ރާއްޖޭގެ ޚަބަރު

ޤިޞާޞް ތަންފީޒުކުރުމުގެ އިދާރީ އުޞޫލުތައް އިސްލާމީ ފިޤުހުގައިވާ ގޮތުގެ މަތިން ކަނޑައަޅައި އަވަސް ފުރުސަތެއްގެ ތެރޭގައި ޢަމަލުކުރަން ފެއްޓުމަށް ހުކުރު ޚުޠުބާގައި އިލްތަމާސްކުރައްވައިފި

މދިޔަ ރަމަޟާން މަހު ބޭއްވި އިޚްޔާކުރުމުގެ ޖަލްސާއެއްގައި ޝައިޚް ޝަހީމާއި، ބައެއް ދީނީ ޢިލްމުވެރިން - ދިއިސްލާމް ފޮޓޯ : އިސްމާއީލް އަފްރާހް

މދިޔަ ރަމަޟާން މަހު ބޭއްވި އިޚްޔާކުރުމުގެ ޖަލްސާއެއްގައި ޝައިޚް ޝަހީމާއި، ބައެއް ދީނީ ޢިލްމުވެރިން - ދިއިސްލާމް ފޮޓޯ : އިސްމާއީލް އަފްރާހް

ޤިޞާޞް ތަންފީޒުކުރުމުގެ އިދާރީ އުޞޫލުތައް އިސްލާމީ ފިޤުހުގައިވާ ގޮތުގެ މަތިން ކަނޑައަޅައި އަވަސް ފުރުސަތެއްގެ ތެރޭގައި ޢަމަލުކުރަން ފެއްޓުމަށް މިއަދުގެ ހުކުރު ޚުޠުބާގައި އިލްތަމާސްކުރައްވައިފި އެވެ.

"ﷲ ގެ ޙުކުމްފުޅުތައް ޤާއިމުކުރުން" މި މައުޟޫއަށް މިއަދު ރާއްޖޭގެ މިސްކިތްތަކުގައި ދެއްވާފައިވާ ހުކުރު ޚުޠުބާ ލިޔުއްވީ އިސްލާމިކް އެފެއާޒް މިނިސްޓަރ އައްޝައިޚް މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އެވެ. އަދި މާލޭގެ މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލް އައުޒަމް [އިސްލާމީ މަރުކަޒު] ގައި މި ޚުޠުބާ ވިދާޅުވީ ވެސް ޝައިޚް ޝަހީމް އެވެ.
ރާއްޖޭގައި މިހާރު ހިނގަމުންދާ ބޮޑެތި ޖަރީމާތަކަށް އަލިއަޅުވާލައްވައި، ޚުޠުބާގައި ވިދާޅުވީ މިއަދު އަޅުގަނޑުމެންނަށް އިވެމުންދަނީ ޤައުމުގެ އިޖުތިމާޢީ އަމަންއަމާން ކަމުގެ ތަނބުތަކަށް ލޮޅުން އަރާފައިވާ ކަމުގެ ވާހަކަ ކަމަށެވެ. އެގޮތުން ޙުރުމަތްތެރިވެގެންވާ ފުރާނަތައް ޖެހިލުމެއް ނެތި ދުއްވާލަމުންދާ ކަމަށާއި، އެންމެ ފަހުން، މުޅި ގައުމު ސިއްސުވާލި ހާދިސާއަކީ ދީނީ ޢިލްމުވެރިޔާ އަދި މަޖިލީސް މެންބަރު ޑރ. އަފްރާޝީމް ޢަލީ އަނިޔާވެރި ގޮތަކަށް ޝަހީދުކޮށްލުންކަން ފާހަގަކުރައްވައި، ޚުޠުބާގައި ވިދާޅުވީ ޢިލްމުވެރިން ޤަތުލުކުރުމަކީ އިސްލާމްދީނުގެ ދުޝްމަނުންގެ ޢަމަލެއް ކަމަށެވެ.

"އިންސާނިއްޔަތުގެ ތާރީޚަށް ބަލާއިރު، ﷲ ގެ މަގަށް ގޮވާލެއްވި ނަބީބޭކަލުންނާއި ރަސޫލު ބޭކަލުންގެ ތެރެއިން އެތައް ބޭކަލުންނެއް ޝަހީދުކޮށްލެވިފައިވޭ. އަދި ދަންނަބޭކަލުންނާއި ޢިލްމުވެރިން ޤަތުލުކުރާ ފަރާތްތަކަކީ ﷲ އާއި އެކަލާނގެ އާޔަތްތަކަށް ކާފިރުވެފައިވާ ބައެއް ކަމާއި، އެއުރެންނަށް ނަރަކައިގެ ވޭންދެނިވި ޢަޛާބު ލިބޭނެކަމަށް އަންގާވާފައިވޭ. އަދި އެމީހުންނަށް ދުނިޔެއާއި އާޚިރަތުގައި ހިތްދަތިކަމާއި، ނިކަމެތިކަމާއި ވޭންހުރިކަން ﷲ ވަޙީކުރައްވާފައިވޭ." ޚުޠުބާގައި ވިދާޅުވި އެވެ.
ނުޙައްޤުން އެންމެ ފުރާނައެއް ދުއްވާލުމަކީ މުޅި އިންސާނިއްޔަތު ޤަތުލުކުރުން ފަދަ ކަމެއް ކަމުގައި ޤުރުއާނުގެ އަލީގައި ޚުޠުބާގައި ވިދާޅުވި އެވެ. އަދި ނުޙައްޤުން މީހުން މެރުން، ހަރުކަށި ޢިބާރާތްތަކުން ކުށްވެރިކުރުމަކުން އެކަނި ނުފުދޭނެ ކަމަށާއި، މިފަދަ ޢަމަލުތަކުން ޤައުމު ޙިމާޔަތްކުރުމަށްޓަކައި މުހިންމު، އަވަސް ޢަމަލީ މަސައްކަތްތަކެއް ފަށަންޖެހިފައިވާ ކަމަށް ވިދާޅުވި އެވެ.
އިސްލާމްދީނަކީ އެންމެ ޢަދުލުވެރި އަދި ރަޙުމަތުގެ އެންމެ މަތިވެރިދީންކަން ފާހަގަކުރައްވައި، ޚުޠުބާގައި ބަޔާންކުރެއްވި ގޮތުގައި ބައެއް ކުށްތަކަށް އިސްލާމްދީނުގައި ޙައްދުތަކާއި ޤިޞާޞްގެ ޙުކުމްތައް ފަރުޟުކުރައްވާފައި ވަނީ ވަރަށް މަތިވެރި ޙިކުމަތަކަށްޓަކަ އެވެ. އެގޮތުން، އެކަމުގެ ފަހަތުގައި ފޮރުވިފައިވާ ޙަޤީޤަތްތަކަކީ މުޖުތަމަޢުގެ އަމާންއަމާން ކަމާއި ހަމަޖެހުމާއި ބާއްޖަވެރިކަމާއި އުފާވެރިކަން ކަމުގައި ބަޔާންކުރެއްވި އެވެ. އަދި ޤިޞާޞްގެ ޙުކުމްތައް ޤާއިމްކުރުމަކީ ޢަދުލުވެރިކަމުގެ އެންމެ މަތީ ދަރަޖަ ކަމުގައި ވިދާޅުވި އެވެ.

ޚުޠުބާގައި ވިދާޅުވީ، އެއްވެސް މީހަކު، އަމިއްލަ އަމިއްލައަށް ޤިޞާޞް ހިފުމާއި ޙައްދު ޤާއިމުކުރުމެއް ނުވާ ކަމަށާއި، ކަންކަން ތަޙްޤީޤުކޮށް ޙައްދުތަކާއި ޤިޞާޞުގެ ޙުކުމް ކަނަޑައަޅައި ތަންފީޒު ކުރަން ޖެހޭނީ ވެރިކަމުގެ ފަރާތުން ކަމަށެވެ. އަދި މިބާވަތުގެ މައްސަލަތައް ތަޙްޤީޤުރުކުމުގައި ޒަމާނީ ވަސީލަތްތަކުގެ ބޭނުން ހިފުމަކީ މުހިންމު ކަމެއް ކަމުގައި ފާހަގަކުރެއްވި އެވެ.
"ޤިޞާޞުގައި މަރުގެ ޙުކުމް ތަންފީޒުކުރެވެން ޖެހޭނީ ޝަރުޢީ އެންމެހާ މަރުޙަލާތައް ކަޑައްތު ކުރުމަށް ފަހު. އަދި ޤިޞާޞް ހިފުމުގައި ފުރިހަމަވާން ޖެހޭ އެންމެހާ ޝަރުޠުތައް ފުރިހަމަވުމަށް ފަހު. ދައުލަތުގެ އެންމެ މަތީ ފަނޑިޔާރުގެއިން މަރުގެ ޙުކުމް ތަޞްދީޤުކުރެވޭނެ ގޮތަކަށް ތަރުތީނު ކުރެވެން ޖެހޭނެ. ސަބަބަކީ މިއީ މީސްތަކުންގެ ފުރާނަ އާއި ގުޅިފައިވާ ނުރައްކާތެރި ނާޒުކު ކަމަކަށްވާތީ. މިހެންކަމުން މިކަމާ ގުޅިގެން ފާސްކުރަންޖެހޭ ޤިޞާޞް ތަންފީޒުކުރުމުގެ އިދާރީ އުޞޫލުތައް އިސްލާމީ ފިޤުހުގައިވާ ގޮތުގެ މަތިން ކަނޑައަޅައި އަވަސް ފުރުސަތެއްގެ ތެރޭގައި ޢަމަލުކުރަން ފެއްޓުމަށް އިލްތިމާސްކޮށް ގޮވާލަން." ޚުޠުބާގައި ވިދާޅުވި އެވެ.

ޤިޞާޞްގެ ޙުކުމްތަކާމެދު ފާޑުކިޔާ، އެ ޙުކުމްތަކުން މީހުންނަށް ބިރުދައްކައި، ޙައްދުތަކާއި ޤިޞާޞްގެ ޙުކުމް ޤާއިމުކޮށްފިނަ، ޤައުމުގައި ތިބޭނީ މުޅިންވެސް ނުކުޅެދޭ މީހުން ކަމަށާއި، ޤައުމު ބަނޑަށް ޖެހިދާނެ ކަމަށާއި، ނުވަތަ ޤައުމުގެ އެންމެން މަރުވެ ހިގައިދާނެ ކަމަށް ބުނެ ޝަރީޢަތުގައިވާ އެފަދަ މަތިވެރި ޙުކުމްފުޅުތައް ބަލައިނުގަނެ، ފުރައްސާރަކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމުގައި ޚުޠުބާގައި ވިދާޅުވި އެވެ.

ޚުޠުބާގައި ވިދާޅުވީ، ޙުކުމް އިއްވުމާއި ޤާނޫނު އެކަށައެޅުމުގައި ބަލަން ޖެހޭނީ ޝަރީޢަތުގައި އޮތްގޮތަށް ކަމަށާއި އަދި ޤާނޫނު ހެދިފައި ހުންނަންވާނީ ޝަރީޢަތާ އެއްގޮތަށް ކަމަށެވެ.
"ޝަރީޢަތުގެ އަސްލުތަކުގެ ތަރަހައިން ބޭރުގެ ކަމެއް، އެއީ މަޞްލަޙަތެއް ކަމުގައި ބަލައި ﷲ ގެ ޙުދޫދުތަކާއި ޤިޞާޞްގެ ޙުކުމްތައް ތަންފީޒުނުކޮށް ދޫކޮށްލުމަކީ ހުއްދަވެގެންވާ ކަމެއް ނޫން. މިސާލަކަށް ބާރުގަދަ ޤައުމަކުން ބުނެފާނެ އެއްޗަކާމެދު ވިސްނައި، ނުވަތަ އިންސާނީ ޙައްޤުތަކުގެ ނަމުގައި ދަޢުވާކުރާ ބަޔަކު ދައްކަފާނެ ވާހަކައަކަށް ބިރުން، ޙައްދުތަކާ ޤިޞާޞްގެ ޙުކުމްތައް ޤާއިމު ނުކޮށް ދޫކޮށްލުމަކީ ހުއްދަވާނޭ ކަމެއް ނޫން." ޚުޠުބާގައި ވިދާޅުވި އެވެ.
ޝަރީޢަތް ޤާއިމުކުރުމުގެ މަރުޙަލާއަކަށް ދާން ވިސްނާލާއިރު، މިޙުކުމްތަކާ ގުޅޭ ފުރިހަމަ މަޢުލޫމާތުގެ މައްޗަށް މުޖުތަމަޢު ތަރުބިޔަތު ކުރުމަށް ޚުޠުބާގައި އިލްތިމާސް ކުރެއްވި އެވެ. އެގޮތުން، ބޮޑެތި ޖަރީމާތަކަށް އަރައިގަތުމުގެ ކުރިން އިންސާނާގެ ތަރުބިޔަތު ރަނގަޅުކުރަން ޖެހޭ ކަމަށާއި، މައިންބައިފައިން ދަރިން ހެޔޮގޮތުގައި ތަރުބިޔަތު ކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
"ޝަރީޢަތް ޤާއިމު ކުރުމުގެ އެންމެ ފުރަތަމަ މަރުޙަލާއަކީ ސީދާ ހެޔޮލަފާ ފަރުދަކު ބިނާކުރުމާއި ރަނގަޅު ޢާއިލާއެއް ބިނާކުރުން. އެއަށްފަހު މުޖުތަމަޢު. އެއަށްފަހު އިސްލާމި ދައުލަތް. ބިންމަތީގައި ޝަރީޢަތް ޤާއިމުކުރުމުގެ ކުރިން އަމިއްލަ ނަފްސުތަކުގައި ޝަރީޢަތް ޤާއިމުކުރަންޖެހޭ. އެއީ ކޮންމެ ފަރުދަކުވެސް ޝަރީޢަތުގައި އަންގާފައިވާ ގޮތަށް އުޅުން." ޚުޠުބާގައި ވިދާޅުވި އެވެ، "މިހެންކަމުން، ހެޔޮލަފާ ފަރުދަކު ބިނާކުރުމަށާއި، ޢާއިލާތަކާއި މުޖުތަމަޢުގެ އަހުލުވެރިން ޝަރީޢަތުގެ ޙުކުމްތަކަށް ހޭލުންތެރިކުރުމަށާއި، ދައުލަތުގެ ޤާނޫނުތައް ޝަރީއަތުގެ އަލީގައި ހެދުމަށާއި ތަންފީޒުކުރުމަށް އެންމެން ގުޅިގެން މަސައްކަތްކުރަން ގޮވާލަން."

ޚުޠުބާގައި ވިދާޅުވީ ޙުކުމްތައް ކަނޑައަޅުއްވާފައިވަނީ ވަކި ޖަމާޢަތަކުން ނޫން ކަމަށެވެ. އަދި އެ ޙުކުމްތަކުގެ ވާހަކަދެއްކުމަކީ ހަރުކަށި ކަމެއްވެސް ނޫން ކަމަށާއި، އިންސާނީ ޙައްޤުތަކާ ޚިލާފު ކަމެއްވެސް ނޫން ކަމަށެވެ.
"މި ޙުކުމްތައް ހަތްއުޑުގެ މަތިން ބާވައިލެއްވީ ޢާލަމްތަކުގެ ވެރި ﷲ. މިކަންކަމާމެދު މުސްލިމުން ވިސްނުން ހުރި. ބުއްދީގެ އަހުލުވެރިންނަށް މެނުވީ މީގެ ފަހަތުގައިވާ ޙަޤީޤަތްތަކެއް ނޭނގޭނެ. ފިކުރު ހިންގަވާ! މިއީ ﷲ ގެ މަތިވެރި ޙުކުމްފުޅުތައް" ޚުޠުބާގައި ވިދާޅުވި އެވެ.

 

ގުޅުންހުރި

4 ޚިޔާލު

  1. ވަރަށް ރަގަޅު ތިކުރައްވާ މަސަރއްކަތުގައި ﷲ ބަރަކާތް ލައްވާށި،

  2. އިސްލާމިކް މިނިސްޓަރ ޤިޞާޞް ހިފުމާބެހޭ ގޮތުން ދެއްވި ޚުތުބާ ވަރަށް ފުރިހަމަ. އެ ބޭފުޅާގެ މަސައްކަތް ވެސް ވަރަށް ރަނގަޅުކަން ޤަބޫލް ކުރެވޭ. އެ މަސައްްކަތުގައި ބަރަކާތްލައްވާށި.

  3. ސާބަސް މ. ޝަހީމް

  4. ރާއްޖޭގައި އިސްލާމް ދީން ކުރިއަރުވާ އިސްލާމީ ޝަރީޢާ ޤާއިމުކޮށް އަދި ދީނީ ހޭލުންތެރިކަން އިތުރު ކުރުމަށް މަސައްކަތް ކުރައްވާ އިޚްލާޞްތެރި ޢިލްމުވެރިން ގެ މަސައްކަތުގައި މާތް ﷲ ބަރަކާތްލައްވާ އަދި އެ ބޭފުޅުންނަށް ރައްކާތެރިކަން ދެއްވާށިއެވެ! އާމީން.

Your email address will not be published. Required fields are marked *