
ނޮވެމްބަރ 2، 2012 - އިހަވަންދޫގައި އަމިއްލަ ފަރާތަކުން ބިނާކުރި މިސްކިތް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން – ފޮޓޯ : އިހަވަންދޫ.ކޮމް
ހއ. އިހަވަންދޫގައި އެރަށު ރަންކޮކާގެ މުޙައްމަދު ބަޝީރު ބިނާކުރި މިސްކިތް އިއްޔެ ހުޅުވައިފި އެވެ.
އިއްޔެ 11:15 ހާއިރު ބޭއްވި ރަސްމިއްޔާތެއްގައި، ”މަސްޖިދުލް އަބޫބަކުރު ސިއްދީޤު ރަޟިޔަﷲ އަންޙް“ މިނަން ދީފައިވާ މިސްކިތް ހުޅުވާދެއްވީ އިސްލާމިކް އެފެއާޒް މިނިސްޓަރ އައްޝައިޚް މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.
މިސްކިތް ހުޅުވާދެއްވުމަށް ފަހު، ޝައިޚް ޝަހީމް ވަނީ އިމާމުވެ ހުކުރުކުރައްވާފަ އެވެ.
މި މިސްކިތުގެ އެތެރެ ބައިގައި އެއްފަހަރާ 400 މީހުންނަށް ނަމާދުކުރެވޭ ގޮތަށް ހަދާފައިވާއިރު، މިސްކިތާ އިންވެގެން ކަނާތްފަރާތުގައި އަންހެން ބޭފުޅުންނަށް ޚާއްޞަކޮށްގެން ހަދާފައިވާ ބައިގައި 70 މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭނެ އެވެ.
މި މިސްކިތް ބިނާކުރުމުގެ މަސައްކަތް ބަޝީރު ފެށީ މީގެ ތިން އަހަރު ކުރިންނެވެ.
"ވީމީޑިއާ" އަށް ދީފައިވާ ބަސްދީގަތުމެއްގައި، ބަޝީރު ބުނީ އެކި ފަހަރު މަތިން އަތްމަތި ދަތިވުމާއި ކޮންޓްރެކްޓަރުން މަސައްކަތް ލަސްވުން ފަދަ ތަފާތު ސަބަބުތަކާ ހުރެ މިސްކިތް ހުޅުވުން ލަސްވެގެން ދިޔައީ ކަމަށެވެ.
”މިސްކިތެއް ބިނާ ކުރުމަކީ އަބަދުވެސް އަޅުގަނޑު ދެކެމުން އައި ހުވަފެނެއް. އެކަން ކުރަން ޝައުގުވެރިވީ މުއްސަނދީން މިސްކިތް ބިނާ ކޮށްދެއްވާތީއެއް ނޫން. އަދި އެއީ ދެއްކުންތެރި ކަމެއް ހިތުގައި ބާއްވައިގެނެއް ވެސް ނޫން. އެއީ އާހިރަތަށްޓަކައި ސުވަރުގޭގެ މަތިވެރި ނިއުމަތް އަޅުގަނޑު ބޭނުންވެފައި ހުރިވަރުން އުންމީދު ކުރަމުން އައި ކަމެއް.“ ކުރިން މަސްވެރިކަންކޮށްފައިވާ، ބަޝީރު ބުންޏެވެ.
މިސްކިތް ބިނާކުރުމަށް ދިޔަ ޚަރަދާ ބެހޭ ގޮތުން ބަޝީރު ބުނީ، އެކަމަށް ހޭދެވި ތަކެއްޗާއި ފައިސާގެ މިންވަރަކީ ކޮބައި ކަމެއް ނޭނގޭ ކަމަށެވެ.
"އަޅުގަނޑަކީ އެއް އިރެއްގައި ވެސް ހިސާބު ޖަހާ މީހެއް ނޫން. އަދަދު ގުނާ މީހެއް ނޫން. ނެގޭ ވަރާއި ލެވޭ ވަރު ބަލާ މީހެއް ނޫން އެއީ އަޅުގަނޑު ރުހޭ ކަމެއް ވެސް ނޫން. އެހެންވެ މިރަށުގެ މިސްކިތެއް އަޅަން އަޅުގަނޑު އަތުން ހޭދެވި ތަކެއްޗާއި ފައިސާގެ މިންވަރަކީ ކޮބައި ކަމެއް އަޅުގަނޑަކަށް ނޭނގޭ. އަޅުގަނޑަށް ލިބުނު އެއްޗަކުން ލިބުނު ފައިސާއަކުން މިކަން މިކުރީ އިހުލާސްތެރި ނިޔަތެއް އޮވެގެން"
















ﷲ ތަޢާލާ، ބަޝީރަށް ހެޔޮ ޖަޒާ ދެއްވާށި! އާމީން!