
އިސްލާމިކް މިނިސްޓްރީގެ ފަރާތުން މި އަހަރު މާޗް މަހު ނެރުނު "ރިޔާޟުއްޞާލިޙީން" ފޮތުގެ ދިވެހި ތަރުޖަމާ ނެރުމުގެ ޙަފްލާގެ ތެރެއިން - ދިއިސްލާމް ފޮޓޯ : އިބްރާހީމް އަޝްވާޤް
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ފަރާތުން މަހަކު އެއްފަހަރު ނެރުމަށް ހަމަޖައްސާފައިވާ ދީނީ މަޖައްލާއެއްގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން އިޢުލާންކޮށްފި އެވެ.
އެ މިނިސްޓްރީން މިދިޔަ ބުރާސްފަތި ދުވަހު ނެރެފައިވާ އިޢުލާންގައި ބުނެފައި ވަނީ މަހަކު އެއްފަހަރު ނެރޭ ދީނީ މަޖައްލާއެއް ލިޔެ، ލޭއައުޓް ހަދައި، ޗާޕްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ.
އެކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމުގެ ސެޝަން ބޭއްވުމަށް ހަމަޖައްސާފައި ވަނީ މާދަމާ 13:00 ގަ އެވެ. އަދި މަޢުލޫމާތު ސާފުކުރުމަށް ފަހު އަންދާސީ ހިސާބު ހުށަހަޅަން ޖެހެނީ އޯގަސްޓް 12 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން ކަމަށް އިޢުލާނުގައި ބުނެފައިވެ އެވެ.
މަޢުލޫމާތު ދިނުމުގެ ސެޝަނަށް ޙާޟިރުނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ކަމަށް ވެސް މިނިސްޓްރީގެ އިޢުލާންގައި ބުނެފައިވެ އެވެ.
އިސްލާމިކް މިނިސްޓަރު ޝައިޚް މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، މި މަހު 1 ވަނަ ދުވަހު ވިދާޅުވެފައިވާ ގޮތުގައި، ކުރިން އެ މިނިސްޓްރީން ދާއިމީ ގޮތެއްގައި ނެރެމުން ދިޔަ "ހިދާޔަތުގެ އަލި" އިސްލާމީ އިޖުތިމާއީ ޢިލްމީ މަޖައްލާއެއްގެ ގޮތުގައި ނެރެން ވަނީ ހަމަޖައްސާފަ އެވެ.
އަދި ބަޔަކާ ޙަވާލުކޮށްގެން އަންނަ މަހުން ފެށިގެން ނެރުމަށް ނިންމާފައިވާއިރު، އެ މަޖައްލާ ނެރުމަށް ބަޖެޓް ހޯދަނީ އަމިއްލަ ފަރާތްތަކުގެ އެހީ އާއި އަދި މިނިސްޓްރީގެ ބަޖެޓްގެ ތެރެއިން ޚަރަދު ކުރެވެން ހުރިވަރަކަށް ފައިސާ ހޯދައިގެން ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.
2008 ނޮވެމްބަރު މަހު އިސްލާމިކް މިނިސްޓްރީ އުފެއްދި ފަހުން އެ ތަނުން ކޮންމެ ހަފްތާއެއްގެ ހުކުރު ދުވަހު ނެރެމުން ދިޔަ 4 ޞަފްޙާގެ "ހިދާޔަތުގެ އަލި" ނޫސް، މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ނެރުން ހުއްޓާލާފައި ވަނީ އެ ނޫސް ޗާޕްކުރުމަށް މި އަހަރުގެ ބަޖެޓްގައި ފައިސާ ނެތުމުން ކަމަށާއި، ނޫސް ނެރޭނެ ފައިސާ ނެތުމުން ދެފަހަރެއްގެ މަތިން ދަރަންޏަށް ވެސް ޗާޕްކޮށްފައިވާ ކަމަށް މިނިސްޓްރީން ކުރިން ވަނީ ބުނެފަ އެވެ.
















އަސްލު މިއަދު މިއެނގުނީ ޝަހީމް ނުވަތަ އެހެންދީނީ އިލްމްވެރިންދެކެ ބަޔަކު އެހާނަފްރަތް ކުރާސަބަބު ސަންދާނު ލުތުފީގެ ވާހަކަ އަޑުއެހުމުން ހަގީގީ ބޮޑުމަންޒަރު މިފެންނަނީ ………… ނިކަންވިސްނާލަބަލަ ﷲ ގެ ކުޅަދުންވަންތަކަން މިއަދު އެބައިމީހުންވަނީ މަގުމަތީގަ ގިނަކުރައްވާފަ އަޅުގެ ދުވާއަކީ މިހާރަށްވުރެވެސް ބޮޑަށް އެބައިމީހުން ނިކަމެތިކުރެއްވުން ޝޭޙް ތިކުރައްވާ ބުރަމަސައްކަތުގާ ﷲ ބަރަކާތްލެއްވުން އާންމީން ..