ރާއްޖޭގެ ޚަބަރު

އިސްލާމީ މަރުކަޒުގެ އިމާމު ކަމަށް ވަޒީރުންގެ ނައިބު ފެންވަރުގައި ދެ ބޭފުޅުން ޢައްޔަން ކުރައްވައިފި

ފޮޓޯ : ރައީސް އޮފީސް

 

ފޮޓޯ : ރައީސް އޮފީސް

މަސްޖިދުއް ސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމް [އިސްލާމީ މަރުކަޒު]ގެ އިމާމު ކަމުގެ މަޤާމަށް ވަޒީރުންގެ ނައިބު ފެންވަރުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު ވަޙީދު، ދެ ބޭފުޅުން ޢައްޔަން ކުރައްވައިފި އެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި އެ މަޤާމަށް ހަމަޖެއްސެވީ ދ. މީދޫ ފެހިގޭ، އައްޝައިޚް މުޙައްމަދު ލަޠީފާއި، ރ. އަލިފުށީ ޕްލާޒާ، އަލްއުސްތާޛު ހައިޝަމް މުޙައްމަދެވެ.

މި ދެ ބޭފުޅުންނަކީ ވެސް ދީނީ ރޮނގުން މަތީ ތަޢުލީމު ހާޞިލް ކުރައްވާފައިވާ ދެ ބޭފުޅުންނެވެ. އައްޝައިޚް މުޙައްމަދު ލަޠީފް، މަތީ ތަޢުލީމް ޙާޞިލް ކުރެއްވީ، ސަޢޫދީ ޢަރަބިއްޔާގެ ރިޔާޒުގެ އިމާމު މުޙައްމަދު ބިން ސަޢުދު އިސްލާމިކް ޔުނިވަރސިޓީންނެވެ. އަލްއުސްތާޛު ހައިޝަމް މުޙައްމަދު، މަތީ ތަޢުލީމު ޙާޞިލް ކުރެއްވީ، މިޞްރުގެ އަލްއަޒްހަރު ޔުނިވަރސިޓީންނެވެ.

އިސްލާމިކް އެފެއާޒް މިނިސްޓްރީން މިއަދު ބުނީ މަސްޖިދުއް ސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމް އަކީ ދިވެހިރާއްޖޭގެ އިސްލާމީ ޝަޚްޞިއްޔަތާއި އެއްބައިވަންތަކަން ރަމްޒުކޮށްދޭ ޤައުމީ މިސްކިތް ކަމުން، އެ މިސްކިތުގެ ހައިބަތާއި ޤަދަރު ބޮޑުކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި އެތަނަށް ނަމާދަށް ވަޑައިގަންނަވާ ވަރަށް ގިނަ ރައްޔިތުންގެ އެދިވަޑައިގަތުމަކަށް ރީތިކޮށް ޤުރްއާން ކިޔަވާ ވިދާޅުވާ، އަދި އިސްލާމީ ތަޢްލީމުން މަތީ ތަޢުލީމް ޙާޞިލްކުރައްވާފައިވާ ޢިލްމުވެރި ބޭފުޅުން ޝަރަފްވެރިކަމާއެކީ އިމާމުންގެ ގޮތުގައި ޢައްޔަންކުރެވުނީ ކަމަށެވެ.

އިމާމުންގެ ގޮތުގައި ދެ ބޭފުޅުން ޢައްޔަންކުރެވިފައިވާއިރު، މިހާރު އިސްލާމީ މަރުކަޒުގައި މުދިމުންގެ ގޮތުގައި ތިއްބެވި ބޭފުޅުން ވެގެންދާނީ މުއައްޛިނުން [ބަންގި ގޮވާ ބޭފުޅުން] ގެ ގޮތުގައި ކަމަށާއި އިމާމުވެ ނަމާދުކުރައްވާނީ ޢިލްމުވެރިން ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިއީ ދުނިޔޭގެ ބޮޑެތި އިސްލާމީ ޤައުމުތަކުގެ މިފަދަ ބޮޑެތި މިސްކިތްތަކުގައި ޢަމަލުކުރެވެމުން އަންނަ އުޞޫލު ކަމަށެވެ. އަދި މިއީ މުޅިން އަލަން ދިވެހިރާއްޖޭގައި ތަޢާރަފުވެގެން ދިޔަ ނުހަނު ރަނގަޅު ކަމެއް ކަމަށާއި، އެހެންވުމާއެކު، އިސްލާމިކް މިނިސްޓްރީގެ ފަރާތުން ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު ވަޙީދަށް ޝުކުރު އަދާކުރާ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

"ޢައްޔަންކުރެވުނު އިމާމުން ތިއްބަވާނީ އެންމެހާ ރައްޔިތުން ލޯބިވާނެ ފަދަ ސުލޫކީ މިންގަނޑެއްގެ ތެރޭގަ އެވެ. އެއްވެސް ބާވަތެއްގެ ސިޔާސީ ޙަރަކާތްތަކާއި އެއްވުންތަކުގައި ބައިވެރިވުމަކީ އެބޭފުޅުންނަށް އިސްލާމިކް މިނިސްޓްރީން މަނާކޮށްފައިވާ ކަންކަމެވެ. ހުރިހާ ވަގުތެއްގައި ވެސް އިސްލާމީ މަރުކަޒުގެ ޖަމާޢަތަށް ނަމާދަށް ވަޑައިގަތުމަށް ވީހާވެސް ގިނަ ރައްޔިތުންނަށް އިލްތިމާސްކޮށް އެދެމެވެ. އިސްލާމީ މަރުކަޒު ވެގެންދާނީ ދިވެހިރައްޔިތުންގެ އިސްލާމީ އެއްބައިވަންތަކަން ރަމްޒުކޮށްދޭ އެންމެ މުހިންމު ބިނާއަށެވެ." އިސްލާމިކް މިނިސްޓްރީގެ ބަޔާނުގައި ވެ އެވެ.

ގުޅުންހުރި

4 ޚިޔާލު

  1. ވަރަށް ރަނގަޅު ނިންމުމެއް. މި ދެޢިލްމުވެރިން އިމާމް ކަމަށް ހަމަޖެއްސުމުން އިސްލާމީ މަރުކަޒުގައި މިދެޢިލްމުވެރިންގެ ކްލާސްތަކެއް ފެއްޓުން ރަނގަޅުކަމަށްފެނޭ. މިސާލަކަށް އަޚްލާޤް، ފިޤްޙު، އަޅުކަން، ޤުރްޢާންގެ ތަފްސީރު ކަހަލަ ސިލްސިލާ ތަކަކަށް ބަހާލައިގެން ކުރިއަށް ގެންދެވޭ ކަހަލަ މަޢުޟޫ ތަކަކަށް ކްލާސް ހިންގުން. އަދި މީގެ އިތުރުންވެސް ޢާންމުންގެ ހިތުގައި އުފެދޭ ސުވާލުތަކަށް ޖަވާބު ދިނުމަށް ހަފްތާއަކު އެއްދުވަހު ނަމަވެސް ފޯރަމް އެއް ބޭއްވުމަކީ ފައިދާވާނެ ކަމެއް. މިދެބޭފުޅުން ޢިމާމް ކަމަށް ހަމަޖެއްސުމުން ކުރިއަށް އޮތް ރަމަޟާން މަހު ދީނީ ހޭލުންތެރިކަމުގެ ތަފާތު މަސައްކަތް ތަކެއް އިސްލާމީ މަރުކަޒުގައި ކުރިއަށް ގެންދާނެ ކަމަށް އުއްމީދު ކުރަން

  2. މާޝާﷲ!

  3. ދެބޭފުޅުން ނަށް ވެސް މަރުހަބާ، ކާމިޔާބީ ޔަކަށް އެދެން!

  4. އެބެފުޅުންގެ ޒިންމާތަކާއި މައްސޫލިއްޔަތުތައް ބަޔާންކޮށްދެއްވާ……..

Your email address will not be published. Required fields are marked *