ރާއްޖޭގެ ޚަބަރު

މިސްކިތްތަކުގެ ހުރުމަތްކަނޑާ ސިޔާސީ ޕާޓީތަކާމެދު ފިޔަވަޅުއަޅައިދިނުމަށް ޖަމްޢިއްޔަތުއްސަލަފުން އެދެފި

ފުރުޤާން މިސްކިތުގައި މިދިޔަ ހުކުރު ދުވަހުގެރޭ ބޭއްވި ޝައިޚް އިލްޔާސްގެ ދަރުސަށް ހުރަސްއެޅުމަށް ބަޔަކު ހަމަނުޖެހުން ހިންގާތީ ފުލުހުން އެކަން މައިތިރިކުރަނީ – ދިއިސްލާމް ފޮޓޯ : އިބްރާހީމް އަޝްވާޤް

ފުރުޤާން މިސްކިތުގައި މިދިޔަ ހުކުރު ދުވަހުގެރޭ ބޭއްވި ޝައިޚް އިލްޔާސްގެ ދަރުސަށް ހުރަސްއެޅުމަށް ބަޔަކު ހަމަނުޖެހުން ހިންގާތީ ފުލުހުން އެކަން މައިތިރިކުރަނީ – ދިއިސްލާމް ފޮޓޯ : އިބްރާހީމް އަޝްވާޤް

މިސްކިތްތަކުގެ ހުރުމަތްކަނޑާ ސިޔާސީ ޕާޓީތަކާމެދު ފިޔަވަޅުއަޅައިދިނުމަށް ޖަމްޢިއްޔަތުއްސަލަފުން އިލެކްޝަންސް ކޮމިޝަންގައި އެދިއްޖެއެވެ.

ސަލަފްގެ ރައީސް އައްޝައިޚް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހީމް ސޮއިކުރައްވާ އިލެކްޝަންސް ކޮމިޝަނަށް އިއްޔެ ފޮނުވި ސިޓީގައި ބުނެފައިވަނީ ފުރުޤާން މިސްކިތަށް ނަމާދަށްއަރާ ޒުވާނުންކޮޅެއް އިސްނަގައިގެން މިދިޔަ ހުކުރުދުވަހުގެރޭ، އެމިސްކިތުގައި ބޭއްވި ދަރުސް ދެއްވި ޝައިޚަކީ ސިޔާސީ ޕާޓީއެއްގެ ބައެއް ފަރާތްތަކުން ރުޅިއަންނަ ބޭފުޅެއްކަމަށްވާތީ ކަމަށްބުނެ ދަރުސް ތެރެއަށް ހުރަސްއަޅަން މަސައްކަތްކުރުމުގެ ތެރޭގައި މިސްކިތުގެ ޙުރުމަތަށްވެސް އަރައިގަނެފައިވާ ކަމަށެވެ.
އެހެންވުމުން، އެކަން ބަލައި ފިޔަވަޅު އަޅައިދިނުމަށްއެދޭ ކަމަށާއި އެފަދަ ކަންކަން ކުރިއަށްއޮތްތަނުގައި ހިނގިޔަނުދިނުމަށް ނަޞޭޙަތްތެރިވެ، ބާރުއަޅުއްވައި އިލްތިމާސެއް ފޮނުއްވުމަށްވެސް އެދޭކަމަށް ސަލަފްގެ ސިޓީގައި ބުނެފައިވެއެވެ.

"މިސްކިތްތަކަކީ މާތް ﷲ ގެ ޙުރްމަތްތެރިވެގެންވާ ގެކޮޅުތައް ކަމަށްވީހިނދު، އެތަންތަނުގެ ޙުރުމަތް ކަނޑަން އެއްވެސް ބަޔަކަށް ފުރުޞަތުދެވުމީ، އިސްލާމީ މުޖްތަމަޢުގައި ފިތުނަފަސާދަ އުފެއްދުމެއްކަމުގައި ވުމާއި، އެކަމާމެދު އެންމެހާ އިސްލާމުން ކަންބޮޑުވާންޖެހޭ ކަމެއްކަންވެސް އަޅުގަނޑުމެން ދަންނަންޖެހެއެވެ. ނަމަވެސް ސިޔާސީ ޕާޓީ ތަކުގެ ބައެއް މީހުން އެމީހުންގެ ޒާތީ ޙަސަދަ ވެރިކަމާއި ރުޅިވެރިކަމުގައި؛ އަޚްލާޤީ އިންތަކުން ބޭރުވެ، ޝަރުޢީ ޙުދޫދުތައް ފަހަނަޅައިދާ ކަމީ މިއަދު އަޅުގަނޑުމެން ތަޖްރިބާކުރަމުން އަންނަ ހިތާމަވެރި ކަމެއްމެއެވެ. އެހެންކަމުން ޕާޓީތަކުގެ ބެލެނިވެރި މުއައްސަސާތަކާއި، އަދި ދިވެހި ދައުލަތުގެ ބެލެހެއްޓުންތެރީންގެ މައްޗަށްވެސް ލާޒިމްވެގެން ވަނީ މުޖްތަމަޢުގެ އިސްތިޤްރާރާއި އަމްނުއަމާންކަމަށްޓަކައި މިފަދަ ކަންކަމަށް ހިތްވަރު ނުލިބޭނޭފަދައިން އެކަށީގެންވާ މަސައްކަތްކޮށް، ޤައުމު އަމާންކޮށް ބޭއްވުމެވެ." ސަލަފުން ބުނެފައިވެއެވެ.

ސަލަފުން އަދި ބުނެފައިވަނީ ގައުމުގައި މީސްތަކުން ފިތުނަވެރިކޮށް، އެއުރެންގެ ދީނާއި ޢަޤީދާ ކިލަނބު ކުރުވާފަދައިން ސިޔާސީ ޕާޓީތަށް ބޭއްވުމީ އެއްވެސް ވަރެއްގެ މަޞްލަޙަތެއް ނެތްކަމެއްކަމުގައި ދަންނަވަން ޖެހޭ ކަމަށެވެ. އަދި ޕާޓީތަކުން ދަސްކޮށްދޭ އެއްޗަކީ މުސްލިމް އަޚުންނާއި އުޚްތުންގެ އަބުރަށް އަރައި، ދަނޑުފަނގާއި ގެދޮރާއި މިސްކިތްތަކުގެ ޙުރުމަތްކަނޑައި ހެދުން ކަމުގައިވަނީނަމަ، ޕާޓީތަކަކީ ޤައުމު ސުންނާފަތިކޮށް، މީސްތަކުންގެ އަބުރާއި ކަރާމާތް ގެއްލުވާލައި، މުޖްތަމަޢުގެ އަޚްލާޤީފޭރާން މުޑުދާރުކުރުމުގެ މަޤްޞަދުގައި ބަޔަކު މީހުން ހަދައިގެންތިބި އެއްޗެހިކަމުގައި ނޫނީ ނުބެލެވޭނެ ކަމަށްވެސް ޖަމްޢިއްޔަތުއްސަލަފުން ބުނެފައިވެއެވެ.

މާލޭހިޔާ ކޮށީގައި ހުންނަ ފުރުޤާން މިސްކިތުގައި މިދިޔަ ހުކުރު ދުވަހުގެރޭ ބޭއްވި ޝައިޚް އިލްޔާސްގެ ދަރުސް ފެށުމުގެ ކުރިންނާއި ދަރުސްކުރިއަށްދިޔައިރު އެމްޑީޕީގެ އެކްޓިވިސްޓުންތަކެއް މިސްކިތް ކައިރިއަށް އެއްވެ ޝައިޚް އިލްޔާސާ ދިމާއަށް އަވަގުރާނަ ގޮވައި ހަޑިހުތުރު އެއްޗެހި ކިޔައި ހަޅޭއްލަވައި އަޑުގަދަކޮށް މިސްކިތުގެ ޙުރުމަތް ކަނޑާލައި ހަމަނުޖެހުން ހިންގައި ދަރުސަށް ހުރަސްއެޅުމަށް މަސައްކަތްކޮށްފައިވެއެވެ.
އެހަމަނުޖެހުންތައް މައިތިރިކޮށްފައިވަނީ އެސަރަހައްދަށް ފުލުހުން ގޮސްގެންނެވެ. އެހަމަނުޖެހުންތަކާ ގުޅިގެން އެރޭ 5 މީހަކު ހައްޔަރުކުރުވެސް ކޮށްފައިވެއެވެ.

 

ގުޅުންހުރި

5 ޚިޔާލު

  1. ބަންޑާރަ މިސްކިއް ކައިރީގައި ތިރީދޫ ބައިގަނޑު ތިހަޅޭކެއްލެވި ކުރިން ދުވަހަކު. ޕުލުހުންވެސް އެދުވަހު އެމައްސަލަ އިލެކްްޝަނަށް ހުށަހެޅި. އިލެކްޝަނުން އެއްވެސް ފިޔަވަޅެއް އެޅިކަމެއް ހާމަކޮށްފައެއް ނުވޭ.

  2. ވިސްނަން ޖެހޭ ކަމަކީ ޕާރޓީއަށްވުރެ އިސްލާމްދީން ދެކެ ލޯބިވާ އެތައް ބަޔަކު މި ރާއްޖޭގައި އެބަ ތިބިކަން. އެކަން ފެނުނު ރަލުގެ މައްސަލައިގައި އިޖްތިހާދު ކުރި ދުވަހު. ވީމާ މި ބިމުގައި ހުރި ﷲ ގެ ގެކޮޅުތަކަށް އެފަދަ ގޮތަކަށް އަރައިގަންނަން ފުރުޞަތު ދިނުމަކީ އެމީހުން އިސްނަގައިގެން ހަނގުރާމަ އިޢުލާނު ކުރުން. ދެން އޮތްގޮތަކީ ﷲ ގެ ދީން ދެކެ ލޯބިވާ މީހުން ހަނގުރާމައިގެ ދަޢުވަތު ގަބޫލު ކުރުން. އޭރުން އަދި ރަނގަޅެއް ނޫން ދެއްތޯ؟ މީގައި ހައްލަކީ އެމީހުން އަމިއްލައަށް މިކަން ހުއްޓުން ނުވަތަ ސަރުކާރުންނާއި އިލެކްޝަނުން މިކަން ހުއްޓުވައި ދިނުން. އެންމެ ފަހުގެ ހައްލަކީ ﷲ ގެ ދީނަށް ނަޞްރު ދިނުމަށް ﷲ ގެ އަޙްޒާބުން ނިކުތުން. ހައްލަކާމެދު ސަރުކާރާއި އިލެކްޝަނާއި ޕާރޓީތަށް ވިސްނާ

  3. ޕާޓީސިސްޓަމް އުވާލާ….އަދި އިސްލާމީޝަރީއާ ޤާއިމް ކުރޭ….

  4. އެމް.ޑީ.ޕީ އާދެކޮޅަށް ހަރުކަށި ފިޔަވަޅު އެޅުމަށް ގޮވާލަން

  5. އެމް.ޑީ.ޕީ. މިނަން މިހާރު ކަންފަތުގައި ޖެހުނަސް ޒާތެއްގެ ގޮތެއް މިހާރު އަތްފަޔަށް ވެޔޭ އެބަ! ކެތްތެރިކަން ކޮޅުންލާކަމަށް މީހުން ބުނެ އުޅޭތީ އަޑުއަހަން. މިހާރު ދެން އަހަރުމެންނަކަށް ތިޔަކިޔާ ބައިގަޑަކާއިހެދީ ކޮންމެވެސް ކަމެއް ކުރަންޖެހޭ ވަގުތު އައިސްޖެހެނީހެން ހީވަނީ. ކޮންމެވެސް އަޚުންކޮޅެއް ފޭސްބުކުގައި ނަމަވެސް މިކަމާއި ސައްލާކުރަން އެބަފެނޭ!!!

Your email address will not be published. Required fields are marked *