ރައީސް ނަޝީދުގެ ވެރިކަން ބަދަލުވި ގޮތާއި އަދި އެއަށްފަހު ހިނގާދިޔަ ކަންތައްތައް ތަހުޤީޤުކުރުމަށް ފަހު ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއިން ނެރެފައިވާ ރިޕޯޓުތަކުގައި ހުށަހަޅާފައިވާ ކަންތައްތައް އެންމެ އެކަށީގެންވާ ގޮތަށް ތަންފީޒުކުރަމުން ނުދާކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.
މިކަމާ ބެހޭ ގޮތުން އެ ކޮމިޝަންގެ ރައީސާ މަރިޔަމް އަޒުރާ ވިދާޅުވީ ފެބުރުއަރީ ހައެއް، ހަތެއް އަދި އަށެއްގައި ހިނގާދިޔަ ކަންތައްތަކާއި ގުޅިގެން އެ ކޮމިޝަނުން ނެރެފައިވާ ތިން ރިޕޯޓެއްގައި ހުށަހަޅާފައިވާ ކަންތައްތަކުގެ ތެރެއިން މިހާތަނަށް ސަރުކާރުގެ ކަމާއި ގުޅުން ހުރި މުއައްސަސާތަކުން ތަންފީޒުކޮށްފައިވަނީ އޭގެ ތެރެއިން ކިހާ މިންވަރެއްކަން ކަނޑައެޅިގެން ދަންނަވަން ދަތިކަމަށާއި އެހެންނަމަވެސް ކޮމިޝަނުން ނެރެފައިވާ ރިޕޯޓުތަކުގައި ރަނގަޅު ކުރަން ހުށަހަޅާފައިވާ ކަންތައްތައް ރަނގަޅުކުރޭތޯ ކޮމިޝަނުން އަބަދުވެސް ބަލަމުން ގެންދާކަމަށެވެ.
މިކަމާ ބެހޭގޮތުން އެ ކޮމިޝަނުގެ ނާއިބު ރައީސް އަހުމަދު ތޮލާލު ވިދާޅުވީ ކޮމިޝަނުން އެންމެ ބޭނުންވާ ގޮތަށް ތަންފީޒު ނުކުރެވޭ ހުށަހެޅުންތައް ވެސް އެބަހުރި ކަމަށާއި އެކަމާއި މެދު ކޮމިޝަނުން ކަންބޮޑުވާ ކަމަށެވެ.
މީގެ އިތުރުން ކޮމިޝަނުން ހުށަހަޅާ ކަންކަމަކީ ހަމަ ތިބެފައި ހުށަހަޅާ ހުށަހެޅުންތަކެއް ނޫން ކަމަށާއި، ކޮމިޝަނުން ހުށަހަޅާ ކަންތައްތަކަކީ، ބައެއްގެ އިންސާނީ ހައްޤުތައް ކަށަވަރުކުރުމުގެ ގޮތުން ހުށަހަޅާ ކަންތައްތަކެއް ކަމަށް ވެސް ތޮލާލު ވިދާޅުވިއެވެ.
ނަޝީދުގެ ވެރިކަން ބަދަލުވި ގޮތާއި އަދި އެއަށްފަހު ހިނގާދިޔަ ކަންތައްތައް ތަހުޤީޤުކުރުމަށް ފަހު އެ ކޮމިޝަނުން ނެރުނު ތިން ރިޕޯޓެއްގައި ފުލުހުންނާއި، ސިފައިންނާއި، ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުގެ އިތުރުން ވެސް ސަރުކާރުގެ ގިނަ މުއައްސަސާތަކަށް ކަންތައްތަކެއް ރަނގަޅުކުރުމަށް ހުށަހަޅާފައި ވެއެވެ.

















advertisment
ޚިޔާލު