ދީންސުވާލާއި ޖަވާބު

އިސްލާމްދީނުގައި ނިޔަފަތި ކެނޑުމަށް ވަކި އުޞޫލެއް އޮވޭތަ؟

ސުވާލު:އިސްލާމް ދީނުގައި ނިޔަފަތި ކެނޑުމަށް ވަކި އުޞޫލެއް އެބައޮތްތޯ؟

 

ޖަވާބު:

ނަބަވީ އިރުޝާދުތަކުން އެނގޭ ގޮތުގައި ނިޔަފަތި ކެނޑުމަކީ ފިޠުރަތުގެ ތެރެއިން ވާކަމެކެވެ. މާތް ﷲ ރުއްސުންލެއްވި  އަބޫހުރައިރާގެ ކިބައިންރިވާވެގެން ވެއެވެ. ސަލާމާއި ޞަލަވާތް ލެއްވި ކީރިތިރަސޫލާ ޙަދީޘްކުރެއްވިއެވެ

'' الْفِطْرَةُ خَمْسٌ الِاخْتِتَانُ وَالِاسْتِحْدَادُ وَقَصُّ الشَّارِبِ وَتَقْلِيمُ الْأَظْفَارِ وَنَتْفُ الْإِبِطِ''

މާނައީ :'' ފިޠުރަތުގެ ތެރެއިންވާ ފަސްކަމެއް ވެއެވެ. އެއީ : ޚިތާނުކުރުމާއި،  ޢައުރައިގެ ވަށައިގެންވާ އިސްތަށިބޭލުމާއި، މަތިމަސް ކޮށުމާއި، ނިޔަފަތި ކެނޑުމާއި، ކިހިލިފަތުގެ އިސްތަށި ވަކިކުރުމެވެ. '' ( މުސްލިމް )

ބައެއް ދަންނަ ބޭކަލުން ހުކުރު ދުވަހު މެންދުރުކުރިން ނިޔަފަތި ކެޑުން މުސްތަޙައްބު ކަމުގައި ވިދާޅުވެއެވެ.  އެއީ ސަލާމާއި ޞަލަވާތްލެއްވި ކީރިތިރަސޫލާ ހުކުރު ދުވަހު ނިޔަފަތި ކެނޑުއްވުމާއި، މަތިމަސް ކޮށްޓެވުމަށް  ލޯބި ކުރައްވާ ކަމުގައި އައިސްފައިވާ ރިވާޔަތަކަށް ބުރަވެލައްވައެވެ. މިޙަދީޘްއަކީ ޟަޢީފު ޙަދީޘެއްނަމަވެސް މި  ޙަދީޘަށް ބާރު އަޅާ އެހެން ރިވާޔަތް ވެސް އައިސްފައިވާތީއެވެ.

އަދި ނިޔަފަތި ނުކަނޑާ ސާޅިސް ދުވަހަށް ވުރެ އިތުރު ކުރުމަކީ ހުއްދަކަމެއް ނޫނެވެ. އެހެނީ  މާތް ﷲ  ރުއްސުންލެއްވި

އަނަސްގެފާނުވިދާޅުވިއެވެ.

'' وُقِّتَ لَنَا فِي قَصِّ الشَّارِبِ وَتَقْلِيمِ الْأَظْفَارِ وَنَتْفِ الْإِبِطِ وَحَلْقِ الْعَانَةِ أَنْ لَا نَتْرُكَ أَكْثَرَ مِنْ أَرْبَعِينَ لَيْلَةً'' ( مسلم )

"މަތިމަސް ކުރުކުރުމާއި، ނިޔަފަތި ކެނޑުމާއި، ކހިލިފަތިން އިސްތަށި ވަކި ކުރުމާއި،ޢާނަތު ( ލަދުވެތި ގުނަވަން) ބޭލުމާއި،( މިކަންކަން ނުކޮށް)ސާޅިސް ރެއަށްވުރެ އިތުރު ނުކުރުމަށް އަހަރެމެންނަށް އެންގެވިގެން ވެއެވެ."( އެބަހީ  ސަލާމާއި ޞަލަވާތްލެއްވި ކީރިތި ރަސޫލާ އަންގަވާފައިވެއެވެ.)   ( މުސްލިމް)

ނިޔަފަތި ކެނޑުމުގެ ތަރުތީބާއި ބެހޭގޮތުން އެއްވެސް ރިވާޔަތެއް ޞައްޙަވެގެން ނުވާކަމުގައި ދަންނަބޭކަލުން ވިދާޅުވެއެވެ.  ނަމަވެސް ކަނާތްއިސްކުރުން މުސްތަޙައްބު ކަމުގައި ޢިލްމުވެރިން ވިދާޅުވެއެވެ. އެއީ  ސަލާމާއި ޞަލަވާތްލެއްވި ކީރިތި  ރަސޫލާ ޝަރަފުވެރި ކޮންމެކަމެއްގައިކަނާތް ކިބަ އިސްކުރައްވައެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in ދީން