ދީންސުވާލާއި ޖަވާބު

އަނބިމީހާގެ ނަމުގެ ފަހަތަށް ފިރިމީހާގެ ނަންލުމަކީ ކޮންކަހަލަ ކަމެއް؟

އަނބިމީހާގެ ނަމުގެ ފަހަތަށް ފިރިމީހާގެ ނަން ލުމަކީ ދީނީ ގޮތުން ކޮންކަހަލަ ކަމެއް ތޯއެވެ؟ މިހެން މި އެހީ މިހާރަކަށް އައިސް ވަރަށް ގިނަ އަންހެން ކުދިން ފޭސްބުކް ގައާއި އެހެންވެސް ތަންތަނުގަ އެގޮތަށް ނަން ބޭނުން ކުރަމުން ދާތަން އެބަ ފެނެއެވެ.

الحمد لله، والصلاة والسلام على رسول الله
أما بعد:

ނަމަކީ އިންސާނާގެ ނަސަބާއި ހަސަބު އަންގައިދޭ، އޭނާގެ ޝަޚްޞިއްޔަތު ފާޅު ކޮށްދޭ އެއްމެ ބޮޑު އަލާމާތެވެ. ނަސަބަކީ ޙަލާލާއި ޙަރާމް ވަކިކޮށްދޭ ރަމްޒެވެ. އެހެންކަމުން ނަންކިޔުމުގައި އިސްލާމީ އުސޫލާއި އާދައަކީ މީހާގެ ނިސްބަތް އޭނާގެ ޙަލާލު، ޝަރުޢީ ބައްޕައަށްކުރުމެވެ. ޙަލާލު ބައްޕަ ނެއް ދަރިއެއް ނަމަ އޭނާގެ ނިސްބަތް ކުރާނީ އޭނާގެ މަންމަ
ނުވަތަ މަންމަގެ އާއިލާއަށެވެ.

މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. { ادْعُوهُمْ لآبَائِهِمْ هُوَ أَقْسَطُ عِنْدَ اللَّهِ } މާނައަކީ: “އެމީހުންގެ ނަން ކިޔާއިރު އެމީހުންގެ ނިސްބަތް އެމީހުންގެ ބަފައިންނަށް ކުރާށެވެ! ﷲ ގެ ހަޟުރަތުގައި އިންސާފުވެރިކަން ބޮޑުގޮތަކީ އެއީއެވެ.” ޔައުނީ؛ ތިޔަބައިމީހުންގެ އަސްލު ދަރިން މެނުވީ އެހެން މީހުންގެ ދަރިން އަމިއްލަ ދަރިއަކަށް ހަދައި، އެޑޮޕްޓު ކުރާ ކުދިންގެ ނިސްބަތްވެސް ތިޔަބައިމީހުންގެ ނަފްސަށް ނުކުރާށެވެ! އެކުދިންގެ އަސްލު ބަފައިންނަށް ކުރާށެވެ!

ކޮންމެމީހަކުވެސް އޭނާގެ ނަމުގެ ނިސްބަތް އޭނާގެ ޝަރުޢީ އާއިލާއަށް ކުރުމަކީ މި އާޔަތުގެދަށުން ވާޖިބުކަމެކެވެ. ތިބާގެ ބައްޕަ ނުވަތަ ކާފަ ނޫން އެހެން ދުރުހިލޭ މީހަކަށް ތިބާގެ ނިސްބަތް ކުރުމަކީ ޙަރާމްވެގެންވާ ކަމެކެވެ. އެއީ ކަނޑައެޅިގެން ލަޢުނަތްލިބިގެންވާ ކަމެއްކަމުގައި އަންގަވައި އިތުރުއެކަލޭގެފާނުން ޙަދީޘްކުރައްވާފައިވެއެވެ. ((مَنْ انْتَسَبَ إِلَى غَيْرِ أَبِيهِ.. فَعَلَيْهِ لَعْنَةُ اللَّهِ وَالْمَلائِكَةِ وَالنَّاسِ أَجْمَعِينَ)). ابن ماجة 2599، وفي صحيح الجامع 6104. މާނައަކީ: “ތިބާގެ ި(ޝަރުޢީ) ބައްޕަ ފިޔަވައި އެހެން މީހަކަށް ނިސްބަތް ވެއްޖެމީހާގެ މައްޗަށް ﷲ އާއި މަލާއިކަތުންނާއި އެއްމެހައި މީސްތަކުންގެ ލަޢުނަތްހުއްޓެވެ.”

އެއްވެސް މީހެއްގެ ނިސްބަތް އޭނާގެ ބައްޕަ ނޫން އެހެން ފިރިހެނަކަށް ނުވަތަ އެހެން އާއިލާއަކަށް ކުރުމަކީ އިސްވެދިޔަ އާޔަތާއި ޙަދީޘްގެ ޞަރީޙަ ނައްޞުން ކަނޑައެޅިފައިވާ ބޮޑުވެގެން ހުރި ޙަރާމް ކަމެކެވެ. އަނބިމީހާގެނަމުގެ ފަހަތަށް ފިރިމީހާގެ ނަން ލުމާއި ފިރިމީހާ އާއި އޭނާގެ އާއިލާގެ ނަމުން އަނބިމީހާއަށް ނަން ދިނުމަކީ ކާފަރުންގެ އާދައެކެވެ. އެއީ އަންހެނުން އަޅުވެތި ކުރުމުގެ އައު ވައްތަރެކެވެ. އިސްލާމީ އުޞޫލާއި ކަނޑައެޅިގެން
ޚިލާފު ކަމެކެވެ.

އެއީ އެއްވެސް ހާލެއްގައި ޙަލާލު ވެގެން ވާ ކަމެއް ނޫނެވެ. ކާފަރުންގެ އާދަތައް ކޮޕީކޮށް އެމީހުނާއި އެއްގޮތް ވުމަކީ رسولالله صلى الله عليه وسلمނަހީކުރައްވާފައިވާ ކަމެކެވެ. ابْنِ عُمَرَ رضي الله عنه ގެ އަރިހުން ރިވާވެގެން ވެއެވެ. އިތުރު ކަލޭގެފާނު ހަދީޘްކުރައްވާފައި ވެއެވެ. ((مَنْ تَشَبَّهَ بِقَوْمٍ فَهُوَ مِنْهُمْ)) سنن أبى داود، (11، 48) “ބަޔަކާއި އެއްގޮތް ވެއްޖެ މީހަކީ އެމީހުންގެ ތެރެއިން ވާ މީހެކެވެ.” މިހަދީޘްގައި އެވަނީ ޣައިރު މުސްލިމުންގެ އާދަތަކާއި ކަންތައްތަކާއި އެއްގޮތް ކުރުމުގެ ނުބައިކަމާއި ނުރައްކާތެރިކަން އަންގަވާފައެވެ. މިބަސްފުޅަކީ އެފަދަ ޢަމަލު ކުރާމީހާގެ މައްޗަށް ހުރި ބޮޑު ވަޢީދުގެ ބަސްފުޅެކެވެ.

والله أعلم، وصلى الله على محمد وآله وسلم

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in ދީން