ކިންގް ސަލްމާން މިސްކިތުގައި ޤާއިމުކޮށްފައިވާ އިސްލާމީ ކުތުބުޚާނާއަށާއި ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ޑިޖިޓަލް ލައިބްރަރީއަށް، ޒަކާތާ ގުޅޭގޮތުން ލިޔެފައިވާ ފޮތްތައް ހަދިޔާކުރުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.
ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން މަޢުލޫމާތު ދެއްވިގޮތުގައި، މިއީ އިސްލާމިކް ލައިބްރަރީ އާއި ޒަކާތު ހައުސްގެ ޑިޖިޓަލް ލައިބްރަރީ މުއްސަނދިކޮށް، އިސްލާމީ ތަޢުލީމީ ވަސީލަތްތައް އިތުރުކުރުމުގެ މަޤްޞަދުގައި ކުރެވޭ މަސައްކަތެކެވެ. އަދި މީގެ ސަބަބުން ޑިޖިޓަލް ޕްލެޓްފޯމްތަކުގެ ޒަރީޢާއިން ޒަކާތާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރެވިގެންދާނެ ކަމަށް އެ ފަރާތުން ފާހަގަކުރެއްވިއެވެ.
ފޮތްތައް ހަދިޔާކުރަން ބޭނުންވާ ފަރާތްތަކުން ފޮތްތަކާ ގުޅޭ މަޢުލޫމާތު [email protected] އަށް އީ-މެއިލްކުރެއްވުމުން، ފޮތް ހަދިޔާ ކުރެވޭނެ އިންތިޒާމު ޒަކާތު ހައުސްއިން ހަމަޖައްސައިދެއްވާނެ ކަމަށް އެ އިދާރާއިން މަޢުލޫމާތު ދެއްވިއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ އޮންލައިން ލައިބްރަރީގައި މިހާރުވެސް ރިޔާޟުއްޞާލިޙީން އަދި ފިޤުހުއްސުންނާ ފަދަ މަޝްހޫރު ދީނީ ފޮތްތަކުގެ ދިވެހި ތަރުޖަމާ ހިމެނެއެވެ. މީގެ އިތުރުން އިސްލާމީ ޢަޤީދާއާއި، ފިޤުހު، ކީރިތި ރަސޫލާގެ ސުންނަތް އަދި ހިދާޔަތުގެ އަލި މަޖައްލާ ފަދަ ތަކެތި އޮންލައިންކޮށް ކިޔުމުގެ ފުރުޞަތު އާންމުންނަށް ލިބިގެންވެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މި އަހަރުގެ ސެޕްޓެމްބަރ މަހު ސަޢުދީ އަރަބިއްޔާގެ އަލް އިމާމު މުޙައްމަދު އިބްނު ސަޢުދު އިސްލާމިކް ޔުނިވަރސިޓީން ދިވެހިރާއްޖޭގެ އިސްލާމީ ލައިބްރަރީތަކަށް 64,000 ފޮތް ވަނީ ހަދިޔާކޮށްފައެވެ. މި ހަދިޔާއަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދެއް ކަމަށްވާ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިސްލާމީ ލައިބްރަރީތައް ޤާއިމްކުރުމުގެ މަސައްކަތަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ފާހަގަކުރައްވާފައެވެ.
ޚިޔާލު