ކުރާ ޢަމަލުތަކުގައި ޢިޚްލާސްތެރިވުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް އައްޝައިޚް ޝަފީޢު ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ޝެއިޚް މިހެން ވިދާޅުވެފައިވަނީ ރަބީޢުލްޤުލޫބި ފައުންޑޭޝަނުން ކުރިއަށް ގެންދެވި ދަރުސް ސިލްސިލާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޝެއިޚް މި މަޢުޟޫއަށް އިތުރަށް ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައިވަނީ ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވާ ޙަދީޘެއްގެ މާނައިގައިވެއެވެ. ތިބާވީ ކޮންމެ ތަނެއްގައި ﷲ ތަޢާލާއަށް ތަޤްވާވެރިވާށެވެ. އަދި ތިބާއަށް ފާފައެއް ކުރެވިއްޖެ ކަމަށް ވެއްޖެނަމަ އެއާ ވިދިގެން ހެޔޮކަމެއް ކުރުމަށެވެ. އެހެނީ ހެޔޮކަންތައްތަކަކީ ނުބައި ކަންތައްތައް ފޮހެލާ ކަމެކެވެ. އަދި އެހެން މީހުންނާ އެކީ އުޅޭއިރުގައި ރިވެތި އަޚްލާޤުގެ މަތީގައި އުޅޭށެވެ.
މީގެ އިތުރުން އަޅުގަނޑުމެން ދަންނަން ޖެހޭނެ ކަމަކީ އަޅުގަނޑުމެން އަޅުކަން ކުރާ ފަރާތް، ﷲ ތަޢާލާ ދާއިމަށް ދެމިވޮޑިގެންވެއެވެ. ރޯދަމަހުގައި، ގިނަ ގުނަ ޘަވާބު ލައްވާފައި ވާތީ އެއިލާހު ދެއްވި ފުރުސަތުގެ ބޭނުން ހިފުމުގެ ގޮތުން، ޚާއްސަ އަހައްމިއްޔަތުކަމެއް ދީގެން އަޅުގަނޑުމެން ކުރަމުން ދިޔައީއެވެ. ނަމަވެސް ތަޤްވާވެރިވާންޖެހެނީ ހަަމައެކަނި ރަމަޟާންމަހު އެކަންޏެއްނޫންކަމެވެ.
އަދި ހަމަ އެހެންމެ ﷲ ތަޢާލާ އާދަމުގެ ދަރިޔާ މަތިވެރި ކުރައްވާ، އާދަމުގެ ދަރިޔާ ކަރާމާތްތެރި ކުރެއްވިއެވެ. އަދި އިޚްތިޔާރު ދެއްވާ ދެ މަގު ބަޔާންކޮށްދެއްވާ، ރަނގަޅު މަގު އިޚްތިޔާރުކޮށް ސުވަރުގެ ހޯދުމެވެ. ހެޔޮ ޢަމަލުތައް ކުރަނީ ﷲ ތަޢާލާގެ ރަޙްމަތް އެއަޅަކާ ބައްދަލުކުރުމަށްޓަކައެވެ. އެންމެ މުހިއްމު ކަމަކީ ކުރާ ޢަމަލުގައި އިޚްލާސްތެރިވުމެވެ.
ޝެއިޚްގެ ވާހަކަފުޅު ނިންމަވާލައްވަމުން ﷲ ތަޢާލާއަށް ޙައްޤު ގޮތުގައި ތަޤްވާވެރިވާ ބައެއް ކަމުގައި އަޅުގަނޑުމެން ލެއްވުމާއި، ފާފައެއް ކުރެވިއްޖެނަަމަ ހެޔޮކަމެއް ކުރުމަށް އަވަސްވެގަންނަ ބައެއް ކަމުގައި އަޅުގަނޑުމެން ލައްވާ މީސްތަކުންނާއި އެކީގައި އުޅޭއިރު އެންމެ ރިވެތި އަޚްލާޤެއްގެ މަތީގައި ތިބޭ ބައެއް ކަމުގައި ލެއްވުން އެދި ދުޢާކުރެއްވިއެވެ.
ޚިޔާލު