
އަމާނާ ތަކާފުލް މޯލްޑިވްސް އިން ޙިއްޞާ ވިއްކުން ފެށުމުގެ ގޮތުން މިދިޔަ މަހު 20 ގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން – ދިއިސްލާމް ފޮޓޯ / އިސްމާއީލް އަފްރާހް
އިސްލާމީ ޝަރީޢަތާއި އެއްގޮތްވާ ގޮތުގެ މަތީން ރާއްޖޭގައި އިންޝުއަރެންސް (ތަކާފުލް) ޚިދުމަތްދޭ ހަމައެކަނި ކުންފުނި ކަމަށްވާ އަމާނާ ތަކާފުލް މޯލްޑިވްސްގެ ޙިއްޞާ ވިއްކުމުގެ ފުރަތަމަ ބުރުގެ މުއްދަތު އިތުރުކޮށްފި އެވެ.
އެ ކުންފުނީގެ ފައިނޭންސް މެނޭޖަރ އަރުޝަދު ހަޒާރީ "ދިއިސްލާމް" އަށް މަޢުލޫމާތު ދެއްވި ގޮތުގައި މިބުރުގެ މުއްދަތު އިތުރުކޮށްފައި ވަނީ އަންނަ ނޮވެމްބަރު 19 ގެ ނިޔަލަށެވެ. އޭނާ ވިދާޅުވީ މުއްދަތު އިތުރުކުރީ ޙިއްޞާ ގަންނަން ބޭނުންވާ ފަރާތްތައް ތިބުމާއެކު އެފަރާތްތަކަށް އެ ފުރުޞަތު ހޯދައިދިނުމަށާއި، ބޭރުގެ އިންވެސްޓަރުންގެ ފަރާތުންވެސް ޝައުޤުވެރިކަން ފާޅުކުރަމުންދާތީ ކަމަށެވެ. އަދި އައްޑޫ ސިޓީ އާއި ހދ.ކުޅުދުއްފުށިން ވެސް މިކަމަށް ޝައުޤުވެރިވާ ފަރާތްތައް ތިބި ކަމަށެވެ. އެހެން ކަމުން، އައްޑޫ ސިޓީގައި ޙިއްޞާ ގަންނަން ބޭނުންވާ ފަރާތްތަކަށް އެކަން ފަހިކުރުމަށްޓަކައި އެކުންފުނީގެ ފަރާތުން އެޖެންޓަކު މަސައްކަތްކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަމާނާ ތަކާފުލް އިން ފުރަތަމަ ބުރުގައި ޙިއްޞާ ވިއްކުމުގެ ފުރުޞަތު ހުޅުވާލާފައި ވަނީ މިދިޔަ މަހު 20 ގައެވެ. އަދި އެކުންފުނިން މީގެ ކުރިން ނިންމާފައި ވަނީ މި ބުރުގައި ޙިއްޞާ ގަތުމުގެ ފުރުޞަތު އިއްޔެ ބަންދުކުރުމަށެވެ.
ފުރަތަމަ ބުރުގައި 800,000 ޙިއްޞާ ވިއްކުމަށް އެ ކުންފުނިން ހަމަޖައްސާފައި ވެއެވެ. މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) މެދުވެރިކޮށް ވިއްކަން ފަށާފައިވާ މި ޙިއްޞާ ވިއްކަމުން ދަނީ 20 ރުފިޔާގެ މަގުންނެވެ. މިބުރުގައި ހުރިހާ ޙިއްޞާއެއް ވިކިއްޖެނަމަ، ކުންފުނީގެ ރައުސުލްމާލަށް 16 މިލިއަން ރުފިޔާ އިތުރުވެގެން ދާނެ ކަމަށް އެކުންފުނިން އަންދާޒާ ކުރެއެވެ. އެއީ ޙިއްޞާއެއްގެ މޫނުމަތީ އަގު 1.30 ރ. ގެ ހިއްސާއެއް 18.70 ރ. ގެ ޕްރީމިއަމް އަކާ އެކު 20 ރ. ގެ ރޭޓުން ވިއްކައިގެންނެވެ.
ޙިއްޞާ ގަތުމަށް ހުށަހަޅާ ފޯމް ކުންފުނީގެ ވެބްސައިޓް ތަކާފުލް.އެމްވީ އިން ޑައުންލޯޑް ކުރެވޭނެ ކަމަށް އެކުންފުނިން ހާމަކުރެއެވެ. އަދި ރާއްޖޭގެ ހުރިހާ ހިސާބަކުން ވެސް ޕޯސްޓްގެ ޚިދުމަތް މެދުވެރިކޮށް ފޯމް ބަލައިގަންނާނެ ކަމަށް އެކުންފުނިން ބުނެއެވެ.
އަމާނާ ތަކާފުލް މޯލްޑިވްސް އަކީ އަމާނާ ގްލޯބަލްގެ 60.7 އިންސައްތަ ޙިއްޞާވާ އަދި ސްރީލަންކާގެ ކުންފުންޏެއް ކަމަށްވާ އެކްސްޕޯ ލަންކާ ހޯލްޑިންގްސްގެ 25 އިންސައްތަ ޙިއްޞާކުރާ ކުންފުންޏެކެވެ. ޢާއްމުންނަށް ޙިއްޞާ ވިއްކުމުގެ ސަބަބުން އަމާނާ ގްލޯބަލްގެ ޙިއްޞާގެ އިންސައްތަ 55.2 އިންސައްތަ އަށް ދަށްވާނެއެވެ. އަމާނާ ތަކަފުލް ވަނީ ލަންކާގެ ސްޓޮކް އެކްސްޗޭންޖްގައި ވެސް ލިސްޓް ކޮށްފައެވެ.
















ޚިޔާލު