ރާއްޖޭގެ ޚަބަރުކޮލަމިސްޓްވާހަކަ

ވާހަކަ : ނަމާދަކަށް 50 ރުފިޔާ !

ޢިލްމުވެރިއަކު ނަމާދާއި ގުޅޭގޮތުން ދެއްވި ތަޤުރީރަކަށް ފަހު މީހަކު ޢިލްމުވެރިޔާ އާއި ބައްދަލު ކޮށް އޭނާގެ ޙުކުމަކީ ކޮބައިތޯ ސުވާލު ކޮށްފިއެވެ. އޭނާ އަކީ އެއްގޮތަކަށް ވެސް ނަމާދު ކޮށް އުޅޭ މީހެއް ނޫން ކަމަށާއި އެހެން ނަމަވެސް އިސްލާމް ދީން ދެކެ ލޯބިވާ އެ ދީނަށް އުޅޭން ވަރަށް ބޭނުންވާ މީހެއް ކަމަށް ބުނެފިއެވެ. އަދި އޭނާ އަށް ދީނީ ކަންކަމަށް ސަމާލުކަން ނުދެވި އޮތް އޮތުން ބަދަލު ކޮށް އިސްލާޙު ވުމުގެ ފުރުޞަތު އޮތްތޯވެސް ސުވާލު ކޮށްފިއެވެ.

ޖަވާބުގައި ޢިލްމުވެރިޔާ ވެސް ކުރެއްވީ ސުވާލެކެވެ. އޭނާ އާއި ނަމާދާއި ދެމެދަށް ހުރަސް އަޅާ މީހަކީ ކާކުތޯއެވެ؟ އޭނާ ބުނީ އެއީ އޭނާގެ ވަޒީފާ ނުވަަތަ މަސައްކަތް ކަމަށެވެ. ޢިލްމުވެރިޔާ ދެން ސުވާލު ކުރެއްވީ އޭނާ އަށް އެކަމުން ލިބޭ އުޖޫރަ އާއި ގުޅޭ ގޮތުންނެވެ. އޭނާގެ މުސާރަ އަކީ 5000 ރ އެވެ. އެލަވަންސާއި އިތުރު ގަޑި އާއި އެކުވެސް އެންމެ ގިނައިން ޖެހެނީ 7500 ކަމަށް ބުންޏެވެ.

ޢިލްމުވެރިޔާ ވިދާޅުވީ އޭނާ އާއި ﷲ އާއި ދެމެދަށް ހުރަސް އަޅާ ކަމަކީ ވަޒީފާ ކަމަށް ވާނަމަ އެ ވަޒީފާއިން ވަކިވުމަށެވެ. އޭނާ އެކަމާ ދެކޮޅު ހެދިއެވެ. އަނބި ދަރީން ބަނޑުފުރާނަ މުއްތި ކުރާނެ އިތުރު ގޮތެއް ނެތް ކަމަށް ބުންޏެވެ. ޢިލްމުވެރިޔާ ވިދާޅުވީ އޭނާ އަށް ބަރާބަރަށް ކުރީގެ ވަޒީފާއިން ލިބުނު މުސާރަ ދެއްވާނެ ކަމަށެވެ. އެގޮތުން ކޮންމެ ނަމާދެއްގެ ވަގުތުގެ 15 މިނިޓް ކުރިން މިސްކިތަށް އައިސް ނަމާދު ޙާޒިރީގައި އޭނާ ސޮއި ކުރާން ޖެހެއެވެ. އަދި ނަމާދު ނިންމާ ލުމަށްފަހު ހުރިހާ ސުންނަތެއް ކުރުމާއި އެކު އިތުރު ދޮޅު ގަޑިއިރު ޤުރުއާން ކިޔެވުމާއި ނަމާދުގެ މުހިންމު ކަމާއި ގުޅޭގޮތުން ޢިލްމުވެރިޔާ ދެއްވާ ފިލާވަޅުތައް ދަސްކުރާންވެސް ޖެހުނެވެ.

މިގޮތުގައި ހަތަރު މަސްދުވަސް ފާއިތު ވީއިރު ވެސް ބަރާބަރަށް ކޮންމެ ނަމާދަކަށް 50 ރުފިޔާގެ މަގުން ޢިލްމުވެރިޔާ މީނާ އަށް މުސާރަ ދެއްވައެވެ. އަދި ނަމާދަށް ފަހު ލިބޭ ވަގުތު ތަކުގައި ވިޔަފާރި ކުރުމަށް އޭނާ އަށް ނަސޭޙަތްތެރި ވިއެވެ. ފުރަތަމަ ފެށީ ކިއްލި ވިއްކާށެވެ. އެއީ ކިއްލި އަކުން ފައިދާގެ ގޮތުގައި ކިއްލިއެއް ނެރެވޭތީ އެންމެ ފައިދާހުރި ވިޔަފާރިއަކީ އެއީ ކަމަށް ދެކިގެންނެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މީނާގެ މުސްއަނދިކަން ޢިލްމުވެރިޔާ އަށްވުރެ ކުރިޔަށް ޖެހިލައިފިއެވެ.

އޭރު މީނާ އަށް ވަނީ ނަމާދަކީ ފައިސާ އަށް ކުރަން ހެޔޮވާ ވަރުގެ ކަމެއް ނޫން ކަމާއި ނަމާދަކީ ކޮންބޭނުމަކު ކިހިނެއް ކުރާ ކަމެއްކަން ރަނގަޅަށް ދަސްވެފައެވެ. އަދި ނަމާދާއި ގުޅޭގޮތުން ގިނަ ޢިލްމުތަކެއްވެސް ދަސްވެފައެވެ. މީގެ އިތުރުން ވެސް ދީނީ ޢިލްމީ ގިނަ ކަންތައް ތަކެއް އޮޅުން ފިލާފައެވެ. އެހެން ކަމުން ޢިލްމުވެރިޔާގެ އަތުން މުސާރަ ހިފުން މީނާ ހުއްޓާލިއެވެ. އަދި ޢިލްމުވެރިޔާގެ އަތުން ހަތަރު މަހު އޭނާ މުސާރައިގެ ގޮތުގައި ނެގި ފައިސާގެ ދެގުނަ އިތުރަށް ޢިލްމުވެރިޔާ އަށް ދިނުމަށްފަހު ވަޞިއްޔަތް ކުރިއެވެ.

އަހަރެން ފަދަ ކިތަންމެ ޖާހިލަކު މި ދުނިޔޭގައި ވެއެވެ. މި ފައިސާއިން އޭގެ ދެމީހުން ހަމަ މަގަށް އަޅުވައި ދެއްވާށެވެ. އަހަރެން ނަމާދުކުރަން ފެށީ ނަމާދަކަށް 50 ރުފިޔާގެ މަގުންނެވެ. މިއަދު ﷲ އަހަރެންގެ ދުޢާ ޢިޖާބަ ކުރައްވާ އަހަރެންގެ މަސައްކަތުގައި ބަރަކާތް ލައްވައިފިއެވެ. އޭގެ ފަހުން ވެސް ޢިލްމުވެރިޔާ ދެއްކި މަގު ދޫކޮށްނުލާ އެމަގުން އޭނާ ކުރިޔަށް ދިޔައެވެ. އޭނާގެ ސަބަބުން އެތައް ހާސް ބަޔަކަށް ނަމާދުގެ މުހިންމުކަން އެނގި ނަމާދު ކުރަން ފަށައިފިއެވެ. މީގެ ތެރެއިން ގިނަމީހުން ނަމާދު ކުރާންފެށީވެސް 50 ރުފިޔާ އަށެވެ. އެހެނަސް މިހާރު އެއިން ކޮންމެ މީހަކުވެސް ނަމާދު ކުރަނީ ﷲގެ ރަސްކަންފުޅު އަދައިގެންނެވެ.

މިފަދައިން ނަމާދަކަށް 50 ރ ލިބޭނަމަ ނަމާދަށް އަންނާނެ ކިތައް މީހުން އަޅުގަނޑުމެންގެ ތެރޭގައި އުޅޭތޯއެވެ؟ އެހެން ނަމަވެސް އަޅުގަނޑުމެން ކުރާ ކޮންމެ ނަމާދަކަށް މާތް ﷲ މީގެ އެތައް ގުނައެއް އިތުރަށް ދެއްވާނެ ކަމަށް ވަޢުދުވެ ވޮޑިގެންފައި ވާއިރުވެސް އަޅުގަނޑުމެން މިކަމާއި އެހާ ދުރުހެލިވެ ފުރަގަސްދެނީ ކީއްވެގެން ބާވައެވެ؟

ގުޅުންހުރި

6 ޚިޔާލު

  1. .masha Allah varah furihama liumeh.

  2. eakamaku ummatha dhekolhah mulhidhuniythedhuvaa iru ekamugehabarehves liyelaanamadho ISISa

  3. ވިސްނާ ބަޔަކަށް ޢިބް

  4. ވިސްނާ ބަޔަކަށް ޢިބްރަތަކަށް މިލިޔުން ވެގެން ދާނެ.

  5. .Alhamdu lillaahi Varah fakkaa liumeh.

Your email address will not be published. Required fields are marked *