ރާއްޖޭގެ ޚަބަރު

ޙިރާ ސްކޫލުން ކުލަގަދަ ގޮތެއްގައި ފިޠުރު ޢީދު ފާހަގަ ކޮށްފި

އައްޑޫ ސިޓީ ހިތަދޫގައި ހިންގާ ޙިރާ ސްކޫލުން 1433 ވަނަ އަހަރުގެ ފިޠުރު ޢީދު ފާހަގަކުރުމަށް ބޭއްވި ހަރަކާތުގެ ތެރެއިން

 

އައްޑޫ ސިޓީ ހިތަދޫގައި ހިންގާ ޙިރާ ސްކޫލުން 1433 ވަނަ އަހަރުގެ ފިޠުރު ޢީދު ފާހަގަކުރުމަށް ބޭއްވި ހަރަކާތުގެ ތެރެއިން

އައްޑޫ ސިޓީ ހިތަދޫގައި ހިންގަމުންދާ ޙިރާ ސްކޫލުން މިއަހަރުގެ ފިޠުރު ޢީދުވެސް ކުލަގަދަ ގޮތެއްގައި ފާހަގަ ކޮށްފި އެވެ.

އެ ސްކޫލުން މަޢުލޫމާތު ދިން ގޮތުގައި، ޢީދު ދުވަހުގެ އެންމެ ފުރަތަމަ ޙަރަކާތަކަށް އޮތީ، ސްކޫލްގެ ދަރިވަރުން އެކުދިންގެ ބެލެނިވެރިންނާއެކު ޢީދު ނަމާދަށް ދިޔުމެވެ. އެއަށްފަހު ދަރިވަރުން ސްކޫލަށް ޙާޟިރުވެ، ހަދިޔާ ބަދަލުކުރުމާއެކު، ސްކޫލްގެ ދަރިވަރުންނަށް ޚާއްޞަކޮށް ކުލަގަދަ ޙަފްލާއެއް ބާއްވާފައިވާ ކަމަށް އެ ސްކޫލުން ބުންޏެވެ.

ސްކޫލްގެ ހުރިހާ ދަރިވަރުން ބައިވެރިވެ، އުފާވެރި ކަމާއެކު، އިސްލާމީ މާޙައުލެއްގައި ހިތްހަމަޖެހުމާއެކު މި ޢީދު ފާހަގަ ކުރުމުގެ ފުރުޞަތު ދަރިވަރުންނަށް ހޯދައިދެވިފައިވާ ކަމަށް ވެސް ޙިރާ ސްކޫލުން ހާމަކުރެ އެވެ.

ފިޠުރު ޢީދު ފާހަގަކުރުމަށް މިބޭއްވުނު ޙަފްލާ މިހާ ފުރިހަމަކަމާއެކު ބޭއްވިގެންދިޔުމުގައި ސްކޫލްގެ ޓީޗަރުންނާއި ބެލެނިވެރިންގެ އެހީތެރިކަމާއި އެއްބާރުލުން ވަރަށް ބޮޑަށް ލިބިފައިވާތީ، އެކަމަށްޓަކައި، ސްކޫލްގެ މެނޭޖްމަންޓުން ޓީޗަރުންނާއި ބެލެނިވެރިންނަށް ޝުކުރު ދަންނަވަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޙިރާ ސްކޫލްގެ ފަރާތުން އެންމެ ކުލަގަދަގޮތެއްގައި ފާހަގަ ކުރަމުން ގެންދާ ދުވަސްތަކަކީ ދެ ޢީދު ދުވަސްތަކެވެ. އެ ގޮތުން ފާއިތުވި އަހަރު، އަޟްޙާ ޢީދުގައި، ރަށުގެ ކުދިންގެ ތެރެއިން ބޭނުން ކުއްޖަކަށް ބައިވެރިވެވޭގޮތަށް ހުޅުވާލައިގެން ޚާއްޞަ ފެސްޓިވަލެއް ވެސް ވަނީ ބާއްވާފަ އެވެ.

ގުޅުންހުރި

2 ޚިޔާލު

  1. މީވަރަށް ރަގަޅު ކަމެއް، ދިވެހިރާއްޖޭގެ ގިނަސްކޫލް ތަކުގައި ޢީދު ދުވަސްތަކުގައި އެއްވެސް ކަމެއް ނޯވޭ އީދެއް އައިކަންވެސް ދަރިވަރުން ނަކަށް ނޭގޭ ޙިރާ ސުކޫލަށް މަރުހަބާ، ހުރިހާ ކުދިންނަށް އީދު މުބާރަކު އީދު ސަލާމް!

  2. އަޅުގަޑު އެންމެ ހިތާމަކުރާ އެއް ކަމަކީ ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމު ގައުމަކަށް ވެފައި، މިތަނުގައި ޢީދުވެސް އަދި އިސްލާމީ ގޮތުން ފާހަގަ ކުރެވޭ އެހެނިހެން މުނާސަބާތައް ވެސް ވަރަށް މަދުބަޔަކަށް ނޫނީ ނާންނަކަމެވެ. މިސާލަކަށް ފާއިތުވީ ފިޠުރު ޢީދަކީ ރާއްޖޭގައި ތިބި ހުރިހާ މުސްލިމުންނަށް ވެސް އަދި ދުވަހެކެވެ. އެކަމަކު އެފަދަ ދުވަސްތައް ދިރުވާ ދަރިވަރުންގެ ހިތުގައި އިސްލާމް ދީނަށް ލޯބި ޖައްސާ އަދި އިސްލާމް ދީނުގެ ރިވެތި އާދަތައް ކުރިންނަށް ދަސްކޮށްދީ، އިސްލާމީ އަޚުވަންތަކަން ދިރުވާ މިފަދަ ކަންތަކަކީ އޮންނަ ކަންތައްތަކެއްކަން ވެސް މިއެނގެނީ ހިރާ ސްކޫލް ފަދަ މަދު ސްކޫލަކަށެވެ. އަޅަމެން އެންމެނަކީ ހުރިހާ ގޮތަކުން އިސްލާމް ދީނަށް ޚިދުމަތްކުރާ އިސްލާމް ދީނަށް ލޯބިކުރާ ބަޔަކު ކަމުގައި ލައްވާނދޭވެ. އާމީން.

Your email address will not be published. Required fields are marked *