ރާއްޖޭގެ ޚަބަރު

ޙައްޖާ ގުޅިގެން ސަޢުދީ ސަރުކާރުން އަޅާ ފިޔަވަޅުތައް ދިވެހި ސަރުކާރުން ބަލައިގަންނާނެ

ޙައްޖުވެރިންނަށް ސިއްޙީގޮތުން ކުރިމަތިވެދާނެ ނުރައްކާތަކާއި، ޝަރުޢީ މަޤުސަދުތަކާއި މަސްލަހަތައް ރިޢާޔަތްކޮށް، ސަޢުދީ ސަރުކާރުން އަޅުއްވަމުންގެންދަވާ ފިޔަވަޅުތައް ދިވެހި ސަރުކާރުން ބަލައިގަންނަކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން މިއަދު ވިދާޅުވެއްޖެއެވެ.

ކޮންމެ އަހަރެއްގެވެސް ހައްޖުގެ މޫސުމަށް ތައްޔާރުވުމުގެ ގޮތުން، ޙައްޖުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަޅުއްވާ ފިޔަވަޅުތަކުގެ ތެރެއިން، ހައްޖުވެރިންނަށް ސިއްޙީގޮތުން ކުރިމަތިވެދާނެ ނުރައްކާތަކަށް ސަމާލުވުމަށް ސަޢުދީ ސަރުކާރުން ވަނީ އިރުޝާދު ދެއްވާފައެވެ. މިކަމާ ގުޅޭގޮތުން އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވަނީ ޙައްޖުވެރިންގެ ސިއްޙީ ހާލަތު ކަށަވަރުކުރުމަކީ، ޙައްޖުގެ ކަންކަން ހަރުދަނާކޮށް އަމާންކަމާއެކު ގެންދިއުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައެވެ.

ސަޢުދީ ސަރުކާރުން ފޮނުއްވި ސަރކިއުލާގައި، ޙައްޖަށް ދިއުމަށް ނޭދެވޭ ސިއްޙީ ހާލަތްތަކުގެ ގޮތުގައި ފާހަގަކޮށްފައިވަނީ އަސާސީ ގުނަވަންތަކުން ގުނަވަނެއް ފެއިލްވެފައިވުމާއި، ނާރުގެ ނުވަތަ ނަފްސާނީ ބައްޔެއް ހުރުމާއި، ޑިމެންޝިއާ ބަލި ހުންނަ މުސްކުޅިންނާއި، މާބަނޑު އަންހެނުންގެ ތެރެއިން ވަކި ޚާއްސަ ހާލަތްތަކުގައި ތިބޭ ފަރާތްތަކާއި، ކީމޯ ތެރަޕީ ނުވަތަ ބަޔޮލޮޖިކަލް ތެރަޕީ ނަގަމުންދާ ކެންސަރު ބަލީގެ މީހުންނާއި، އާންމު ސިއްޙަތަށް އަސަރުކުރާ ޖަރާސީމުތަކުން ޖެހޭ ބަލިތައް ތަހައްމަލުކުރަމުންދާ ފަރާތްތަކެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް މިލިޔަން މުސްލިމުން އެއްވެ އަދާކުރާ މި މުހިންމު އަޅުކަން ހަރުދަނާ ކުރެއްވުމަށް ސަޢުދީ ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްތަކަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވަނީ ޝުކުރު ދަންނަވާފައެވެ. އަދި ރާއްޖެއަށް މިހާރު ލިބިފައިވާ 1000 ޙައްޖު ކޯޓާގެ އިތުރުން އިތުރު ކޯޓާ ހޯދުމަށް ސަރުކާރުން ދަނީ ސަޢުދީ އަރަބިއްޔާގެ ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކުރަމުންނެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *