ރާއްޖޭގެ ޚަބަރުއެހީ!

މަޙަލްދީބު ފައުންޑޭޝަނުން އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ހިލޭ ކާބޯތަކެތި ބަހަން ފަށައިފި

މަޙަލްދީބު ފައުންޑޭޝަނުން ރެޖިސްޓްރީ ވެފައިވާ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ހިލޭ ކާބޯތަކެތި ބަހަން ފަށައިފިއެވެ.

މިއީ އެ ޖަމްޢިއްޔާއިން ވޭތުވެދިޔަ 5 އަހަރުން ފެށިގެން ގިފްޓް އަ ސްމައިލްގެ ނަމުގައި ކުރިއަށް ގެންދަވާ މަޝްރޫޢެކެވެ.

މިމަޝްރޫޢުގައި ކާބޯތަކެތި ބެހުމަށް ހަމަޖެހިފައިވަނީ މިޖަމްޢިއްޔާގައި މިހާރު ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. މިގޮތުން މިއަހަރު 4 ކެޓަގަރީއެއްގެ ފަރާތްތަކަށް 1 މަސް ދުބަހަށް ވާވަރަށް ކާބޯތަކެތޮ ފޯރުކޮށްދިނުމަށް ހަމަޖެހިފައިވެއެވެ. މިހަތަރު ކެޓަގަރީގެ ތެރޭގައި ޢުމުރުން 18 އަހަރުގެ ކުޑަކުދިން ބަލަމުންދާ އެކަނިވެރި މައިންނާއި، ޖިސްމާނީ ނުވަތަ ނަފްސާނީ ގޮތުން ޚާއްޞަ އެހީއަށް ބޭނުންވެލައްވާ ފަރާތްތައް ބައްލަވަމުންދާ ޢާއިލާތަކާއި، ބައްޕަ ނިޔާވެ، ޢުމުރުން 15 އަހަރު ނުފުރޭ ޔަތީމު ކުދިން ބައްލާވާ ޢާއިލާތަކާއި، ދަށް އާމްދަނީއެއް ލިބޭ ޢާއިލާތައް ހިމެނެއެވެ. މިޖަމްޢިއްޔާއިން އާމްދަނީގެ ދަތިކަން ކުރިމަތިވެފައިވާ ޢާއިލާތައް ކަމަށް ބަލަނީ ގޭބީސީއެއްގައި ދިރިއުޅޭ އެއްމެންގެ މުސާރަ ބަހާލުމުން، އެގޭބީސީއެއްގައި ދިރިއުޅޭ ކޮންމެ ފަރާތަކަށް 1300 ރުފިޔާއަށް ވުރެ މަދުން ޖެހޭ އާއިލާތަކަށެވެ. ނުވަތަ ގޭބީސީއަކަށް ލިބޭ އާމްދަނީގެ 80% ކުއްޔާއި ބޭސްފަރުވާއަށް ޚަރަދުކުރައްވަން ޖެހިލައްވާ އާއިލާތަކެވެ.

މިމަޝްރޫޢޫގައި މިހާތަނަށް 240 އަށްވުރެ ގިނަ ގޭބީސީތަކުން 2000އަށްވުރެ ގިނަ ފަރާތްތަކަށް 3 ލައްކަ ރުފިޔާއަށްވުރެ ގިނަ ޢަދަދަކަށް އެހީތެރިކަން ފޯރުކޮށްދެވިފައިވެއެވެ.

ޖަމްޢިއްޔާއަށް އެހީތެރިވެ ވަޑައިގަންނަވަން ބޭނުންފުޅުވާ ފަރާތްތަކުން މޯލްޑިވްސް އިސްލާމިކް ބޭންކްގެ 99010155500013100 މި އެކައުންޓް ނަންބަރަށް އެހީތެރިކަން ފޯރުކޮށްދެއްވިދާނެއެވެ. މިމަޝްރޫޢާއި ގުޅޭ އިތުރު މަޢުލޫމާތު މަޙަލްދީބު ފައުންޑޭޝަންގެ ރަސްމީ ފޭސްބުކް ޕޭޖުން ލިބިވަޑައިގަންނަވާނެއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *