ރާއްޖޭގެ ޚަބަރު

ޖިހާދަކީ ހަމައެކަނި ﷲ ގެ ކަލިމަފުޅު މަތިވެރިކުރުމަށް ކުރެވޭ ކަމެއް : ޝައިޚް ޢަލީ ޒާހިރު

ސިފައިންނަށް ޚާއްޞަކޮށްގެން ކަޅުތުއްކަލާކޮށީގައި މިދިޔަ ހޮނިހިރު ދުވަހުގެރޭ ބޭއްވި ދަރުސްގެ ތެރެއިން (ކ-3) - ޝައިޚް ޢަލީ ޒާހިރު – ފޮޓޯ : އެމްއެންޑީއެފް

ސިފައިންނަށް ޚާއްޞަކޮށްގެން ކަޅުތުއްކަލާކޮށީގައި މިދިޔަ ހޮނިހިރު ދުވަހުގެރޭ ބޭއްވި ދަރުސްގެ ތެރެއިން (ކ-3) - ޝައިޚް ޢަލީ ޒާހިރު – ފޮޓޯ : އެމްއެންޑީއެފް

ބިމެއްގެ މައްސަލާގައި ނުވަތަ އަމިއްލަ މަސްލަހަތެއް އޮވެގެން އަދި ދުނިޔަވީ ފައިދާއެއް އޮވެގެން ކުރެވޭ ކަންކަމީ ޖިހާދެއް ނޫން ކަމަށާއި، ޖިހާދަކީ ހަމައެކަނި ﷲ ސުބްހާނަހޫ ވަޠައާލާގެ ކަލިމަފުޅު މަތިވެރިކުރުމަށް ކުރެވޭ ކަމެއް ކަމުގައި ރާއްޖޭގެ ޤައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީޒްގެ އެކްޓިން ޑީން އައްޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް ވިދާޅުވެއްޖެ އެވެ.

ސިފައިންނަށް ޚާއްޞަކޮށްގެން ކަޅުތުއްކަލާކޮށީގައި މިދިޔަ ހޮނިހިރު ދުވަހުގެރޭ "ނަޞްރުގެ ސަބަބުތައް" މި މައުޟޫއަށް ދަރުސް ދެއްވަމުން، ޝައިޙް ޢަލީ ޒާހިރު ވިދާޅުވީ ޖިހާދު ކުރުމުގައި ދުނިޔަވީ މަންފާއެއް އޮވެގެން ނުވާނެ ކަމަށާއި، ޖިހާދު ކުރެވެން ޖެހޭނީ، މުސްލިމުންނާއި، މުސްލިމުންގެ ޤައުމާއި، މުސްލިމުންގެ ފުރާނަ އަދި މުސްލިމުންގެ ގެދޮރު ހިމާޔަތްކޮށް، ﷲ ގެ ދީން މަތިވެރިކުރުމަށް ކަމަށެވެ. އަދި ތެދުވެރި ނިޔަތަކާއި އިޚްލާސްތެރިކަމަކީ މިކަމުގައި ވަރަށް މުހިންމު ކަމެއް ކަމުގައި ޝައިޚް ވިދާޅުވި އެވެ.

ޝައިޙް ޢަލީ ޒާހިރު ވިދާޅުވީ އަޅުގަނޑުމެންގެ ބަސްތަކާއި އަޅުގަނޑުމެންގެ ޢަމަލުތައް ޙައްޤަށް ނަޞްރު ލިބުމުގެ މަގު ފަހިކޮށްގެން މެނުވީ އެ ނަޞްރެއް ނާންނާނެ ކަމަށާއި، ނަޞްރު ލިބުމުގައި ތަފާތު ސަބަބުތައް ހުރިކަން ހަނދާން ކުރަންޖެހޭ ކަމަށެވެ. މިގޮތުން ﷲ ސުބްޙާނަހޫ ވަޠަޢާލާއަށް އީމާންވުމާއި ހެޔޮ ޢަމަލު ގިނަކުރުމަކީ ނަޞްރާއި ކާމިޔާބު ލިބުމުގެ އެންމެ ފުރަތަމަ އަދި އެންމެ މުހިންމު އެއް ކަންތައް ކަމުގައި ފާހަގަކުރައްވައި، ރަމަޟާންމަހަކީ މިކަމަށް އެންމެ ރަނގަޅު މޫސުން ކަމުގައި ޝައިޚް ވިދާޅުވި އެވެ.

ރަމަޟާންމަހުގެ 17 ވަނަ ދުވަހަކީ ބަދުރު ހަނގުރާމަ ހިނގައިދިޔަ ދުވަސްކަން ފާހަގަކުރައްވައި، ޝައިޚް ވަނީ އެހަނގުރާމައިގައި މުސްލިމުންނަށް ލިބުނު ނަޞްރާއި ފަތަޙައަށް އަލިއަޅުއްވާލައްވައި ވަރަށް އަގުހުރި ތަޤްރީރެއް ދެއްވާފަ އެވެ. މިގޮތުން، ސަހާބީންގެ ތެރެއިން ގާތްގަނޑަކަށް ތިން ސަތޭކައެއްހާ މަދު މީސްކޮޅަކާއެކު ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ އަލައިހި ވަސައްލަމް ނުކުމެވަޑައިގެންނެވީ ހަނގުރާމައެއް ކުރެއްވުމަށް ނޫން ކަމަށާއި، ނަމަވެސް ﷲ ސުބްހާނަހޫ ވަޠަޢާލާ އެގޮތް މިންވަރު ކުރެއްވި ހިނދު، މުސްލިމުންނަކީ މީސްކޮޅުގެ ގޮތުންނާއި ހަތިޔާރުގެ ގޮތުން ނިކަމެތި ބައެއްކަމުގައި ޝައިޚް ވިދާޅުވި އެވެ. އަދި މުސްލިމުންގެ އަތުގައި އެ ދަނޑިވަޅުގައި ގާތްގަނޑަކަށް ދެ އަސް އޮތްއިރު، ކާފަރުންގެ އަތުގައި ހަނގުރާމައިގެ ހަތިޔާރާއި ސަތޭކައެއްހާ އަސް ހުރިކަން ފާހަގަކުރައްވައި، މުސްލިމުންނާއި މި ހަނގުރާމަ ކުރިމަތި ކުރުވީ ﷲ ސުބްހާނަޙޫ ވަޠަޢާލާ ޙައްޤު ސާބިތުކޮށްދޭން ބޭނުންވެވޮޑިގެންނެވުމުން ކަމަށް ޝައިޚް ވިދާޅުވި އެވެ.

ޝައިޚް ވިދާޅުވީ، ބަދުރު ހަނގުރާމައިގައި މުސްލިމުންނަށް ނަޞްރު ލިބިގެންދިޔައީ، އެ ނަޞްރު ދެއްވުން އެބޭފުޅުންނަށް ޙައްޤުވެގެންވާތީ ކަމުގަ އެވެ. އަދި އެބޭފުޅުންކުރި ޖިހާދުގެ ސަބަބުން، ﷲ ސުބްޙާނަހޫ ވަޠައާލާ އެކަލާނގެ ރަޙުމަތުގެ މަލާއިކަތް ބޭކަލުން ފޮނުއްވަވާ މުސްލިމުންނަށް ގަދަކަމާއި ނަޞްރު އެހަނގުރާމައިގައި ދެއްވި ކަމަށާއި، ކާފިރު، ޖައްބާރު އަނިޔާވެރިންގެ ލޭ ބިންމައްޗަށް އޮހޮރިގެން ދިޔަކަން ފާހަގަކުރެއްވި އެވެ.

ޝައިޚް ޢަލީ ޒާހިރު ވިދާޅުވީ ނަޞްރާއި ކާމިޔާބު ލިބުމަށްޓަކައި އެކަތިގަނޑަކަށްވެ، އެއްބައިވަންތަ ބަޔަކަށް އަޅުގަނޑުމެން ވާންޖެހޭ ކަމަށެވެ. އަދި އަޅުގަނޑުމެންނަކީ ކިތަންމެ ކުޅަދާނަ ހުނަރުވެރި ބައެއް ކަމުގައިވިޔަސް، އަޅުގަނޑުމެންނަކީ ސަފުތައް ރޫޅިފައިވާ ބަޔަކަށްވަނީނަމަ އަދި އަޅުގަނޑުމެންގެ ހިތްތައް އެކަކު އަނެއްކަކަށް ޖެހި ރުޅިވެރިކަން ވާނަމަ، ނަޞްރާއި ކާމިޔާބަކީ ދުރުގައިވާ އެއްޗެއް ކަމުގައި ވިދާޅުވި އެވެ. މިގޮތުން ﷲ ސުބްޙާނަހޫ ވަޠަޢާލާއަށް ކިޔަމަންތެރިކަން އަދާކުރި ޞާލިޙް އަޅުތަކުން ބަދުރު ހަނގުރާމާގައި މި ކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދެއްވި ކަމަށް ޝައިޚް ވިދާޅުވި އެވެ.

ޝައިޚް ބަޔާންކުރެއްވާފައި ވަނީ، ނަޞްރަކީ އަޅުގަނޑުމެން އަމިއްލައަށް ލިބިގަނެވޭނެ އެއްޗެއް ނޫން ކަމަށާއި، ނަޞްރަކީ ﷲ ގެ ހަޟްރަތުގައިވާ އެއްޗެއް ކަމަށެވެ. މިގޮތުން، ހަނގުރާމައިގެ ތެރޭގައި ސާބިތުވެ ހުރުމަކީ ވަރަށް މުހިންމުކަމެއް ކަމަށާއި، ދުނިޔަވީ ގޮތުން އަޅުގަނޑުމެން ބޭނުންކުރަންހުރި ހުރިހާ ވަސީލަތެއް ބޭނުންކުރުމަށްފަހުގައި، ﷲ އާ ވަކީލުކޮށްފައި ދުޝްމަނުންނާ ކުރިމަތިލާއިރު ފަހަތަށް ޖެހިގެން ނުވާނެ ކަމަށް ޝައިޚް ވިދާޅުވި އެވެ. އަދި ހަނގުރާމައިގެ މައިދާނުގައި ސާބިތުވުމަކީ މުސްލިމް މުޖާހިދުންގެ ޚާއްޞަ ސިފައެއް ކަމަށާއި، ހަނގުރާމައިގެ މައިދާނުން ފިލުން ހިމަނުއްވާފައިވަނީ ބޮޑެތި ފާފައިގެ ތެރޭގައި ކަމަށްވެސް ޝައިޚް ޢަލީ ޒާހިރު ވިދާޅުވި އެވެ.

މި ޖަލްސާގައި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙުމަދު ޝިޔާމް އާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާރ ޖެނެރަލް އަޙުމަދު މުޙައްމަދު އާއި ސިފައިންގެ ޖެނެރަލް އޮފިސަރުންނާއި އޮފިސަރުން އަދި ސިފައިންގެ ޚިދުމަތުން ޝަރަފްވެރިކަމާއެކު ރިޓަޔަރކުރައްވާފައިވާ ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ. އަދި އެކި ރޭންކުތަކުގެ ދެ ޖިންސުގެ ސިފައިންނާއި، ސިފައިންގެ އާއިލާތަކުގެ ބައެއް ބޭފުޅުންވެސް ބައިވެރިވެލެއްވިއެވެ.

އެމްއެންޑީއެފްއިން ބުނީ މި ޖަލްސާއަކީ ދީނީ ލޯތްބާއި ޤައުމީ ރޫޙް އާލާކުރުމުގެ ގޮތުން ސިލްސިލާކޮށް ސިފައިން ބާއްވަމުން އަންނަ ޖަލްސާތަކުގެ ތެރެއިން މި ރަމަޟާންމަހުގެ ތެރޭގައި ބޭއްވި މިފަދަ ދެވަނަ ޖަލްސާ ކަމަށާއި މި އަހަރުގެ ތެރޭގައި ބޭއްވި މިފަދަ ފަސްވަނަ ޖަލްސާ ކަމަށެވެ.

މި އަހަރު ކުރިން ބާއްވާފައިވާ ޖަލްސާތަކުގައި ސިފައިންނަށް ދަރުސް ދެއްވާފައިވާ ބޭފުޅުންގެ ތެރޭގައި ޝައިޚް އަޙްމަދު ސަމީރު، ޑރ. ޢަބްދުﷲ ޝިހާމް ޙަސަން، ޝައިޚް ޢަބްދުލް ޢަޒީޒް (އަޒީބެ) ހިމެނެ އެވެ.

ގުޅުންހުރި

3 ޚިޔާލު

  1. ސިފައިން މުޖާހިދުންގެ ސިފަ ޖައްސަން ޖެހޭ، މިހާރު އެބަރަގަޅުވޭ އަދިވެސް ދަރުސް ގިނަކޮށް އިސްލަމައިޒުކުރަންވީ!

  2. މިހާރުގެ ޗީފްއޮފް ޑިފެންސް އަސް ވަރަށް ބޮޑަށް ސުކުރުއަދާކުރަން…ފާއިތުވި ތިންއަހަރު ވަރަށް ބޮޑަށް މިކަހަލަކަންކަމުން ސިފައިން ވަނީ ވަރަށްބޮޑަށް ދުރައްގެންގޮސްފަ….އެމް.އެން.ޑީ.އެފް ގެ މިހާރުގެ ލީޑަރސިޕްއަށް ﷲގެ އެޔޮރަޙްމަތްލައްވާށި.އާމީން

  3. އަދިވެސް އެތާ ޕްރެކްޓިސް ކުރަނީ ޔަހޫދީންނާޢީ ނަސާރާއިންގެ ގޮތްތައް އިސްލާމީ އެއްވެސް އުސޫލެއް އަދިވެސް ނުފެނޭ……..، ހިތާމަހުރި ކަމެއް.

Your email address will not be published. Required fields are marked *