ރާއްޖޭގެ ޚަބަރުވިޔަފާރިދިއިސްލާމް

އިސްލާމީ އިންޝުއަރެންސްގެ ޚިދުމަތްދޭ އަމާނާ ތަކަފުލް މޯލްޑިވްސް އިން ހިއްސާ ވިއްކަން ފަށައިފި

އަމާނާ ތަކަފުލް މޯލްޑިވްސް އިން ނަސަންދުރާ ޕެލެސް ހޮޓެލްގައި ރޭ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން – ދިއިސްލާމް ފޮޓޯ / އިސްމާއީލް އަފްރާހް

އިސްލާމީ ޝަރީޢަތާއި އެއްގޮތްވާ ގޮތުގެ މަތީން ރާއްޖޭގައި އިންޝުއަރެންސް (ތަކާފުލް) ޚިދުމަތްދޭ ހަމައެކަނި ކުންފުނި ކަމަށްވާ އަމާނާ ތަކާފުލް މޯލްޑިވްސް އިން މިއަދު ހިއްސާ ވިއްކަން ފަށައިފި އެވެ.

މިބުރުގައި 800,000 ޙިއްޞާ ވިއްކުމަށް ނިންމާފައި ވެއެވެ. ހިއްސާ ވިއްކުމަށް ހަމަޖެހިފައި ވަނީ 20 ރުފިޔާގެ މަގުންނެވެ. އެކުންފުނިން ހިއްސާ ވިއްކަން ފަށާފައި ވަނީ މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) މެދުވެރިކޮށެވެ. މިބުރުގައި ހުރިހާ ޙިއްޞާއެއް ވިކިއްޖެނަމަ، ކުންފުނީގެ ރައުސުލްމާލަށް 16 މިލިއަން ރުފިޔާ އިތުރުވެގެން ދާނެ ކަމަށް އަންދާޒާ ކުރެވެއެވެ. އެއީ ހިއްސާއެއްގެ މޫނުމަތީ އަގު 1.30 ރ. ގެ ހިއްސާއެއް 18.70 ރ. ގެ ޕްރީމިއަމް އަކާ އެކު 20 ރ. ގެ ރޭޓުން ވިއްކައިގެންނެވެ.

ހިއްސާ ގަތުމަށް ހުށަހަޅާ ފޯމް ކުންފުނީގެ ވެބްސައިޓް ތަކާފުލް.އެމްވީ އިން ޑައުންލޯޑް ކުރެވޭނެ ކަމަށް އެކުންފުނިން ހާމަކުރެއެވެ. އަދި ރާއްޖޭގެ ހުރިހާ ހިސާބަކުން ވެސް ޕޯސްޓްގެ ޚިދުމަތް މެދުވެރިކޮށް ފޯމް ބަލައިގަންނާނެ ކަމަށް އެކުންފުނިން ބުނެއެވެ.

ހިއްސާ ވިއްކުން ފެށުމަށްޓަކައި އިއްޔެ މަޢުލޫމާތު ދެއްވަމުން ކުންފުނީގެ ޑިރެކްޓަރެއް ކަމަށްވާ އުސްމާން ޤާސިމް ވިދާޅުވީ ހިއްސާ ވިއްކަން ފެށުމުން ދިވެހިންނަށް ލިބޭނެ އެންމެ ބޮޑު ފައިދާ އަކީ އިސްލާމިކް ފައިނޭންސްގެ ޔަޤީންކަން ލިބުން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އިސްލާމިކް ފައިނޭންސްގެ އެއް ތަފާތަކީ އިންޓަރެސްޓް ހިމެނިފައި ނުވުމެވެ. ޔޫރަޕްގެ ގައުމުތަކުގައި ވެސް އިސްލާމިކް ފައިނޭންސް ދަނީ ފުޅާވެ ކުރިއަރަމުން ކަމަށާއި ކޮންމެ އަހަރަކު އިސްލާމިކް ފައިނޭންސް 20 އިންސައްތަ ކުރިއެރުމެއް ހޯދާ ކަމަށް އޭނާ ފާހަގަކުރިއެވެ.

ހިއްސާ ވިއްކުން ފެށުމާއި ގުޅިގެން ނަސަންދުރާ ޕެލެސް ހޮޓެލްގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެކުންފުނީގެ ޖެނެރަލް މެނޭޖަރ ސޭލްސް އެންޑް މާކެޓިން އާދިލް ހާޝިމް ވިދާޅުވީ އެ ކުންފުނީގެ ކުރިމަގުގެ ޕްލޭންގެ ތެރޭގައި ރާއްޖޭގެ އެކި ހިސާބުތަކަށް ޚިދުމަތް ފުޅާކުރުމަށް ރާވާފައިވާ ކަމަށެވެ.

އެ ރަސްމިއްޔާތުގައި އެ ކުންފުނީގެ ބައެއް ޑިރެކްޓަރުންނާއި ފިނޭންސް މިނިސްޓަރ އަޙްމަދު އިނާޒް އާއި ދައުލަތުގެ ބައެއް އިސްވެރިން ބައިވެރިވެ ވަޑައިގެންފައި ވެއެވެ.

އަމާނާ ތަކާފުލް މޯލްޑިވްސް އަކީ އަމާނާ ގްލޯބަލްގެ 60.7 އިންސައްތަ ޙިއްޞާވާ އަދި ސްރީލަންކާގެ ކުންފުންޏެއް ކަމަށްވާ އެކްސްޕޯ ލަންކާ ހޯލްޑިންގްސްގެ 25 އިންސައްތަ ޙިއްޞާކުރާ ކުންފުންޏެކެވެ. ޢާއްމުންނަށް ޙިއްޞާ ވިއްކުމުގެ ސަބަބުން އަމާނާ ގްލޯބަލްގެ ޙިއްޞާގެ އިންސައްތަ 55.2 އިންސައްތަ އަށް ދަށްވާނެއެވެ. އަމާނާ ތަކަފުލް ވަނީ ލަންކާގެ ސްޓޮކް އެކްސްޗޭންޖްގައި ވެސް ލިސްޓް ކޮށްފައެވެ.

މިދިޔަ 2010 ވަނަ އަހަރު އެކުންފުންޏަށް 9,344 އެމެރިކާ ޑޮލަރު (މިހާރުގެ ރޭޓުންނަމަ، 144 ހާސްރުފިޔާ) ފައިދާ ވެފައިވެއެވެ. އެއީ އޭގެ ކުރީ އަހަރާއި އަޅައިކިޔާއިރު، 80 އިންސައްތައިގެ ދަށްވުމެކެވެ. އަދި އާމްދަނީވެސް މިދިޔަ އަހަރު 20 އިންސައްތަ އަށް ދަށްވެފައިވެއެވެ.

އެކުންފުނިން ހާމަކުރާ ގޮތުގައި ފައިދާ މިހާބޮޑަށް ދަށްވުމުގެ ސަބަބަކީ އިޤްތިޞާދީ ޙާލަތު ދަށްވުމުގެ އިތުރުން، އިންޝުއަރެންސްގެ ޤަވާޢިދުތައް ހަރުކަށިވެ، ވާދަވެރިކަން ބޮޑުވުމެވެ. އެހެންނަމަވެސް، މިއަހަރުގެ ފައިދާ ރަނގަޅުވާނެ ކަމަށް ކުންފުނިން އުއްމީދު ކުރެއެވެ.

ޢާއްމުންނަށް ޙިއްޞާ ވިއްކުމުގެ ސަބަބުން ކުންފުނީގެ މާލީ ޙާލަތު ރަނގަޅުވެ، އިންޝުއަރެންސްގެ ޚިދުމަތް ގިނަ ބަޔަކަށް ފޯރުކޮށްދިނުމުގެ މަގު ތަނަވެސްވެ އަދި ރީ-އިންޝުއަރެންސް (ދެވަނަ ފަހަރަށް އިންޝުއަރެންސް) ކުރުމަށް ކުރާ ހޭދަ ކުޑަވެގެންދާނެ ކަމަށް ކުންފުނިން އުއްމީދު ކުރެއެވެ.

ގުޅުންހުރި

1 ޚިޔާލު

  1. Amana takaful is the best

Your email address will not be published. Required fields are marked *