ސަޢޫދީ ޢަރަބިޔާގެ ސްޕްރީމް ކައުންސިލް ފޮރ އިސްލާމިކް އެފެއާޒްގެ ހިލޭ އެހީގައި ރާއްޖޭގައި 11 މިސްކިތް އެޅުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ބުނެފިއެވެ.
އެމިނިސްޓްރީން މިއަދު ބުނީ މިނިސްޓަރ ޝައިޚް މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއާއި، ޑެޕިއުޓީ މިނިސްޓަރ ޝައިޚް މުޙައްމަދު ޤުބާދު އަބޫބަކުރު މިމަހުގެ 16 ން 19 ށް ސްރީލަންކާއަށް ކުރައްވާ ދަތުރުފުޅުގައި އެމަޝްރޫޢު ކުރިއަށްގެންދިއުމަށްޓަކައި ސޮއިކުރުމަށް ހަމަޖެހިފައިވާ އެމްއޯޔޫއާއި ބެހޭގޮތުން ސްރީލަންކާގައި ހުންނަވާ ސަޢުދީ ސަފީރާއެކު މިއަދު މަޝްވަރާކުރައްވާފައިވާ ކަމަށެވެ. އަދި އެމްއޯޔޫގައި ވަރަށް އަވަހަށް ސޮއިކުރާނެ ކަމަށެވެ.
މިނިސްޓްރީން ބުނީ ކޮލަމްބޯގައި ބޭއްވި އެބައްދަލުވުމުގައި، ޙައްޖުގެ ކޯޓާ އިތުރުކުރުމާއި، 500 ހާފިޒުން ތަމްރީނުކުރުމުގެ ޕްރޮގްރާމަށް މާލީ އެހީ ހޯދުމަށްވެސް މަޝްވަރާކުރެވިފައިވާ ކަމަށެވެ. އަދި ޙަރަމްފުޅުގެ އިމާމް ފަޟީލަތުއްޝައިޚް ޑރ. ޢަބްދުއްރަޙްމާން ބުނު ޢަބްދުލްޢަޒީޒް އައްސުދައިސް ރާއްޖެއަށް ވަޑައިގެންނެވުމަށް ދަޢުވަތުއެރުވުމަށް މަޝްވަރާކުރެވުނު ކަމަށްވެސް އެމިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނި ގޮތުގައި ސަޢުދީގެ ސަފީރު ވަނީ އެޤައުމުގެ ސަރުކާރުން ރާއްޖޭގެ އިސްލާމިކް އެފެއާޒް މިނިސްޓްރީއަށް ދެވެން އޮތް އެންމެ މަތީ ދަރަޖައެއްގައި އެހީތެރިކަންދެއްވާނެ ކަމުގެ ޔަޤީންކަންދެއްވާފައެވެ.
ސަޢުދީ ސަފީރުގެ އިތުރުން ސްރީލަންކާގައި ތިއްބަވާ މިޞްރު އަދި ޔުނޭޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)ގެ ސަފީރުންނާވެސް މިނިސްޓްރީގެ ވަފުދުގެ ބައްދަލުވުން ބާއްވާފައިވެއެވެ.
މިޞްރުގެ އަލްއަޒްހަރު ޔުނިވާސިޓީއާއި އިސްލާމިކް އެފެއާޒް މިނިސްޓްރީއާ ގުޅުން ބަދަހިކުރުމާއި އެޔުނިވާސިޓީގެ އިސްލާމިކް ރިސާޗް އެކަޑަމީގެ ޢިލްމުވެރިން ރަމަޟާން މަހު ރާއްޖެ ގެންނެވުމަށާއި ކުއްލިއްޔަތުއް ދިރާސަތިލް އިސްލާމިއްޔާގެ ކަންކަމުގައި އެހީހޯދުމާބެހޭ ގޮތުން މިޞްރުގެ ސަފީރާއެކު މަޝްވަރާކުރެވުނު ކަމަށް މިނިސްޓްރީން ބުނެއެވެ.
އަދި ޔޫއޭއީގެ ސަފީރާއެކު ބޭއްވި ބައްދަލުވުމުގައިވެސް މިސްކިތްތަކަށް އެހީތެރިކަން ހޯދުމަށް މަޝްވަރާކުރެވުނު ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ، މިބައްދަލުވުންތަކުގައި މިނިސްޓަރ ޝަހީމާއި، ޑެޕިއުޓީ މިނިސްޓަރ ޤުބާދާއި ސްރީލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ވެރިން ބައިވެރިވެލެއްވި ކަމަށެވެ.
ސަޢޫދީ ސަރުކާރުގެ ހިލޭ އެހީގައި 11 މިސްކިތް އަޅަނީ

މާލޭގެ މިސްކިތެއް - ދިއިސްލާމް ފޮޓޯ
















ރަގަޅުކަން ކަން. ކުރަން ސަލާމް ޖަހައިގެން ކުރަނީ ރަގަޅުކަން ކަންބާ؟ މީގެ ކުރީގައިވެސް އެތަކެއް އެހީ އަރަބި އިސްލާމީ ޤައުމުތަކުން ރާއްޖެޔަށް ވެފައިވަނީ އެކަމުގެ ރަގަޅު ފައިދާއެއް ފެނިފަކާ ނެތް، ކުޑަ މަދު މީސްކޮޅެއް އުޅޭ ޤައުމަކަށް ވަރަށް އެހީލިބޭ؟
މާޝާ ﷲ… ޝެއިޚް ޝަހީމް ތިޔަ ކުރައްވާ މަސައްކަތްޕުޅުތަކަށް އައްސަރިބަހާއި ސާބަސް ރައްދުކުރަން… ﷲ ޝެއިޚަށް ސާބިތުކަން ދެއްވާ ދީނަށް ޚިދުމަތްކުރުން މަތީ ލަހައްޓަވާށި!
މިސްކިތް އެކަނި މަރާމާތުކެއްގެން ވާކަށެއްނެއް މިސްކިތުގައި ނަމާދު ކުރާމީހުންވެސް މަރާމާތުކޮށް އަހަރަކު އެއްފަހަރު ވިޔަސް އާާަބާތުރަ ފިލުވަން އެބަޖެހޭ، ދަބަރު ފިލުވާ އަލިކުރަން އެބަޖެހޭ، މިޒަމާނުގައި އުޅޭ ގިނަމީހުން ހިތުގައި ވަނީ ދަބަރު ޖަހާފައި؟
މިސްކިތްތައް މަރާމާތު ކުރުމާއި އާ މިސްކިތްތައް ބިނާކުރުމަށް ވަރަށް ތާއީދު ކުރަން. ހަމަ އެފަދައިން ރަނގަޅު މުދިމުން ނެތް މިސްކިތަތަކަށް ރަނގަޅު މުދިމުން ހޯއްދަވައި ދެއްވުންވެސް އެދެން.
މުޙައްމަދު އިބްރާހީމް ފާހަގަކުރައްވާފައިވާ މިސްކިތްތަކަށް ރަނގަޅު މުދިމުން ހޯއްދެވުމުގެ މުހިއްމުކަން ވަރަށް ބޮޑުކަމަށް އަޅުގަޑުވެސް ގަބޫލުކުރަމެވެ. އަޅުގަޑަށް މިފަދަ ކޮމެންޓްތަކަށް ވަރަށް ތާއީދު ކުރެވެއެވެ. މުދިމުންނަކީ ނުވަތަ އިމާމުންނަކީ އިސްލާމް ދީނުގެ ޞައްޙާ އަޤީދާ ރަގަޅަށް އެނގޭ، ދީނީ ކަންތައްތަކަށް އަހުލުވެރި، ރީތިކޮށް ތަޖުވީދުގެ ހަމަތަކާއި އެއްގޮތަށް ޤުރްއާން ކިޔަވަން އެގޭ، އަދި ކީރިތި ޤުރްއާން ހިތުދަސް ބަޔަކަށް ވުމަކީ ވަރަށް މުހިއްމުކަމެއް ކަމުގައި އަޅުގަޑު ދެކެމެވެ. މިކަންތައްތަކަކީ އަވަސް މުއްދަތެއްގެ ތެރޭގައި އެއްފަހަރަކާ ކުރެވޭނެ ކަންތަކެއް ނޫންކަން އަޅުގަޑަށް ވެސް އެނގެއެވެ. އެހެންނަމަވެސް ރަގަޅުގޮތުގައި އިޚްލާޞްތެރިކަމާއިއެކު ކުރެވޭ ދެމެހެއްޓެނިވި މަސައްކަތް ތަކުން ފައިދާކުރާނެކަން ކަށަވަރެވެ. ދުރު މުސްތަޤްބަލަކަށް ރަގަޅު ތަޞައްވުރެއް އޮތްކަމަށްވަންޏާ މާތް ﷲ ގެ އިރާދަފުޅާއިއެކު ކަންތައްތައް ދާނީ ރަގަޅަށެވެ. 500 ޙާފިޡުން ތަމްރީނު ކުރުމުގެ މަޝްރޫޢަކީ ވެސް އިތުރު އިމާމުން އުފެއްދުމަށް ވެސް ކޮށިގެންދާނެ މަގެއްކަމަށް އަޅުގަޑު ދެކެމެވެ. އަޅުގަޑު އެދެނީ ރާއްޖެއަށް އިސްލާމީގޮތުން ކުރިއެރުން ލިބުމެވެ.