ރާއްޖޭގެ ޚަބަރު

ވީޓީވީ އިން ފޮނުވި "އިޖްތިމާޢީ ދަރުބާރު" އަކީ ރައްޔިތުންގެ މެދުގައި ދީނީ ހަމަނުޖެހުން އުފައްދައި، ސުންނަތްތައް ކަފުންކޮށް، ބިދުޢަ އާއި ޚުރާފާތްތަކަށް މަގުކޮށުމުގެ ރޭވުމުގެ ދަށުން ފަރުމާކުރެވިފައިވާ ޕްރޮގްރާމެއް: ޝައިޚް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހީމް

ލިޔުނީ : އައިޝާ މުނާ އަދި ޙަސަން ޝިޔާޒް

ވީޓީވީ އިން މިރަމަޟާންމަހު 17 ވަނަ ދުވަހުގެ ރޭ ފޮނުވި "އިޖްތިމާޢީ ދަރުބާރު" އަކީ ރައްޔިތުންގެ މެދުގައި ދީނީހަމަނުޖެހުން އުފައްދައި، ސުންނަތްތައް ކަފުންކޮށް، ބިދުޢަ އާއި ޚުރާފާތްތަކަށް މަގުކޮށުމުގެ ރޭވުމުގެދަށުން ފަރުމާކުރެވިފައިވާ ދަރުބާރެއް ކަމަށާއި އެއީ ދިވެހި މުސްލިމް ރައްޔިތުންނަށް އިސްލާމްދީން އޮޅުވައި، ދީނާއި ފެޔަށްގެންދާނޭ ފަދަ ގޮތަކަށް ކިއްސަރުކުރެވިފައިވާ ޕްރޮގްރާމެއް ކަމުގައި އައްޝައިޚް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހީމް ވިދާޅުވެއްޖެއެވެ.

ރާއްޖެއިސްލާމް ވެބްސައިޓްގައި މިއަދު ޝައިޢުކޮށްފައިވާ ލިޔުމެއްގައި ޝައިޚް ވިދާޅުވެފައި ވަނީ އެ ޕްރޮގްރާމްގައި ސުންނަތުގެ ކަންކަމަށް ކުޑައިމީސްކޮށް ވާހަކަދައްކާފައިވާތީ ވަރަށް ގިނަ އަޚުން ކަންބޮޑުވުން ފާޅުކޮށް ފޯނުންނާއި، އެސްއެމްއެސް އިންނާއި އަދި ޝައިޚް އާއި ބައްދަލުކޮށްގެންވެސް ސުވާލު ހުށަހަޅާފައިވާ ކަމަށެވެ.

ޝައިޚް ވިދާޅުވީ ދީނުގެ މައްސަލައެއް ހުށައަޅައިދިނުމުގައި އުއްމަތުގެ ޢިލްމުވެރީންގެ މައްޗަށް ބުހުތާނު ދޮގު ހަދަމުން ކިޔަވައިގެން ތިއްބެވި ބޭފުޅުން ހިތުހުރި ގޮތަކަށް ވާހަކަ ދައްކަވާތީ ހިތާމަ ކުރައްވާ ކަމަށެވެ.

ޝައިޚް ވިދާޅުވެފައި ވަނީ މިދަރުބާރުގެ ބާވަތާއިމެދު ރާއްޖޭގައިތިބި ދީނަށް ލޯބިކުރާ ހަމައެކަކު ޙައިރާންވާން ނުޖެހޭނެ ކަމަށެވެ.

"ސަބަބަކީ ވަކި ޢިލްމުވެރިއަކަށް އެއްޒަމާނެއްގައި، ޤަޥުމެއްގެ އާރާއި، ބާރު، އަދި ދީނީ ބަސްބުނުމާއި، ލިޔުމާއި، ފަތުޥާ ދިނުމާއި، ޙުކުމް ތަންފީޛްކޮށް އެކަންކަމުގައި "ނުކިޔަމަންތެރީންނަށް" އަދަބުދިނުމުގެ ފުރިހަމަ އިޚްތިޔާރާއި، ބޮޑުފަނޑިޔާރުކަމާއި މިއެންމެހައި ކަމެއްއެއްކޮށް އެއްފަހަރާ ލިބިފައިވި ޤަޥުމެއްގެ ވެރިޔާނޫން ހަމައެއްވެސްބޭފުޅެއް އަލްއުސްތާޛް މުޙައްމަދު ރަޝީދު އިބްރާހީމް ނޫނީ އަޅުގަނޑަކަށް މުޅިދުނިޔޭގެ ތާރީޚަކުންވެސް އެނގިފައިނެތްއިރު، މިފަދަނާދިރު ހެޔޮފުރުޞަތެއްގައި ﷲ ދެއްވި ނިޢުމަތްތަކަށްބެލުމެއްނެތި، ދީނީގޮތުން ދިވެހިރާއްޖެ ބަރުބާދުކުރާންމަސައްކަތްކޮށް، މީސްތަކުންނަށް އެއުރެން ހިތުންރުހުމުން ބަލައިގަނެގެންތިބި ﷲ ގެ ދީން އޮޅުވައި، މުސްލިމް ޖީލުގެ ޢަޤީދާއާއި އަޚްލާޤާއި ތަޢުލީމު ސުންނާފަތިކޮށް، ދީނަށް ލޯބިކުރާ ފަރާތްތަކަށް ކުލަކުލައިގެ ޢަޛާބާއި އަހުވަދައްކައި، ދީނުގެ ތަޢުލީމުން ދިވެހިދަރީން މަޙްރޫމްކޮށް، ދީން އުނގެނުމުގެ އެންމެހައި މަގުތަކަށް ހުރަސްއަޅައި ބަންދުކޮށް، ޤަޥުމުގެ ފުލުހުންނާއި ސިފައިން ކިޔަމަންކޮށްގެން މާތްރަސޫލާ صلى الله عليه وسلم ގެ ސުންނަތާއި އިދިކޮޅަށް ހަނގުރާމަކުރުމުގެ މޭސްތިރިކަމުގައި މިދިވެހި ޤަޥުމުގައި ހުރިމީހަކު އިންނަދަރުބާރަކާއިމެދު ޙައިރާންވާންނުޖެހޭތީއެވެ. އަދި އެއީވެސް ސައްތައިންސައްތަ ޤަޥުމެއްގެ ގޮތުގައިއޮވެ، ޤަޥުމުގެ ރައްޔިތުންގެ ނޭނގުމާއި، ކިޔަމަންތެރިކަމާއިވެސް އެކީގައެވެ. ހުރިހާ ޤާނޫނަކާއި މުޅި މީޑިއާ ބޭނުންގޮތަކަށް އަތްދަށުގައި ބާއްވައިގެންނެވެ." ޝައިޚް ލިޔުއްވާފައިވެއެވެ.

ޝައިޚް ވިދާޅުވެފައި ވަނީ މިފަދަ ދަރުބާރެއްގައި "އަލްޙަމްދު" ސޫރަތުގެ މާނަ ކިޔައިދޭން ބައިވެރިވުމަކީވެސް ޙަޤީޤަތުގައި ޖެހިލުންވާން ޖެހޭނެކަމެއް ކަމަށެވެ. އަދި މަޖުބޫރު ނާދިރު ޙާލަތެއް މިއިން އިސްތިޘްނާ ކުރިއަސް ސީދާ އެކަމަށް ޕްރޮގްރާމް ހަދައިގެން ހިތުން ރުހުމުން ބައިވެރިވެ، އަދި އެވާހަކަތަކާއި އެއްކޮޅަށް ޥަކާލާތުކުރުން މީ ތާރީޚްގައި ނުލިޔެވި ނުދާނޭ ކަމެއް ކަމަށެވެ. އެހެން ވުމާއެކު ތާރީޚީ އަމާނަތަށްޓަކައި ޝައިޚަށް އެކަމާއި ބެހޭގޮތުން ލިޔަން މަޖްބޫރުވީ ކަމަށް ޝައިޚް ވިދާޅުވެފައިވެއެވެ.

"އަދި މިފަދައިން ވާހަކަދައްކަވާ ބޭފުޅުން ވާހަކަދައްކަވާއިރު ދީނުގެ ކަންކަން ކޮންމެގޮތަކަށް އޮޅުވައިލިޔަސް އެކަންދަންނާނެ ހަމައެކަކު ދިވެހިރާއްޖޭގައި ނުހުންނާނޭ ފަދަޔަކުން ވާހަކަދައްކަމުންގެންދާތީއެވެ. ހަމައެހެންމެ އެފަދަ މަޤާމްތަކުން ފެންނަން ނޭދޭ މަންޒަރުތައްވެސް މިފަހަރު ފެނިފައިވާތީ އެކަމާއި ހިތާމަކުރާޙާލު ނަޞޭޙަތެއްގެ ގޮތުންނެވެ. ހަނދާންކޮށްދިނުމުން މުއުމިނުންނަށް މަންފާ ކުރާނެކަމުގައި ވެސް އަންގަވާފައިވާތީއެވެ. އަދި ދިވެހިރާއްޖޭގެ ކުރީގެ ޖީލުތަކުގައި މީސްތަކުންނަށް ޙައްޤު އޮޅިގެން ގޮސްފައިވާ ފަދައިން މި ޖީލުގައި އެކަން އެމަގުން ދާއިރު ބަޔާންނުކޮށްފިނަމަ އޭގެ ޛިއްމާ ބޮލުގައި އެޅިގެންދާނޭ  އެއްފަރުދުގެ ޙައިޘިއްޔަތުންވެސްމެއެވެ. އަދި ޤިޔާމަތްދުވަހު ދީނުގެ މަސްއޫލިއްޔަތާއިމެދު ސުޥާލު ވެވޭނޭކަން އަމިއްލަޟަމީރު ޤަބޫލުކުރާތީއެވެ." ޝައިޚް ޢަބްދުﷲ ލިޔުއްވާފައިވެއެވެ.
އިތުރަށް ޝައިޚް ވިދާޅުވެފައި ވަނީ އިސްލާމްދީނުގައި ހުރި ޙުކުމްތަކާއި މެދު ބުހުތާނު ދޮގު ފަތުރަމުންދާނަމަ އެކަން އެނގޭމީހުން ކަމުގެ ޙަޤީޤަތް ބަޔާން ނުކުރުމީ އިސްލާމްދީނުގެ ޙައްޤާނިއްޔަތުކަން އުއްމަތުން ގެއްލި، ޙައްޤު ބާޠިލުކަމުގައި ދެކެވި، ބާޠިލް ޙައްޤުގެ ގޮތުގައި ބަލައިގަނެވި، މީސްތަކުންގެ ހައިބަތު އިސްލާމްދީނުގެ ހައިބަތަށްވުރެ އެމީހުންގެ ކައިރީ ޤަދަރު އުފުލިފައިވާ އެއްޗެއްކަމުގައި ހަދައިގަތުން ކަމަށެވެ. އަދި ދީނުގެ މައްސަލައެއް ނުބައިކޮށްނަޤުލުވަމުން އެއީ ދީނުގެ އަޞްލުކަމުގައި ފެތުރެމުން އަންނައިރު ދަންނަ މީހުން އެކަންކަން ބަޔާންނުކޮށް ތިބުމަކީ އެބަޔަކު ފާފަވެރިވާނޭ ކަމެއްކަން ހަނދާން ކުރަންޖެހޭ ކަމަށެވެ.

ޝައިޚް ޢަބްދުﷲ ލިޔުއްވާފައިވާ ގޮތުގައި ތުނބުޅިބޭލުމަކީ ޙަރާމްކަމެއްކަމަށް އިސްލާމީ އުއްމަތުގެކުރީގެ މުޖްތަހިދުން އިޖްމާޢު ވެލައްވާފައިވައެވެ. އަދި އެބޭކަލުންނާއި ޚިލާފްވީ މީހަކު އޭގެ ކުރީންވެސް އަދި އެއް ޒަމާނަކުވެސް އަދި މުޢުތަބަރު މުޖްތަހިދި ފިޤްހުވެޜިންގެ ޒަމާނަކުވެސް ފެންނާން ނެތްކަމަށެވެ.

އަދި މުށަކަށްވުރެ ކުރުވާވަރަށް ކޮށުންވެސް ކުރީގެއެއްވެސް ޢިލްމުވެރިއަކު ހުއްދަކޮށްފައި އޮތްކަން އިސްލާމީތާރީޚުން ފެންނަން ނެތް ކަމަށާއި ، މުށަކަށްވުރެ ދިގުވެއްޖެނަމަ ޙައްޖާއި ޢުމްރާގައި ކޮށޭނެތޯ ނުވަތަ ޢާއްމުކޮށްވިއަސް ކޮށޭނެތޯ ނުވަތަ އެޙާލަތުގައިވެސް ނުކޮށޭނެތޯ މިއީ އުއްމަތުގައި ޚިލާފްހުރި ހިސާބުހިސާބު ކަމަށް ޝައިޚް ވިދާޅުވެފައިވެއެވެ.

އެހެންވުމާއެކު މިޒަމާނުގެމީހުން މިދާއިރާތަކުގައި ތަޙްޤީޤްކޮށް ދަލީލްތަކުގެ އަލީގައި ބަޙުޘްކޮށް ހެދުމީ ބަލައިގަނެވޭނޭ ކަމެއް ކަމަށާއި، ނަމަވެސް އެދާއިރާ ފަހަނަޅައިގޮސް އުއްމަތުގެ ޢިލްމުވެރީންނޭ ކިޔައިގެން ތާރީޚީގޮތުން ޞައްޙަކޮށް ފެންނާންނެތް ވާހަކަތަށް ހަދަހަދައިގެން ދެއްކުމީ ޝަރުޢީ ޢިލްމާއި، މުޅި އިސްލާމީ އުއްމަތަށް ކުރެވޭ ޚިޔާނާތެއް ކަމަށްވެސް ޝެއިޚް ވިދާޅުވިއެވެ.

"ތުނބުޅި ބާލައިގެން ހުންނަމީހަކީ ކާފަރެއްކަމަށް ފަތުވާދޭ މީހުން އުޅޭކަމަށް "އިޖްތިމާޢީ ދަރުބާރު" ގައި ދޮގުއިލްޒާމް ހާމަ ކުރިއަސް ގަދަކީރިތިވަންތަ ﷲ ގެ ޢަދްލުވެރިދަރުބާރުގައި ހުރިހާ ސިއްރުތަކެއް ކަޝްފުވެގެންދާނެކަން ހަނދުމަ ނައްތައިނުލައްވާށެވެ. އާދެ! ތުނބުޅިބާލައިފިމީހާ ކާފަރުވާނެއޭ ވިދާޅުވެ ފަތުވައިދެއްވި ޢިލްމުވެރިއަކު ދިވެހިރާއްޖޭގައި އަދި މިވީހާތަނަށް އުޅެފައިނެތެވެ. އަދި ސުންނަތަށްލޯބި ކުރާ ކުއްޖަކުވެސް އެހެން ބުނެފައި ނޯންނާނެކަމުގައި އަޅުގަނޑު ޔަޤީންކުރަމެވެ. ވީމާ ސުންނަތާއި ސުންނަތަށް ލޯބިކުރާ ފަރާތްތަކުގެ އަގުވައްޓާލުމަށް ޙަޤީޤަތާއިޚިލާފު ދޮގުވާހަކަ ދެއްކުން ހުއްޓާލައި، މާތްﷲ އަށް ބިރުވެރިވުމަށް، އެދަރުބާރުގައި ވާހަކަދެއްކެވި އެންމެހައި ފަރާތްތަކަށް އަހަރެން ނަޞޭޙަތްތެރިވަމެވެ. ނުބައިވާހަކަދައްކައި، ބާޠިލް ފަތުރާ މަޤާމެއްގައި އެވާހަކަތަކަށް ރުހި، އިންކާރުނުކޮށް އިންނަމީހާވެސް ބައިވެރިވީ މީހަކުކަމުގައިނޫނީ ނުބެލެވޭ ހުއްޓެވެ." ޝައިޚް ޢަބްދުﷲ ލިޔުއްވާފައިވެއެވެ.

ޝައިޚް ޢަބްދުﷲ ބިން އިބްރާހީމްގެ ލިޔުއްވުން އެއްކޮށް ވިދާޅުވުމަށް

ގުޅުންހުރި

5 ޚިޔާލު

  1. މި ހުރިހާ ކަމެއްގެ މުގުލަކީ އާދަމް ނަސީރު އާއި އަފުރާޝީމް. މިދެމީހުންވެގެން ވީޓީވީގަ ދީނީ ޕްރޮގްރާމްތަކުގެ ނަމުގައި ދީނަށް ފުރައްސާރަކޮށް ﷲ ޙަރާމް ކުރައްވާފައިވާ ކަންތައްތައް ހުއްދަކުރުން ނޫންކަމެއް ނުކުރޭ

  2. އާދަމް ނަސީރުގެ ފޭސްބުކު ޕޭޖުގައި އިން ޅެމުންވެސް ތިކަން އިނގޭ. Massala Akah Nume Vaa kameh, Massala Akah Belidhaaneyey – Massala Balan Ulhevey gothun Massala Gandeh Foshidhaaneyey

    – Adam Naseer –

  3. ތިޔަދެން ކިހާ ދެރަ ކަމެއް، ފާޑު ފާޑު ގެ ދަރުބާރުތައް ބާއްވާކަށް ނުޖެހެޔޭ ކޮންމެހެނެއް، ދެން ތިޔަބުނާ ލިޔުމުގެ ވާހަކަ، ހަމަ އެސައިޓުގެ އަރިމަތިން އޭނަ ލިންކު ނެގީމަ ފެންނަ ބަކުރުބެ ލިޔުއްވާފަ އޮތް ފޮތުން އެނގޭ ގޮތުގައި ޝާފިޢީ މަޒުހަބުގެ ބައެއް ޢިލްމުވެރިން ތުނބުޅި ބޭލުމަކީ މަކްރޫހަ ކަމެއް ކަމަށް ވިދާޅުވޭ، އެއީ މަހިތުން ޙަރާމެއް ނޫނޭ އެބުނެވެނީ، މައުސޫޢަތުލްފިޤްހިއްޔަތިލްކުވައިތިއްޔާ ގައި އިމާމް ޤަލްޔޫބީގެ ޙާޝިޔާ އަށް ހަވާލާދީ ލިޔެފައިވާ ގޮތުގައި ޝާފިޢީ މަޒުހަބުގައި ރަނގަޅު ރައުޔަކީ ވެސް މަކްރޫހައޭ ބުނެވޭ ރައުޔު، ކިތަންމެ މަދުން ނަމަވެސް އެހެން މަޒުހަބުތަކުގެ ވެސް ކުރީގެ ބައެއް މުޖުތަހިދުން އެބަހުރި އެއީ މަކްރޫހަ ކަމެކޭ ބުނެފަ، މި ދަނޑިވަޅުގައި އިހަށް ބަޔާންތައް ނެރެ، ދަރުބާރުތައް ހަދަންވީ ސޯމާލިޔާގައި ތިބި އެތައް މިލިޔަން މުސްލިމުންނެއް ބަނޑަށް މަރުވަމުންދާތީ އެކަމަށް މީހުން ހޭލުންތެރިކުރުވަން ކަމަށް ފެނޭ.

  4. ޝާފިޢީގެ ފާނަށް ވުރެ އިސްވީ އެމަޛްހަބުގެ އިލްމުވެރިންތޯ؟ “ބައެއް” ޢިލްމުވެރިންގެ މާނައަކީ ކޮބައިތޯ؟ އަދި މަޝްހޫރު އަނެތް 3 މަޛްހަބާމެދު ބުނާކީ ކީކޭތޯ؟

  5. ޝާފިޢިގެފާނާ ޝާފިޢީ މަޒުހަބު އެއީ ކިހިނެއް ވާ އެއްޗެއްކަން އެނގޭ ނަމަ ރައްދު ދިން ފަރާތުން ތިހެން ނުބުނާނެ، އެކަމަކު މިހާ ކުޑަ ގޮޅިއެއްގައެއް އެހުރިހާ އެއްޗެއް ކިޔައެއް ނުދެވޭނެ، ޝާފިޢީ މަޒުހަބުގެ ތާރީޚާއި ޝާފިޢީގެފާނުގެ ރުޖޫޢަވެވަޑައިންނެވި ރައުޔުތަކާއި އެ ރަޔުތަކުގެ ދޭހައިގެ މައްޗަށް ބިނާވި ރައުޔުތަކާއި އޭގެ ތެރޭގައި މުޅީ މަޒުހަބު ދިރާސާކުރީމާ ފެންނަން ހުރި ގަވައިދުތަކަށް ބަލާއިރު ރުޖޫޢަވެފައިވާ ރައުޔު ދަރިވަރުންގެ ގާތުގައި އައުލާވުމާއި މިހިރަ ކަންކަން، އެނގޭނީ ކޮންމެވެސް ވަރަކަށް ފޮތްފޮތް ބަލާއުޅެ، ކިޔަވާ ހެދީމަ، ނޭނގެންޏާ ހިމޭނުން ހުރެފިއްޔާ ގައިމުން ޤިޔާމަތް ދުވަހުން ތަންކޮޅެއް ލުއިވާނެ މަހިތުން.

Your email address will not be published. Required fields are marked *