ލޮކްޑައުންގެ ޙާލަތަކަށް ރާއްޖޭގެ އެއްވެސް ސަރަޙައްދެއް ގޮސްފިނަމަ ޝަރްޢުވެގެންވަނީ ގޭގައި ނަމާދު ކުރުމަށް ކަމަށް ޝައިޚު އިލްޔާސް ޖަމާލު ވިދާޅުވެއްޖެއެވެ.
ޝައިޚު އިލްޔާސް މިހެން ވިދާޅުވެފައިވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒުން ކޮވިޑް19 އާއި ވިދިގެން ކުރިއަށް ގެންދަވަމުންދާ ސިލްސިލާ ދަރުސްތަކުގެ ވީޑިއޯއެއްގައެވެ.
ޝައިޚު އިލްޔާސް އިތުރަށް ވާހަކަފުޅު ދައްކަވަމުން ވިދާޅުވި ގޮތުގައި ވާރޭ ވެހުނު ރެޔެއްގައި މާތް ޞަހާބީ އިބްނު ޢައްބާސް، އެކަލޭގެފާނުގެ ބަންގި ގޮވާ މުއައްޛިނަށް އަމުރުކުރެއްވީ حي على الصلاة (ނަމާދަށް އަވަހަށް އަންނާށޭ) މިކަލިމައިގެ ބަދަލުގައި ألا صلوا في رحالكم (ތިޔަބައިމީހުން ތިޔަބައިމީހުންގެ ގެތަކުގައި ނަމާދުކުރާށެވެ) މިހެން ކިޔުމަށެވެ. އަދި މީސްތަކުން އެކަމަށް އިންވާރު ކުރެއްވުމީ ވިދާޅުވީ "ތިމަންކަލޭގެފާނަށްވުރެ މާހެޔޮ ބޭކަލަކު (އެބަހީ މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް) މިގޮތަން ޢަމަލު ކުރެއްވިކަމަށެވެ.
ޝައިޚުގެ ވާހަކަ ނިންމަވާލައްވަމުން ވިދާޅުވި ގޮތުގައި އިސްލާމްދީނަކީ ރަޙުމަތުގެ ދީނެވެ. އަދި އަޅުގަނޑުމެންގެ އަމިއްލަ ނަފްސުތަކަށް ރަޙުމުކުރާށާއި، އަމިއްލަ ނަފްސުތަކަށް ގެއްލުންދޭ ކަންތައްތަކުން ދުރުހެލިވުމަށް އިސްލާމްދީން ގޮވާލާ ކަމަށާއި، އިސްލާމްދީނުގައި އޮންނަނީ لا ضرر ولا ضرار (އެބަހީ ގެއްލުންދިނުމެއް އަދި ގެއްލުން ލިބިގަތުމެއްވެސް ނުވެއެވެ) މިއުޞޫލު ކަމަށްވެސް ވިދާޅުވެފައިވެއެވެ.
ޚިޔާލު