ރާއްޖޭގެ ޚަބަރު

ޔޫއެން ބިލްޑިންގ ކައިރީ މުޒާހަރާ ކުރި ދުވަހުގައި އަޅުގަނޑުގެ ޝުޢޫރު

ރާއްޖޭގައި ހުންނަ އދ ގެ މައި އިދާރާގެ ކުރިމަތީ މުޒާހަރާ ގައި ޝެއިޚް ތޮއްޔިބު ވާހަކަ ދައްކަވަނީ | ދިއިސްލާމް ފޮޓޯ: އިބްރާހިމް އަސްވާގު

ރާއްޖޭގައި ހުންނަ އދ ގެ މައި އިދާރާގެ ކުރިމަތީ މުޒާހަރާ ގައި ޝެއިޚް ތޮއްޔިބު ވާހަކަ ދައްކަވަނީ | ދިއިސްލާމް ފޮޓޯ: އިބްރާހިމް އަސްވާގު

ރަސޫލާ صلي الله عليه وسلم އަށް ފުރައްސާރަކޮށް ނެރުނު ފިލްމާއި ގުޅިގެން އަޑުއިވިގެންދާ ކޮންމެ އަޑަކުން އީމާނުގެ އަހުލުވެރީންގެ ހިތްތަކުގަ ޣީރަތްތެރިކަން އުފެދިގެން ދެއެވެ. ރުޅިވެރިކަމާއި ނަފްރަތު އުފެދިގެން ދާނެއެވެ. އެހެނީ އެކަލޭގެފާނަށް ލޯބިކުރުމަކީ ތިމާގެ ޢަޤީދާއާއި ގުޅިލާމެހިފައިކާމެކެވެ. އެމީހެއްގެ އިސްލާމްވަންތަކަން އެމީހެއްގެ ކިބައިގައި އޮންނާނީ ޙައްޤު ގޮތުގައި އެކަލޭގެ ފާނަށް ލޯބިކޮށްގެންނެވެ. އަދި މި ދީނުގެ ހުޅުކޮޅު ނިއްވާލަން އަޅުގަނޑުމެންގެ ތެރޭގައި މަސައްކަތް ކުރަމުންދާ ޢަދާވާތްތެރިންނާއި ބޭރުގައި އުޅޭ އިސްލާމްދީނުގެ ދީނުގެ ޢަދާވާތްތެރިންނަށް އެފުރުސަތު ނުދޭނަކަން ހާމަކޮށް މިމަތިވެރި ޝިއާރުގެ ދަށުން ރާއްޖޭގައި ދީނަށް ލޯބިކުރާ ޒުވާނުންކޮޅެއް އިސްނަގައިގެން އެއްވުމެއް އިންތިޒާމު ކުރިއެވެ.

އެގޮތުން އެދުވަހުގެ މެންދުރު ކުރިން އަޅުގަނޑު މާލެ ކައިރީ ރަށެއްގައި ހުއްޓާ މިއެއްވުން އިންތިޒާމު ކުރުމުގައި އިސްކޮށް އުޅުނު ކުއްޖެއްގެ ފަރާތުން މެސެޖް ލިބުމުން އެކަމުގައި ބައިވެރިވާނެކަން ހާމަކުރީމެވެ. އަދި ރަށެއްގައި ހުރުމުން "ދެވޭތޯބަލާނަން" މި ގޮތަށްވެސް އިޝާރާތްކޮށްލީމެވެ. ކަން ދިމާކުރި ގޮތުން މުޒާހަރާ ކުރާތަނަށް އާދެވުނީ ފެށުނުތާ ވަޤުތުތަކެއް ދިޔަފަހުންނެވެ.

އަޅުގަނޑަށް ދެވުނު ގަޑީގައި ޒުވާނުންގެތެރޭގައި ކޮންމެވެސް ވަރެއްގެ ދެބަސްވުންތަކެއް ހިނގާކަމަށް ކުއްޖަކު ޚަބަރު ދިނެވެ. އަދި އަޅުގަނޑު އެތެރެއަށް ވަނުން ބުއްދިވެރި ނޫންކަމުގައި އެތާގައި ތިބި ބައެއް އަޚުން ލަފާދިނެވެ. ނަމަވެސް އެއިވުނު ޚަބަރުތައް އަމިއްލައަށް ޔަޤީންކޮށްލުމަށް ސަފުތަކުގެ ތެރެއަށް ޖެހިލީމެވެ. އެހިނދު އެންމެ ފުރަތަމަވެސް އަޑުއިވިގެން ދިޔައީ އިސްލާމިކް މިނިސްޓަރުގެ އިސްތިއުފާއަށް ގޮވި އަޑެވެ. ދެން ރައީސުލް ޖުމްހޫރިއްޔާގެ އިސްތިއުފާއަށް ގޮވާއަޑެވެ. ދީން ޙިމާޔަތްކުރާ ޝޭޚުން ކޮބައިހެއްޔެވެ. މިއީ އަޅުގަނޑަށް ސީދާ އަޑު އިވުނު ބައެއް ބަސްތަކެވެ. ބައެއް އަޚުން އެތަނުން ޚަބަރު ދިންގޮތުގައި ދިވެހި ފުލުހުންނަކީ ޠާޣޫތުންނޭ ކިޔާފަވެސް ބަޔަކު އަޑުގަދަ ކުރަމުން ދެއެވެ.

އެވަޤުތު އަޅުގަނޑަށް ޤަބޫލު ކުރެވުނުގޮތުގައި އެމުޒާހަރާގެ މަޤްޞަދާއި މަންޒަރު އެވަނީ ގެއްލިފައެވެ. ރަސޫލާ صلى الله عليه وسلم ގެ ނަންފުޅު ދިފާޢު ކުރުމުގައި އަޚްލާޤީގޮތުން ބަލާއިރުވެސް އެއީ އެކަށީގެންވާކަމެއް ނޫނެވެ. އެތާގައި ތިލާވަތު ކުރެވެންވާނީ މާތް ﷲ ގެ ކަލާމް ފުޅެވެ. މަތިވެރި ކުރެވެންވާނީ ރަސޫލާ صلى الله عليه وسلم ގެ ނަންފުޅެވެ. ސިޔާސީގޮތުން ބަޔަކަށް މަންފާވާނެ އެއްވެސް ޢަމަލެއް އެތާގައި ހިނގައިގެން ނުވާނެއެވެ. އެތާގައި ވަށައިގެންތިބި މީހުންގެ މޫނަށް ބަލާލީމެވެ. ރަނގަޅު މަޤްޞަދުގައި ހެޔޮ ވާހަކައާއި ނަޞޭޙަތް ލިބިގަންނަން އެދިގެން ތިބި ހެޔޮ ލަފާ މޫނުތައް ފެނިގެން ދިޔައެވެ. ބައެއް ބޭފުޅުންނަށް މާޔޫސްކަން ވެރިވެފައިވާ މަންޒަރު ފެނުނެވެ.

ހަމަ އެވަޤުތު އެމުޒާހަރާގައި އިސްކޮށް އުޅުނު ކުއްޖަކު ފޯނު ކުރިއެވެ. އަދި އެއްވެފައިތިބި ޒުވާނުންނަށް ކޮންމެވެސް ނަޞޭހަތެއް ދިނުމަށް އެދުނެވެ. އަދި ކުދިންގެތެރޭގައި ޚިޔާލު ތަފާތުވެފައިވާތީވެ ފަހަރެއްގައި ކޮންމެވެސްވަރެއްގެ އިރުޝާދެއް ދެވިއްޖެކަމުގައިވާނަމަ ޞުލްޙަވެރިކަން އިސްކުރެވި އެންމެންނަކީ އެއްމަޤްޞަދެއްގައި މަސައްކަތްކުރާ ބަޔަކަށް ވެގެންގޮސް އުފެދިފައިވާ ޚިޔާލު ތަފާތުވުންތައް ކުޑަކުރެވިދާނެކަމަށް ބުނުމުން އަޅުގަނޑަށްވެސް އެކަން ޤަބޫލު ކުރެވުނެވެ.

އެހެންކަމުން ކުޑަ ހިއްވަރަކާއެކު މައިދާނުގެ އެންމެ އެތެރެއަށް ޖެހިލީމެވެ. އާދެ! އެފިޔަވަޅުމަތީ އަޅުގަނޑުގެ އެންމެ ފުރަތަމަ ވާޖިބެއްގެގޮތުގައި ދެކުނީ އަޅުގަނޑުމެންގެ ތޭރަގައި އެވަޤުތު އޮތް ބައިބައިވުން ކުޑަ ކުރުމަށެވެ. އެހެންކަމުން މިފަދަ ކޮންމެކަމަކީ މާތް ﷲގެ ރުއްސެވުން ޙާޞިލްވާ ގޮތަށް ކުރެވޭ ކަމެއްގެގޮތުގައި ހެދުމަށް އެދުނީމެވެ. އަދި އެއަށްފަހު މާތްނަބިއްޔާ ދެއްކެވި ނަމޫނާގައި ހިފުމަށް ގޮވާލީމެވެ. އެގޮތުން އެކަލޭގެފާނާ އެކަލޭގެފާނާއެކުވާ ބޭކަލުންނީ ކާފިރުންނާމެދު ހަރުކަށި މުއުމިނުންގެ މެދުގައި އެއްބަޔަކު އަނެއްބަޔަކަށް އޯގާތެރި ބައެއްގެގޮތުގައި ވާކަން ހާމަކުރުމުގެ ގޮތުން ކީރިތި ޤުރުއާނުގެ އާޔަތެއްގެ މާނަ ކިޔާލިތަނާ އެތާގައި އިން އަޚަކު  ރުޅިވެރިކަމާއެކު ތެދުވެ އަޑުގަދަ ކުރަން ފެށިއެވެ. ދެން އެޒުވާނާގެ ފަހަތުން ތަބާވެގެން އެހެން ބައެއް އަޚުން އަޑުގަދަކުރުމުގެ ސަބަބުން މުޅި މައިދާން ހަލަބޮލި ވިއެވެ.

އަޅުގަނޑާ ދިމާލަށް އެކި އެއްޗެހި އުކިއެވެ. އިނގިލި ދިއްކޮށް އިންޒާރުގެ ބަސްތައް ރައްދު ކުރަމުން ދިޔައެވެ. މޫނުމަތީގައި ވަނީ ރުޅިވެރިކަމެވެ. ހަޤީޤަތުގައިވެސް ވަރަށްބޮޑު ހައިރާންކަމެއް ގެނުވިއެވެ. ހިތަށް އެރިއެވެ. އަނެއްކާ ކިޔުނީ ކީކޭ ބާވައެވެ. އަދި ދެރަވެސް ވިއެވެ. އެއީ އެތަނުން ފެނުނު ބައެއް އަޚުންނަކީ ޢިލްމީ މަޖްލިސްތަކުންނާއި މާތް ﷲ ގެ ގެކޮޅުން ބައްދަލުވާ ވުމުގައި ރައްޓެހި ގާތްގުޅުމެއް އުފެދިފައިވާ ﷲ ޓަކައި އެކަކު އަނެކަކުދެކެ ލޯބިވާ ކުދިން ކޮޅެކެވެ. އެ ހާލަތުގައި އަޅުގަނޑަށް އެންމެ ކައިރިން ރައްކާތެރިކަންދީ ޙިމާޔަތް ކުރަންވެސް ތިބީ ހަމަ އެއަޚުންނެވެ. މީގެ ކުރީން މިފަދަކަމެއް ޙަޔާތުގައި ދުވަހަކުވެސް ތަޖުރިބާ ކޮށްފައެއް ނުވެއެވެ. ވަަރަށް ތަފާތު ޝުޢޫރުތަކެއް އެދުވަހު ވެރިވެގެން ދިޔައެވެ.

ރާއްޖޭގެދީނުގެ ދަޢުވަތުގައި މަސައްކަތްކުރާ ފަރުދެއްގެ ޙައިސިއްޔަތުން އެންމެހާ ޒުވާނުންނަށް ދޭން ބޭނުންވާ ނަޞީޙަތަކީ ކުދިންނޭވެ. ޢިލްމުގެ މައިދާނުގައި ޙަރަކާތް ތެރިވަމުންދާ ތިކުދީންގެ ލޮބުވެތި ޝައިޚުންނަށް އިތުބާރު ކުރާށެވެ. އެބޭފުޅުންނަކީ ރާއްޖޭގައި މިބުރަ މަސްއޫލިއްޔަތު އުފުލައިގެން އެކިއެކި މައިދާންތަކުގައި މަސައްކަތް ކުރައްވާ ބޭފުޅުންނެވެ. ސިޔާސީ މި ހަލަބޮލި ދުވަސްވަރުގައި ދީނީ ދަޢުވަތަށް އެޅެމުންދާ އެކި ހުރަސްތަކުގައި އެންމެބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލަނީ ހަމަ އެބޭފުޅުންނެވެ. އެހެންކަމުންް ދީނަށްޓަކައި ހިންގޭ އެންމެހާ ޙަރަކާތްތަކަކީ އެބޭފުޅުން ފުރިހަމަ ލަފާއާއި އިރުޝާދުގެ މަތީން ކުރިއަށް ގެންދެވޭ ޕްރޮގްރާމް ތަކެއްގެ ގޮތުގައި ހަދާށެވެ. އޭރުން އިންޝާﷲ އަހަރެމެންގެ ސަފުތައް އެކުވެ އެއް ޤިޔާދަތެއްގެ ދަށުން ކުރިއަށް ދާނެވެ. އަދި ފިތުނަ ފަސާދަ އުފައްދަން މަސައްކުރާ މީހުންގެ ފިތުނައިން ސަލާމަތް ވާނެއެވެ. ޤިޔާދަތެއް ނެތި ޖޯޝާއި ފޯރީގައި ކުރެވޭ އެންމެ ކަމަކުން ދީނީ ދަޢުވަތުގެ މައިދާނަށް އެއްވެސް ކަހަލަ ހުރަހެއް އެޅޭކަށް ހަމަ އެއްވެސް އަޚަކު ބޭނުން ނުވާނެކަން ގައިމެވެ. އެކަން އިނގެނީ އަހަރެމެންގެ ގޯތި ގެދޮރަށް ވަދެލީމައެވެ. އަވައްޓެރީންގެ ޙާލަތު ފެނުނީމައެވެ. ޒުވާނުން ފިރިހެން ކުދީންނާއި އަންހެން ކުދީންގެ ޙާލަތު ފެނުނީމައެވެ. ސްކޫލުތަކާއި ކްލާސް ރޫމްތަކުގެ ޙާލަތު ފެނުނީމައެވެ. މަގުމައްޗާއި ގޯޅިގޯޅި ޙާލަތު ފެނުނީމައެވެ. ވަށައިގެންވާ މުޖަތަމަޢަށް ފުންކޮށް ވިސްނާލުމުން ދީނީ ދަޢުވަތުގެ މުހިއްމުކަން ތިޔަ އެންމެހާ ލޮބުވެތި އަޚުން ޤަބޫލު ކުރާނެއެވެ.

ނިމިދިޔަ މުޒާހަރާއަށްފަހު އަޅުގަނޑުގެ ޢަބުރަށް އަރައިގަނެ ދޮގު ވާހަކަަތަކެއްވަނީ ބަޔަކު މީހުން ފަތުރާފައެވެ. އަދި އަޅުގަނޑު އެތަނަށް ދިޔައީ ސަރުކާރުން ފޮނުވައިގެންކަމަށް ބުނެ އަޅުގަނޑުގެ ބޮލުގައި އެތައް އިލްޒާމުތަކެއް އެޅުވި ފަރާތްތަކަށް ބުނެލަން ބޭނުންވަނީ މާތް ﷲ އަށް ތަޤްވާވެރިވާށެވެ. އެއިލާހުގެ ދަރުބާރުގައި ޢަމަލްތަކުގެ ފަތް ހުޅުވާލެވޭ ދުވަހަށް ބިރުވެތިވާށެވެ. އަޅުގަނޑުގެ ހިތުގައި އެ ޢަމަލް ހިންގި އެއްވެސް ފަރާތަކަށް ހިތްބުރަ ކަމެއް ނެތެވެ. ނަމަވެސް އެފަދަ ޢަމަލެއްގެ ސަބަބުން މުޅި މުޖްތަމަޢަށް ވިސްނާއިރު ލިބިގެންދާނެ ގެއްލުމަކާމެދު ބުނާނެއް އެއްޗެއް ނެތެވެ. މާތް ﷲ އަޅަމެން އެންމެންގެ ފާފަ ފުއްސަވާ ރަޙްމަތް ލައްވާށި ! އާމީން

ގުޅުންހުރި

14 ޚިޔާލު

 1. މިކަންތައް ސަކަރާތް ޑޮޓުންނާއި ހެދިޔޭ ނުވަތަ ޕާޓީއަކާ ހެދިޔޭ ކިޔާފަ ނިންމާލެވޭކަށް ނެތް..އަހަރުމެންގެ މައްސަލަތަކެއް ހުރިކަން ޤަބޫލް ކުރަން ޖެހޭ..މިކަހަލް ސިޗުއޭޝަން ހޭންޑްލް ކުރާކަށް ނޭންގޭ އަދި!

 2. ޝޭޙްގެ ތި އަސަރުންފުރިގެންވާ ލިއުން މި ކިޔާނިންމާލީ ހަމައެހާމެއަސަރާއެކީގައެވެ. ޝޭޙް އެ މުޒާހިރާގެ އެންމެއެތެރެއަށް ވަންނަންދިޔައިރު އަޅުގަނޑާދިމާވިއެވެ. އަޅުގަނޑު ޝޭޙްކާއިރީ ބުނިން މިހާރުއެދާމިސްރާބް ރަނގަޅުނޫންކަމަށް އެހެންވީމާ އަޅުގަނޑު ދަނީކަމަށް އެކަމުޝޭޙްގެ ވާހަކަ ކޮޅުއަޑުއިވުނީމަ މަޑުކޮށްލީމެވެ. މަޑުކޮށްލިކަމުން އެނގުނީ ގަސްތުގަބަޔަކު އެކަންހަލާކްކުރަންއައިސް ތިބިކަމެވެ. ޝޭޙްބުނުއްވިހެން ބަލާބެލުމަށް
  ސުއްނަތުގެ އެންމެއުސްމިންތަކުގަވާމީހުންނެވެ. އެމީހުންގެ އެނުބައިއަމަލުގެ ސަބަބުން އެތައްބަޔަކު މާޔޫސްކޮށްލިއެވެ. އެއްބަޔަކު ދިޔައީ އުފާކުރަމުންނެވެ. އެއީ އެމީހުންގެ މަގުސަދުހާސިލްވީމައެވެ. އެކަމު ދެންއެފުރުސަތުނުދޭނެވާހަކަބުނަމެވެ. އިންޝާ ﷲ …..

 3. އެދުވަހު ޝެއިހު ނުދައްކާ ވާހަކަ އެބަ ބަޔަކު ދައްކާ މީސްތަކުންގެ މެދުގައި ޝެއިހްއާއި ދެތެރޭ ރުޅިވެރިކަން އުފެއްދުމަށްޓަކާ އެގޮތުން މިބައި މީހުންދައްކާ ވާހަކައަކީ ޝެއިހް އެދުވަހު އެތާތެރޭގައި ބުނިކަމަށް އެތަނަށް ދިޔަމީހުންނަކީ ނަމާދު ނުކުރާ މީހުންނޭ. މިވާހަކަ އަކީ މިބައިމީހުންގެ ކަންފަތް ތަކުގައި މައްސަަލަ އުޅޭތީ އިވިފައިވާ ވާހަކައެކޭ އަޅުގަނޑު ބުނާނީ! އެދުވަހު މިބައި މީހުން އަޑުގަދަ ކުރަމުންގެން ދިޔާމައި ޝެއިހް ބުނި ވާހަކައަކީ މާތްﷲގެ ވަހީބަސްފުޅުގައި އޮވޭ ނަމާދުކުރާ މީހުންނަށް ހަލާކު ހުރިވާހަކަ ދެން މިހިސާބަ އަޑުހާފައި ހުއްޓާލީމައި ދެންވާނީ ކިހެނަކުންތޯ؟. ހަމަ ހުވާކޮށްފައި އަޅުގަނޑު އަޑުއެހީ މިފަދައިން ޝެއިހުގެ ދުލުން ބުނާތީ ތަކުރާރުކޮށް އާދޭސް ކޮށްފައި ވައްﷲއަޢުލަމް. އެދުވަހު އެތަނަށް އެއްވި ގިނަމީސްތަކުން ތެރެއިން މަދުބަޔަކު އެތަނުގެ މަސްލަހަތު ނަގާލީ މިބައި މީހުންގެ އަމަލުތައް ހުރިގޮތުން އަޅުގަނޑަށް ދޭހަވީ އެއްކަމަކީ އެމީހުން ބޭނުވީ ޔޫއެން ބިލްޑިންގަށް ހަމަލާދޭން އެކަމަށް ފުލުހުން ހުރަސް އެޅިމަ ފުލުހުން ކާފަރުވެފާބައެއް ކަމަށްބަލާ ފުލުހުންނަށް ވެސްހަމަލާ ދެވިދާނެކަމަށް އެކަން ނުވީ އެތަނަށް އެއްވެފައި ގިނަމީހުން އެކަމާއި ދެކޮޅުހަދާ އެކަން އެބައި މީހުންނަށް ވިޔަނުދިނުމަށް ޓަކާ މަސައްކަތް ކުރީމައި. އަދި މިކަމުގެ ތެރޭގައި ޖޯސްގައި ބައެއް ރަނގަޅު އަޙުން ޖެހިގެން ދިޔަތަން އަޅުގަނޑުވެސް ދުށިން އެހެނަމަވެސް އަޅުގަނޑު ގަބޫލުކުރާހިތް އޮތީ މިއަޙުން މިކަމާ ދެރެވެ ޝެއިގެ ކިބައިން މާފަށް އެދޭނެކަމަށް.

 4. ްަަްއައްސަލާމް އަލައިކުމް، މި ވާހަކަ ތަކަކީ މުޅިން ދޮގު ވާހަކަ ތަކެއް ނޫން، އެކަމަކު ބުނެލަން އޮތީ އަނެއް ސައިޑަށް ވެސް ވިސްނާލައްވާށޭ، އެތާގައި އެވަގުތު ސަރުކާރަށް މަރު ދަން ޖެހޭ ބަޔަކު ތިބި، އަދާލަތަށް މަރު ދަން ޖެހޭ ބަޔަކު ތިބި، ޝެއިޚުން ބުނެފިއްޔާ އެއީ ހައްޤޭ ، އެއްވެސް މައްސަލައެއް ނޫޅޭނޭ ބުނާ ބަޔަކު އުޅުނު، އެހެންކަމުން މިސާލަކަށް ޝަހީމު ވިދާޅުވިއޭ ހިތް ތިރި ކުރުމަށް، މިހެން މީހަކު އައިސް ބުނުމުން ، ހަޤީޤަތް އެނގޭ މީހުން ރުޅި އަންނާނީ، އެއީ ޝަހީމު އަކީ ޑިމޮކްރަސީ އާއި އިސްލާމްދީން ގުޅުވަން އުޅޭ މީހެއް، ޑިމޮކްރަސީ ތެރެއިން ހައްލު ހޯދަން އުޅޭ މީހެއް، މިސަރުކާރު ގެ ބޮޑެތި މީހުން ތެރޭގައި އެތައް މައްސަލަތަކެއް އުޅޭ އިރު އަގައިން ނުބުނެ ހުންނަނީ މި ސަރުކާރަށް ބައިއަތު ހިފައިގެން، މި ކަންތައް މިއީ ބައެއް އަޚުންނަށް ޤަބޫލު ކުރެވޭ ކަމެއް ނޫން، ޑިމޮކްރަސީ ތެރެއިން ކަމެއް ރަނގަޅު ވި ތަނެއް އަދި ނުފެނޭ އެއްވެސް ޤައުމަކުން، އަދި ޔާމީނު، ތަސްނީމު، މައުމޫނު، އަންނި، މާރިއާ މި ކަހަލަ މީހުންނާއި ގުޅިގެން އެއްވެސް ހައްލެއް އިސްލާމްދީނަކަށް ދުވަހަކު ވެސް ނާންނާނެ، އެހެން ކަމުން އެތާ ތިބި ބައެއް އަޚުންނަކީ ޑިމޮކްރަސީ ޤަބޫލު ކުރާ ބައެއް ނޫން، އެމްޑީޕީ ވިއަސް ޑީއާރުޕީ ވިއަސް އަދާލަތު ވިއަސް ޑިމޮކްރަސީ އަށް ތާއީދު ކުރަންޏާ ރުޅި އަންނަ އަޚުން އެތާ ތިބި، އަދި އެމެރިކާ އާއި އިދިކޮޅަށް ފުރާނައިން ޖިހާދު ކުރަން ޖެހޭނެ ކަމަށް ޤަބޫލު ކުރާ އަޚުން އެތާ ތިބި، އަދި ޝަހީދު ވުމަށް އިންތިހާ އަށް ލޯބި ކުރާ އަޚުން އެތާ ތިބި، އެހެންކަމުން މިހުރިހާ ކަމެއް އެތާ އޮތް އިރު ، އަދި މިވީހާ ތަނަށް ޝެއިޚުން މުޒާހަރާ ތަކުގައި ފުރޮންޓް ލައިން ގައި ނުފެންނަ ހިނދު، ޝެއިޚް ތޮއްޔިބު ފުރަތަމަ އައިސް ދެއްކި ވާހަކަ ރަނގަޅެއް ނޫން، އެމެރިކާ ކުށްވެރި ކުރަން ވާހަކަ ދެއްކީ ކުޑަކޮށް ، ދެން ދެއްކީ އެތާ ތިބި އަޚުން ގެ މައްސަލައިގެ ވާހަކަ، އަދި ކުއްފާރުންނަށް މައާފު ދޭން ޖެހޭ ވާހަކަ، މައްކާ ފަތަޙަ ކުރެއްވި ދުވަހު ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމް ، އެކަލޭގެފާނަށް ފުރައްސާރަ މަލާމަތް ރައްދު ކުރި ފަސް ކާފަރަކު ގެފުޅުގެ އުރަކޮޅުގައި އެލިގެން އޮތަސް ޤަތުލު ކުރުމަށް އަމުރު ކުރެްވި ވާހަކަ އެއް ނުބުނެ ބުނީ މައާފު ގެ ވާހަކަ. ޝެއިޚް ތޮއްޔިބު އައިސް ބުނަން ޖެހޭނީ، އަޅުގަނޑު މިހިރީ ތިޔަ އަޚުންނާއި އެކު އިސްލާމްދީނަށް ނަސްރު ދޭންށޭ،އެވަރު ބުނެލި ނަމަވެސް އެއްވެސް މައްސަލައެް ނުޖެހޭނެ. ޝެއިޚް ކުރައުޑް މައިތިރި ކުރަން މަސައްކަތް ކުރީމަ ބައެއް އަޚުންނަށް ހީވީ މި މި އެމެރިކާ އަށް ބައިއަތު ހިފައިގެން ހުރި ސަރުކާރުގެ ވެރީން ފޮނުވައިގެން އައި މީހެއް ކަމަށް، އެއީ މިސް އަންޑަސްޓޭންޑިންގްއެއް، އެކަމަކު އެ މިސްއަންޑަސްޓޭންޑިންގް ނައީސް ޝެއިޚުން މިސްކިތް ތަކުގައި ޑިމޮކްރަސީ ގެ ކުފުރު ވާހަކަ ދައްކާނަމަ، ޝެއިޚުން ގެ ފަރާތުން ތަޤުވާ އާއި ޒުހުދު ވެރިކަމާއި ވަރާ ވެރކަން ފެންނަނަމަ، އަދި ބަންގި ގޮވާ އިރު ނަމާދަށް އެރުމުގެ ބަދަލުގައި ޕީޓޭސް ނުވަތަ ކެފޭ ތަކުގައި ނުތިބޭނަމަ، އަދި ޖިހާދު ގެ މަތިވެރި ކަމުގެ ވާހަކަ ދައްކާނަމަ، އެމެރިކާ އާއި އިޒްރޭލު ގެ ނުބައި ވާހަކަ ދައްކާނަމަ، ޒަޔަނިސްޓުންގެ މަކަރުވެރި ކަމުގެ ވާހަކަ ދައްކާނަމަ، ތައުހީދަށް ގޮވާލަން ޖެހޭ ގޮތަށް ގޮވާލާނަމަ، އިލްމަށް އަމަލު ކުަރަން ގޮވާލާނަމަ، މި މިސްއަންޑަސްޓޭންޑިންގް ތައް ނައީސް ކަން ޔަޤީން، ޝެއިޚް އަދި ވެސް މި ލިޔުމުގައި ވެސް ކުށްވެރި ތިޔަ ކުރަނީ އެތާ ތިބި ބައެއް އަޚުން، ޤަބޫލު ކުަރަން ޖެހޭނެ ހުރިހާ އެންމެން އެއްގޮތް ނުވާނެކަން، އެންމެން ދީން ދެކެ ލޯބި ވާވަރު އެއްވަރު ނުވާނެކަން، އެންމެން ގެ އީމާން އެއްވަރު ނުވާނެކަން، އެންމެން ދެކޭ ގޮތް އެއްގޮތް ނުވާނެކަން، އެތާ އެފެނިގެން ދިޔައީ އެކަންތައް..ﷲ އަހަރުމެން އެންމެންނަށް ހެޔޮ ވިސްނުން ދެއްވާށި، އަދި ރަނގަޅު ތަޤުވާވެރި އަދި އަދުއްވުން ނާއި ޑިމޮކްރަސީ ދެކެ އިންތަހާ އަށް ރުޅިއަންނަ، އިސްލާމީ ޝަރީއަތަށް ގޮވާލާ، ޖިހާދަށް ލޯބި ކުރާ އިލްމުވެރިން މިރާއްޖެއިން ނެރުއްވާށި. އާމީން

 5. އަހުމަދަށް ބުނެލަންއޮތީ ހީ އަކީ ކަޑައެޅިގެންދޮގެއް ޔަގީންކުރަންވާނެ…………….

 6. ޢަލީގެ ފާނާ ދިމާލަށް ވެސް ޚަވާރިޖުން ގޮވަމުން ދިޔައީ ﷲ ގެ ޙުކުމަށް ޙުކުމް ކުރާށޭ! ވަރަށް ރަނގަޅު ބަހެއް ނަމަވެސް އެބަހުގެ އަޑިގައި ފޮރުވިފައިވަނީ އަނިޔާވެރިކަމާއި ޖާހިލުކަން އަދި އެއީ ސަޙާބީއެއް ދެން ރާއްޖޭގައި އުޅޭ ދީނީ ޝޭޚުންނަށް ކިހާވަރއް ކޮށްލާނެ!! މިއަދު ރާއްޖޭގައިވެސް މިފަދަ ފިކުރެއް އުޅޭ ސަމާލުވެ ތިބުން މުހިއްމު !

 7. އައްސަލާމް އަލައިކުމް ލޮބުވެތި އަޙުންނޭ! ޝޭހް އަށް ﷲ ތައާލާ ހެޔޮދަރުމަ ދެށްވައި ކެށްތެރިކަން ދެށްވާންދޭ. ސޭހް މިދުނިޔޭ ގައި އުޅޭއިރު އިމްތިހާނު ތަކާއި ދިމާވާނެ! ސައިތޯނާގެ ބަހަށް ހެއްލި މަޒީއަށް ބަލާ ދީނީ ކަން ކަމުގައި ފަސްނުޖެހޭތި. އިންސާ ﷲ ރަގަޅުވާނެ. ޔާﷲ އަޅަމެން ނީ ސުވަރުގެ ވަންތަވެރިން ކަމުގައި ލަށްވާށި(އާމިން)

 8. ކީރިތި ރަސޫލާ ޞައްލައްﷲ ޢަލައިހި ވަޞައްލަމްއަށް ފުރައްސާރަކޮށް އުފެއްދި ފިލްމާއި ދެކޮޅު ހަދާ އަޑުއުފުލުމަކީ މުސްލިމުން ކުރަންޖެހޭނެ ކަމެއް ކަމަށް ދެކި އެފަދަ ފުރުޞަތެއް ލިބުނު ކަމަށްޓަކައި ﷲއަށް ޙަމްދު ކުރާ ޙާލު އަޅުގަނޑުވެސް އެދުވަހުގެ އެއްވުމަށް ދިޔައިން. މީގެ ކުރިން އ.ދގެ އިންސާނީ ހައްޤުތަކާއި ބެހޭ ސަފީރު އިސްލާމީ ޙައްދުތަކާއި އިދިކޮޅަށް ރާއްޖޭގައި ދެއްކިވާހަކަތައް ކުށްވެރިކުރުމަށް ދީނަށް ލޯބިކުރާ އަޚުންތަކެއް ހަމަ އެ ޔޫ.އެން ބިލްޑިންގް ކައިރިއަށް ދިޔަ ފުރަތަމަ ފަހަރުވެސް އެކަމުގައި ބައިވެރިވުމުގެ ފުރުޞަތު ﷲގެ ރަޙްމަތްފުޅުން އަޅުގަނޑަށް ލިބުން. އެހެން ނަމަވެސް ޕިއްލޭގެ މައްސަލާގައި ނުކުތް އަޚުން ފުލުހުންގެ ސަފުތައް ހުރަސްކޮށް ގަދަ ބާރުން އެތަނަށް ދާކަށް މަސައްކަތެއް ނުކުރޭ. އޭގެ ބަދަލުގައި އެއަޚުން އެދުނީ އެވަގުތު އެތާނގައި ހުރި ފުލުހުންގެ އިސްވެރިޔާ ކައިރީ ޔޫ.އެން ބިލްޑިންގ ކައިރިއަށް ދިއުމުގެ ފުރުޞަތަކަށް. އެކަމަށް ތަކުރާރުކޮށް އެއަޚުން އެދުނު. ފަހުން ހުއްދަވެސް ލިބުނު. އެއީ ޔޫ.އެން ބިލްޑިންގްގެ ކަންމައްޗަށް (ބުރުޒު މަގާއި ވީ ފަޅީން) ދިއުމަށް. އެހުއްދަ ލިބުމުން ހުރިހައި އަޚުންވެސް އަމީނީ މަގުން ލާފައި އަޙްމަދިއްޔާ ސްކޫލާއި އެސްކޫލްގެ އިރުން އޮންނަ ޕާރކާއި މެދު އޮންނަ ގޯޅިގަނޑުން ލާފައި ބުރުޒުމަގުން އިރަށްގޮސް ޔޫ.އެން.ބިލްޑިންގ ކަންމަތީގައި ހުއްޓުނީ. މާތްﷲ ގަންދީ ހުވާކޮށްފަ ބުނަން. އެންމެ ފަހުން ޔޫ.އެން ބިލްޑިންގް ކައިރިއަށް އެއްވިއިރު ހިންގިފަދަ ވިޔާނުދާ ޢަމަލުތަކެއް އެއެއްވުމަކުން އަޅުގަނޑަކަށް ނުފެނުނު. އެއެއްވުމުގައި ޕޮލިހުންނާއި ދިމާއަށް ކާފަރޭ، ޠާޣޫތެކޭ ނުގޮވާ. ޢިލްމުވެރިންގެ މަހެއް ނުކައި. ޔޫ.އެން ބިލްޑިން އަށް ޙަމަލާ ދޭން މަސައްކަތެއް ނުކުރޭ. އޭރު ވެރިޔަކަށް ހުރި ރައީސް ނަޝީދާއި އިސްލާމިކް މިނިސްޓަރ ޑރ.މަޖީދުގެ އިސްތިއުފާއަކަށް ނުގޮވައި. އެބައިމީހުން ދިވެހި ސަރުކާރުގެ ކިބައިން އެދުނީ ޕިއްލޭ ދެއްކި ވާހަކަތައް ކުށްވެރިކޮށް ސްޓޭޓްމެންޓެއް ނެރެދިނުމަށް. އެހެންނަމަވެސް އެންމެ ފަހުން ޔޫ.އެން ބިލްޑިންގ ކައިރިއަށް އެއްވި އެއްވުމުގައި ބައެއް އަޚުން ޢަމަލުކުރި ގޮތުގެ ސަބަބުން އެއެއްވުން ނިމިގެން ދިޔައިރު ނަޞްރުލިބުނީ ދީނަކަށް ނޫން. ޝައިޠާނާއަށް. އެއަޚުންނަށް މާތްﷲ ހެޔޮ ވިސްނުން ދެއްވުން އެދި ދުޢާ ކުރަން. އަދިވެސް ބުނެލަން. އެއެއްވުމުގައި ދައްކަންޖެހޭ ވާހަކަތައް ބަހައްޓާފައި ދެކެވުނީ އެހެން ވާހަކަތަކެއް. އަޅުގަނޑުމެން ފަދަ މުސްލިމް އަޚުންތަކަކަށް (ފުލުހުންނަށް) އެބައިމީހުން ހަލާކުކުރެއްވުމަށް އެދި ދުޢާ ކުރެވުނު އަޑި އަޅުގަނޑުގެ ދެކަންފަތުން އަޑު އެހިން. ޝައިޚް ޠައްޔިބަކީ މުނާފިޤެކޭ ގޮވުނު އަޑު އަޅުގަނޑުގެ ކަންފަތުން އެހިން. އަޅުގަނޑުމެން އެތަނަަށް އެއްވި މަޤްޞަދު ކޮބައިބާ؟؟ އެންމެ ކުޑަމިނުން ރަސޫލާ ޞައްލައްﷲ ޢަލައިހި ވަޞައްލަމްއަށް ފުރައްސާރަކޮށް ފިލްމު އުފެއްދި މީހުންގެ ތަފްޞީލް ހާމަ ނުކުރެވޭ. އެވާހަކައެއް މާބޮޑަށް ނުވެސް ދެއްކޭ. އެފަދަ ތަނެއްގައި އިނގިރޭސިން ވާހަކަ ދެއްކުން މުހިއްމު ކަމުގައި ވާއިރު އެތަނުގައި ވާހަކަ ދެއްކި އިނގިރޭސި ދަންނަ އަޚަކު ލައުޑް ސްޕީކަރުން އަޅުގަނޑު ކައިރީ ހުރެފަ ބުނީ “އޮބާމާ ޔޫ ސަން އޮފް ދަ ބިޗް. އޮބާމާ ޔޫ ސަން އޮފް ދަ އޭސް” ސުބްޙާނަﷲ. މިއީތޯ މާތް ނަބިއްޔާގެ ޝަޚްސިއްޔަތަކީ. ދުލުން ހުތުރު އެއްޗެއް އިނގިރޭސިބަހުން ބުނުން އިސްލާމްދީނުގައި ހުއްދަވަނީތޯ؟؟ އެއަށް ވުރެ މާރަގަޅު ވާނެ ކަމަށް އަޅުގަނޑަށް ފެނޭ މުޅި ދުނިޔެއާއި މުޚާތަބްކޮށް ބުނަން.(އިނގިރޭސި ބަހުން) “ޢީޞާގެފާނަށް ފުރައްސާރަކުރެވުނަސް މޫސާގެފާނަށް ފުރައްސާރަކުރެވުނަސް މުސްލިމުންގެ ލޭ ހޫނުވާނެއޭ. މުސްލިމުންނަކީ ރަސޫލުބޭކަލުންގެ މެދުގައި ތަފާތު ކުރާ ބައެއް ނޫނޭ. މުސްލިމުން ޢީޞާގެފާނަކީ ރަސޫލެއްކަމަށް އީމާންވެއޭ. އަދި މޫސާގެފާނަކީ ރަސޫލެއްކަމަށްވެސް އީމާންވެއޭ. އަދި މުސްލިމަކު ދުވަހަކުވެސް މިއިން ރަސޫލުބޭކަލަކަށް ފުރައްސާރައެއް ނުކުރާނެއޭ. ބަދުބަހެއް ނުބުނާނެއޭ. ފިލްމެއް ނުއުފައްދާނެއޭ. ކާރޓޫނެއް ނުކުރަހާނެއޭ…” މިފަދަ ދަނޑިވަޅެއްގައި މުޅިދުނިޔެއަށް ހާމަކޮށްދެން ޖެހެނީ ކީރިތި ރަސޫލާގެ މަތިވެރި ޝަޙްސިއްޔަތު. އެއީ އެޝަޙްސިއްޔަތެއްގެ މަތިވެރިކަން ފެނި އެތަކެއް ކާފަރުންނެއް އިސްލާމްވެފައިވާ އަދި އިސްލާމްވަމުން އަންނަ ޝަޙްސިއްޔަތެއް.

 9. އަޙްމަދުގެ ވާހަކައިން ބޮޑަށް ބުރަވެވެނީ ޝޭޚް އާޔަތް ކިޔުމުން އެކަމާ ތަނެއްދޮރެއް ނުބަލައި ޖޯޝް ދެއްކުމުގެ ގޮތުން ތެދުވި އަޚުން ދިފާޢުކުރާން މަސައްކަތް ކުރާހެން. އަހަރެމެންނަކީ ވެސް ޖިހާދަށް ލޯބި ކުރާމީހުން.. އަހަރެމެންނަށް މިތާނގައި ހަމަ އެކަނި ފެންނަނީ ދެއްކުންތެރިކަމުގެ މަންޒަރުތަކެއް. ކޮބާ މިތާ ބުދު ބެހެއްޓި އިރު ޖިހާދަށް ލޯބި ކުރި މީހުން؟ މިތާ ޣައިރު ދީނަށް ހިއްލަތުމެން ރެލީ ބޭއްވި އިރު އެމީހުންނަށް ދިނީ ގޮން ގެއްލުމެއް؟ ރަސޫލާ ސައްލައްﷲ ޢަލައިހި ވަޞައްލަމަ އަށް ނިސްބަތް ކޮށް ފިލްމު ހެދި މީހުން އެތިބީ އަރާމްގައި، މިތާ ރާއްޖޭގައިވެސް ދީނަށް ފުރައްސާރަ ޢާއްމު ކަމެއް ދުވަހަކު އެމީހުންނާ ދިމާލަށް ނިކުމެ އަމިއްލަޔަށް މުޒާހަރާ ކޮށްފައެއެ ނެތް، ބަޔަކު ހެޔޮ ގޮވާލުމަކަށް ނިކުންނަ ގަޑީ ބައެއް އަޚުން ދެއްކުންތެރިވުމުގެ ގޮތުން ތަން ފަސާދަކުރަން ނިކުންނަނީ ޢޭ ހަމަ ބުނެވެން އޮތީ! ކުރިން އުޅުނު ޢަލީޖަލީލި ކިޔާ މީހަކުވެސް ޖިހާދަށް ފަތުވާދީދީފައި، ފަހުން ޖިހާދަށޭ ކިޔާފައި ދިޔަތަން ފެނުނީ ބައްޕަ ވަލީ ނުދެނީސް އަންހެން ކުއްޖަކު ގޮވައިގެން ލަންކާ އަށް ކައިވެނި ކުރާން..މިފަދަ ކަންތަކާ ހުރެ ޝޭޚުންވެސް މިރާއްޖޭގައި ބަދުނާމު ވަނީ، ފުރަތަމަ މިވަނީ މިކުދިންގެ އުޅުން އިސްލާމްދީނާ އެއްގޮތައް އިސްލާހް ކުރަން. ދެން މިދައްކަނީ ޑިމޮކްރަސީ ގެ ވާހަކަ . މީ ހުރިހާ ޝޭޚުންވެސް ކިޔާ އެއްޗެއް. ތަފާތަކީ ޑިމޮކްރަސީ ގެ ޤާނޫނު ހިނގާރާއްޖޭގައި ތިބި ބަޔަކު އޭގެ ދަށުން އުޅޭންވާ ގޮތަކީ ކިހިނެއްކަމާމެދު ޟޭޚުންނާ، އިންޓަރނެޓް މުފްތީންނާ ދެެމެދު ހުރި ތަފާތު ނޭނގުން.

 10. އެތާނގައި ލީޑް ކުޅެފައިވަނީ ޑޮޓުން ބުނެފިއްޔާ އެއީ ޙައްޤު ކަމުގައި ޤަބޫލުކުރާ ކުދީން. އެމީހުންގެ ޢަމަލަކާ ބަހަކާ ދިލަެއް ނުވޭ. ޚާއްސަކޮށް ކީރިތި މާތް ރަސޫލާ )ސ.އ.ވ( ގެ އަޚްލާގަކާ އެއްވެސް ގޮތަކަށް އެކުދީންގެ އަޚްލާޤް ދިމަލެއް ނުވޭ! ވީމާ އެއީ ޙައްޤަކަށް ނުވާނެކަން ޔަޤީން

 11. އަޅުގަނޑުމެންގެ ދީނީ ފިކުރު ތަފާތުވެ، ކާފިރުންނަށްވުރެ އަޅުގަނޑުމެންގެ އަޚުން އެއް ބަޔަކު އަނެއްބަޔަކު ނުބައި ކުރުމަކީ ވަރަށް ހިތާމަހުރިކަމެއް، އެއިރުން ހިއްވަރު އެދެވެނީ ކާފިރުންނަށް، އެއިރުން ވާނީ ކާފިރުން، މުސްލިމުންނާއިދެކޮޅަށް ކުރަމުންދާ ފިކުރީހަނގުރާމައަށް ލިބުނު ކާމިޔާބަކަށް! ޚިޔާލު ތަފާތުވުމަކީ މައްސަލައެއްކަމަށް ދެކިގެން ނުވާނެ، އަޅުގަނޑުމެން އެއްބަޔަކު އަނެއްބަޔަކަށް ލޯބިވެވޭނީވެސް އަދި ރުޅިއާދެވޭނީވެސް ﷲއަށް ޓަކްއި، އަޅުގަނޑުމެންނަކީ އެއްބަނޑު އެއްބަފާ އަޚުންތަކެއްކަމުގައި ލައްވާ، އިސްލާމްދީނަށް ނަސްރުދޭ ﷲގެ އަޅުންތަކެއްކަމުގައި ލައްވާށި، އާމީން!

 12. އަސަލާމްއަލައިކުމް، އަޅުގަނޑު އެދުވަހުމުޒާހަރާ އަށްދިޔައީ ރަސޫލާސައްލައްﷲ އަލައިހިވަސައްލަމައަށް އެމެރިކަގައި ފުރައްސާރަކޮށްހެދި ފިލްމާއި ދެކޮޅުހަދާ އެކަން މަނާކުރުމަށް އަޑުއުފުލުމަށް ޓަކައި އަދި އާޅުގަނޑަށް ގެންދެވުބަޔަކު އާޅުގަނޑުގެ އަޚުންގެތެރެއިންވެސް ގެންދިޔައިން.މުޒާހަރާގައި ރަނގަޅަށް ހިނގަމުންއައިސް ފަހުންފަހުން ފުލުހުންނާއިބެހި ފުލުހުންނާއި ދިމާލަށް ތާޢޫތަށްގޮވައި ފެންފުޅިއުކާހެދުމުން މުޒާހަރާގެ އަސްލު ބޭނުމާއި މެދުއަޅުގަނޑަށް ސުވާލުއުފެދުނެވެ.ހަމައެހެންމެ އެތަނަށް އެއްވި ހުރިހާމީހުނަކީ އެފިލްމާއިދެކޮޅަށް ނިކުންމީހުންކަމުގައި ވާނެކަން ދައްނަންވާނެ އެވެ އެމީޙުންގެ ނިޔަތް ދެނިވޮޑިގެންވާނީ ﷲ ސުބްހާނަހޫ ވަތައާލާއެވެ. ނަމވެސް ހިތާމަހުރި ކަމަކީމުޒާހަރާ ވަކިގޮތަކަށް މުޒާހަރާ ބައްޓަން ކުރަންބަޔަކު މަސައްކަތް ކުރިކަމެވެ.އެކަމުގެ ނަތީޖާ ނިކިކުތީ ވަރައްވެސް ހިތި ހަމައެހެންމެ އެތަނަށް އެއްވި ގިނަ އަޚުންހިއްދަިކުރުވި ލޮލުންކަރުނަ ހިލިގެންދިޔަ ކަމެއްކަމުގައެވެ.ދެންމިފަދައެއްވުމަކަށް ނިކުތުމަށް ގިނަބަޔަކު ފަސްޖެހޭ ފަދަގޮތަކަށެވެ. ވަކިބަޔަކު ދީނަށް މާލޯބިކުރާކަމަށް ޖަޖު ކުރުމަކީ އެބައެއްގެ އިލްމުގެމަދުކަމާއި ޖާހިލުކަންމެނުވީއިތުރު ކަމެއްނޫންކަންކަށަވަރެވެ.

 13. މިލިޔުމުގަ އަލީޖަލީލް އޭ ކިޔާފަ އޮތުމުން ވަރަށް ދެރަ ކަމެއް، މީހަކު އުޅޭގޮތެއްނުން ބަލަންވީ އަމިއްލަ އަށް ރަގަޅުކުރަންވީ ކަންތަށް،

 14. އެދުވަހު އަޅުގަނޑު ވެސް ދިޔައިން. ބައެއް އަޚުން ވަރަށް ހަޑި ބަސްތައް ބޭނުން ކުރި. ޝޭޚް ނަސޭޙަތް ދެއްވަމުން ގޮސް އާޔަތެއް ކިޔުއްވާފައި އެއާޔަތުގެ މާނަ ރަނގަޅަށް ނުނިމެނީސް އެއާޔަތުގެ މާނައިން ތަންކޮޅެއް ނަގައިގެން ކުއްލިއަކަށް ހޫނުވީ. އެ މައްސަލަ ހޫނުވީ ރަނގަޅަށް އަޑު ނޭހުމުން ކަމަށް ފެންނަނީ. އަދި އަޅުގަނޑަށް ފެންނަ ގޮތުގައި އެކަންތައް ދިމާވީ ނަސޭޙަތް ނިންމަން އުޅެނިކޮށް. އެ އާޔަތަކީ: محمد رسول الله والذين معه أشداء على الكفار رحماء بينهم
  (سورة الفتح 29)
  http://kulliyya.net/Ehenihen/D_Tharujamaa/48.pdf

Your email address will not be published. Required fields are marked *