ދީންސުވާލާއި ޖަވާބު

ބައިބަލްގެ އެއްވެސް އެއްޗެއް ކިޔުން މުސްލިމުންނަށް ހުއްދަވާނެތަ؟

މި ސުވާލުގެ ޖަވާބު އަޅުގަނޑު ލިޔަން ނިންމީ މިހާރަކަށް އައިސް ބައެއް މީހުން ޑ ރ ޒާކިރަކީ ބައިބަލް ކިޔާ ، އަދި އެހެން ދީންތަކުގެ މީހުންނާ ޖަދަލުކުރާ މީހަކަށްވާތީ އޭނާ ދައްކާވާހަކަ އަޑުނޭހުމަށް ވާހަކަ ދައްކަމުން ދާކަމުގެ ޝަކުވާ އަޅުގަނޑުމެންނަށް ބައެއް މީހުން އުފުލަމުންދާތީއެވެ. މި މައްސަލަ އަޅުގަނޑަށް ހުށައެޅުމުން ސަޢުދީ ޢަރަބިޔާގެ ކުރީގެ މުފްތީ ސަމާޙަތުއްޝައިޚް ޢަބްދުލް ޢަޒީޒް ބިން ބާޒް ރަޙިމަހުﷲ ގެ ފަތުވާެއެއް މިމައްސަލައިގައި ލިބޭތޯ ބަލައިލީމެވެ. ﷲ ގެ ހެޔޮރަޙުމަތުން ވަރަށް ފަސޭހައިން މިސުވާލުގެ ޖަވާބު ލިބިއްޖެއެވެ. ތިރީގައި މިތަރުޖަމާކުރަނީ މިމައްސަލައިގައި ދެއްވާފައިވާ ފަތުވާއެވެ.
ސުވާލު : މަސީޙީންނާއި ( ކްރިސްޓައަނުން ) މުސްލިމުންނާއި ދެމެދު މިހާރު މިބޭއްވޭ ޙިވާރާއި ބެހޭގޮތުން ތިޔަބޭފުޅުންގެ ރައުޔަކީ ކޮބައިހެއްޔެވެ؟
ޖަވާބު : އެކަމަށް ބޭނުން ޖެހިއްޖެނަމަ އެގޮތަށް އެކަންކުރުމުގައި އެއްވެސް މަނާކަމެއް ނެތެވެ. އެ ޙިވާރު ކުރާމީހަކީ ކީރިތި ޤުރްއާނާއި  ސަލާމާއި ޞަލަވާތްލެއްވި މާތް ނަބިއްޔާގެ ސުންނަތުގެ ޢިލްމު ހުރި މީހެއްނަމަ އެގޮތަށް ޙިވާރު ( ޖަދަލުކުރުން ) ބޭއްވުމުގައި މައްސަލައެއް ނެތެވެ. އެއީ ޙައްޤު ފާޅުކޮށް ޙައްޤުގެ މަގަށް މީސްތަކުންނަށް ދަަޢުވަތުދީ  ބާޠިލު މީސްތަކުންނަށް ހާމަކޮށްދިނުމަށްޓަކައެވެ. (  މަޖުމޫޢު ފަތާވާ ބިން ބާޒް : ވޮލްޔަމް : 8  ޞަފްޙާ : 42 ) ސުވާލު ނަމްބަރު 30
ސުވާލު : އަހުރެން މުސްލިމެއްކަމުގައިވީހިނދު އިންޖީލުކިޔުން އަހުރެންނަށް ހުއްދަވެގެންވޭހެއްޔެވެ ؟ އަހުރެން ހަމައެކަނި އެ ކިޔަނީ އޭގައިވާ އެއްޗެއް ބެލުމުގެ ނިޔަތުގައެވެ. އެނޫން އެއްވެސް މަޤްޞަދެއް އެކަމުގައި ނުވެއެވެ. ބާވައިލެއްވި ފޮތްތަކަށް އީމާންވުމުގެ މާނައަކީ އެފޮތްތަކަކީ މާތް ﷲ ގެ ޙަޟްރަތުން ބާވައިލެއްވި ތަކެތިކަން ޤަބޫލުކުރުން ހެއްޔެވެ ؟ ނުވަތަ އެފޮތުގައިވާ ތަކެއްޗަށް އީމާންވުންހެއްޔެވެ؟
ޖަވާބު : ތައުރާތާއި އިންޖީލާއި ޒަބޫރާއި މި ފޮތްތަކަކީ މާތް ﷲ ގެ ޙަޟްރަތުން ބާވައިލެއްވި ފޮތްތަކެއްކަން ޤަބޫލުކުރުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ލާޒިމުވެގެންވާ ކަމަކެވެ. މާތް ﷲ ނަބީ ބޭކަލުންނަށް ފޮތާއި ޞުޙުފު ބާވައިލެއްވިކަން މުސްލިމުން އީމާންވެއެވެ. އެފޮތްތަކުގައިވަނީ އަމުރުފުޅުތަކާއި ނަހީ ތަކާއި ހެޔޮކަމަށް ދެވޭ އިރުޝާދުތަކާއި ، ހަނދާންކޮށްދިނުންތަކާއި ،އަދި ކުރިން ހިނގާފައިވާ ބައެއް  ކަންކަމުގެ ޚަބަރުތަކާއި ، ނަރަކައާއި ސުވަރުގޭގެ ޚަބަރުތަކާއި މިފަދަ ވާހަކަތެކެވެ. ނަމަވެސް އެފޮތްތައް ބޭނުން ކުރުމަކީ ހުއްދަވެގެންވާ ކަމެއް ނޫނެވެ. އެހެނީ އެފޮތްތަކަށް ވަނީ ތަޙުރީފު ވަދެފައެވެ. އެބަހީ އެފޮތްތައް ވަނީ ބަދަލުކުރެވިފައެވެ. ވީމާ ތައުރާތާއި އިންޖީލާއި ޒަބޫރު ކިޔުމަކީ ހުއްދަކަމެއް ނޫނެވެ. އެހެނީ އެއީ ނުރައްކާކަމެކެވެ. ސަބަބަކީ ފަހަރެއްގައި އޭގައިވާ ޙައްޤެއް ދޮގުކުރެވި ދޮގުއެއްޗެއް ތެދުކުރެވިދާނެއަތީއެވެ. ޔަހޫދީންނާއި ނަޞާރާއިން މި ފޮތްތައް ބަދަލުކޮށްފައި ވީނަމަވެސް އަހުރެމެންނަށް އެފޮތްތަކާއި ނުލައި ޙައްޤު ގޮތް ޤުރްއާނުގައި މާތް ﷲ ފުދޭވަރަށް ބަޔާން ކޮށްދެއްވާފައި ވެއެވެ. މާތް ނަބިއްޔާ  صلى الله عليه وسلم ގެ ކިބައިން ރިވާވެގެން ވެއެވެ. ޢުމަރުގެފާނުންގެ އަތްޕުޅުގައި ތައުރާތުގެ ބައެއް ވަނިކޮށް ދެކެވަޑައިގެން ކޯފާ އިސްކުރެއްވިއެވެ. އަދި ޙަދީޘްކުރެއްވި ބަސްފުޅުގެ މާނައިގައި ވެއެވެ." އޭ ޚައްޠާބުގެ ދަރިއާއެވެ! ކަލޭގެފާނުވަނީ ޝައްކެއްގެމަތީގައިތޯއެވެ؟ ހަމަކަށަވަރުން ތިމަންކަލޭފާނު ތިޔަބައިމީހުންގެ ގާތަށް މިވަޑައިގަތީ ސާފު ތެދުމަގައިގެންނެވެ. މޫސާގެފާނު މިއަދު ދިރިހުރިކަމުގައިވާނަމަ އެކަލޭގެފާނަށްވެސް ތިމަންކަލޭގެފާނަށް ތަބާވުން ނޫން އެހެންގޮތެއް ނެތީހެވެ.مسند أحمد بن حنبل (3/387),سنن الدارمي المقدمة (435).
މަޤްޞަދަކީ : ތިބާއަށާއި އަދި އެހެން މީހުންނަށްވެސް އަހުރެން ނަޞީޙަތްތެރިވަނީ ތައުރާތުން ވިޔަސް އަދި އިންޖީލުންވިޔަސް އަދި ޒަބޫރުންވިޔަސް އެއްވެސް އެއްޗެއް ނުކިޔުމަށެވެ. އަދި ކިއެއްތަ އެއިން އެއްޗެއް އަތުގައި ޖެހިއްޖެނަމަ އެއެއްޗެއް ވަޅުލާށެވެ! ނުވަތަ އަންދާލާށެވެ! އެހެނީ އެތަކެތީގައިވާ  ޙައްޤު މާތް ﷲ ވަނީ އެކަލާނގެފޮތް ކީރިތި ޤުރްއާނުގައި ޖަމާކުރައްވާފައެވެ. އެފޮތްތަކަށް ވަދެފައިވާ އުނިއިތުރުތަކަކީ ބާޠިލެވެ. މުންކަރެވެ. މުއުމިނާގެމައްޗަށް ވާޖިބުވެގެންވަނީ އެކަންކަމުން ދުރުވެ ރައްކާތެރިވުމެވެ. އެހެނީ ފަހަރެއްގައި އެެއިން ފޮތެއްގައިވާ ޙައްޤު ދޮގުކުރެވި އަދި ބާޠިލު ތެދުކުރެވިދާނެއަތީއެވެ. އެންމެ ސަލާމަތްކަން ބޮޑު ގޮތަކީ އެފަދަ އެއްޗެއް އަތުޖެހިއްޖެނަމަ ވަޅުލުމެވެ. ނުވަތަ އަންދާލުމެވެ.
ނަމަވެސް އިސްލާމްދީނުގެ ކަންކަމާއިމެދު ލޯހުޅުވިފައިވާ ޢިލްމުވެރިޔަކު  ޔަހޫދީންނާއި ނަޞާރާއިންނަށް ރައްދު ދިނުމަށްޓަކައި އެފޮތްތައް ބެލުން ހުއްދަވެގެންވެއެވެ. އެެއީ ސަލާމާއި ޞަލަވާތްލެއްވި ކީރިތިރަސޫލާ ޔަހޫދީން ރަޖަމުގެ ޙުކުމަށް އިންކާރުކުރުމުން (އެމީހުންގެ މައްޗަށް ޙުއްޖަތް ޤާއިމުކުރުމަށް ޓަކައި ) ތައުރާތު ގެންނަވައި ބެއްލެވިއެވެ. ދެން އެމީހުން އެކަމަށް އިޢުތިރާފު ވިއެވެ.
މަޤުޞަދަކީ : ޝަރީޢަތް ރަނގަޅަށް ދަން ޢިލްމުވެރިން  ތައުރާތާއި އިންޖީލާއި ޒަބޫރު ބަލަން ޖެހިދާނެއެވެ. އެއީ ﷲ ގެ ޢަދާވާތްތެރިންނަށް ރައްދުދިނުންފަދަ އިސްލާމީ މަޤުޞަދަކަށްޓަކައެވެ. އަދި ޤުރްއާނާއި އެފޮތުގައިވާ ސާފުސީދާ  ތެދުމަގުގެ މާތްކަމާއި މަތިވެރިކަން ބަޔާންކުރުމަށްޓަކައެވެ. ނަމަވެސް  ޢާންމުން ނުވަތަ ޢާންމުންފަދަ މީހުން އޮފޮތްތަކުންކުރާނެ މިފަދަ ކަމެއް ނޯންނާނެއެވެ. އަދި ކިއެއްތަ އެފަދަމީހުންގެ މައްޗަށް ވާޖިބުވެގެންވަނީ އެއިން ފޮތެއް ނުވަތަ ބައެއް އަތުޖެހިއްޖެނަމަ ސާފުތަނެއްގައި ވަޅުލުމެވެ. ނުވަތަ އަންދާލުމެވެ. އެއީ އޭގެ ސަބަބުން އެހެންމީހަކު މަގުފުރެދި ނުދިޔުމަށްޓަކައެވެ. (فتاوى نور على الدرب  : ج1 ص4 لابن باز رحمه الله )

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in ދީން