ރަމަޟާން މަސް އިޙްޔާ ކުޔރުމުގެ ގޮތުން އިސްލާމިކް މިނިސްޓްރީން އިންތިޒާމްކޮށްގެން ސިލްސިލާކޮށް ހިންގަމުންދާ ޕްރޮގްރާމްތަކުގެ ތެރެއިން މި އަހަރު ބާއްވާ އެންމެ ފަހުގެ އިޙްޔާ ފޯރަމް މިރޭ ބޭއްވުމަށް ހަމަޖައްސައިފި އެވެ.
އެ މިނިސްޓްރީން މަޢުލޫމާތުދޭ ގޮތުގައި މިރޭ 21:30 ގައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބާއްވާ މި ފޯރަމްގައި ތަޤްރީރު ކުރައްވާނީ މިނިސްޓަރ އޮފް ސްޓޭޓް ފޯރ އިސްލާމިކް އެފެއާޒް އައްޝައިޚް މުޙައްމަދު ދީދީ އާއި އައްޝައިޚް މުޙައްމަދު ނަޝީދު އާދަމް އެވެ.
"އިސްލާމްދީނާއި ސިޔާސަތު" މި މައުޟޫއަށް ޝައިޚް މުޙައްމަދު ދީދީ ވާހަކަފުޅު ދައްކަވަން ހަމަޖައްސާފައިވާއިރު، ޝައިޚް ނަޝީދު ވާހަކަފުޅުދައްކަވަން ރާވާފައިވަނީ "ރަމަޟާން މަހަށް ފަހު ހެޔޮ ގޮތުގައި ވަގުތުގެ ބޭނުން ކުރުން" މި މައުޟޫއަށެވެ.
މި ފޯރަމްގައި ވެސް ސުވާލާއި ޖަވާބު ސެޝަންގެ އިތުރުން ފޯރަމަށް ޙާޟިރުވާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތްތަކަކަށް "ރިޔާޟުއްޞާލިޙީން" ފޮތް ހަދިޔާ ކުރާގޮތަށް ހަމަޖައްސާފައިވާ ކަމަށް މަޢުލޫމާތު ލިބެ އެވެ.
މި ފޯރަމަށް ވީހާވެސް ގިނަ ބޭފުޅުން ޙާޟިރުވެލެއްވުމަށް އިސްލާމިކް މިނިސްޓްރީން ދަޢުވަތު ދެ އެވެ.
ޓީވީއެމް އާއި ދިވެހިރާއްޖޭގެ އަޑުން މިފޯރަމް ވެސް ވަގުތުން ދުރަށް ފޮނުވުމަށް ވަނީ ހަމަޖައްސާފަ އެވެ.

















ވަރަށް ރަނގަޅު މަޢުލޫއެއް.
އުއްމީދުކުރީ ޝެއިހް އިލިޔާސް ތަޤްރީރް ކުރައްވާނެ ކަމަށް، ކީއްވެތޯ މިރޭގެ ފޯރަމްގައި ޝެއިހް އިލިޔާސް ތަޤްރީރް ނުކުރައްވަނީ………މިއަހަރުގެ މިފޯރަމް ވަރަށް ހިންހަމަޖެހޭ ކަހަލަ ޢިބްރަތްތެރި ވާހަކަތަކެއް ގެނެސްދީފައިވާކަން ފާހަގަ ކޮށްލަން.
މިރޭގެ ފޯރަމް ގައި ވަރަށް އަގުހުރި މަޢުލޫމާތުތައް ލިބިގެންދާނެ ކަމަށް އުއްމީދު ކުރަމެވެ. މިރޭގެ ފޯރަމް ވެސް ﷲ އިރާދަކުރެއްވިއްޔާ ބަލާނަމެވެ.
ބަލްޤިޝް ބުނިފަދައިން މިއަހަރުގެ ދިނީދަރުސްތަކާއި އިޙުޔާ ފޯރަމް ގެންގޮސްފައިވާގޮތް ވަރަށް ރަނގަޅު. މިނިސްޓަރ ޝެއިޙް ޝަހީމަށް ވަރަށް ބޮޑަށް ޝުކުރުދަނަންނަވަން. އަދި ތިގޮތުގައި ކުރިއަށް.
ރަމަޝާންމަހަށްފަހުގައިވެސް ތިގޮތަށް ގިނަގިނައިން ދަރުސްތައް ގެނެސްދެއްވުން އެދެމެވެ.