ނަމާދަކީ އަމާންކަމާއި ރައްކާތެރިކަން އަޅާއަށް ކަށަވަރުކޮށްދޭ އަޅުކަމެއް ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.
“ނަމާދު އެޅުމުގެ ނުރައްކާތެރިކަން” މިމައުޟޫއަށް އިއްވި ހުކުރު ޚުޠުބާގައި ބުނެފައިވަނީ މުސްލިމަކަށްވުމަށް ފަހު އޭނާގެ އިސްލާމްކަން ދައްކުވައިދޭ މައިގަނޑު ކަމަކީ ނަމާދުކަމަށެވެ. އަދި ނަމާދަށް ފަރުވާތެރިވުމާއި ނަމާދު އޭގެ ވަގުތުގައި އަދާކުރުމަކީ ތިމާގެ އިސްލާމްވަންތަކަން ދައްކުވައިދޭ ރަމްޒުކަމަށްވެސް ހުޠުބާގައި ބުނެފައިވެއެވެ.
“ނަމާދަކީ އަމާންކަމާއި ރައްކާތެރިކަން އަޅާއަށް ކަށަވަރުކޮށްދޭ އަޅުކަން، ކާމިޔާބާއި ނަޞްރު ލިބުމަށް މަގު ފަހިކޮށްދޭ އަޅުކަން، ޢިއްފަތްތެރިކަމުގައި ދެމިހުރުމަށް ބާރެއް، އިޖުތިމާޢީ ގޮތުން ތަރުބިޔަތު ލިއްބައިދޭ ކަމެއް، ނަމާދަކީ މުންކަރާތްތަކާ ދުރުކޮށްދޭ ވަސީލަތެއް” ހުކުރު ހުޠުބާ
ނަމާދަކީ ގަދަވެ ހެޔޮ ޙާލުގައްޔާއި ބަލި ޙާލުގައި އޮންނަ އިރުގައްޔާއި ރަށުގައި ޤާއިމުވެ ހުންނަ އިރާއި ދަތުރުމަތީގައި އުޅޭ އިރު ވެސް ކުރުމަށް އަންގަވައިފައިވާ އަޅުކަމެއް ކަމަށާއި، ހަނގުރާމައިގެ ޙާލަތުގައި ވެސް ދޫކޮށްނުލުމަށް އަންގަވައިފައިވާ އަޅުކަމެއް ކަމަށާއި ވީ އިރު މި އަޅުކަމަށް ފަރުވާތެރިވުމަކީ މުހިންމު ކަމެއްކަމަށް ހުޠުބާގައި ބުނެފައިވެއެވެ.
“އިސްލާމްދީނުގައި ނަމާދަށް މިހާ މަތިވެރި މަޤާމެއް ދީފައިވާ އިރު ނަމާދުތަކަށް ފަރުވާކުޑަކުރުމާއި ނަމާދު އެޅުމުން ދުރުހެލިވުމަކީ އަހަރެމެން ކޮންމެ މުސްލިމަކު އޭނާގެ ދުވަހީ ތާވަލު އެކުލަވައިލާ އިރު ސަމާލުވާން ޖެހޭނޭ ކަމެއް، ނަމާދު އެޅުމަކީ ތިމާގެ އިސްލާމްކަމާއި ކާފިރުކަމާ ދެމެދު ވަކިކޮށްދޭ އިންކަމުގައި ސުންނަތުގައިވަނީ އަންގަވައި” ހުކުރު ޚުޠުބާގައި ބުނެފައިވެއެވެ.
މީގެއިތުރުން އަހަރެމެންގެ ތެރެއިން ބައެއް މީހުންނަކީ ހަމައެކަނި ރަމަޟާން މަހު ބަރާބަރަށް ނަމާދުކުރާ މީހުންކަމަށާއި، އަދި އަނެއްބައި މީހުންނަކީ ހަފުތާގެ ހުކުރުދުވަހު ކުރެވޭ ހުކުރު ނަމާދަށް އެކަނި ޙާޒިރުވާ މީހުންކަމަށް ޚުޠުބާގައި ބުނެފައިވެއެވެ. އަދި އަނެއް ބަޔަކީ ކޮންމެ ދުވަހަކު ކުރުމަށް ފަރުޟު ކުރައްވައިފައިވާ ނަމާދުތަކުގެ ތެރެއިން ބައެއް ނަމާދުތައްކޮށް އަނެއް ބައި ނަމާދުތައް ނުކުރާ މީހުން ކަމަށާއި މިއިން އެއްވެސް ބަޔަކު ނަމާދުތަކަށް ފަރުވާކުޑަކޮށްލައިފައި ވަނީ ނަމާދަށް އިންކާރުކުރާ ޙާލުގައި ނޫންކަމުގައިވީ ނަމަވެސް އިސްވެދިޔަ ޙަދީޘްފުޅުތަކުން އެނގޭ ގޮތުގައި އެއީ ނުހަނު ފާފަވެރިވާނޭ ކަމެއްކަމަށް ޚުޠުބާގައި ބުނެފައިވެއެވެ.
“ވީއިރު، ކޮންމެ މުސްލިމަކު ވެސް އޭނާގެ ނަފުސު ހިސާބުކޮށް ނަފުސަށް ގެންނާން ޖެހޭ ބަދަލުތަކާ މެދު ވިސްނުން އަވަސްކުރާން ޖެހެއެވެ. މަރު އައިސް ތިމާއާ ބައްދަލުކުރާނީ ކޮން އިރަކުކަމެއް އެއްވެސް މަޚުލޫޤަކަށް ނޭނގޭނެ” ހުކުރު ޚުޠުބާ
ނަމާދު އެޅުމަކީ އެ ކަމުގެ ޢުޤޫބާތުގެ ބޮޑުކަމާއި އެ ކަމުގެ ފާފައިގެ ބޮޑުކަން އަންގަވައިފައިވާ ކަމެއް ކަމަށާއި، އުޒުރަކާ ނުލައި ނަމާދު އެޅުމަކީ އެ މީހެއްގެ މައްޗަށް ﷲ تَعَالَىގެ ކޯފާ އަންނާނެކަމެއްކަން ދަންނާން ޖެހޭކަމަށްވެސް މިއަދުގެ ޚުޠުބާގައި ބުނެފައިވެއެވެ.

















advertisment
ޚިޔާލު