ސީރިއާގައި ބައްޝާރުލް އަސަދުގެ ވެރިކަން ވެއްޓުމަށްފަހު އުފެދިގެން އައި އައު ވެރިކަމުގެ ދަށުން ބޭއްވޭ ފުރަތަމަ އިންތިޚާބު ސެޕްޓެމްބަރު 15 އާއި 20 އާ ދެމެދު ބޭއްވުމަށް ނިންމައިފިއެވެ.
ސީރިއާގެ އިންތިޚާބުތަކާ ބެހޭ އެންމެ އިސް ކޮމިޓީއިން ހޮނިހިރު ދުވަހު އެޤައުމުގެ ރައީސް އަޙްމަދުއްޝަރްޢާ ބައްދަލުކުރައްވައި، އެޤައުމުގެ އިންތިޚާބާ ބެހޭ ޤާނޫނަށް ގެނެވިފައިވާ ބޮޑެތި ބަދަލުތަކާ ބެހޭ މަޢުލޫމާތު އެމަނިކުފާނާ ހިއްސާކޮށްފައިވެއެވެ.
އައްޝަރްޢް ވަނީ ސީރިއާގެ ހުރިހާ ސަރަހައްދެއްގައި އިންތިޚާބު ބޭއްވުމުގެ މުހިންމުކަން ފާހަގަކުރައްވާ، ސަރަހައްދީ ބައިބައިވުމުގެ ޚިޔާލު ބަލައިނުގަންނަ ކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން ހަނގުރާމައިގެ ކުށްވެރިންނަށް އެހީތެރިވެ އެއްބާރުލުން ދިން މީހުންނާއި މަޛްހަބީ ތަފާތުކުރުމާއި ބައިބައިވުން ކުރިއަރުވާ މީހުން މިއިންތިޚާބުން އިސްތިސްނާ ކުރަން ޖެހޭކަމަށް ވެސް އައްޝަރްޢް ވިދާޅުވެފައިވެއެވެ.
އިސްލާހުކުރެވިފައިވާ ނިޒާމުގެ ދަށުން ސީރިއާގެ ރައްޔިތުންގެ މަޖިލީހުގެ ގޮނޑީގެ އަދަދު 150 އިން 210 އަށް އިތުރުވާނެއެވެ. 2011 ގެ ބޯހިމެނުމަށް ބިނާކޮށް، އެކި ސަރަހައްދުތަކަށް ކަނޑައެޅުފައިވާ ގޮނޑީގެ އަދަދު އެއާ އެއްގޮތަށް އިތުރުވާނެއެވެ. އަދި 210 މެންބަރުންގެ ތެރެއިން 70 މެންބަރުން އައްޔަންކުރާނީ ރައީސްއެވެ.
އިންތިޚާބުތަކާ ބެހޭ އެންމެ އިސް ކޮމިޓީގެ ވެރިޔާ މުޙައްމަދު ޠާޙާ އަލް އަޙްމަދު ވިދާޅުވެފައިވަނީ ވަގުތީ އިންތިޚާބީ ނިޒާމާ ބެހޭ ރިޔާސީ ޤަރާރުގައި ސޮއިކުރުމަށްފަހު، އިންތިޚާބީ ކޮމިޓީއަށް ސަބް ކޮމިޓީތައް އެކުލަވާލުމަށް ގާތްގަނޑަކަށް ހަފްތާއެއް ބޭނުންވާނެ ކަމަށާއި، އޭގެ ފަހުން ސަބް ކޮމިޓީތަކުން އިންތިޚާބީ މަންދޫބުން (އިލެކްޓޯރަލް ބޮޑީޒް) ހޮވުމަށް 15 ދުވަސް ދެވޭނެކަމަށެވެ.
އިންތިޚާބުތަކާ ބެހޭ އެންމެ އިސް ކޮމިޓީގެ ބެލުމުގެ ދަށުން، މަދަނީ ޖަމްޢިއްޔާތަކާއި ބައިނަލްއަޤްވާމީ ޖަމާޢަތްތަކުގެ މޮނިޓަރުންނަށް އިންތިޚާބީ މަރުހަލާ އޮބްޒާވް ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށާއި، ކެންޑިޑޭޓުންގެ ލިސްޓާއި ފައިނަލް ނަތީޖާއާމެދު ޝަކުވާ ހުށަހެޅުމުގެ ހައްޤު ކަށަވަރުކޮށްދޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އިންތިޚާބުތަކާ ބެހޭ އެންމެ އިސް ކޮމިޓީ އުފެއްދުމުގެ ޤަރާރުގައި އަޙްމަދުއްޝަރްޢް ސޮއިކުރައްވާފައިވަނީ ޖޫން 13 ގައެވެ. ޤަރާރުގައިވާ ގޮތުން، ކޮމިޓީގެ މަސްއޫލިއްޔަތަކީ އިންތިޚާބީ މަންދޫބުން އެކުލަވާލުމެވެ. މި މަންދޫބުން ޕާލިމެންޓްގެ ތިންބައިކުޅަ ދެބައި މެންބަރުން އިންތިޚާބުކުރާނެއެވެ. ބާކީ މެންބަރުން އައްޔަންކުރާނީ ރައީސެވެ.

















advertisment
ޚިޔާލު