
މި އަހަރުގެ ރަމަޟާން މަސް އިޙްޔާ ކުރުމަށް އައްޑޫ ސިޓީގައި ބޭއްވި ދެވަނަ ޖަލްސާގެ ތެރެއިން - (ކ) ޝައިޚް މުޙައްމަދު އަނީލް – ފޮޓޯ : އައްޑޫ އޮންލައިން
މި އަހަރުގެ ރަމަޟާން މަސް އިޙްޔާ ކުރުމުގެ ގޮތުން، އައްޑޫ ސިޓީ ކައުންސިލް އިދާރާގެ ސޯޝަލް ސަރވިސް ޑިޕާޓްމަންޓުން އިންތިޒާމްކޮށްގެން އިސްލާމިކް މިނިސްޓްރީގެ އެހީތެރިކަމާއެކު އެ ސިޓީގައި ބާއްވާ ތިން ވަނަ ޖަލްސާ މިރޭ ބޭއްވުމަށް ހަމަޖައްސައިފި އެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި ޖަލްސާ އޮންނާނީ މިރޭ 21:30 ގައި ފޭދޫ ސްކޫލްގެ ހޯލުގައެވެ.
ޖަލްސާގައި ތަޤްރީރު ކުރެއްވުމަށް ހަމަޖެހިފައި ވަނީ ޝައިޚް މުޙައްމަދު އަނީލް އެވެ. މައުޟޫއަކީ "ދަރިންގެ ޙައްޤުތައް" މި އެވެ.
މި ޖަލްސާގައި ސުވާލާއި ޖަވާބު ސެޝަނެއް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފަ އެވެ.
ސުވާލުތަކަށް ޖަވާބު ދެއްވާ ޕެނަލްގައި ބައިވެރިވެލެއްވުމަށް ހަމަޖެހިފައި ވަނީ ޝައިޚް އަނީލްގެ އިތުރުން ޝައިޚް ޢަބްދުއްޞަމަދު މުޙައްމަދާއި، ޝައިޚް ޙުސައިން ފަޙުމީ އަދި ޝައިޚް މުޙައްމަދު އަފީފް އެވެ.
މި ޖަލްސާ މޮޑަރޭޓް ކުރައްވާނީ ޝައިޚް ޢަބްދުﷲ ޞިއްދީޤް އެވެ.
މި ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމުގެ ގޮތުން އައްޑޫ ސިޓީގައި 5 ޖަލްސާއެއް ބޭއްވުމަށް ނިންމާފައިވާއިރު، މިހާރު ވަނީ ހުޅުމީދޫގައި އަދި ހިތަދޫގައި ޖަލްސާ ބާއްވާފަ އެވެ.
ހުޅުމީދޫގައި ބޭއްވި ޖަލްސާގައި ތަޤްރީރު ކުރެއްވީ ޝައިޚް ޖަޢުފަރު ފާއިޒް އެވެ. ހިތަދޫގައި ބޭއްވި ޖަލްސާގައި ތަޤްރީރު ކުރެއްވީ ޝައިޚް އިލްޔާސް ޙުސައިން އެވެ.
ރޭގަނޑު ބާއްވާ ޖަލްސާތަކުގެ އިތުރުން އައްޑޫ ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން އަވަށްތަކުގެ މިސްކިތްތަކުގައި ރަމަޟާން މަހުގެ ދުވަސްތަކުގެ އަސުރު ނަމާދަށް ފަހު ވެސް ދަރުސްތައް ދަނީ ބާއްވަމުންނެވެ.
މި ޕްރޮގްރާމްތަކުގައި ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވުމަށް އެ ކައުންސިލުން ދަޢުވަތު ދެ އެވެ.
















އަނިލްގެ ދަރުސެއް އަޑުއަހާލަން ވަރައް ބޭނުން. ޑައުންލޯޑު ލިންކެއް އެއްވެސް ބޭފުޅަކައް އެނގިލައްވާތޯ؟