ލިޔުނީ: ޝިނާން އަބްދުލް ގައްޔޫމް
ލީބިޔާގެ ޒަޢީމް މުޢައްމަރުލް ޤައްޛާފީ ދަނީ 40 އަހަރު ވަންދެން ޚުދުމުޚުތާރު ވެރިކަމެއް ކުރަމުން ދިޔުމާއެކު މިއަދު އެގައުމުގެ ރައްޔިތުންނާ ދެކޮޅަށް ޤަތުލު ޢާއްމެއް ހިންގަމުން ކަމުގައި ގަތަރުގައި ދިރިއުޅުއްވަމުން ގެންދަވާ މަޝްހޫރު މުސްލިމު އިމާމު ޑރ. ޔޫސުފުލް ޤަރްޟާވީ ވިދާޅުވެއްޖެ އެވެ. އަދި ޤައްޛާފީ ގަތުލު ކުރުމަށްވެސް ލީބިޔާގެ ރައްޔިތުންނަށް ޑރ. ޔޫސުފުލް ޤަރްޟާވީ ވަނީ ގޮވާލައްވާފައެވެ.
ހުކުރު ދުވަހު ދޯހާގެ އުމަރު ބުނުލް ޚައްތާބް މިސްކިތުގައި ދެއްވި ހުކުރު ޚުތުބާގައި ޑރ. ޔޫސުފުލް ޤަރްޟާވީ ވިދާޅުވީ ޤައްޛާފީ ވަނީ އޭނާގެ ރައްޔިތުންގެ އިއްޒަތް ވެއްޔާ މޮޑެލާފައި ކަމަށާއި އެމީހުންގެ މުއްސަދިކަމަށް ޚިޔާނާތްތެރިވެފައި ކަމަށާއި މިހާރު އޭނާ ދަނީ އެމީހުން ބޮލަށް ބޮން އަޅާނެ ކަމުގެ އިންޒާރު ދެމުން ކަމުގައެވެ.
މިސްރަށް އުފަންވެވަޑައިގެންނެވި ޢިލްމުވެރިއާ އިތުރަށް ވިދާޅުވީ " ލީބިޔާގެ ރައްޔިތުން ވަނީ އެމީހުންގެ ޚުދުމުޚުތާރު ވެރިޔާގެ އަނިޔާވެރިކަމާ ދެކޮޅަށް ތެދުވެ އޭނާ އުފައްދާފައިވާ ބިރުގެ ތޮށިގަނޑު ފަޅާލާފައި" ކަމުގައެވެ.
ލީބިޔާ ސަރުކާރުގެ އިސްވެރިން ދަނީ ޤައްޛާފީއާ ވަކިވަމުން ކަމަށާއި ޤައްޛާފީގެ އެހެން ބައިވެރިންވެސް މިފަދައިން އަމަލުކުރުމަށް ޝައިޚު ގޮވާލެއްވި އެވެ.
އިސްލާމީ ދުނިޔޭގައި އިހްތިރާމް ލިބިވަޑައިގެންފައިވާ ޝައިޚު ވަނީ އެފްރިކާގެ އެކި ގައުމުތަކުން ޤައްޛާފީ ގެނެސްގެން އުޅޭ ކުލީ ސިފައިންނަށް މައާފުކުރުމަށްވެސް ލީބިޔާގެ ރައްޔިތުންނަށް ގޮވާލައްވާފައެވެ. ޝައިޚު ވިދާޅުވީ އެމީހުންނަކީ ޤައްޛާފީ ބޭނުން ކޮށްފައިވާ ނިކަމެތި އަދި އޮޅުވާލުމުގެ ޝިކާރައަކަށް ވެފައިވާ ބަޔެއް ކަމުގައެވެ. އެ ހަނގުރާމަވެރިންގެ ގިނަ މީހުންނަކީ ދާރްފޫރް އަދި މޮރިޓޭނިޔާގެ މުސްލިމުން ކަމަށް ވުމާ އެކު އެމީހުން އަމާންދީފި ހާލަތެއްގައި އެމީހުން ރައްކާތެރިކަމާ އެކު ދިޔުމުގެ ފުރުސަތު ދިނުމަށް" ވެސް ޝައިޚު ލީބިޔާގެ ރައްޔިތުންނަށް އިލްތިމާސް ކުރެއްވި އެވެ.
ޤައްޛާފީ އޭނާގެ ގައުމުގެ ރައްޔިތުންނަށް ނިސްބަތްކޮށް "މަސްތުވާތަކެތި ބޭނުން ކުރާބަޔެއް" ކަމަށާއި "ހިކަނދިތަކެއް" ކަމުގައި ދައްކާފައިވާ ވާހަކަތަކަށް އަމާޒުކުރައްވައި ޝައިޚު ވިދާޅުވީ ޤައްޛާފީ ހަގީގަތުގައި އެބަސްތައް ނިސްބަތްކުރީ އޭނާގެ އަމިއްލަ ނަފްސަށާއި އޭނާގެ ފިރިހެން ދަރިންނަށް ކަމުގައެވެ. " ޤައްޛާފީ ބުއްދި ގޯސްވެފައިވާކަން ވަރަށް ސާފު، އޭނާ ގޮތް ހުސްވެހުރެ ދާދިފަހުން ދައްކާފައިވާ ވާހަކަތަކުން އެކަން ނުހަނު ސާފުކޮށް އެނގޭ" ޝައިޚު ވިދާޅުވިއެވެ.
ޝައިޚު ވިދާޅުވީ "އަނިޔާވެރިޔާ" ދޫކޮށްފައި ދާނީ މުއައްސަސާތަކެއް ނެތް، ރައްޔިތުންގެ މަޖްލީހެއް ނެތް އަދި ޕާޓީތަކެއްވެސް ނެތް ގައުމެއް ކަމަށާއި އެއީ އޭނާއަކީ ހުރިހާ އެއްޗެއް ކަމުގައި ގަބޫލު ކުރަމުން އައިސްފައި ވާތީއެވެ. "ނަމަވެސް މިހާރު އަޅުގަނޑުމެންނަށް ސީދާ ޤައްޛާފީގެ ފަރާތުން އެބަ އެނގޭ އެގައުމުގެ ވެރިކަމުގެ ހަގީގީ ބާރު އޭނަގެ އަތުގައި ނެތްކަން" ޝައިޚު ވިދާޅުވިއެވެ.
މިޚުތުބާގައި ޝައިޚް ވަނީ 1996 ވަނަ އަހަރު ބިންޣާޒީގެ ޖަލެއްގައި ޤައްޛާފީގެ ވެރިކަމާ ދެކޮޅަށް ތެދުވި 1200 މީހުން އެއްވެސް ރަހުމެއްނެތި މަރާލި ހާދިސާގެ ހަނދާން އައުކުރައްވާފައެވެ.
ޝައިޚް ވިދާޅުވީ ލީބިޔާގެ ރައްޔިތުންނަކީ ތެލުގެ މުއްސަނދިކަން ލިބިފައިވާ ގައުމެއްގެ ވެރި ބައެއް ކަމަށާއި އެހެން ނަމަވެސް އެމީހުންގެ ވެރިމީހާގެ ކޮރަޕްޝަންގެ ސަބަބުން އަބުރުވެރި ދިރިއުޅުމެއް އުޅުމުން އެމީހުން މަހްރޫމް ވެފައިވާ ކަމުގައެވެ.
"ތަޖްރިބާކާރުން އަންދާޒާ ކުރައްވާ ގޮތުގައި ޤައްޛާފީގެ މިލްކިއްޔާތުގެ އަގު 130 ބިލިއަން ޑޮލަރަށް އަރާ، އެއީ ލީބިޔާގެ މިދިޔަ އަހަރުގެ ބަޖެޓުގެ ހަގުނަ ބޮޑު އަދަދެއް، އަދި މިފަދަ ބޮޑު އަދަދަކުން މުޅި އަރަބި ދުނިޔޭގެ ދަރަނި އަދާކޮށް އެގައުތަކުގެ އިގްތިސާދު ހަމަޔަކަށް އެޅުވޭނެ،" ޝައިޚު ވިދާޅު ވިއެވެ. " ނަމަވެސް ޤައްޛާފީ ވަނީ އޭނާގެ ރައްޔިތުންނަށް އެކަށީގެންވާ އަސާސީ ވަސީލަތްތަކާއި އަސާސީ ޚިދުމަތްތައް ނުލިބި ވަނިކޮށް އޭނާގެ އަމިއްލަ ދަރިން އުފަލުގައި ދިރިއުޅުމަށް ޔޫރަޕަށް ފޮނުވާފައި،" ޝައިޚު ވިދާޅުވިއެވެ.


















ޚިޔާލު