ރާއްޖޭގެ ޚަބަރު

ބޮޑުގެ ސަރަހައްދުގައި އަލަށް ތަރައްޤީކުރާ މިސްކިތާއި ދަޢުވާ ސެންޓަރުގެ ބިންގާ އަޅައިފި

މާފަންނު ބޮޑުގެ ސަރަހައްދުގައި އަލަށް ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ޒަމާނީ މިސްކިތާއި، ދަޢުވާ ސެންޓަރުގެ ބިންގާ، ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އަޅުއްވައިދެއްވައިފިއެވެ. މި މަޝްރޫޢަކީ މާލޭގެ ރައްޔިތުންނަށް ދީނީ ޚިދުމަތްތައް ފުޅާކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ މަޝްރޫޢެކެވެ.

މިކަމަށްޓަކައި މިއަދު އެ ސަރަޙައްދުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ދަޢުލަތުގެ އިސްވެރިންނާއި، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ އިސްވެރިން ބައިވެރިވެ ވަޑަައިގެންނެވިއެވެ. މި މަޝްރޫޢުގެ ދަށުން ބޮޑުގެ ބިމުގައި ބިނާކުރަނީ، 4 ފަންގިފިލާގެ ދާއިމީ މިސްކިތެކެވެ. މި މިސްކިތުގައި އެއްފަހަރާ 1250 މީހުންނަށް ނަމާދުކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވެއެވެ.

ޒަމާނީ ވަސީލަތްތަކާއެކު މިސްކިތް

މި ޒަމާނީ މިސްކިތަކީ ގިނަ ވަސީލަތްތަކަކާއެކު ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ ތަނެކެވެ. މިސްކިތުގެ ގްރައުންޑް ފްލޯގައި މައި ނަމާދު ކުރާ ބައި، ވުޟޫ ކުރާ ސަރަޙައްދު އަދި ފާޚަނާ ބަރި ހެދުމަށް ހަމަޖެހިފައިވާއިރު، މެޒެނީން ބުރީގައި އަންހެނުން ނަމާދު ކުރާ ބައި ހިމެނެއެވެ. އަދި އެއްވަނަ ބުރީގައި ނަމާދު ކުރާ ބައިގެ އިތުރުން އިޢުތިކާފް ސަރަޙައްދު ހެދުމަށް ވަނީ ހަމަޖެހިފައެވެ. މިސްކިތުގެ ޓެރަސްއަކީވެސް ނަމާދު ކުރާ ގޮތަށް ޤާއިމްކުރާ ބައެކެވެ.

މިސްކިތުގެ ދެވަނަ ބުރީގައި 150 މީހުންގެ ޖާގައިގެ ކޮންފަރެންސް ހޯލަކާއި، ޒަަމާނީ ކްލާސްރޫމްތަކެއްގެ އިތުރުން ލައިބްރަރީއަކާއި، އެޑްމިން އޮފީސް ޤާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ވަދެ ނިކުމެވޭނެ އިންތިޒާމުތަކާއި، އެފަދަ ފަރާތްތަކަށް ޚާއްސަ ފާޚާނާ އަދި ވުޟޫ ކުރާ ސަރަޙައްދުވެސް ޤާއިމްކުރެވޭނެއެވެ. މިސްކިތް ބޭނުންކުރާ ފަރާތްތަކުގެ ލުއިފަސޭހައަށް ލިފްޓުވެސް ހަރުކުރުމަށް ހަމަޖެހިފައިވެއެވެ.

މަޝްރޫޢުގެ މުއްދަތާއި ފައިނޭންސް

މި މަޝްރޫޢު ކުރިއަށް ގެންދަނީ ވެންޒާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެންނެވެ. މި މަޝްރޫޢަކީ އަމިއްލަ ފަރާތްތަކަކުން ޚަރަދު ކޮށްގެން ކުރިޔަށްގެންދާ މަޝްރޫޢެކެވެ. މި މަޝްރޫޢު ނިންމުމަށް ދީފައިވާ މުއްދަތަކީ 540 ދުވަހެވެ.

މިކަމާ ގުޅިގެން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ މާލެއާއި އަތޮޅުތަކުގައި މިސްކިތްތައް ބިނާކުރުމުގެ މަސައްކަތް ސަރުކާރާއި އަމިއްލަ ފަރާތްތަކުގެ އެހީތެރިކަމާއެކު ކުރިއަށްދާކަން ފާހަގަކުރައްވާފައެވެ. އެގޮތުން މާލެ ސަރަހައްދާއި، އަތޮޅުތަކުގެ 15 މިސްކިތުގެ މަޝްރޫޢެއް ނިމި އަންނަ ރަމަޟާން މަހު ބޭނުންކުރަން ފެށޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ބައެއް ތަންތަން މިހާރު ހުރީ ނިމި ރަސްމީކޮށް ހުޅުވަންވެފައިކަމަށްވެސް ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، މާލެ ސިޓީގައި ހުރި ބާ މިސްކިތްތަކުގެ ބަދަލުގައި ޒަމާނީ ބޮޑެތި މިސްކިތްތައް ބިނާކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ. އެގޮތުން ބަރުބަރީ މިސްކިތް ޑިސެމްބަރުގައި ހުޅުވާނެ ކަމަށާއި، ޒިކުރާ މިސްކިތް އަންނަ އަހަރުގެ ޖެނުއަރީ މަހު މަސައްކަތް ފަށާނެ ކަމަށެވެ. މީގެ އިތުރުން ވިލިމާލެ ސަލާމް މިސްކިތް ތަޅާލައި އެތަނުގައި ޒަމާނީ ބޮޑު މިސްކިތެއް އެޅުމުގެ މަސައްކަތްވެސް ފަށައި، މި މިސްކިތްތައް 2 އަހަރުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *