ރާއްޖޭގެ ޚަބަރު

ޤައިދީންނަށް ޤުރުއާން ކިޔަވައިދިނުމާއި ދީނީ ސެމިނަރތައް ހިންގައިދޭނެ ފަރާތްތަކެއް ހޯދަނީ

މާފުށީ ޖަލު - ފްލިކަރ ފޮޓޯ : ލުބްނާ ލަތީފް

 

މާފުށީ ޖަލު - ފްލިކަރ ފޮޓޯ : ލުބްނާ ލަތީފް

ޑޕާޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރިހެބިލިޓޭޝަން ސަރވިސް (ޑީޕީއާރުއެސް)ގެ ބެލުމުގެ ދަށުގައި ކ. މާފުށީގައި ތިބޭ ޤައިދީންނަށް ޤުރުއާން އުނގަންނައިދީ، ތަޖުވީދު މަގަށް ޤުރުއާން ކިޔަވަން ދަސްކޮށްދޭނެ ފަރާތަކާއި، އެމީހުންނަށް ދީނީ ނަސޭހަތްދީ، ދީނީ ސެމިނަރތައް ހިންގައިދޭނެ ފަރާތްތަކެއް ހޯދުމަށް އިޢުލާންކޮށްފި އެވެ.
މިދިޔަ ހަފްތާގައި ޑީޕީއާރުއެސްއިން ނެރުނު އިޢުލާނެއްގައި ބުނެފައި ވަނީ ޤުރުއާން ކިޔަވައިދޭ ފަރާތުން ދުވާލަކު 45 މިނެޓްގެ 3 ކްލާސް ނަންގަވައިދެއްވަން ޖެހޭނެ ކަމަށާއި، ޤައިދީންނަށް ޤުރުއާން ހިތުދަސްކޮށްދިނުމާއި، ތަޖުވީދު މަގަށް ޤުރުއާން ދަސްކޮށްދީ ޤުރުއާން އުނގަންނައި ދިނުމުގެ މަސައްކަތް ކުރައްވަން ޖެހޭނެ ކަމަށެވެ. ޝަރުޠުގެ ގޮތުގައި ކަނޑައަޅާފައި ވަނީ، ލެވެލް 3 އަށްވުރެ ދަށްނޫން ޤުރުއާން މުދައްރިސް ކަމުގެ ސަނަދު އޮތުން ނުވަތަ އިސްލާމިކް ސްޓަޑީޒުން ޑިގްރީ ނުވަތަ ޑިޕްލޮމާ އޮތުމާއެކު އިސްލާމް މުދައްރިސް ކަމުގެ ޑިގްރީ ނުވަތަ ޑިޕްލޮމާ ސެޓްފިކެޓް އޮތުމެވެ.
މި ފަރާތުގެ މުސާރައަކީ މަހަކަށް8,000 ރުފިޔާ ކަމަށާއި ކޮންޓްރެކްޓް މުއްދަތަކީ 1 އަހަރު ކަމަށް އިޢުލާންގައިވެ އެވެ. އަދި މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން އޯގަސްޓް 16 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން ޑީޕީއާރުއެސް އަށް ނުވަތަ ކ. މާފުށީ ޖަލު އޮފީހަށް ސިޓީއާއި އެކްރެޑިޓް ކޮށްފައިވާ ސެޓްފިކެޓާއި ވަނަވަރު ހުށަހެޅުމަށް އިޢުލާނުގައިވެ އެވެ.
ޤައިދީންނަށް ދީނީ ނަސޭހަތްދީ، ދީނީ ސެމިނަރތައް ހިންގައިދޭނެ 3 ފިރިހެން ބޭފުޅުންނާއި 1 އަންހެން ބޭފުޅަކު ހޯދުމަށް ކޮށްފައިވާ އިޢުލާންގައި ކަނޑައަޅާފައިވާ ޝަރުޠަކީ އިސްލާމިކް ސްޓަޑީޒުން ބެޗްލަރސް ޑިގްރީއެއް ހާސިލްކޮށްފައިވުން ނުވަތަ އިސްލާމިކް ޝަރީޢާ އެންޑް ލޯ ހައްދަވާފައިވުމާއެކު ދީނީ ތަޤްރީރު ދިނުމުގެ ހުއްދަ އޮތުމާއި، ދީނީ ތަޤްރީރު ދެއްވުމުގައި މަދުވެގެން 1 އަހަރުގެ ޢަމަލީ ތަޖުރިބާ ހުރުމެވެ.

މި މަސައްކަތް ރޭވިފައި ވަނީ ޖަލުގެ ޔުނިޓްތައް ބަހާލައިގެން އެދުވަހެއްގައި ކަނޑައަޅާ މައުޟޫއަކަށް ކޮންމެ ޔުނިޓަކަށް 1 ގަޑިއިރުގެ ސެމިނަރއެއް ގެންދިއުން ކަމަށް ޑީޕީއާރުއެސްއިން ބުނެފައިވެ އެވެ. އަދި ސެޝަންތައް ނެގުމަށް ހަމަޖެހިފައިވާ ޢަދަދަކީ މަހަކު 4 ސެމިނަރ ކަމަށާއި އެއީ ހުކުރު ނުވަތަ ހޮނިހިރު ދުވަހު ޖަލަށް ޒިޔާރަތް ކުރައްވައިގެން ސެމިނަރ ކުރިއަށް ގެންދާ ގޮތަށް ކަމަށް އިޢުލާނުގައި ވެއެވެ.
ޑީޕީއާރުއެސް އިން ބުނެފައިވާ ގޮތުގައި މި މަސައްކަތުގެ އުޖޫރައަކީ ސެމިނަރައަކަށް500 ރުފިޔާ އެވެ. ކޮންޓްރެކްޓް މުއްދަތަކީ 1 އަހަރެވެ. މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ވެސް އޯގަސްޓް 16 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން ޑީޕީއާރުއެސް އަށް ނުވަތަ ކ. މާފުށީ ޖަލު އޮފީހަށް ސިޓީއާއި އެކްރެޑިޓް ކޮށްފައިވާ ސެޓްފިކެޓާއި ވަނަވަރު ހުށަހެޅުމަށް އިޢުލާނުގައިވެ އެވެ.

ގުޅުންހުރި

5 ޚިޔާލު

  1. ޑީ ޕީ އާރ އެސް އިން ތިކުރައްވަވާ މަތިވެރި މާތް މަސައްކަތަށް މާތްﷲހެޔޮތަޥްފީޤް ދެއްވާށި!

  2. މާތް ﷲ އިރާދަކުރެއްވިއްޔާ ތިކުރައްވާ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ޖަލުން ނިކުންނަ އެތައް ކުދިންނެއް ނިކުންނާނީ އިޞްލާޙު ވެގެން މުޖުތަމަޢަށް ފައިދާހުރި ބައެއްގެ ގޮތުގައެވެ. މިފަދަ އަގުހުރި ކިތަންމެ މަސައްކަތެއް ރާއްޖޭގައި ވަނީ ކުރަންޖެހިފައެވެ. ހިތާމައަކީ މިފަދަ ވިސްނުމެއް ނުގެންގުޅެވި މާ ގިނަ ދުވަސް ވެގެންދިޔަ ކަމެވެ. ނަމަވެސް އަލަށް ފަށައިގެން ނަމަވެސް މިފަދަ މަސައްކަތް ރާއްޖޭގައި ކުރައްވާ ފަރާތްތަކަށް މާތް ﷲ ފުރިހަމަ ކާމީޔާބީއެއް މިންވަރުކޮށްދެއްވުން އެދި ދުޢާ ދަންނަވަމެވެ.

  3. ތީ ވަރަށް ވަރަށް ހެއު މަހެއްގައި ފެށުނު ރަނގަޅު އެއްމީދީ ޕްރޮގްރާމެއް ކަމުގައި ދެކެން އެތާ ތިބި ގިނަ އަޚުންނާއި އުޚްތުން ނަކީ، ހިއް އަލި ތިކަހަލަ ހަރަކާތަކަށް ފެން ބޮވައިގެންފައި ތިބި ބަޔަކު ކަމުގައި ދެކެން، ތިޔަ ހަރަކާތުގެ އަލީގައި މިމުޖުތަމައު ވެއްޓެމުން މިދާ އަނދިރި ވަޅުގަނޑުން ސަލާމާތް ކޮށްދޭނެ ބަޔަކުވެސް މީގެ ތެރެއިން އުފެދިގެން ދާނެކަމުގައި އުންމީދު ކުރަން…އިންޝާﷲ

  4. ައާމީން

  5. މީ އައު ކަމެއް ނޫން . މިކަހަލަ ކިތަންމެ ކަމެއް ފެށިފައިވޭ، ނަމަވެސް ހިންގަން ތިބޭ ވެރިންނަށް މިކަން ނުވެގެން، އެހެންގޮތަކަށް ބުނާނަމަ ކުރިޔަށް ގެންދަން ބޭނުންނުވެގެން ހުއްޓާލަނީ، 2005 ވަނަ އަހަރު ޚުދު އަޅުގަނޑުވެސް ތިޔަކަމުގައި އެތަނަށް ގޮސް ވަރަށް ފޯރީގައި މަސައްކަތްފެށި ކުއްލިޔަކަށް އެކަންތައް ވީ ޖަމަލު ފޮޑިއަކަށް، އޭގެ ފަހުން ހަމަ ދޭތެރެއަކުން ތިކަހަލަ ޕްރޮގްރާމެއް ހިންގަން ފަސާ އެކަމަކު ވާނުވާ ނޭންގި ހުއްޓެނީ،. އަދި މީގެ ދެމަހެއްހާ ދުވަސްކުރިންވެސް ތިކަހަލަ ކަމެއްގައި އުޅުނު މާފުށީގެ ޤާރީ އަކާއި ބައްދަލުވެ ވާހަކަދެކެވުނު ، ލާރިކޮޅު އަދިވެސް ނުލިބޭކަމަށާއި މިހާރު އަނެއްކާ ވާނުވާ ނޭންގޭ ކަމަށް، ނަމަވެސް އުންމީދަކީ މިފަހަރުގެ މަސައްކަތް ރަނގަޅުވާނެކަމަށް، އަދި މިފަދަ އިސްލާހީ މަސައްކަތްތަކަށް އަބަދުވެސް ހެއުގޮތް މިންވަރު ކުރައްވާށި.އާމީން.

Your email address will not be published. Required fields are marked *