ރާއްޖޭގެ ޚަބަރު

ޢިލްމު ވެރިއެއްގެ ދުލުން ސަލަފީ މަންހަޖު (2)

salafi-manhaj-dhiislam

ނޯޓު : މިއީ ސަޢުދީގެ ޢިލްމުވެރިއެއް ކަމަށްވާ އައްޝައިޚް ޢަބްދުލް ޢަޒީޒު އަލް ފައުޒާން ދެއްވާފައިވާ ފަތުވާއެއް އަޞްލަކަށް ބިނާ ކޮށްގެން ލިޔެފައިވާ ލިޔުމެކެވެ.

އިސްލާމީ މުޖުތަމަޢުތަކަށް ބަލާއިރު އިޖްތިމާޢީ ބަލިމަޑުކަން މިވަނީ އިންތިހާއަށް ބޮޑުވެފައެވެ. މާރާމާރީއާއި ވައްކަމާއި ފޭރުމުގެ ކަންތައްތަކެވެ. ނަމާދު އަޅާމީހުންނާއި އެންމެ ކުޑަމިނުން ނަމާދު ކުރަންވެސް ނޭނގޭ މީހުންނާއި ވުޟޫކުރަން ނުދަންނަ މީހުންނާއި ހިނައިގަންނަންވެސް ނޭނގޭ މީހުންނާއި ދީނުގެ އެންމެ އާދައިގެ ކަންކަންވެސް ކުރަން ނޭގޭ މީހުން ދުވަހެއް ދުވަހަކަށްދަނީ އިތުރުވަމުންނެވެ. އަދި ހަމައެއާކު ޝަހާދަތުގެ ދެކަލަމައިގެ ފުރިހަމަ މާނަ ނޭނގޭ އުޅެނީ ކިތައް މީހުންތޯއެވެ. ހަލާލެއް ހަރާމެއް ބިދުޢައެއް ސުންނަތެއް ތައުޙީދެއް ޝިރުކެއް ނޭގޭ އެތައް ބަޔަކު އިސްލާމީ އުއްމަތުގެ އެކި ކަންކޮޅުތަކުގައި އުޅެމުން އެބަދެއެވެ.

މުޖްތަމަޢު މިޙާލަަތަށް ވެއްޓިފައިވާ ދަނޑިވަޅެއްގައި މުޖުތަމަޢަށް ބޭނުންވަނީ ހެޔޮ ބަހެއް އަޑު އިއްވާލަދޭނެ މީހެކެވެ. މީހުން ދީނުގެ ކަންކަމަށް އިންތިހާ ދަރަޖައަށް ފެންބޮވައިގަނެފައިވާ މިދުވަސްވަރުގައި ބޭނުންވަނީ ދަޢުވަތުގެ މައިދާން ބިނާކުރުމަށެވެ. ބޭނުންވަނީ މީސްތަކުންނަށް ހެޔޮމަގަށް މަގުދައްކައި ބިދުޢަތަކާއި ޚުރާފާތްތަކުން މީހުން ދުރުކުރުމަށެވެ. ބޭނުންވަނީ ތައުޙީދުގެ ޠާހިރުކަންމަތީ މިފަސްގަނޑު އަބަދުގެ އަބަަދަށް ދެމި އޮތުމަށެވެ. ނަމަވެސް ހިތާމައަކީ މިފަދަ މަންޒަރެއް އެބައިމީހުންގެފަރާތަކުން ނުފެނެއެވެ.

އެމީހުންގެ ހުރިހާވެސް މަސައްކަތަކީ އަދި އުފަލަކީ ޢިލްމުވެރިންނާއި ޢިލްމު އުނގެނޭ މީހުންނާއި މުޖްތަމަޢުގެ އިޞްލާހަށް މަސައްކަތް ކުރައްވާ ބޭފުޅުންގެ ޤަދަރު ޢާއްމުންގެ ތެރޭގައި ވައްޓާލުމެވެ. އެގޮތުން އެބޭފުުޅުންގެ އައިބުތަކާއި ކުށްތައް ހޯދައިބަލާ އަނިޔާވެރިކަމާއި ޢަދާވާތްތެރިކަމާއެކު އެބޭފުޅުންގެ ބޮލުގައި ތަފާތު އެކި ނަންނަމުގައި އިލްޒާމު އަޅުވަމުން ދިއުމެވެ. އެއްބައިފަހަރު އެއީ ޙިޒްބީ އެކޭ ބުނެފާނެއެވެ. އަނެއްބައި ފަހަރު އިޚްވާނީއެކޭ ކިޔާ ތަފާތު ލޭބަލްތައް އަޅުވަމުން ގެންދެއެވެ.

އާދެ! ނަބީބޭކަލުން ފިޔަވައި އެންމެހާ އިންސާނުންނަކީ ކުށް ކުރެވޭނެ ބައެކެވެ. ކުށުން ސަލާމަތްވެފައިވާ ހަމަ އެކަކުވެސް ނުހުންނާނެއެވެ. ތާރީޚަށް ބަލާއިރު މީހުންގެ ކުށް ހޯދާ އައިބު ކަންކަން ހޯދާ ބަލަމުން ދިޔައީ ޔަހޫދީންނެވެ. އެބައިމީހުންގެ ނުބައި ދޫތަކުން ﷲ ސުބުޙާނަހޫ ވަތާޢާލާއަށްވެސް ވަނީ އައިބު ބަސް ބުނެފައެވެ.

ކޮންމެއަކަސް މުޖުތަމަޢެއްގައި އިސްލާހަށް މަސައްކަތް ކުރައްވާ ދާޢީންނާއި ޢިލްމުވެރީންގެ ކުށްތައް ހޯދައި އައިބު ބަސް ބުނެ އެބައިމީހުންގެ ނުބައި ދޫތަކުން އެބޭފުޅުންގެ ޝަރަފު ގެއްލުވަމުންދާއިރު އެކަމުގެ ސަބަބުން ނިކުންނާނެ ފަސާދައާއި މެދު އެބައިމީހުން ބިރުވެތި ނުވަނީ ބާއެވެ.

ދެން މި ބައިމީހުންގެ މިނުބައި މަސައްކަތް ރީތި ކުރަން ވެގެން ދީފައިވާ ނަމަކީ "ޖަރަޙަ ވައް ތަޢުދީލެވެ." ﷲ ގަންދީ ބުނަމެވެ. އެއީ ޖަރަޙަ ވައް ތަޢުދީލެއް ނޫނެވެ. އަދި ކިއެއްތަ ! އެއީ ޣީބަ ބުނުމާއި ނެތި މޮށުމާއި މީހުންގެ މަސްކެއުން ނޫން ދެވަނަ ކަމެއް ނޫނެވެ. އަދި އެއީ ފަސާދަ އުފެއްދުމާއި މާތް ﷲ ގެ މަގުން މީސްތަކުން ދުރުހެލިކޮށް އެއްކިބާ ކުރުމެވެ.

އައްޝައިޚް ޢަބްދުލް ޢަޒީޒް އަލް ފައުޒާން ވިދާޅުވި ! އިސްލާމުން މަދު ބައެއް ޤައުމުތައް ޚާއްޞަކޮށް ޔޫރަޕުގެ ޤައުމުތަކުން އަހަރެންވަނީ ތަފާތު އަޖައިބު ކުރުވަނިވި ތަޖުރިބާތަކާ ކުރިމަތިލާފައެވެ.  އެއިން ޤައުމެއްގައި އެއްފަހަރަކު ބޭއްވުނު ދީނީ ފޯރަމެއްގައި ބައިވެރިވި ޒުވާނެކެވެ. އެޒުވާާނާ އިސްލާމްދީން ޤަބޫލު ކުރިތާ މާގިނަ ދުވަހެއް ނުވެއެވެ. އެޒުވާނާއަށް އިސްލާމްދީނުން އެނގޭހާވެސް އެއްޗަކީ ޝަހާދަތުގެ ދެކަލިމައާއި މަންހަޖު ކިޔާ އެއްޗެކެވެ. ގިނަ ފަހަރު މިފަދަ ޒުވާނުންނަށް މަންހަޖަކީ ކިހިނެތް އޮންނަ އެއްޗެއްކަމެއް ކިހިނެއްވާ އެއްޗެއް ކަމެއް ނޭނގެއެވެ. އިސްލާމްވެ، ދީނުގެ މަދު މިންވަރެއް އޮޅުން ފިލާއިރަށް އުއްމަތުގެ ބޮޑެތި ޢިލްމު ވެރީން މަންހަޖުން ބޭރުކުރުމަށް މިފަދަ ބައެއް ޒުވާނުން އަވަސް ވެގަނެއެވެ. އެބޭފުޅުންނަށް ބަދުބަސް ބުނެ އެވެނި ޝައިޚަކު މިހެންނޭ. މިވެނި ޝައިޚަކު މިހެންނޭ، ކިޔާ ފުރައްސާރަ ކުރަން ފަށައެވެ. ގިނަ ޢިލްމުވެރީންނަކީ އެބޭފުޅުންގެ މުޅި ޢުމުރު ޢިލްމު ޙާޞިލު ކުރުމުގައްޔާއި މީސްތަކުންނަށް ޢިލްމު ފޯރު ކޮށްދިނުމުގައި ހޭދަ ކޮށްފައިވާ ބޭފުޅުންނެވެ. ނަމަވެސް އިއްޔެ ދީނުގެ ޙުކުމެއް އަލަށް އަޑުއިވުނު ޒުވާނާ އެބޭފުޅުންނަށް ބަދުބަސް ބުނެ ޙިޒްބީންނޭ ގޮވުމަކީ އިންޞާފަކަށް ވެދާނެ ހެއްޔެވެ. އޭގެއިން ފެންނަނީ ބޮޑާކަމާއި ކިބުރުވެރިކަން ނޫން ދެވަނަ ކޮން ސިފައެއް ހެއްޔެވެ ؟

މިގޮތަށް ދިމާވަނީ ޙަޤީޤަތުގައި މިފަދަ ޒުވާނުން ތަރުބިއްޔަތު ވެފައިވަނީ ﷲ ލޯބި ކުރުމާއި ރަސޫލާ صلى الله عليه وسلم އަށް ލޯބިކުރުމާއި އީމާނުގެ އަހުލުވެރީންނަށް ލޯބި ކުރުމުގެ މައްޗަކަށް ނޫނެވެ. އޭގެ ބަދަލުގައި މި ޒުވާނުންނަށް ލިބިފައިވާ ތަރުބިއްޔަތަކީ މިވެނި އެވެނި ޢިލްމުވެރިއަކަށް ރުޅި އެރުމާއި ނަފްރަތު ކުރުމާއި ސަލަފުންގެ މަންހަޖުން ބޭރު ކުރުމަށް ލިބިފައިވާ ތަރުބިއްޔަތެކެވެ. އަދި އެއީ ދީނުގެ އެންމެ މުހިއްމު އެއް އަސާސްކަމުގައި އެމީހުން ދެކެއެވެ.

މިއަށް ވުރެން ވަކި ބޮޑު ފަސާދައެއް އެބައޮތްތޯއެވެ. ހިތާމައަކީ މިފަދަ މީހުން އަންނަނީ ދީނުގެ ފޭރާމުގައެވެ. ދީނަށް ލޯބިކޮށް ދީނަށް ޣީރަތްތެރިވާ ބައެއްގެ ނަމުގައެވެ. ﷲ ގަންދީ ބުނަމެވެ. އެމީހުންނަކީ ފަސާދަ އުފައްދާ ދީނުގެ މަގުން މީހުން އެއްކިބާކޮށް ދުރުކުރާ ބައެކެވެ.

ނުނިމޭ

ގުޅުންހުރި

1 ޚިޔާލު

  1. ޕިސް ޕިސް ޕިސް…ތިއުޅޭ ސަލަފީ ހިޒްބުގައި އުޅޭ މީހުންނަކީ ހާދަ ޖާހިލު ބައެކޭދޯ

Your email address will not be published. Required fields are marked *