
ޖޫން 2، 2012 - ރައީސް ޑރ. ވަޙީދު ހއ. ދިއްދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަނީ – ފޮޓޯ : ރައީސް އޮފީސް
އަޅުގަނޑުމެންގެ ޢާއިލާތަކާއި އަވަށްތަކާއި ރަށްތަކުގައި ބައިބައިވުން އުފެދިފައިވަނީ އިސްލާމްދީނުގެ އުޞޫލުތަކާއި އަޚްލާޤީ މިންގަނޑުތަކަށްވުރެ ސިޔާސީ ފިކުރު އިސްކުރުމުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު ވަޙީދު ވިދާޅުވެއްޖެއެވެ.
ހއ. ދިއްދޫގެ ރައްޔިތުންނާ އެރަށުގައި މިއަދު ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ކޮންމެ ޕާޓީއެއްގައި ތިއްބަސް، އަޅުގަނޑުމެން އެންމެންނަކީވެސް އެންމެންނަކީ މުސްލިމް އަޚުންނާއި އުޚުތުން ކަމަށާއި، ނަމަވެސް، ހިތާމައަކީ މިއަދު އަޅުގަނޑުމެންގެ ޢާއިލާތަކައި އަވަށްތަކާއި ރަށްތައްވަނީ ބައިބައިވެފައިވުން ކަމަށެވެ.
"މިހެން މިވާންޖެހުނީ، އަޅުގަނޑުމެންގެ ސިޔާސީ ފިކުރު، އަޅުގަނޑުމެންގެ ދީނީ އުޞޫލުތަކާއި، އަޅުގަނޑުމެންގެ އަޚްލާޤީ މިންގަނޑުތަކުގެ މައްޗަށް ގެންދިއުމުގެ ސަބަބުން. އެހެން އެކަން އޮވެގެންވާކަށް ނެތް. އަޅުގަނޑުމެންނަށް މިހާރު މިފެންނަނީ އޭގެ ނަތީޖާ. އަޅުގަނޑުމެން ކުރަންއުޅޭ ކަންތަކަށް، އޭގެ ސަބަބުން ހުރަސްއެޅޭނެ. އޭގެ ސަބަބުން ގެއްލުން ހަމަގައިމުވެސް ލިބެމުންދާނެ." ރައީސް ވިދާޅުވިއެވެ.
ރަށުގެ ތަރައްޤީއާއި، ރަށުގެ ޞުލްޙަމަޞްލަޙަތު އިސްކޮށް، ސިޔާސީ ފިކުރުތަކުން އެއްކިބާވެތިބެ ހުރިހާ ޕާޓީއެއްގެ ބޭފުޅުންވެސް މަސައްކަތްކުރުމަށް ރައީސް އެދިވަޑައިގެންނެވިއެވެ.
ހއ. އަތޮޅު ކައުންސިލްގެ މެންބަރު ޔޫސުފް ސިރާޖް، އެމްޑީޕީގެ މެންބަރެއްގެ މަޤާމުގައި ހުންނަވައިގެން، އެޖަލްސާގައި ބައިވެރިވެވަޑައިގެން ވާހަކަފުޅުދައްކަވައި ފާޅުކުރެއްވި ޚިޔާލުތަކާއި، އަތޮޅުގެ ކަންތައްތައް ހުރިނެތްގޮތް އޮޅުންފިލުއްވައިދެއްވި ކަމަށްޓަކައި، ސިރާޖަށް ރައީސް ޝުކުރުދެންނެވިއެވެ.
ރައީސް ވިދާޅުވިގޮތުގައި، 2008 ގައި އެމަނިކުފާނު ނައިބް ރައީސް ކަމަށް އިންތިހާބުކުރުމާއެކު، އޭރުއްސުރެ ޤަބޫލުކުރެއްވީ، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަޤާމުގައި ހުންނަ މީހަކުވާންޖެހޭނީ، ދިވެހި ހުރިހާ ރައްޔިތުންގެ ރައީސަކަށް ނުވަތަ ނައިބު ރައީސަކަށް ކަމަށެވެ. އަދި ވަކި ޕާޓީއަކަށް ބެލުމެއްނެތި ހުރިހާ ޕާޓީއަށް ހަމަހަމަ ގޮތެއްގައި މަސައްކަތްކޮށްދޭ ވެރިންނަށް ވާންޖެހޭނެ ކަމަށް ޤަބޫލުކުރެއްވި ކަމަށެވެ.
"ކުރީގެ ރައީސް އަރިހުގައި އަޅުގަނޑު މަސައްކަތް ކުރަމުން ގެންދިޔައިރު، އެންމެ ފުރަތަމަ ޚިޔާލު ތަފާތުވާންޖެހުނު މައްސަލައަކީ މިމައްސަލަ. އެނގިވަޑައިގަންނަވާނެ، ވަކިހިސާބަކުން އަޅުގަނޑު ވަރަށް ސާފުކޮށް ދެންނެވިން. އަޅުގަނޑުމެން ދެމީހުންނަކީ މިއީ ވަކި ޕާޓީއަކަށް ވެރިކަން ކޮށްދޭން ރައްޔިތުން އިންތިޚާބުކޮށްފައި ތިބި މީހުންނެއް ނޫނޭ. އެންމެ ފުރަތަމަ އަޅުގަނޑަށް މައްސަލަޖެހެން ޖެހުނު ހިސާބަކީ އެއީ. އަޅުގަނޑު މިއަދުވެސް ޤަބޫލުކުރަނީ ހަމަ އެގޮތަށް. ރައީސުލްޖުމްހޫރިއްޔާގެ މަޤާމާ އަޅުގަނޑު މިހާރު މި ޙަވާލުވެހުރީ. މިހާރުވެސް އަޅުގަނޑު ޤަބޫލުކުރަނީ އެގޮތަށް." ރައީސް ވަޙީދު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނު މަސައްކަތްކުރައްވަމުން ގެންދަވާނީ، ޤާނޫނުއަސާސީގައިވާ ގޮތުގެ މަތިން، ހުރިހާ ރައްޔިތުންނަށް ހަމަހަމަ ގޮތެއްގައި، ހުރިހާ ރައްޔިތުންނަށް އިޚްލާޞްތެރިކަމާ އެކީގައި، އިންޞާފްވެރިކަމާއި ޢަދުލުވެރިކަމާ އެކީގައި ކަމަށެވެ.
"އެއްވެސް ޙާލަތެއްގައި، ސިޔާސީ ގޮތުން ބަދަލު ހިފުމުގެ ރޫޙެއްގައި، އަޅުގަނޑު އެއްވެސް ބޭފުޅަކާ ދޭތެރޭގައި ކަމެއް ނުކުރާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އަޅުގަނޑު ތިޔަބޭފުޅުންނަށް އަރުވަން. ސިޔާސީ ގޮތުން ބަދަލުހިފުމުގެ ރޫޙެއްގައި، ކަމެއް ކުރަން ހަމަ ފަށާއިރަށް، އެހިސާބުން އަޅުގަނޑު މިދެންނެވި އުޞޫލުތަކާ ޚިލާފުވާނެ. ޚިލާފުނުވެއެއް އެކަން އެގޮތަކަށް ނުކުރެވޭނެ. ހަމަހަމަކަމާ އެކީގައި، އިންޞާފްވެރިކަމާ އެކީގައި ކަންކަން ކުރުމަށް، އަޅުގަނޑުމެން ކިތަންމެ ނުރުހޭ ބައެއް ތިބި ކަމުގައިވީ ނަމަވެސް، އެބަޔަކާ ދޭތެރޭގައިވެސް އިންޞާފްވެރިކަމާ އެކީގައި، ހަމަހަމަކަމާ އެކީގައި މަސައްކަތް ކޮށްދިނުން." ރައީސް ވިދާޅުވިއެވެ.
















ދީންވެރިކަން އިސްކޮށްފިއްޔާ ކާމިޔާބުވާނެ……
މަނިކުފާނަށް އެކަންކުރެވޭނީ ކިހާވަރަކަށް ކަމެއްނޭގެ…..
މިހާރުވެސް ދައުލަތުގެ ބޮޑު ދެމުއައްސަސާގައި ދީނާ އެއްގޮތަށް ތުބުޅި ބަހައްޓަން އެދިފައިވީ. މަނިކުފާނުގެ ޖަވާބު އަންނަގޮތަކުން ތީ ކާކުކަން ވަރަށް ރަނގަޅަށް އެނގޭނެ. މިހާރުވެސް ލަސްވަމުންދަނީ …… ދީނަކީ މޮޅެތި ވާހަކައެއްނޫން. ޢަމަލުން އެންގޭނެ…..