
އައްޑޫ ސިޓީގައި ބޭއްވި އިޙްޔާ ޖަލްސާއެއްގައި ޝައިޚް މުޙައްމަދު އަނީލް (ކ) – ފޮޓޯ : އައްޑޫ އޮންލައިން
މި އަހަރުގެ ރަމަޟާން މަސް އިޙްޔާ ކުރުމުގެ އައްޑޫ ސިޓީ ކައުންސިލް އިދާރާގެ ސޯޝަލް ސަރވިސް ޑިޕާޓްމަންޓުން އިންތިޒާމްކޮށްގެން އިސްލާމިކް މިނިސްޓްރީގެ އެހީތެރިކަމާއެކު ބާއްވަމުން ގެންދާ ސިލްސިލާ ޖަލްސާ ތަކުގެ ތެރެއިން، ހަތަރު ވަނަ ޖަލްސާ މިރޭ ފޭދޫ ސްކޫލްގައި ބޭއްވުމަށް ހަމަޖައްސައިފި އެވެ.
"ދިއިސްލާމަ"ށް މައުލޫމާތު ލިބިފައިވާ ގޮތުގައި، މިރޭ 21:30 ގައި ބާއްވާ މި ޖަލްސާގައި ތަޤްރީރު ކުރެއްވުމަށް ހަމަޖެހިފައި ވަނީ ޝައިޚް މުޙައްމަދު އަނީލް އެވެ. މައުޟޫއަކީ "ދަރިންގެ ޙައްޤުތައް" މި އެވެ.
މި ޖަލްސާގައި ވެސް ސުވާލާއި ޖަވާބު ސެޝަން ވެސް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފަ އެވެ.
ސުވާލުތަކަށް ޖަވާބު ދެއްވާ ޕެނަލްގައި ބައިވެރިވުމަށް ހަމަޖެހިފައި ވަނީ ޝައިޚް އަނީލްގެ އިތުރުން ޝައިޚް މުޙައްމަދު އަފީފް، ޝައިޚް ޢަބްދުއްޞަމަދު މުހައްމަދު އަދި ޝައިޚް ޙުސައިން ފަޙުމީ އެވެ.
ޖަލްސާ މޮޑަރޭޓް ކުރައްވާނީ ޝައިޚް ޢަބްދުﷲ ޞިއްދީޤް އެވެ.
މި ޖަލްސާ އަށް ޙާޟިރުވާ ފަރާތްތަކަށް ނަންބަރު ދޫކުރުމަށް ފަހު، އެ ނަންބަރުތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަސް ނަންބަރެއް ލިބިފައިވާ ބޭފުޅުންނަށް އިސްލާމިކް މިނިސްޓްރީން ނެރެފައިވާ "ރިޔާޟުއްޞާލިޙީން" ފޮތުގެ ދިވެހި ތަރުޖަމާ ހަދިޔާ ކުރުމަށް ވެސް ނިންމާފައިވެ އެވެ.
ކުރިން މި ޖަލްސާ މިދިޔަ ހުކުރު ދުވަހުގެރޭ ބާއްވަން ނިންމާފައިވަނިކޮށް، އައްޑޫ ސިޓީ ކައުންސިލް އިދާރާގެ ފޭދޫގައި ހުންނަ ޑިޕާޓްމަންޓުން އިންތިޒާމް ކުރުމުގައި ދިމާވި މައްސަލަތަކަކާއި ގުޅިގެން މިރެއަށް ފަސްކޮށްފައި ވަނީ އެރޭގެ ޖަލްސާއަށް އެކަށީގެންވާ ވަރަށް ހާޒިރީން ގޮސްފައި ނުވާތީ ކަމަށް މަޢުލޫމާތު ލިބިފައިވެ އެވެ.
މި ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމުގެ ގޮތުން އައްޑޫ ސިޓީގައި 5 ޖަލްސާއެއް ބޭއްވުމަށް ނިންމާފައިވާއިރު، މިހާރު ވަނީ ހުޅުމީދޫ އާއި މަރަދޫ އަދި ހިތަދޫގައި ޖަލްސާ ބާއްވާފަ އެވެ.
ހުޅުމީދޫގައި ބޭއްވި ޖަލްސާގައި ޝައިޚް ޖަޢުފަރު ފާއިޒް ތަޤްރީރު ކުރައްވާފައިވާއިރު، މަރަދޫ ޖަލްސާގައި ވާހަކަފުޅު ދެއްކެވީ ޝައިޚް ޢަބްދުﷲ ޞިއްދީޤް އެވެ. ހިތަދޫގައި ބޭއްވި ޖަލްސާގައި ތަޤްރީރު ކުރެއްވީ ޝައިޚް އިލްޔާސް ޙުސައިން އެވެ.
ރޭގަނޑު ބާއްވާ ޖަލްސާތަކުގެ އިތުރުން އައްޑޫ ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން އަވަށްތަކުގެ މިސްކިތްތަކުގައި ރަމަޟާން މަހުގެ ދުވަސްތަކުގެ އަސުރު ނަމާދަށް ފަހު ވެސް ދަރުސްތައް ދަނީ ބާއްވަމުންނެވެ.
މި ޕްރޮގްރާމްތަކުގައި ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވުމަށް އެ ކައުންސިލުން ދަޢުވަތު ދެ އެވެ.
















އަައްޑޫ ސިޓީ ކައުންސިލް މެންބަރުންނަށް ހިދާޔަތު އިތުރުކޮއްދެއްވާށި! މިބޭފުޅުންގެ ހިތުގައި އިސްލާމް ދީނަށް ލޯބިއިތުރު ކުރައްވާށި! ބުއްދިވެރިން ނަކީ ތެދުމަގު އިޙުތިޔާރު ކުރާމީހުން، ތިމާގެ ހަވާ ނަފުސުގެ ލަގަން ކޮންޓުރޯލް ކުރާމީހުން!
އާމީން