ރާއްޖޭގެ ޚަބަރު

ޤުރުއާނާއި ސުންނަތާ އެއްގޮތަށް ޙުކުމް ތަންފީޛު ކުރެއްވުމަށް ރައީސަށް ޝައިޚް އާދަމް ޝަމީމް އިލްތިމާސް ކުރައްވައިފި

ޝައިޚް އާދަމް ޝަމީމް ދަރުސެއް ދެއްވަނީ – ދިއިސްލާމް ފޮޓޯ : އިބްރާހީމް އަޝްވާޤް

ޝައިޚް އާދަމް ޝަމީމް ދަރުސެއް ދެއްވަނީ – ދިއިސްލާމް ފޮޓޯ : އިބްރާހީމް އަޝްވާޤް

ޝައިޚް އާދަމް ޝަމީމްގެ ލިޔުއްވުން

ކީރިތި ޤުރްއާނާއި މޫރިތި ސުންނަތާ އެއްގޮތަށް ޙުކުމް ތަންފީޛު ކުރެއްވުމަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު ވަޙީދަށް، ޝައިޚް އާދަމް ޝަމީމް ބިން އިބްރާހީމް އިލްތިމާސް ކުރައްވައިފި އެވެ.
ޝައިޚް ޝަމީމްގެ ރަސްމީ ވެބްސައިޓްގައި މިއަދު ޝާއިޢުކޮށްފައިވާ ލިޔުމެއްގައި ވިދާޅުވެފައި ވަނީ، ދިވެހިންނަށް އަމާން އޮމާން ދިރިއުޅުމެއް ހޯދައިދިނުމާއި، ޤާތިލުންގެ ކިބައިން ޤިޞާޞް ހިއްޕެވުމަކީ ރާއްޖެ އާއި ދިވެހި ރައްޔިތުންގެ ވެރިކަން މާތް ﷲ ހަވާލު ކުރައްވާފައިވާ ވެރިން ކުރުން ވާޖިބު ކަމެއް ކަމަށެވެ. އަދި ޝައިޚް ވަނީ އަނިޔާވެރިންގެ ކިބައިން ޤިޞާޞް ހިއްޕެވުމަށް ރައީސަށް ގޮވާލައްވާފަ އެވެ.
ޝައިޚް ޝަމީމް ވިދާޅުވެފައި ވަނީ އެ ކަމަކީ މާތް ﷲ ގެ ރުއްސެވުން ލިބޭނެ ކަމެއް ކަމަށާއި މުއުމިނުންނާއި މުސްލިމުންގެ އިޙްތިރާމު ލިބޭނެ ކަމެއް ކަމަށެވެ.
"އަދި އަނިޔާވެރިންނާއި މުނާފިޤުންގެ ހިތުގައި މަނިކުފާނުންގެ ހައިބަތާއި ބިރު އުފެދޭނެ އެވެ. އެންމެ ފަހަރަކުވެސް ތަޖުރިބާ ކޮށްލަށްވާށެވެ. ފަޤީރު ކަމާއި އިޤްތިޞާދީ ދަތިކަމަކަށް ބިރުފުޅުގަންނަނީ ނަމަ ދެނެލައްވާށެވެ. އައްރާޒިޤް އަކީ މާތް ﷲ އެވެ. އިޤްތިޞާދު ވަނީ އެކަލާނގެ އަތްޕުޅުގަ އެވެ. އަޅުގަނޑުމެންގެ ވާޖިބަކީ އެކަލާނގެ އަމުރުފުޅުތަކަށް ބޯލަނބައި ކިޔަމަން ގަތުމެވެ. ރިޒްޤު ދެއްވާނީ އެކަލާނގެ އެވެ." ޝައިޚް ޝަމީމް ވިދާޅުވެފައި ވެއެވެ.
މާތް ﷲ ގެ ޙުކުމްފުޅުތައް ތަންފީޛު ކުރުމަކީ ޢަދްލު އިންޞާފާއި އަމަން އަމާންކަމުގެ އިތުރުން ރޯދި ބަރަކާތް އިތުރުވެ، އަތްމަތި ތަނަވަސްވެ، އިޤްތިޞާދު ފުޅާވާނެ ކަމެއް ކަމުގައި ޤުރުއާނުގެ ދަލީލުތަކުގެ އަލީގައި ޝައިޚް ޝަމީމް ބަޔާން ކުރައްވާފައި ވެއެވެ.

"މަނިކުފާނު ކަންބޮޑުވެވަޑައިގަންނަވަނީ ﷲ ގެ ޙުކުމްފުޅު ތަންފީޛް ވެއްޖެ ނަމަ އ.ދ. އާއި އަދިވެސް ކުފުރުގެ ޖަމާޢަތްތަކުން ކުރާނެ ސުވާލު ތަކާއި މެދުގައި ނޫންތޯއެވެ!؟ މަނިކުފާނުގެ އަތްޕުޅުގައި ދީނީ އަދި ޑިޕްލޮމެޓިކް އެތަކެއް ޖަވާބެއް އެބަ އޮތެވެ. މަނިކުފާނު ތިޔަ ބިރުފުޅުގަންނަވަނީ ވެރިކަން ގެއްލިދާނެތީ ތޯއެވެ؟! ހަނދުމަ ބަހައްޓަވާށެވެ! ވެރިކަން ގެންދަވާނީ އެ ދެއްވި ފަރާތުންނެވެ. މާލިކުލް މުލްކު އަކީ މާތް ﷲ އެވެ." ޝައިޚް ޝަމީމް ލިޔުއްވާފައި ވެއެވެ.

އަދިވެސް ބަޔާންކުރައްވާފައި ވެއެވެ :
"މަނިކުފާނު ތިޔަ ކަންބޮޑުވެވަޑައިގަންނަވަނީ މަނިކުފާނުގެ ކުރީގައި އިސްވެ ދިޔަ ވެރިންތަކެއް މާތް ﷲ ގެ ޙުކުމްފުޅުތައް ތަންފީޛު ނުކޮށް އޮތީތީ، ޤިޞާޞް ނުހިފައި އޮތީމައި ތޯއެވެ؟! ހަނދުމަކުރައްވާށެވެ! އެއީ ނަމޫނާއެއް ނޫނެވެ. އެއީ ދިވެހިރާއްޖޭގައި އަމަން އަމާންކަމާއި ޢަދްލު އިންޞާފު ޤާއިމު ކުރުމުން ފެއިލްވެފައިވާ ބައެކެވެ. މަނިކުފާނު ނަމޫނާ ވެރިއެއްކަމުގައި ވެލައްވަން ބޭނުންފުޅު ނަމަ މުޅި ދުނިޔޭގެ ކުރިމަތީގައި ދިވެހިންގެ ދީން؛ މާތްވެގެންވާ އިސްލާމްދީން، ދިވެހިންގެ ފޮތް؛ ކީރިތި ޤުރްއާން އަދި ދިވެހިންގެ ގޮތް؛ މޫރިތި ސުންނަތަށް ޙުކުމް ކުރައްވާށެވެ!"

ހުރިހާ ވެރީންނާއި ރައްޔިތުންނަށް ޝައިޚް ޝަމީމް ވިދާޅުވެފައި ވަނީ :

"މާތް ﷲ އަށް ތެދުވެރިކަމާ އެކުގައި އީމާން ވާށެވެ! އެކަލާނގެ ބާވައިލެއްވި ހުރިހައި އެއްޗެއް އެކުއެކުގައި ބަލައިގަންނާށެވެ! އެއީ ހުސް ވެސް ހެވާއި ލާބައެވެ. ދެ ދުނިޔޭގެ ދަރުމައާއި ޘަވާބެވެ. ސިޔާސީ އަދި އިޤްތިޞާދީ ތަރައްޤީ އާއި ކުރިއެރުމުގެ ސަބަބެވެ. އަމަން އަމާންކަމާއި އުފާފާގަތި ހަޔާތެއްގެ ސިއްރެވެ." މިހެންނެވެ.

ގުޅުންހުރި

4 ޚިޔާލު

  1. މީ ކޮންމެ ހެނުންވެސް ކުރަން ވެއްޖެ ކަމެއް

  2. އދ ގެ ޤަރާރު ތަކަށް ބެލިކަމުގައި ވިޔަސް ކޮންމެ ޖަމާއަތަކަށް ވެސް އެޖަމާއަތެއް ބޭނުން ކަންތަކެއް ޤަބޫލު ކުރުމުގެ ޙައްޤު އެބަލިބިދޭ، ދިވެހިން ޤަބޫލުކުރީ އިސްލާދީން އެދީނާއި އެއްގޮތަށް އެމީހުންގެ ދިރިއުޅުން އެމީހުންނަށް ބައްޓަން ނުކުރެވެން ވީސަބަބެއް ނެއްތާ،

  3. ޝައިޚް އާދަމް ޝަމީމަށް ހެޔޮ ޖަޒާ ދެއްވާށި

  4. މި ކަމުގަި މިގައުމުގެ ރައީސްއަށް ހެޔޮވިސްނުން ދެއްވައި އިސްލާމް ދީނުގެ ހުކުމްތައް ގާއިމުކުރުމުގެ ހެޔޮ ތައުފީގު ދެއްވާށި – އާމީން –

Your email address will not be published. Required fields are marked *