ރާއްޖޭގެ ޚަބަރު

ރާއްޖޭގައި އިސްލާމީ ޝަރީޢަތް ތަންފީޒުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ : ޑރ. މަޖީދު

ޑރ. މަޖީދު - އިސްލާމީ ޝަރީޢަތް ތަންފީޒުކުރުމަށް ގޮވާލައި މާލޭގައި ބޭއްވި އެއްވުމެއްގެ ތެރެއިން – ދިއިސްލާމް ފޮޓޯ : އިސްމާއީލް އަފްރާހް

ޑރ. މަޖީދު - އިސްލާމީ ޝަރީޢަތް ތަންފީޒުކުރުމަށް ގޮވާލައި މާލޭގައި ބޭއްވި އެއްވުމެއްގެ ތެރެއިން – ދިއިސްލާމް ފޮޓޯ : އިސްމާއީލް އަފްރާހް

ދިވެހި މުޖުތަމަޢުގައި ނާމާންކަން ބޮޑުވެ މިހާރު ހިނގަމުންދާ ބޮޑެތި ޖަރީމާތަކަށް ޙައްލެއް ގެނައުމަށް ރާއްޖޭގައި އިސްލާމީ ޝަރީޢަތް ފުރިހަމައަށް ތަންފީޒުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމުގައި ކުރީގެ އިސްލާމިކް އެފެއާޒް މިނިސްޓަރ ޑރ. ޢަބްދުލް މަޖީދު ޢަބްދުލް ބާރީ ވިދާޅުވެއްޖެއެވެ.

ޖަމްޢިއްޔަތުއްސަލަފާއި ސަންއެފްއެމްއިން ގުޅިގެން ފޮނުވާ "ސުވާލަކީ ކޮބާ" ޕްރޮގްރާމްގައި ރޭ ވާހަކަދައްކަވަމުން ޑރ. މަޖީދު ވިދާޅުވީ އިސްލާމީ ޝަރީޢަތޭ ބުނުމުން ގިނަ ފަހަރަށް އަޅުގަނޑުމެންނަށް މާނަކުރެވެނީ އެއީ ޝަރުޢީ ޙައްދުތައް ކަމުގައި ކަމަށާއި ޝަރުޢީ ޙައްދުތަކަކީ އިސްލާމީ ޝަރީޢަތުގެ ބައެއް ކަމަށެވެ. އަދި ޝަރީޢަތް ޤާއިމްކުރުމަށް އޭގެ އިތުރުން އަޅުގަނޑުމެން ކުރަންޖެހޭ ކަންތައްތައް ބައިވަރު އެބަހުރި ކަމަށެވެ.
"މިސާލަކަށް މީހެއްގެ ގައިގައި ކެނޑިފައި ހުރި ތަންކޮޅެއް، ފާރުކޮޅެއް. އެތަން ސާފުނުކޮށް ބަހައްޓާފައި ކިތަންމެވަރަކަށް އެތާ ބޭސްއެޅިޔަސް އެތަން ރަނގަޅެއް ނުވާނެ. އަޅުގަނޑުމެންގެ މުޖުތަމަޢުގައި ހުރި މައްސަލަތައް އިސްލާމީ ޝަރީޢަތުގައި އައިސްފައިވާ އުސޫލުން މިކަންތައްތައް ޙައްލުކުރަން އެބަޖެހޭ. ދިގު މުއްދަތަކަށް އަޅުގަނޑުމެން މިކަންތައްތައް ޙައްލުކުރުމަށްޓަކައި ޕްލޭންތަކެއް ރާވައިގެން ކަންތައްތައް ކުރަންޖެހެނީ." ޢަދާލަތު ޕާޓީގެ ފުރަތަމަ ވަގުތީ ރައީސްކަމާއި އަދި އެޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ ރައީސްކަންވެސް ކުރައްވާފައިވާ ޑރ. މަޖީދު ވިދާޅުވިއެވެ.
މަޖީދު ވިދާޅުވީ މުޖުތަމަޢުގައި ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ތަރުބިޔަތުގެ މައްސަލަ ކަމަށެވެ. އެހެންކަމުން ތަޢުލީމީ ނިޒާމުގެ ތެރެއިން އިސްލާމީ އުސޫލުތަކާ އެއްގޮތަށް އިސްލާމީ ރިވެތި އަދަބުތަކުގެ މަތީގައި ކުދިންނަށް ތަރުބިޔަތު ދެވޭނޭ ވެއްޓެއްގައި ކިޔަވައިދިނުން ކުރިއަށްގެންދަން ޖެހޭ ކަމަށެވެ.
އަދި އޭގެ އިތުރުން ވަށައިގެންވާ އެކި މީޑިއާގެ ވަސީލަތްތަކާއި، އަޅުގަނޑުމެންގެ ތެރޭގައި ފެތުރިފައިވާ ނާމާން ބިރުވެރި ޙާދިޘާތައް ހިނގާ ފިލްމުތަކާއި އިންޓަނެޓްގެ ޒަރީއާއިން ފެންނަ އެކި އެއްޗެހިންވެސް މީހުންގެ އުޅުމަށާއި މީހުންގެ އަޚްލާޤަށް ބަދަލުއަންނަ ކަމަށް މަޖީދު ވިދާޅުވިއެވެ.
މަޖީދު ވިދާޅުވީ އިސްލާމީ ނިޒާމުގެ ތެރެއިން ދަރިންނަށް ތަރުބިޔަތު ދެވޭނެ ނިޒާމެއް ޤާއިމްކުރަން ޖެހޭ ކަމަށާއި މީޑިއާގެ ވަސީލަތްތަކުންވެސް ރަނގަޅު ތަޢުލީމީ ޕްރޮގްރާމްތައް އުނގަންނައިދެވޭނެ ގޮތްތައް ޤާއިމްކުރަންޖެހޭ ކަމަށެވެ.
"އެއާއެކީގައި އަޅުގަނޑުމެންގެ ތެރޭގައި ހަމަހަމަ އުސޫލުން ޢަމަލުކުރެވޭނެ ޝަރުޢީ ނިޒާމެއް ޤާއިމްކުރެވެން އެބަޖެހޭ. އަޅުގަނޑުމެންގެ ތެރެއަށް މަސްތުވާތަކެއްޗާއި މިބާވަތުގެ ތަކެތި އެތެރެނުކުރެވޭނެފަދަ ހަރުކަށި ނިޒާމެއް ޤާއިމްކުރަން އެބަޖެހޭ. އެފަދަ ކުށްތައް ކުރާ މީހުންނާމެދުގައި ތަޙްޤީޤްތައް ކުރެވޭނެ ނިޒާމެއް ޤާއިމްކުރެވެން އެބަޖެހޭ. އަދި އެވަބާގައި ޖެހިފައި ތިބި މީހުންނަށް ފަރުވާދެވޭނެ ރަނގަޅު ނިޒާމެއް ޤާއިމްކުރަން އެބަޖެހޭ. މިއީ ހައްތާވެސް އިސްލާމީ ޝަރީޢަތް ތަންފީޒުކުރުމުގައި ޢަމަލުކުރަންޖެހޭ ކަންތައްތައް." މަޖީދު ވިދާޅުވިއެވެ.
މަދީނާ އިސްލާމިކް ޔުނިވަރސިޓީން ޤުރުޢާން ތަފްސީރުގެ ރޮގުން ޕީއެޗްޑީ ޙާޞިލްކުރައްވާފައިވާ ޑރ. މަޖީދު ވިދާޅުވީ ޝަރީޢަތުގައި ޙައްދު ކަނަޑައަޅުއްވާފައިވާ ކަންތައްތައް ސާބިތުކުރުމަށްވެސް ވަރަށް ހަރުކަށި އުސޫލުތަކެއް ކަނޑައަޅުއްވާފައިވާ ކަމަށެވެ. އަދި އެއުސޫލުތަކުގެ މަތިން މީހެއްގެ މައްޗަށް އެއްވެސް ޝައްކެއް ވަސްވާހެއްނެތި ކުށެއް ސާބިތުވެއްޖެނަމަ އެމީހެއްގެ މައްޗަށް އެޙައްދެއް ޤާއިމްކުރެވެން ޖެހޭ ކަމަށެވެ.
"ދުނިޔޭގެ މީހުންނަށް އެކި އަދަބުތައް، ޚާއްޞަ ގޮތެއްގައި މަރުގެ އަދަބާއި މިއެއްޗެއްސަކީ ހަމައެކަނި ދުނިޔޭގެ އިސްލާމީ ގައުމުތަކުގައި ކުރާ ކަންތައްތަކެއް ނޫން. ޣައިރު މުސްލިމް ގައުމުތަކުގައިވެސް އެކަންތައްތައް އެބަކުރޭ. އެމެރިކާއަށް ބެލިކަމުގައިވިޔަސް ވަރަށް ގިނަ ސްޓޭޓްތަކުގައި މަރުގެ އަދަބު އެބަދޭ. އަދި އަޅުގަނޑުމެންގެ އަވަށްޓެރި ބައެއް ގައުމުތަކަށް ބެލިކަމުގައިވީނަމަވެސް ހަމަ މަރުގެ އަދަބު ތަންފީޒުކުރާ ގައުމުތައް އެބަހުރި މަސްތުވާތަކެތީ މައްސަލަތަކާއި މިކަހަލަ ކަންތައްތަކުގައި." މަޖީދު ވިދާޅުވިއެވެ.

"މީހެއްގެ ގައިގައި ކެނޑިފައި ހުރި ތަންކޮޅެއް، ފާރުކޮޅެއް، އެތަން ސާފުނުކޮށް ބަހައްޓާފައި ކިތަންމެވަރަކަށް އެތާ ބޭސްއެޅިޔަސް އެތަން ރަނގަޅެއް ނުވާނެ. އަޅުގަނޑުމެންގެ މުޖުތަމަޢުގައި ހުރި މައްސަލަތައް އިސްލާމީ ޝަރީޢަތުގައި އައިސްފައިވާ އުސޫލުން މިކަންތައްތައް ޙައްލުކުރަން އެބަޖެހޭ." – ޑރ. މަޖީދު

ރާއްޖޭގެ ފިޤްހު އެކަޑަމީގެ ރައީސްކަންވެސް ކުރައްވާފައިވާ މަޖީދު ވިދާޅުވީ ދައުލަތުގައި ހިމެނޭ އެކިއެކި މުއައްސަސާތަކާއި ސަރުކަރާއި އަދި އަމިއްލަ ޖަމްޢިއްޔާ ޖަމާއައްތަކާއި އެހެނިހެން ހުރިހާ ފަރާތްތައްވެސް ގުޅިގެން މުޖުތަމަޢު އިސްލާހްކުރުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށާއި އެއީ ފުޅާ މާނައިގައި އިސްލާމީ ޝަރީޢަތް ތަންފީޒުކުރުން ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

އަމިއްލަ މަންފާއާއި އަމިއްލަ މަސްލަހަތަށްވުރެ ބޮޑަށް ގައުމުގެ މަސްލަހަތު އިސްކޮށްގެން ކޮންމެ މީހަކީވެސް ތިމާގެ ފުށުން ތިމާ އުޅޭ މުޖުތަމަޢަށް ކޮންމެވެސް ފައިދާއެއް ކުރާނެ ކަމެއް ކޮށްދެވޭނެ މީހަކު ކަމުގައި ބަލައިގެން މަސައްކަތްކުރުމަށާއި އަދި އެކަންކަން ކުރުމުގައި އިޚްލާޞްތެރިވުމަށް ޒުވާނުންނާއި ގައުމުގެ ހުރިހާ އެންމެންނަށް ޑރ. މަޖީދު އިލްތިމާސްކުރެއްވިއެވެ.
"އަމިއްލަ ޒާތީ މަންފާއަށްވުރެ ބޮޑަށް މިކަމަކީ ތިމާގެ މައްޗަށް ދީނީގޮތުންވެސް ވާޖިބުވެފައިވާ ކަމެއްކަން ދެކިގެން އެގޮތުގެ މަތިން މަސައްކަތްކުރަމާ ހިނގާށޭ. އެންމެންވެސް އެއްބަޔަކު އަނެއްބައެއްގެ ކިބައިން ބަދަލުހިފުމުގެ ރޫހު ދޫކޮށްލައި ގައުމުގެ މުސްތަގްބަލަށްޓަކައި މަސައްކަތްކުރަމާ ހިނގާށޭ. މިގޮތުގެ މަތިން އެންމެންނަށް މަސައްކަތްކުރެވިއްޖެ ކަމުގައިވާނަމަ އަޅުގަނޑުގެ ވަރަށް ބޮޑަށް އުންމީދު އެބައޮތް މުސްތަގްބަލް އުޖާލާވެގެންދާނެ ކަމަށް." ކުރީގެ އިސްލާމީ ކަންތައްތަކާބެހޭ އެންމެ މަތީ މަޖިލީހުގެ ޑިރެކްޓަރ ކަމާއި ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ މުދީރުކަންވެސް ކުރައްވާފައިވާ ޑރ. މަޖީދު ވިދާޅުވިއެވެ.

ގުޅުންހުރި

1 ޚިޔާލު

  1. މަސްތުވާތަކެތި ބޭނުަންކުރުމަކީ ފަރުވާދޭންޖެހޭ ބައްޔަކައް ވަންޏާ ރޭޕު ކުރުންވެސް ހަމަ އެފަދަ ނޫންތޯ؟ ވައްކަންކުރުންވެސް ހަމަ އެފަދަ ނޫންތޯ؟

Your email address will not be published. Required fields are marked *