ކުރާއެއްޗެހި ބޭނުންކުރުމަކީ ކޮންކަހަލަކަމެއް؟ އެ ބޭނުނުންކޮށްގެން މިސްކިތަށްގޮސް ނަމާދު ކުރެވިދާނެތަ؟
ޖަވާބު:
الحمد لله والصلاة والسلام على رسول الله وعلى آله وصحبه، أما بعـد:
އަލްކަހޯލް އަކީ މަސްތުވާ އެއްޗެކެވެ. ކޮންމެ މަސްތުވާ އެއްޗަކީ ރަލެކެވެ. ކޮންމެ ރަލަކީ ޙަރާމް އެއްޗެކެވެ.
އަލްކަހޯލް އާއި ގުޅިފައިވާ ދެކަމެއްވެއެވެ.
އެއްކަމަކީ: އެއީ ނަޖިސް އެއްޗެއްތޯ ނުވަތަ ނޫންތޯ؟
ދެވަނަކަމަކީ: ބޭހާއި ކާނާއާއި އަދި އެނޫންވެސް އެއްޗިއްސާއި އަލްކަހޯލް މިކްސް (އެކުވެއްޖެ) ނަމަ، އަޘަރު ކުރާނެތޯ ނުވަތަ ނޫންތޯ އެވެ؟
ފުރަތަމަ މައްސަލާގައި ގިނަ ޢިލްމުވެރިން ބުރަވެލައްވަނީ އެއީ (ރަލަކީ) ޙިއްސީ ނަޖިހެއް ކަމަށެވެ. މާނައަކީ ހަށިގަނޑުގައި ރަލުގެ ތިއްކެއް ނަމަވެސް ޖެހިއްޖެ ނަމަ އެތަނެއް ދޮވެ ސާފު ކުރަން ޖެހޭނެ ކަމަށެވެ. އަލްއައްލާމާ-ޞާލިޙުލް ޢުޘައިމީން-ރަޙިމަހު ﷲ- ބުރަވެވަޑައިގަންނަވަނީ އެއީ މަޢުނަވީ ނަޖިހެއް ކަމަށެވެ.
ދެވަނަ މައްސަލާގައި، ބޭސް ނުވަތަ ކާނާގެ ތެރެއަށް އަލްކަހޯލް އަޅައި އެހެން އެއްޗިއްސާއި މިކްސް ވެފައި ހުންނައިރުގައި، އަލްކަހޯލް ގެ އަޘަރު ހުންނަނީ ކިހާ ވަރަކަށްތޯ ބަލަން ޖެހެއެވެ. މިފަދަ ތަކެތީގައި އަލްކަހޯލް ގެ އަޘަރު ފާޅުކޮށް ފެންނަން ހުރިނަމަ، އެތަކެތި ބޭނުން ކުރުން ޙަރާމް ވާނެއެވެ. އަދި އަލްކަހޯލްގެ އަޘަރެއް ފެންނަން ނެތްކަމަށް ވަނީނަމަ އެތަކެތި ބޭނުން ކުރުން ހުއްދަވާނެއެވެ. މިކަމުގެ ދަލީލަކީ ފެނަށް ނަޖިހެއްވެއްޓި ފެންގަނޑު ތަޣައްޔުރު ނުވާ ކަމަށް ވަނީ ނަމަ އެފެންގަނޑަކީ ޠާހިރު އެއްޗެއް ކަމުގައި ހުރިހާ ޢިލްމުވެރިން އިޖްމާޢުވެވަޑައިގަތުމެވެ.
ހަމައެކަނި އަލްކަހޯލް ބޭނުންކުރުމާއި އޭތި އެހެން އެއްޗަކާއި އެއްކޮށްގެން ބޭނުން ކުރުމާއި ވަރަށް ތަފާތެވެ. ހުސްއެކަނި އަލްކަހޯލް ބޭނުން ކުރުމަކީ ޙަރާމް ކަމެކެވެ. ކިތަންމެ ކުޑަމިންވަރެއްވިޔަސްމެއެވެ. ނަމަވެސް އަލްކަހޯލް އެހެން އެއްޗަކާއި އެއްވެއްޖެނަމަ ބަލަން ޖެހެނީ އޭގެ ތާޘީރަށެވެ. ތާޘީރު ފެންނަންހުރި ކަމަށް ވަނީ ނަމަ ޙަރާމް ވާނެއެވެ. ތާޘީރު ފެންނަން ނެތިއްޖެނަމަ ހުއްދަވާނެއެވެ.
އެހެންކަމުން ސުވާލުގައި އައިސްފައިވާ މައްސަލާގައި ބުނަން އޮތީ މިކަމުގައި ބަލަން ޖެހޭނީ ތިޔަ ބޭނުން ކުރައްވާ ލޯޝަން އާއި ސެންޓާއި އަދި މިނޫންވެސް ތަކެތީގައި އަލްކަހޯލްގެ އަޘަރުފެންނަން ހުރިކަމަށް ވަނީ ނަމަ ޙަރާމް ވާނެއެވެ. އަޘަރު ފެންނަން ނެތްނަމަ އެތަކެތި ބޭނުންކުރުމަކީ މައްސަލައެއް ނޫނެވެ.
އަދި މީގެ އިތުރުންވެސް މިމައްސަލާގައި ބައެއް ޢިލްމުވެރިން މުޠުލަގުކޮށް ހުއްދަކުރައްވައެވެ. އެބޭފުޅުން ވިދާޅުވަނީ ސެންޓު، ލޯޝަން ފަދަ ތަކެތީގައި ބޭނުން ކޮށްފައިވާ އަލްކަހޯލަކީ މުޅިން އެހެން ބާވަތެއް ކަމުގައެވެ. އަދި އެއީ ބައެއް ކެމިކަލްތައް ބޭނުންކޮށްގެން އުފައްދާ މާއްދާއެއް ކަމުގައެވެ. والله أعلم.
ޚިޔާލު