އަމީރު އަޙްމަދު ސްކޫލްގައި ހިންގާ މިތުރު ޤުރުއާން ކުލާސްގެ ފަރާތުން "މިތުރު ނަމާދު ކޭމްޕް" ގެ ނަމުގައި ކޭމްޕެއް ބާއްވައިފިއެވެ.
މިކޭމްޕް ބާއްވާފައިވަނީ ޖޫން 5 ން 8 ށް އަމީރު އަޙްމަދު ސްކޫލްގައެވެ. މިތުރު ޤުރުއާން ކްލާހުގެ ލީޑީން ޓީޗަރ އައިޝަތު ޝަހުމާ މަޢުލޫމާތު ދެއްވި ގޮތުގައި މިކޭމްޕްގެ މަޤްސަދަކީ ކުދިންގެ ހިތްތަކުގައި ނަމާދާއި މެދު ޝައުގުވެރިކަން އުފެއްދުމާއި ނަމާދު އޭގެ ވަޤުތުގައި ކުރުމަށް ކުދިންނަށް ބާރުއެޅުމާއެކު ކުދިންނަށް ދަސްކޮށްދިނުން ކަމަށެވެ. އަދި އެކުއްޖެއްގެ އުމުރާއި ގުޅޭގޮތުން ނަމާދުގައި ކިޔާ ތަކެއްޗާއި ދުޢާތައްވެސް ދަސްކޮށްދެވިފައި ވާނެ ކަމަށާއި މިކަމުގައި އުޅުއްވީ ކަމުގެ ތަޖުރިބާހުރި ޓީޗަރުން ކަމަށް ޝަހުމާ ވިދާޅުވިއެވެ.
ކޭމްޕް ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ މިއަދު ހަވީރު އަމީރު އަޙްމަދު ސްކޫލްގައެވެ. މިރަސްމިއްޔާތުގެ ޝަރަފްވެރި މެހުމާން ޤުރުއާނާއި ބެހޭމަރުކަޒުގެ ޑައިރެކްޓަރ އައްޝައިޚް ޢަބްދުލް އަޒީޒް ޔޫސުފް މިކޭމްފްގެ ދަރިވަރުންނާއި މުޙާތަބްކޮށް ކޮންމެ ކުއްޖެއްވެސް އެނަމާދެއް އެނަމާދެއްގެ ވަޤުތުގައި ކުރުމަށާއި އަވަސް އަރުވާލައިގެން ނަމާދު ނުކުރުމަށާއި ނަމާދު ކުރާއިރު މަޑުމައިތިރިކަމާއި ޙުޝޫޢަތްތެރިކަމާއި އެކު ކުރުމަށް ނަޞީހަތްތެރިވިއެވެ. އަދި ދެދުނިޔޭގެ ސަލާމަތާއި ރައްކާތެރިކަން އޮތީ ނަމާދަށް ރައްކާތެރިވެގެން ކަން އެކުދިންނަށް ބުނެދެއްވިއެވެ. ޝައިޙް އިތުރަށް ވިދާޅުވީ އެކުދީންނަކީ މައުސޫމް ކުދިން ކަމަށާއި އެކުދިންނަށް ނަމޫނާ ބައެއްގެ ގޮތުގައި މައިންބަފައިންނާއި ޓީޗަރުން ވާންޖެހޭނެ ކަމަށެއެވެ. އަދި މަންމަ އާއި ބައްޕަވެސް ކޮންމެ ނަމާދެއްގެ ފަހުގައި ކުދިންނަށް ކީރިތި ޤުރުއާންގެ އެއް ސަފްހާގެ މިންވަރު ނަމަވެސް ކިއުމަށް ބާރު އެޅުއްވުމަށާއި ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމަށް ބެލެނިވެރިންނަށް ނަޞީހަތްތެރިވިއެވެ.
މިތުރު ޤުރުއާން ކުލާހުން މަޢުލޫމާތު ދިން ގޮތުގައި މިއީ އެފަރާތުން ބާއްވާ ދެވަނަ ކޭމްޕެވެ. ފުރަތަމަ ކޭމްޕް ބާއްވާފައި ވަނީ މިދިޔަ އަހަރު އެވެ. މިކޭމްޕަށް ކުދިން ހޮއްވެވުމުގައި މާލޭގެ 10 ސްކޫލަކަށް އަންގަވާފައި ވާނެކަމަށާއި ޢާންމުކޮށް ބައިވެރިވުމުގެ ފުރުޞަތުވެސް ހުޅުވާލެއްވި ކަމަށް އެކުލާހުން ހާމަކުރެއެވެ. އަދި އަންނަ އަހަރުވެސް މިފަދަ ކޭމްޕެއް ﷲ ގެ އިރާދަފުޅުން ބާއްވާނެ ކަމަށް އެކުލާހުން ހާމަކުރެއެވެ.
ފޮޓޯ: މުހައްމަދު ވަސީމް / ދިއިސްލާމް


















advertisment
ޚިޔާލު