ރާއްޖޭގެ ޚަބަރު

ތިން ރަށެއްގައި ޤުރުއާނާބެހޭ މަރުކަޒުގެ ސެންޓަރުތައް ހުޅުވަނީ

ޤުރުއާނާބެހޭ މަރުކަޒް - ފޮޓޯ : ހަވީރު ނޫސް

ޤުރުއާނާބެހޭ މަރުކަޒް - ފޮޓޯ : ހަވީރު ނޫސް

ތިން ރަށެއްގައި ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ ސެންޓަރުތައް ހުޅުވުމަށް ހަމަޖައްސާފައިވާ ކަމަށް އެމަރުކަޒުން މިއަދު ބުނެފިއެވެ.

ޤުރުއާނާބެހޭ މަރުކަޒުގެ ޑެޕިއުޓީ ޕްރިންސިޕަލް ޢަބްދުﷲ ސަޢީދު "ދިއިސްލާމް"އަށް މަޢުލޫމާތުދެއްވަމުން މިއަދު ވިދާޅުވީ އެމަރުކަޒުގެ ގޮފިތައް ހަދަން ނިންމާފައިވަނީ ބ. ހިތާދޫއާއި، އައްޑޫ ސިޓީ ހުޅުމީދޫގެ އިތުރުން ލ. އަތޮޅުގެ ރަށެއްގައި ކަމަށެވެ. ލ. އަތޮޅުގައި ސެންޓަރު ހަދާ ރަށެއް އަދި މުޅިން ނިންމާފައިނުވާ ކަމަށާއި، އެއަތޮޅުގެ ފޮނަދޫ ނުވަތަ ގަމުގައި ސެންޓަރު ހެދުމަށް މަޝްވަރާކުރެވެމުންދާ ކަމަށް ސަޢީދު ވިދާޅުވިއެވެ.
އަދި ހިތާދޫގައި ސެންޓަރު ހިންގުމަށް އަމިއްލަ ފަރާތަކުން އަޅާފައިވާ ޢިމާރާތެއް މިހާރު ހަމަޖެހިފައިވާ ކަމަށްވެސް ސަޢީދު ވިދާޅުވިއެވެ.
ސަޢީދު ވިދާޅުވީ މިތިން ރަށުގައި ހުޅުވާ ސެންޓަރުތަކުގައި ޤުރުއާނާބެހޭ މަރުކަޒުން ހަމައެކަނި ކުރާނީ ކޯސްތައް ހިންގުމުގެ މަސައްކަތާއި މުދައްރިސުންނަށް މުސާރަދިނުން ކަމަށެވެ. އަދި ކޯސްތައް ހިންގުމަށް ޢިމާރާތް ހަމަޖެއްސުމާއި، ޢިމާރާތް ބެލެހެއްޓުމާއި، ކަރަންޓް ބިލްދެއްކުމާއި، އިދާރީ މަސައްކަތްތައްފަދަ އެހެނިހެން ކަންތައްތައް ކުރާނީ އެރަށަކުން އެކަމަށް ހުށަހަޅާ ފަރާތަކުން ކަމަށް އޭނާ ވިދާޅުވިއެވެ.
މިސެންޓަރުތަކުގައި ކިޔަވައިދިނުން އަންނަ ރަމަޟާން މަހުގެ ކުރިން ފެށުމަށް ތައްޔާރީތައްވުމަށް މަޝްވަރާކުރެވެމުންދާ ކަމަށްވެސް ޢަބްދުﷲ ސަޢީދު ވިދާޅުވިއެވެ.
މިދިޔަ އަންގާރަ ދުވަހުގެރޭ ޓީވީއެމްގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް އައްޝައިޚް މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެފައިވަނީ ތިން ރަށެއްގައި ޤުރުއާނާބެހޭ މަރުކަޒުގެ ގޮފިތައް ހުޅުވަން ހަމަޖައްސާފައިވާ ކަމަށާއި، އެކަމަށްޓަކައި އެރަށްރަށުގެ ކައުންސިލްތަކާއި ރައްޔިތުންގެ އެހީތެރިކަން ބޭނުންވާ ކަމަށެވެ.
އަދި ފުވައްމުލަކުގައި ހުންނަ ޤުރުއާނާބެހޭ މަރުކަޒުގެ ސެންޓަރު ހިންގަމުންދާ ޢިމާރާތަކީ އެރަށުގެ ކައުންސިލުންނާއި ރައްޔިތުން ދިން ހަދިޔާއެއް ކަމަށާއި އެރަށުގެ ބޭފުޅުން ވޮލަންޓިއަރކޮށް އެތަނުގައި މަސައްކަތްކޮށްދެއްވާފައިވާކަންވެސް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

ޤުރުއާނާ ބެހޭ މަރުކަޒުގެ ސެންޓަރުތައް މީގެ ކުރިން ޤާއިމްކޮށްފައިވަނީ ފ. ނިލަންދޫއާއި ޅ. ނައިފަރާއި ގދ. ގައްދޫއާއި ޏ. ފުވައްމުލައް އަދި އައްޑޫ ސިޓީ ހިތަދޫގައެވެ.
ކީރިތި ޤުރުއާނާ ބެހޭ މަރުކަޒަކީ ޑިސެމްބަރ 22، 2000 ގައި އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛް މައުމޫން ޢަބްދުލް ޤައްޔޫމް އުފެއްދެވި މުއައްސަސާއެކެވެ. ކީރިތި ޤުރުއާނާ ބެހޭ ޢިލްމު ފޯރުކޮށްދިނުމަށް އުފައްދާފައިވާ އެމަރުކަޒު މިހާރު ހިންގަމުންދަނީ އިސްލާމިކް އެފެއާޒް މިނިސްޓްރީގެ ދަށުންނެވެ.
އެމަރުކަޒުގެ މަޤްޞަދަކީ ކީރިތި ޤުރްއާނާބެހޭ މަޢުލޫމާތު ރާއްޖޭގެ ރައްޔިތުންނަށް އަންގައިދީ ޤުރުއާނާބެހޭ ދިރާސާތައްކޮށް އެފަދަ ދިރާސާތައް އާންމުކުރުމާއިއެކު ޤުރުއާނުގެ ޢިލްމު ފުޅާ ދާއިރާއެއްގައި ދިވެހިރާއްޖޭގައި ފެތުރުމެވެ.

ގުޅުންހުރި

1 ޚިޔާލު

  1. 12 އަހަރު ވީއިރު އެތަނުން ކުރެވުނު ދިރާސާއެއް އަދި ނުފެނޭ އޮތްނަމަ މި ސައިޓް މެދުވެރިކޮށް ނަމަވެސް ގެނެސްދިނުން މުހިންމު ކަމުގައި ދެކެން.

Your email address will not be published. Required fields are marked *