
ޖޫން 14، 2012 - ޝައިޚް އިލްޔާސް ޙުސައިން ފުވައްމުލަކު މާދަޑު، މަސްޖިދުލް އިނާރާގައި ދަރުސް ދެއްވަނީ – މިދަރުސަށް ގިނަ ބައެއްގެ ތަރުހީބު ލިބުނު – ދިއިސްލާމް ފޮޓޯ : އަޙްމަދު ޙުސައިން
އެމްޑީޕީގެ ތިން މެންބަރުން ހިމެނޭ ޏ. ފުވައްމުލަކު މާދަޑު ކައުންސިލުން އެއަވަށުގެ މިސްކިތްތަކުގައި ޝައިޚް އިލްޔާސް ޙުސައިންގެ ދަރުސް ބޭއްވުން މަނާކޮށްފައިވަނިކޮށް، އެއަވަށުގެ ބޮޑު މިސްކިތް ކަމުގައިވާ މަސްޖިދުލް އިނާރާގައި ކާމިޔާބުކަމާއެކު ރޭ ދަރުސް ބާއްވާފައިވި އެވެ.
ފުވައްމުލަކުގެ އަވަށްތަކުގައި މިހާރު ކުރިއަށްދާ ޝައިޚް އިލްޔާސްގެ ސިލްސިލާ ދަރުސްތައް އިންތިޒާމްކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ އަޙްމަދު އަސްލަމް "ދިއިސްލާމް"އަށް މިއަދު ބުނީ ރޭ އިޝާނަމާދަށް ފަހު ދަރުސް ބޭއްވުމަށްޓަކައި، މިސްކިތުގެ ސައުންޑް ސިސްޓަމް ބޭނުންކުރުމަށް ތަޅުދަނޑި ނުދިނުމަށް މުދިމް މީހާ މަސައްކަތްކުރި ކަމަށާއި ނަމަވެސް އަތޮޅު ކައުންސިލް އިދާރާގެ ޑިރެކްޓަރަކު ތަޅުދަނޑި އަތުލުމަށްފަހު ސައުންޑް ސިސްޓަމް ބޭނުންކުރެވޭ ގޮތް ހަދާދީފައިވާ ކަމަށެވެ.
ދަރުސް ކުރިއަށްދިޔައިރު ދަރުސަށް ހުރަސް އެޅުމަށް އެމްޑީޕީގެ ބަޔަކު މިސްކިތުގެ ބޭރުގައި ހަރަކާތްތެރިވި ކަމަށާއި، ނަމަވެސް އެތަނުގައި ފުލުހުން ތިބުމާއެކު އެއްވެސް ހަމަނުޖެހުމެއް ހިނގާފައިނުވާ ކަމަށް އަސްލަމް ބުންޏެވެ.
މި ދަރުސްގައި ޝައިޚް އިލްޔާސް ވަނީ އެކުވެރިވުމަށާއި ހެޔޮ ޢަމަލުތައް ކުރުމުގައި ސާބިތުވުމުގެ މައްޗަށް ވާހަކަފުޅުދައްކަވާފަ އެވެ. އަދި މުއުމިނުންގެ ކިބާގައި ހުންނަން ޖެހޭ ޚާއްސަ ސިފަތަކުގެ މައްޗަށާއި މިސްކިތުގައި އަޅުކަންކޮށް ދީނީ ނަސޭހަތް ދިނުމުގެ މަތިވެރިކަމުގެ މައްޗަށް ޝައިޚް އަލިއަޅުވާލެއްވި އެވެ.
މިދަރުސް އަޑުއެހުމަށްޓަކައި ގިނަ ޢަދަދެއްގެ އާންމުން މިސްކިތުގައި މަޑުކޮށްފައިވެ އެވެ. އެކަމަކު، އެމްޑީޕީއަށް ނިސްބަތްވާ ބަޔަކު ވަނީ ދަރުސް އަޑުއެހުމަށް މިސްކިތުގައި މަޑުނުކޮށް ފައިބައިގެން ގޮސްފަ އެވެ.
ދަރުސް ނިންމަވާލެއްވުމަށްފަހު، ދަރުސް އަޑުއަހަން ދިޔަ މީހުން މިސްކިތުން ފޭބި ވަގުތު އެމްޑީޕީއަށް ނިސްބަތްވާ ބަޔަކު ވަނީ އެސަރަހއްދުގައި ތިބެ ޝައިޚު އިލްޔާސަށް ނިސްބަތްކޮށް "ބާޣީ"އޭ ގޮވައި ނުބައި އެއްޗެހި ގޮވާފަ އެވެ.
މާދަޑު އެމްޑީޕީގެ ޖަގަހައިން މިސްކިތާ ދިމާއަށް ދެ ލައުޑް ސްޕީކަރު ބަހައްޓައި ޓީވީގެ އަޑުގަދަކޮށްފައިވާ ކަމުގެ މަޢުލޫމާތުވެސް ލިބެ އެވެ.
ޝައިޚް އިލްޔާސް މިއަދު ވަނީ ފުވައްމުލަކު ދޫޑިގަމު މަސްޖިދުލް އައްވާބުގައި އިމާމުވެ ހުކުރު ނަމާދު ކުރައްވާފަ އެވެ. ޝައިޚް އިލްޔާސް ހުކުރު ކުރައްވަން ފެއްޓެވުމުން އެރަށުގެ އެމްޑީޕީ އެކްޓިވިސްޓަކު މިސްކިތުން ފައިބައިގެން ދިޔަ އެވެ.
މިރޭ 20:30 ގައި ފުވައްމުލަކު ސްކޫލުގައި ޝައިޚް އިލްޔާސްގެ ދަރުސެއް ބޭއްވުމަށް ރާވާފައިވާއިރު، މާދަމާ އަސްރު ނަމާދަށްފަހު ހޯދަޑު މަސްޖިދުލް ފަލާޙްގައި ޝައިޚްގެ ދަރުސެއް ބޭއްވުމަށް ވަނީ ހަމަޖައްސާފަ އެވެ. އޭގެ އިތުރުން މާދަމާރޭ 20:30 ގައި ދަޑިމަގު އެމްޖޭއެމް ސްކޫލްގައިވެސް ޝައިޚްގެ ދަރުސެއް ބޭއްވުމަށް ރާވާފައިވާ ކަމުގެ މަޢުލޫމާތު ލިބެ އެވެ.
ޝައިޚް އިލްޔާސްގެ ސިލްސިލާ ދަރުސްތަކެއް ފުވައްމުލަކުގައި ކުރިއަށްދާއިރު އެރަށުގެ އެމްޑީޕީ ބައެއް އެކްޓިވިސްޓުންގެ ފަރާތުން ދަރުސަށް ހުރަސް އެޅުމަށް ހަމަނުޖެހުން ހިންގާނެ ކަމަށް ބުނެ ގިނަ އިންޒާރުތަކެއް ދެމުންދާ ކަމަށް ދަރުސްތައް އިންތިޒާމްކުރާ ފަރާތުން ބުނެ އެވެ.
މާދަޑު ކައުންސިލުން ދާދި ފަހުން ބުނެފައި ވަނީ ޝައިޚް އިލްޔާސްގެ އިތުރުން، އިސްލާމިކް މިނިސްޓަރ ޝައިޚް ޝަހީމް އަށާއި އެމިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޝައިޚް މުޙައްމަދު ދީދީ އަށާއި ޢަދާލަތު ޕާޓީގެ ރައީސް ޝައިޚް ޢިމްރާން ޢަބްދުﷲ އަށް އެއަވަށުގެ އެއްވެސް މިސްކިތެއްގައި ދަރުސް ދިނުމުގެ ހުއްދަ އެކައުންސިލުން ނުދޭނެ ކަމަށެވެ.
އިސްލާމިކް މިނިސްޓްރީން މީގެ ކުރިން ބުނެފައި ވަނީ ދަރުސްތަކަށް ހުރަސްއެޅުމަށް މަސައްކަތްކުރަނީ އެމްޑީޕީގެ މެޖޯރިޓީ އޮންނަ ކައުންސިލްތަކުން ކަމަށާއި އެކައުންސިލްތަކާމެދު ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި ޤާނޫނީ ގޮތުން ދަރުސް ދިނުމުގެ ހުއްދަ ލިބިފައިވާ ޢިލްމުވެރިންނަށް ދަރުސް ދިނުމަށް ކައުންސިލްތަކުން ވަކި ހުއްދައެއް ނަގަން ނުޖެހޭނެ ކަމަށްވެސް އެމިނިސްޓްރީން ވަނީ ބުނެފަ އެވެ.
















ރޯދަމަސް އަންނަން ވާއިރަށް ޖަލުތައް ސާފުކޮށް މިހާރު ޖަލުތަކުގައި ތިބިމީހުން ދޫކޮށް މިއުޅޭ އެމްޑީޕީ ޝައިތާނުންތައް ޖަލަށްލާ ޖަލު ފުރާލުމަށް ގޮވާލަން، ރޯދަމަހު ޝައިތާނުން ކަސްތަޅު އެޅުވޭނެ. އެމްޑީޕީގައި މިއުޅެނީ އިސްލާމީ ދައުވަތަށް ހުރަސްއަޅާ އެބަޔަކާއި “ހަނގުރާމަ ކުރުން”ވެސް ހުއްދަބަޔެއް. އެހެން ކަމުން ހޯމް މިނިސްޓާ މިހުރިހާ އެމްޑީޕީ ޝައިތާނުން ޖަލަށް ގެންދިއުން ނޫންގޮތެއް މިހާރަކު ނެތެއްނޫން؟
މާތް ﷲ ގެ އިރާދަފުޅާއި އެކު ރާއްޖޭގައި އެއްދުވަހުން އަނެއްދުވަހަށް ދާނީ އިސްލާމް ދީން ކުރިއަރަމުންނެވެ. އަދި ރާއްޖޭގައި ތިބި އިޚްލާޞްތެރި ޝައިޚުންގެ އިޚްލާޞްތެރިކަން އިތުރުވަމުންނެވެ. އަދި އެ ބޭފުޅުންގެ ޢިލްމީ ޤާބިލުކަން އިތުރުވެ ދިވެހި މުޖުތަމަޢުގެ ހޭލުންތެރިކަން އިތުރު ވަމުންނެވެ. އަދި ހަމަ މާތް ﷲ ގެ އިރާދަފުޅާއި އެކު އިސްލާމް ދީނުގެ ޢަދާވާތްތެރިން ދާނީ ބަލިކަށިވެ ނިކަމެތި ވަމުންނެވެ.
މިފަހަރު އެމްޑީޕީ މީހުން ރޯދަވެސް ނުހިފާނެތާ ދޯ. ހަނދު ސާބިތުކުރުމާއި ރޯދަމަހުގެ ފުރަތަމަ ދުވަސް އިޢުލާންކުރާނީ “ބާޣީ” ސަރުކާރުގެ އިސްލާމިކް މިނިސްޓްރީން ވީމަ. ކޮންމެހެން މީހުންނަށް ދައްކަން ހިފާ މީހާވެސް އަމިއްލައަށް ހަނދު ފެންނަންދެން ހުންނަން ޖެހޭނީ ދޯ. އެހެން މީހަކަށް ހަނދު ފެނުނަސް އެކަންވެސް ސާބިތުކުރާނީ ގާޟީ ނުވަތަ ޙާކިމާވިއްޔަ.
ރޯވެ ރޯވެ ހުރި އަލިފާން ގަނޑަކަށް ޕެޓިރޯލް އެޅީމާ ދެންވާނެގޮތް ވިސްނާލާ.. އެބައިމީހުން ކިތަންމެ މަސައްކަތެއް ކުރި ކަމުގައިސް ﷲ ގެ ނޫރު ފަނޑެއް ނުކޮށްލެވޭނެ އެވެ. ވަﷲ އައުލަމް
ކައުންސިލް ދެންކުރާނީ ކީއް. ބުނާނެ ރައްޔިތުން ނުރުހެޔޭ ދޯ …. ދަރުސް އެއޮތީ ބާއްވަންވީތަނުގައި ބާއްވާފައި. ޝެއިޙުމެން ވަރަށް ސަޅި ތިޔަކުރާމަސައްކަތް.
ބަޔަކު ކިތަންމެ ނުރުހުނަސް ﷲގެ ދީނަށް ނަޞްރުދޭ މީހުންނާ އެކު އަބަދުވެސް އެކަލާނގެ މަދަދާއި އެޙީ ތެރިކަން ވާނެ، ޝެއިޚަށް އަބަދުވެސް އަޅުގަނޑުމެން ހެޔޮ ދުޢާކުރަން، ޝައިޚުގެ މަސައްކަތުގައި ﷲ ބަރަކާތް ލައްވައި ދީނަށް ގޮވާލުމުގައި ދެމިހުރެވޭނެ ގޮތް މިންވަރު ކޮށްދެއްވުން އެދި ﷲއަށް ދުޢާދަންނަވަން، އާމީން!