
އިސްލާމިކް މިނިސްޓްރީއާއި މީޑިއާތައް ގުޅިގެން ކުރިއަށް ގެންދިޔަ ”މިސްކިތް ފަންޑް ޓެލެތޯން“ ފެށުމުގެ ރަސްމިއްޔާތުގައި ޝައިޚް އުޘްމާން ޢަބްދުﷲ ފަންޑަށް އެހީތެރިވެލައްވަނީ - ދިއިސްލާމް ފޮޓޯ : އިބްރާހިމް އަޝްވާޤް
ރާއްޖޭގެ މިސްކިތްތައް މަރާމާތު ކުރުމަށާއި ޢިމާރާތްކުރުމަށް ހުޅުވާލާފައިވާ "މިސްކިތް ފަންޑް"އަކީ ދެމެހެއްޓެނިވި އެއްޗަކަށް ހެދުމުގެ ގޮތުން، އެފަންޑަށް މިހާތަނަށް ލިބިފައިވާ ފައިސާ ބޭނުންކޮށްގެން 10 ބުރީގެ އޮފީސް ޢިމާރާތެއް ބިނާކުރަން މަސައްކަތްކުރަމުންދާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމިކް މިނިސްޓްރީން ކުރިއަށްގެންދާ ޕްރޮގްރާމްތަކުގެ ތެރެއިން އިސްލާމީ މަރުކަޒުގައި ރޭ ބޭއްވި ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން އިސްލާމިކް މިނިސްޓަރ ޝައިޚް މުޙައްމަދު ޝަޙީމް ޢަލީ ސަޢީދު ވިދާޅުވީ މި އިމާރާތް އެޅުމުގެ ބޭނުމަކީ އެ ފަންޑަށް ލިބިފައިވާ ފައިސާ ރަނގަޅު ގޮތުގައި ބޭނުން ކުރެވި ފަންޑް ދިރިދިރި އޮންނަ އެއްޗަކަށް ހެދުން ކަމަށެވެ.
"އަޅުގަނޑުމެން ފަންޑް ހުޅުވާލުމުން އާންމުންގެ ވަރަށް ބޮޑު އެހީތެރިކަމެއް ވަނީ ލިބިގެން ގޮސްފައި. ފަންޑަށް މިހާތަނަށް 15 މިލިއަނަށް ވުރެ ގިނަ ފައިސާ ލިބިފައިވޭ. މިއީ ރާއްޖޭގައި މިފަދަ ކަމަކުން އެންމެ ގިނަ ފައިސާ ލިބުނު އަދި ތާރީހުގެ ތެރެއަށް ވެސް ވަދެގެން ދާނެ ކަމެއް. އެހެން ނަމަވެސް ފަންޑް ދިރުވުމަށް އެބަ މަސައްކަތްތަކެއް ކުރަން ޖެހޭ. މި ފައިސާ ރަނގަޅު ގޮތުގައި ބޭނުން ކުރެވި ފަންޑް ދިރިދިރި އޮންނަ އެއްޗަކަށް ހަދަން އެބަ ޖެހޭ." ޝައިޚް ޝަހީމް ވިދާޅުވި އެވެ.
މިސްކިތު ފަންޑަށް މިހާރުވެސް 15 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާއިރު، އޭގެ ތެރެއިން 4 މިލިއަން ރުފިޔާގެ މަސައްކަތް މިހާރުވެސް ރާއްޖޭގެ ރަށްރަށުގައި ކުރިއަށް ގެންދެވޭ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
މިނިސްޓަރ ވިދާޅުވީ ފަންޑުގައި މިހާރު ކިތަންމެ ގިނަ ފައިސާ ހުރިނަމަވެސް އެއަށް އިތުރުވުމެއް ނެތި ހުރިހާ ބޭނުންތަކަށް ފަންޑުން ނަގައިގެން ޚަރަދުކުރެވޭނަމަ ދާދި އަވަހަށް ހުސްވެދާނެ ކަމަށާއި އެފަދަ ހާލަތެއް ކުރިމަތިވެއްޖެނަމަ އަބަދުވެސް ޖެހޭނީ ރައްޔިތުންގެ އެހީތެރިކަމަށް އެދެން ކަމަށެވެ.
"އާންމުންގެ އަތުން އަބަދު ފައިސާ ނަގައިގެން މިކަން ކުރުމަކީ އެންމެ ރަނގަޅު ގޮތެއް ވެސް ނޫން. އެހެންވެ ފަންޑް ދިރުވުމަށް 10 ބުރީގެ އޮފީސް އިމާރާތެއް އަޅަން ނިންމީ. އޭރުން އެ ތަން ކުއްޔަށް ދީގެން ލިބޭ ފައިސާއަކީ މިސްކިތް ފަންޑަށް ލިބޭ ފައިސާ." މިނިސްޓަރ ވިދާޅުވި އެވެ.
މިނިސްޓަރ ވިދާޅުވީ މި ކަމަށް ބޭނުންވާ ބިން ސަރުކާރުން މިހާރު ހަމަޖައްސައި ދީފައިވާ ކަމަށެވެ.
އަދި އެ މިނިސްޓްރީ އާއި އިސްލާމިކް ބޭންކާއި ދެމެދު އެއްބަސްވެފައިވާގޮތުން މިނިސްޓްރީން 30 އިންސައްތަ ޚަރަދުކުރީމާ އިތުރަށް ބޭނުންވާ 70 އިންސައްތަ އެބޭންކުން ދިނުމަށް ހަމަޖެހިފައިވާ ކަމަށް ވެސް މިނިސްޓަރ ވިދާޅުވި އެވެ.
" 10 ބުރީގެ އޮފީސް އިމާރާތެއް އެޅީމާ އެތަން ކުއްޔަށް ދީގެން ލިބޭ ފައިސާއިން އިރާދަ ކުރެއްވިއްޔާ ކޮންމެ ދެ އަހަރަކުން މިސްކިތެއް ބިނާ ކުރެވޭނެ. ފަންޑުގައި މިހާރު ހުރި ފައިސާ އިން 30 އިންސައްތަ އިންވެސްޓްކޮށްގެން މިއިމާރާތް އެޅިދާނެ" ޝައިޚް ޝަހީމް ވިދާޅުވި އެވެ.
މިނިސްޓަރ އަދި ވިދާޅުވީ ރާއްޖޭގައި ކޮންމެ ސަރުކާރެއް އޮތް ނަމަވެސް އެ އިމާރާތުން ލިބޭ ފައިސާއަކީ މިސްކިތު ފަންޑަށް ލިބޭ ފައިސާއަކަށް ވާނެ ކަމަށެވެ.
















ވަރަށް އުންމީދީ އުހާވެރިޚަބަރެއް އެއްމެބޭކަލުންނަށް މަރްހަބާއާއި ޝުކުރުއަރިސްކުރަމުން، ހިތަށް އަރާއެއްޗެއް، ހަމަ ލިއެލަންބޭނުވަނީ ބިރުވެރިހިތަކާއި އެކުގައި، އެއީ ފާވިތުވި 3 އަހަރުގެ ނޭގާނީ ހުދުމުޚްތާރު ވެރިކަންފަދަ، ކަމަކުން ސަލާމަތްވެ ތިޔައިންވެސްޓުމަންޓު ބޭއްވި ދާނެތޯ ހަމަހިތަށްހާދަ އަރައޭ، ކައުންސެލަރުންގެ ޖައްބާރުކަން ހިތަށް ހަމަ އަރައޭ! މުޖްރިމުންތަކުގެ ނުލަފާކަންމަތިން ހިތަށް ހާދަ އަރައޭ! ޑާކޫ ރައީސްމަތިން ހާދަ ހިތަށް ދަތިކަން އިތުރުއަރައޭ…
ވަރަށް ރަނގަޅު ނިންމުމެއް..އެކަމަކު މީގަ މި އިމާރާތުން ލިބޭ ފައިސާ ބޭނުން ކުރެވެން ޖެހޭނީ ހަމަ އެކަނި މިސްކިތު ފަންޑަށް..އެ ނޫން ގޮތަކަށް މި ފައިސާ ބޭނުން ކުރެވިގެން ނުވާނެ..ޝަހީމްގެ ތި މަސައްކަތުގަ ﷲ ބަރަކާތް ލައްވާށި.. އާމީން..!!
ދިވެހި އިސްލާމީ ދައުލަތުގެ ބައިތުލް މާލަކީ ކޮބައިކަމެއްނޭގޭ، ބައިތުލް މާލު ހަރުދަނާކުރަން ފެނޭ، ޒަކާތު ފަންޑުވެސް އިންވެސްޓު ކުރަންޖެހޭ،
މިސްކިތް ފަނޑެއްތޯ މިޤައުމަށް އެންމެ މުހިންމީ؟ އެހުރިހާ ފައިސާއެއްގެ ބޭނުން ކޮށްގެން ކޮންމެ އަތޮޅެއްގެ އެންމެ މީހުން ގިނަ ރަށްރަށުގެ މިސްކިއްތަކުގައި ޢަރަބި ބަހާއި، ކީރިތި ޤުރުއާނުުގެ ތަފްސީރާއި، ޢަޤީދާއާއި، މިފަދަ ޢިލްމުތައް އާންމުންނަށް ހިލޭ ދަސްކޮށްދޭ ޙަލަޤަަތަކާއި ދަރުސްތައް ތަކުރާރުކޮށް، ކެނޑިނޭޅި ކުރިޔަށް ގެންދެވޭ ނިޒާމެއް އިންތިޒާމުކޮށް ހަމަޖެއްސުން މާފައިދާބޮޑުކަންނޭންގެ. މުހިންމީ ރީތި މިސްކިތްތަކެއްނޫނެެއްނޫންތޯ؟