الحمد لله، والصلاة والسلام على رسول اللهأما بعد:
” الأُضْحِيَةُ ” ‘އުޟްޙިޔާ’ އަކީ އަޟްޙާ ޢީދުގައި މާތް ﷲ އާއި ކުށްތަން ވުމަށްޓަކައި ކަތިލެވޭ ނާމް ސޫތްޕެވެ.
އަޟްޙާ ޢީދުގައި އުޟްޙިޔާ ކަތިލުމަކީ ކީރިތި ޤުރްއާނާއި މޫރިތި ސުންނަތާއި މުސްލިމުންގެ އިޖްމާޢިން (އިތްތިފާޤުން) ސާބިތުވާ ދީނުގެ މަތިވެރި ޝިޢާރެކެވެ.
އުޟްޙިޔާ ގެ ބައެއް މުހިންމު ޝަރުޠު ތަކާއި އެހެނިހެން ބައެއް އަހްކާމްތައް ކުރުގޮތަކަށް ތިރީގައި ބަޔާން ކުރަމެވެ.
އުޟްޙިޔާ އެއްގެ ގޮތުގައި ކަތިލެވޭ އެއްޗާއި މެދުގައި ހަ ޝަރުޠެއް ޢިލްމުވެރިން ބަޔާން ކުރައްވާފައި ވެއެވެ. އެއީ:
1- އުޟްޙިޔާއެއް ކަމުގައި ކަތިލެވޭ އެއްޗަކީ ނާމްސޫފީގެ ތެރެއިން ވާ އެއްޗެއް ކަމުގައި ވުމެވެ. އެއީ ޖަމަލާއި ގެރިއާއި ބަކަރިއާއި ކަންބަޅިއެވެ. ކުކުޅު ހާލާއި ދޫނި ސޫފާސޫތްޕާއި އެނޫންވެސް ކޮންމެ ބާވަތެއްގެ ޖަނަވާރެއް އުޟްޙިޔާއަކަށް ކަމަކު ނުދާނެއެވެ.
2- އުޟްޙިޔާ ގެ ގޮތުގައި ކަތިލެވޭ ޖަނަވާރުގައި ޝަރީޢަތުގައި ކަނޑައެޅިފައިވާ އުމުރު ހަމަވާން ވާނެއެވެ. އެއީ: ޖަމަލެއް ނަމަ ފަސް އަހަރު ފުރިފައި ވުމެވެ. ގެރިއެއް ނަމަ ދެ އަހަރު ފުރިފައި ވުމެވެ. ބަކަރިއެއްގައި ނަމަ އަހަރެއް ފުރިފައި ވުމެވެ. އަދި ކަންބަޅިއެއް ނަމަ އެއްމެ ކުޑަވެގެން ބައި އަހަރު (ހަ މަސް) ފުރިފައި ނުވާ ނަމަ އުޟްޙިޔާއެއްކަމުގައި ނުފުދޭނެއެވެ. މިފަދައިން ޞަޙީޙް މުސްލިމްގައި އިތުރުއެކަލޭގެފާނުންގެ އަރިހުން ރިވާވެފައި ވެއެވެ.
((قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : ” لَا تَذْبَحُوا إِلَّا مُسِنَّةً إِلَّا أَنْ يَعْسُرَ عَلَيْكُمْ فَتَذْبَحُوا جَذَعَةً مِنْ الضَّأْنِ” )) صحيح مسلم (ج 10، ص 142)
3- އައިބުތަކުން ސަލާމަތް އެއްޗެއް ކަމުގައި ވާން ޖެހޭނެއެވެ. އެއީ : ލޯ އަވަރު އެއްޗެއް ކަމުގައި ނުވުމެވެ. މާނައަކީ ލޮލުގައި ކުޑަ އައިބެއް އިނުމެއް ނޫނެވެ. އަދިކިޔެއް، ލޯ އެކުގައި ހަލާކުވެފައި ވުމެވެ. އަނެއް ކަމަކީ: ފާޅުވާން ހުރި ބޮޑު ބައްޔެއް ޖެހިފައިވާ އެއްޗެއް ކަމުގައި ނުވުމެވެ. ހަމަ އެފަދައިން ރަނގަޅަށް، ސީދަލަށް ނުހިނގޭ ވަރުގެ ކޮރު އެއްޗެއް ކަމުގައި ނުވުމެވެ. އަދި މޮޔަވެފައިވާ އެއްޗެއް ކަމުގައި ނުވުމެވެ. الْبَرَاء بْن عَازِب رضي الله عنه ގެ އަރިހުން ރިވާވެގެން ވެއެވެ. އުޟްޙިޔާ އަށް ކަތިލުމަށް ހުއްދަވެގެން ނުވާ އެއްޗިއްސާއި މެދުގައި އެކަލޭގެފާނާއި ސުވާލު ކުރެވުމުން ވިދާޅުވިއެވެ.
رسول الله صلى الله عليه وسلم ހަދީޘްކުރައްވާފައި ވެއެވެ.
((أَرْبَعٌ لَا تَجُوزُ فِي الْأَضَاحِيِّ ؛ الْعَوْرَاءُ بَيِّنٌ عَوَرُهَا ، وَالْمَرِيضَةُ بَيِّنٌ مَرَضُهَا، وَالْعَرْجَاءُ بَيِّنٌ ظَلْعُهَا ، وَالْكَسِيرُ الَّتِي لَا تَنْقَى )) سنن أبى داود (ج 7، ص 467)
މާނައަކީ: ” ހަތަރު ކަމެއް އުޟްޙިޔާގައި ހުރުން ޖާއިޒްވެގެން ނުވެއެވެ. ފާޅުވެގެން ހުރި އަވަރުކަން، އަދި ފާޅުވެގެން ހުރި ބަލި އެއްޗިހި، ފާޅުކަން ހުރި ކޮރު އެއްޗިއްސާއި ބުއްދި ނެތް، މޮޔަ އެއްޗިއްސެވެ.” މި ހަދީޘް ވަރަށް ގިނަ މުޙައްދިޘުން ރިވާކުރައްވާފައި ވެއެވެ. (صححه الألباني، إرواء الغليل، 1148) މި ހަތަރު ބާވަތުގެ ބަލި އެއްޗިއްސާއި މިފަދަ ނުވަތަ މިއަށްވުރެ ބޮޑެތި އައިބު ހުރި އެއްޗިހި އުޟްޙިޔާއަކަށް ކަމަކު ނުދާނެއެވެ.
4- އުޟްޙިޔާގެ ޤުރްބާނީ ކުރާ ފަރާތުގެ މިލްކުގައިވާ އެއްޗެއްކަމުގައި ވުމެވެ. ތިބާއަށް ހައްގު ނޫން އެއްޗެއް ނުވަތަ އަނިޔާވެރިކަމަކާއި އެކުގައި ހޯދާފައިވާ އެއްޗެއް ޤުރްބާން ކޮށްގެން މާތް ﷲ އާއި ކުށްތަން ނުވެވޭނެއެވެ. ވީމާ، ރަހުނެއްގެ ގޮތުގައި މީހަކު ބާއްވާފައިވާ އެއްޗެއް ވެސް އުޟްހިޔާއަކަށް ކައްޗެއް ނުލެވޭނެއެވެ.
5- ޢުޟްޙިޔާ ކަތިލުމަށް ޝަރްޢުގައި ކަނޑައެޅިފައިވާ ވަގުތުގައި ކަތިލުމެވެ. އެއީ : 10 (ދިހައެއް) ޛުލްޙިއްޖާ ވާ ޢީދު ދުވަހުގެ ޢީދު ނަމާދު ފަހުން ފެށިގެން އައްޔާމް ތަޝްރީޤް، ޛުލްޙިއްޖާ މަހުގެ 13 (ތޭރަ) ވަނަ ދުވަހުގެ އިރު އޮށްސުމާއި ހަމައަށެވެ. އެގޮތުން އުޟްޙިޔާ ކަތިލެވޭނެ ދުވަސްތަކަކީ 10، 11، 12 އަދި 13، ހަތަރު ދުވަހެވެ. ވީމާ، ޢީދު ނަމާދުގެ ކުރިން ނުވަތަ ތޭރަވަނަ ދުވަހުގެ އިރުއޮއްސުމަށް ފަހުގައި ކަތިލެވިއްޖެ ނަމަ އުޟްޙިޔާއެއް ކަމުގައި ނުވާނެއެވެ.
الْبَرَاء بْن عَازِب رضي الله عنه ގެ އަރިހުން ރިވާވެގެން ވެއެވެ. رسول الله صلى الله عليه وسلم ހަދީޘްކުރައްވާފައި ވެއެވެ. ((وَمَنْ نَحَرَ قَبْلَ الصَّلَاةِ فَإِنَّمَا هُوَ لَحْمٌ قَدَّمَهُ لِأَهْلِهِ لَيْسَ مِنْ النُّسْكِ فِي شَيْءٍ)) البخاري
“ޢީދު ނަމާދުގެ ކުރިން (އުޟްޙިޔާ) ކަތިލައިފި ނަމަ އޭނާ، އޭނާގެ އަހުލުން (އާއިލާ މީހުން) ކެއުމަށްޓަކައި އެއްޗެއް ކަތިލައިފިއެވެ. އެއީ އުޟްޙިޔާއެއް ނޫނެވެ.”
އަދި نُبَيْشَةَ الْهُذَلِيِّ رضي الله عنه ގެ އަރިހުން ރިވާވެގެން ވެއެވެ. رسول الله صلى الله عليه وسلم ހަދީޘްކުރައްވާފައި ވެއެވެ. (( أَيَّامُ التَّشْرِيقِ أَيَّامُ أَكْلٍ وَشُرْبٍ، وَذِكْرٍ لِلَّهِ)) مسلم.
މާނައަކީ: “އައްޔާމް ތަޝްރީޤް ދުވަސްތަކަކީ ކެއުމާއި ބުއިމާއި ﷲ ހަނދުމަ ކުރުމުގެ ދުވަސްތަކެވެ.”
އުޟްޙިޔާ ކަތިލުމަށްޓަކައި އުޟްޙިޔާ ގަނެ، އެކަމަށް ތައްޔާރު ވެގެން ހުއްޓައި އެ އެތި ގެއްލިއްޖެ ނަމަ ނުވަތަ މީހަކާ ހަވާލުކޮށްފައި ހުއްޓައި އެމީހާގެ އިހުމާލުން ވަގުތުގައި ކަތިނުލެވިއްޖެ ނަމަ އެފަދަ ޢުޛުރަކާއި ހެދި އުޟްޙިޔާގެ ވަގުތު ފާއިތުވާ ފަހުން ވެސް ކަތިލުމުން ފުދޭނެ ކަމުގައި ޢިލްމުވެރިން ވިދާޅު ވެފައި ވެއެވެ. އެއީ ނިދާފައި ނުހޭލެވުމާއި ހަނދާން ނެތުމުގެ ސަބަބުން ނަމާދު ވަގުތު ފާއިތުވާ މީހާގެ ކިބައިން ވަގުތު ފާއިތުވާ ފަހުން ވެސް ނަމާދު ފުދޭ ގޮތަށެވެ.
ޢީދު ދުވަހުގައި ޢީދު ނަމާދަށް ފަހުގައި އުޟްޙިޔާ ކަތިލުން މޮޅުއިތުރުވެގެން ވެއެވެ.
ނަމަވެސް، ޢީދު ދުވަހާއި އައްޔާމް ތަޝްރީޤް ތިންދުވަހުން ކުރެ ކޮންމެ ދުވަހެއްގެ ދުވާލާއި ރޭގަނޑުން ކުރެ ކޮންމެ ވަގުތެއްގައިވެސް އުޟްޙިޔާ ކަތިލެވިދާނެއެވެ.
އުޟްޙިޔާ ޛިބަޙަކޮށް ކަތިލުމަށް ކުޅަދާނަވެގެން ވާނަމަ އަމިއްލައަށް އެކަންތައް ކުރުން މޮޅުއިތުރުވެގެން ވެއެވެ. އިތުރުއެކަލޭގެފާނުން ނަމޫނާ ދައްކަވާފައި ވަނީ އެފަދައިންނެވެ. ނަމަވެސް މީހަކާ ހަވާލުކޮށް، މީހެއް ލައްވައި ކަތިލިއަސް އެއްމެ ރަނގަޅެވެ. އަދި މީހަކު ލައްވައި ކަތިލާނަމަ އުޟްޙިޔާގެ ވެރިމީހާ އެތަނުގައި ހުރުމަކީ ވެސް އެދެވިގެން ވާ ކަމެއް ކަމުގައި ބައެއް ޢިލްމުވެރިން ވިދާޅުވެފައި ވެއެވެ. ނަމަވެސް އާއިލާގެ ވަކި ބަޔަކު ކަތިލާ ތަނަށް ހާޟިރުވާކަށް ނުޖެހެއެވެ.
އުޟްޙިޔާ ކަތިލާ މީހާ އާއި އޭނާގެ އާއިލާގެ ކިބައިން ފުދޭ އެއްމެ މިންވަރަކީ ބަކަރިއް ނުވަތަ ކަންބަޅިއެކެވެ. އަދި ޖަމަލެއް ނުވަތަ ގެރިއެއް ކަތިލާނަމަ ހަތް މީހުންނާއި އެމީހުންގެ އާއިލާއަށް ބައިވެރި ވެވޭނެއެވެ.
އުޟްޙިޔާ ކަތިލަން ގަސްތުކުރާ މީހާ، ޙައްޖު މަހުގެ ހަނދު ބެލީއްސުރެ، ނުވަތަ އުޟްޙީޔާ ކަތިލުމަށް ޤަސްދު ކުރީއްސުރެ ރައްކާތެރިވާން ޖެހޭ ކަންތައްތަކެއް ވެއެވެ.
أُمِّ سَلَمَةَ رضي الله عنها ގެ އަރިހުން ރިވާވެގެން ވެއެވެ. رسول الله صلى الله عليه وسلم ހަދީޘްކުރައްވާފައި ވެއެވެ. (( إِذَا رَأَيْتُمْ هِلَالَ ذِي الْحِجَّةِ وَأَرَادَ أَحَدُكُمْ أَنْ يُضَحِّيَ فَلْيُمْسِكْ عَنْ شَعْرِهِ وَأَظْفَارِهِ)) صحيح مسلم (ج 10، ص 171)
މާނައަކީ: “ޛުލް ޙައްޖު މަހުގެ ހަނދު ފެނުމާއި އެކުގައި ތިޔަބައިމީހުންކުރެ އުޟްޙިޔާ ކަތިލުމަށް ގަސްތުކުރާ މީހަކު ނަމަ އޭނާގައިގެ އިސްތައްޓާއި ނިޔަފަތި ކެނޑުމުން ދުރުހެލިވާށެވެ!”
އެހެން ރިވާޔަތެއްގައި ވެއެވެ. (( فَلَا يَأْخُذَنَّ مِنْ شَعْرِهِ وَلَا مِنْ أَظْفَارِهِ شَيْئًا حَتَّى يُضَحِّيَ )) صحيح مسلم، (ج 10، ص 172)
މާނައަކީ: “އެފަދަ މީހާ އުޟްޙިޔާ ކަތިލެވެންދެން ތިބާގެ އިސްތައްޓާއި ނިޔަފަތިން އެއްވެސް މިންވަރެއް ނުކަނޑާށެވެ.”
ވީމާ، އުޟްޙިޔާ ކަތިލުމުގެ ނިޔަތް ގަނެފި މީހާ ނުވަތަ ގަސްތުކޮށްފި މީހާ ހައްޖުމަސް ފެށުމަށް ފަހުގައި، އުޟްޙިޔާ ކަތިލެވެންދެން، އޭނާގެ ބޮލާއި ގައިން އެއްވެސް އިސްތައްޓެއް ކެނޑުމާއި ނިޔަފަތި ކެނޑުމާއި ނުވަތަ ގައިން ހަންކޮޅެއް އެއްޗެއް ކަނޑައި ސާފު ކޮށްގެން ނުވާނެއެވެ. އެއީ ވާޖިބެއް ކަމުގައި ބައެއް ޢިލްމުވެރިން ދެކެލައްވައެވެ. އަދި މުސްތަޙައްބު ކަމެއް ކަމުގައި އަނެއްބައި ބޭފުޅުން ވެސް ވިދާޅުވެފައި ވެއެވެ. (شرح النووي على مسلم (ج 13، ص 138) އެއީ އެބައެއްގެ ކިބައިން އުޟްޙިޔާ ކަތިލެވޭ އެއްމެނެއްގެ މައްޗަށް އޮތް ކަމެއް ނޫނެވެ. އަދިކިޔެއް، އެއީ އާއިލާގެ ފަރާތުން އެކަން ކުރާ މީހާގެ މައްޗަށް އޮތް ކަމެކެވެ. ފިރިމީހާ ނުވަތަ ވަލީއުލް އަމްރެވެ.
والله أعلم، وصلى الله على محمد وآله وسلم
މި ލިޔުމުގައިވާ 2 ވަނަ ޝަރުތު ޗެކް ކޮއްލަދެއްވުން އެދެން. އެއީ ގްރޭޑް 11ގެ އިސްލާމީ ތަރުބިއްޔަތު ފޮތާއި ހިލާފުވުމެއް އުޅޭތީ!