ރާއްޖޭގެ ޚަބަރު

އިސްލާމިކް މިނިސްޓްރީން ބާއްވަން އުޅުނު ދީނީ ވޯކްޝޮޕަށް ހިތާދޫންވެސް ހުރަސްއަޅައިފި

ހިތާދޫ ހުކުރު މިސްކިތުގައި ޝައިޚް ނިމާލް މުޙައްމަދާއި ޝައިޚް މުޙައްމަދު މަންޞޫރު ރޭ ދަރުސް ދެއްވަނީ – ފޮޓޯ : ހިތާދޫ އޮންލައިން

ހިތާދޫ ހުކުރު މިސްކިތުގައި ޝައިޚް ނިމާލް މުޙައްމަދާއި ޝައިޚް މުޙައްމަދު މަންޞޫރު ރޭ ދަރުސް ދެއްވަނީ – ފޮޓޯ : ހިތާދޫ އޮންލައިން

އަތޮޅުތަކުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގެ ފަރާތުން ފަށާފައިވާ ސިލްސިލާ ޕްރޮގްރާމްތަކުގެ ތެރެއިން ބ. އަތޮޅުގެ ރަށްރަށުގައި ޕްރޮގްރާމްތައް ކުރިއަށްގެންދިއުމަށް އެއަތޮޅުގައި މިހާރު ހަރަކާތްތެރިވަމުންދާ މިނިސްޓްރީގެ ޓީމުން، ހިތާދޫގައި މިއަދު ބާއްވަން އުޅުނު ވޯކްޝޮޕަށްވެސް އެރަށުގެ އެމްޑީޕީގެ އެކްޓިވިސްޓުންތަކެއް ހުރަސްއަޅައިފިއެވެ.

ހިތާދޫގައި ވޯކްޝޮޕަށް ހުރަސްއަޅާފައިވަނީ އެޓީމުން ތުޅާދޫގައި އިއްޔެ ބާއްވަން އުޅުނު ދަރުސަށާއި ވޯކްޝޮޕަށްވެސް އެރަށުގެ އެމްޑީޕީގެ ބަޔަކު ހުރަސްއަޅާފައިވަނިކޮށެވެ.

ހިތާދޫ ކައުންސިލްގެ ރައީސް ޔޫސުފް ޤާސިމް "ސަން" އޮންލައިނަށް ވިދާޅުވެފައިވަނީ، އެރަށު ސްކޫލް ކުދިންނާއި މުދައްރިސުންނަށް އަމާޒުކޮށްގެން މިއަދު ހެނދުނު ދީނީ ޕްރޮގްރާމް ހިންގުމަށް އިސްލާމިކް މިނިސްޓްރީން ތާވަލްކޮށްފައިވަނިކޮށް، އެރަށުގެ ވިއްސަކަށް މީހުން ސްކޫލް ކައިރީގައި ލަވަޖަހައި އަޑުގަދަކޮށް އެކަމަށް ހުރަސްއެޅުމުން އެޕްރޮގްރާމް ކެންސަލްކޮށްފައިވާ ކަމަށެވެ.
އަދި ސްކޫލް ކައިރިއަށް އެއްވެ އަޑުގަދަކުރި މީހުންގެ ތެރޭގައި އެރަށުގައި އެމްޑީޕީގެ ހަރަކާތްތަކުގައިއުޅޭ ބަޔަކު ހިމެނޭ ކަމަށެވެ.
މިއަދު ބާއްވަން އުޅުނު ދީނީ ޕްރޮގްރާމަށް ހުރަސްއެޅި ނަމަވެސް ރޭ އިޝާ ނަމާދަށްފަހު އެރަށު ހުކުރު މިސްކިތް [މަސްޖިދުލް މުސާ ޢަލީ] ގައި ބޭއްވި ދަރުސަށް ހުރަސްއަޅާފައިނުވާ ކަމަށް ޤާސިމް ވިދާޅުވިއެވެ.
ޝައިޚް ނިމާލް މުޙައްމަދާއި ޝައިޚް މުޙައްމަދު މަންޞޫރު އެމިސްކިތުގައި ރޭ ދަރުސް ދެއްވާފައިވަނީ އީމާންކަމާ ބެހޭގޮތުންނެވެ. ކީރިތި ޤްރުއާނާއާއި ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމްގެ ސުންނަތުން ދަލީލުދައްކަވަމުން އީމާން ކަމަކީ ކޮބައިކަން ބަޔާންކޮށްދެއްވައި ޝައިޚުން ވާހަކަދެއްކެވިއެވެ.
މިއަދު ހިތާދޫގައި ބާއްވަން އުޅުނު ޕްރޮގްރާމަށް ހުރަސްއެޅުމުން މިނިސްޓްރީގެ ޓީމް އެރަށުން ފުރާފައިވާ ކަމަށް މަޢޫލޫމާތު ލިބެއެވެ.

ތުޅާދޫއާއި ހިތާދޫގައި ދީނީ ޕްރޮގްރާމްތަކަށް ހުރަސްއަޅާފައިވާއިރު، ހދ. ވައިކަރަދޫގެ މިސްކިތެއްގައި މިދިޔަ ބުރާސްފަތި ދުވަހު އަޞްރު ނަމާދަށްފަހު ބޭއްވި ޝައިޚް އިލްޔާސް ޙުސައިންގެ ދަރުސަށާއި، އެރޭ އެރަށު ސްކޫލްގައި ބޭއްވި ޝައިޚް އިލްޔާސްގެ ދަރުސަށްވެސް ހުރަސްއެޅުމަށް އެރަށުގެ އެމްޑީޕީގެ އެކްޓިވިސްޓުންތަކެއް ލަވަޖަހައި އަޑުގަދަކޮށްހަދާފައިވެއެވެ.
މާލޭގައި ހުންނަ ފުރުޤާން މިސްކިތުގައި މިމަހު 18 ވަނަ ދުވަހުގެރޭ ބޭއްވި ޝައިޚް އިލްޔާސްގެ ދަރުސް ފެށުމުގެ ކުރިންނާއި ދަރުސްކުރިއަށްދިޔައިރު އެމްޑީޕީގެ އެކްޓިވިސްޓުންތަކެއް މިސްކިތް ކައިރިއަށް އެއްވެ ޝައިޚް އިލްޔާސާ ދިމާއަށް އަވަގުރާނަ ގޮވައި ހަޑިހުތުރު އެއްޗެހި ކިޔައި ހަޅޭއްލަވައި އަޑުގަދަކޮށް މިސްކިތުގެ ޙުރުމަތް ކަނޑާލައި ހަމަނުޖެހުން ހިންގައި ދަރުސަށް ހުރަސްއެޅުމަށް މަސައްކަތްކޮށްފައިވެއެވެ.
އައްޑޫ ސިޓީ ހިތަދޫގައި ހިންގަމުންދާ ނޫރުލް އިސްލާމް ޖަމްޢިއްޔާގެ ފަރާތުން މިމަހުގެ ކުރީކޮޅު ހިތަދޫއާއި އަދި ގުޅިފައިވާ އަވަށްތަކުގެ މިސްކިތްތަކުގައި ޝައިޚް އިލްޔާސްގެ ސިލްސިލާ ދަރުސްތަކެއް ބޭއްވުމަށް އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގައި ހުއްދައަށް އެދުމުން އެއިދާރާއިންވެސް ވަނީ އެކަމަށް ދެކޮޅުހަދާފައެވެ.

ދީނީ ދަރުސްތައް ބޭއްވިޔަނުދީ، އިސްލާމްދީނުގެ މަގަށް ހުރަސްއަޅައި، ދީނުގެ އަޑުއިވުނަނުދިނުމަށް މަސައްކަތްކުރާ ކައުންސިލްތަކުގެ މައްސަލަބަލައި، އެތަންތަނާމެދު ޤާނޫނީ ފިޔަވަޅުއަޅައިދުނުމަށް އެދި ކައުންސިލްތަކުގެ ބަލަދުވެރިޔާ، ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)އަށް މާދަމާ، އިންޝާﷲ، ހުށަހަޅުއްވާނެ ކަމަށް އިސްލާމިކް އެފެއާޒް މިނިސްޓަރ އައްޝައިޚް މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ރޭ ވިދާޅުވެފައިވެއެވެ.

ގުޅުންހުރި

3 ޚިޔާލު

  1. ކުރިން ބުނީ ސިޔާސީ މީހުން ދަރުސްދޭތީއޭ. މިފަހަރު ބުނީ މީ ތިމަންނަމެން ގަބޫލުނުކުރާ ސަރުކާރެކޯ! އެކަމަކު މިސަރުކާރުގެ ބެލުމުގެ ދަށުގައިވާ ސްކޫލުތަކަށް ދަރިން ކިޔަވަން ފޮނުވޭ. ހަމައެފަދައިން ސިއްޙީ ހިދުމަތް ދޭތަންތަނުން ބޭސްފަރުވާކުރެވޭ. ކޯޓުތަކުން ކައިވެނިކުރެވޭ. މީ އަޅެފަހެ އަރަތެއް ނޫންތޯ؟ އަޅުގަނޑު ދަންނަވާނީ މިބައިމީހުންގެ ހިތްތަކުގައި ދީނަށް އޮތްނަފުރަތޭ މީގެން މިއެނގި ހާމަވަނީ. ޔާﷲ، މިދީނުގެ އަދުއްވުންގެ ކިބައިން މިދީނާ މިވަތަން ސަލާމަތް ދެއްވަވާށި.

  2. މިމީހުންނަށް ހެޔޮ އެއްގޮތެއްވެސް ނެތް. ހަމަ ޔަޤީނުންވެސް ޝޭޚް ނިމާލަކީ ސިޔާސީ ވެގެން އުޅުއްވާ ބޭފުޅެއް ނޫން. ދެން ކީއްވެބާ؟ ޔާﷲ އަޅުގަނޑުމެންގެ މި ޝޭޚުންނަށް ނަސްރު ދެއްވާފާންދޭއެވެ. އެބޭފުޅުންގެ ފަރާތުން ހެޔޮލަފާ ޖީލެއް ބިނާކުރައްވާފާނދޭއެވެ. ﷲ ދީނީ ކަންކަމަށް ހުރަސް އަޅާ ފަރާތްތަކަށް ހެޔޮވިސްނުން ދެއްވާ ހަމަމަގަށް އަޅުއްވާ ފާނދޭއެވެ.

  3. ޝޭހުންގެ މަސަައްކަތަށް ހުރަސް އެޅި މީހުންނަށް އެމީހުންގެ ދަރިން ބާގީ ސަރުކާރުން ހިންގާ ސްކޫލަށް ފޮނުވޭ. ބާގީ ޔުޓިލިތީސް އިން ހިންގާ އިންޖީނުގޭ ކަރަންޓް ބޭނުން ކުރެވޭ. ބާގީ ހެލްތް ކޯޕަރޭޝަނުން ހިންގާ ހޮސްޕިޓަލުން ބޭސްކުރެވޭ…. މީ އަރަތެއް ދޯ

Your email address will not be published. Required fields are marked *