
މެއި 10، 2012 ދުވަހުގެރޭ ޝައިޚް އާދަމް ޝަމީމް ފުރުޤާން މިސްކިތުގައި ދަރުސް ދެއްވަނީ – ދިއިސްލާމް ފޮޓޯ : އިބްރާހީމް އަޝްވާޤް
ފަލަޞްޠީނާއި، އިރާޤާއި، އަފްޣާނިސްތާނާއި، ސީރިއާއާއި، ކަޝްމީރު ފަދަ ތަންތަނުގައި އިސްލާމްދީނުގެ ޢަދާވާތްތެރިން މުސްލިމުންނާމެދު އަނިޔާވެރި ޢަމަލުތައް ހިންގައި، މުސްލިމް އަޚުންނާއި އުޚުތުންނާއި މައުސޫމް ޅަދަރިން ޙައްޤަކާ ނުލައި ޤަތުލުކޮށް މަރާ އަލިފާންރޯކޮށް ސުންނާފަތިކުރަމުންދާއިރު، ދިވެހިރާއްޖެއަށްވެސް މިނުރައްކާތެރިކަން މާދަމާ ކުރިމަތިވެދާނެކަމުގެ ބިރު އެބައޮތްކަމަށާއި، އަޅުގަނޑުމެންނަށް މިމުޞީބާތާ ކުރިމަތިވުމަކީ ދުރުކަމެއް ނޫން ކަމުގައި އައްޝައިޚް އާދަމް ޝަމީމް ބިން އިބްރާހީމް ވިދާޅުވެއްޖެއެވެ.
ޒުވާނުންކޮޅެއް އިސްނަގައިގެން މިދިޔަ ބުރާސްފަތި ދުވަހުގެރޭ "އުންމަތަށްޓަކައި ކަރުނައެއް" މިމައުޟޫއަށް ފުރުޤާން މިސްކިތުގައި ބޭއްވި ދަރުސްގައި ވާހަކަދައްކަވަމުން، ޝައިޚް ޝަމީމް ވިދާޅުވި ގޮތުގައި، އެކަމުގެ ސަބަބަކީ، ﷲ އެއްކައުވަންތަކޮށް، އެކަލާނގެއަށް މެނުވީ އަޅުކަން ނުކުރެވޭނެ ކަމަށް ބުނާ މީހުން ރާއްޖޭގައި ވަރަށް ގިނަވުމުންނެވެ.
"އަޅުގަނޑުމެންގެ ތެރޭގައި، މާތް ﷲގެ ފޮތް، ކީރިތި ޤުރުއާނާއި މާތް ނަބިއްޔާ ޞައްލަﷲ އަލައިހިވަސައްލަމްގެ ސުންނަތް އެއީ އެންމެ މޮޅު ޝަރީޢަތް ކަމުގައި، އެއީ އަޅުގަނޑުމެންގެ ސިޔާސަތު ކަމުގައި، އެއީ އަޅުގަނޑުމެންގެ އިޤްތިޞާދު ކަމުގައި، އެއީ އަޅުގަނޑުމެންގެ ޤާނޫނާއި ޤަވާއިދު ކަމުގައި، އެއީ އަޅުގަނޑުމެންގެ ތެރޭގައި އޮންނަންޖެހޭ އަޚްލާޤް ކަމުގައި ބުނާ ބަޔަކު އަޅުގަނޑުމެންގެ ތެރޭގައި ގިނަވީމާ، އެކަމުގެ ޢަދާވާތްތެރިކަމުގެ ބަދަލު އެބައިމީހުން ހިފާނެ. އެބައިމީހުން ބޭނުންވާނެ ހިފަން. ﷲގެ ރަޙްމަތުން ސަލާމަތްވި ބަޔަކު ސަލާމަތްވީ. އެހެންނޫނިއްޔާ އަޅުގަނޑުމެންގެ ތެރެއިން ދިރިތިބި މީހުން އަޅުގަނޑުމެންގެ މިދީން ސަލާމަތްކުރުމަށްޓަކައި ﷲގެ ދީނުގައި ނުހިފަހައްޓައިފިނަމަ، މިއަދުން ފެށިގެން ސަލާމަތުގެ، ރައްކާތެރިކަމުގެ މަގުގައި ނުހިފަހައްޓައިފިނަމަ، އަޅުގަނޑުމެން ޣާފިލްކަމުން ނުހޭލައިފިނަމަ، ﷲ ގަންދީ ބުނަން، އަޅުގަނޑުމެންގެ އިސްވެދިޔަ އުންމަތްތަކުގައި ވީފަދައިން، މިއަދު އަޅުގަނޑުމެންގެ އިސްލާމީ ގައުމުތަކުގައި ކަންވާފަދައިން، އަޅުގަނޑުމެންނާވެސް އެގޮތް ކުރިމަތިވާނެ. އެހެނީ، ﷲ ތަބާރަކަ ވަތައާލާ، އެކަލާނގެއަށް އީމާންވީ މީހުން އިމްތިހާނުކުރައްވާނެ. އެބައިމީހުންނަށް ކުރެވޭ ކުށްފާފަތަކުގެ ބަދަލުގައި ދުނިޔެމަތީގައިވެސް އޭގެ ބަދަލުގައި ސަޒާއެއް ނުވަތަ އިމްތިހާނެއް ފޮނުއްވަފާނެ. އެއީ މާތް ﷲގެ ވަޢުދު." ޝައިޚް ޝަމީމް ވިދާޅުވިއެވެ.
ޝައިޚް ވިދާޅުވީ، އެހެންކަމުން، އަޅުގަނޑުމެން އަބަދާއަބަދު ﷲ އަށް ތައުބާވެ، އެކަލާނގެއަށް ތަޤްވާވެރިވެ، އެކަލާނގެ ދީނުގައި ވަރަށް ވަރުގަދައަށް ހިފަހައްޓަންޖެހޭ ކަމަށެވެ. އެހެން ނުވެއްޖެއްޔާ، އެއުންމަތްތަކުގެ، އެގައުމުތަކުގެ މުސްލިމުންނަށް ދެމުންދާފަދައިން އަޅުގަނޑުމެންނާމެދުވެސް އަނިޔާކޮށް ކަންކުރެވުން ކައިރި ކަމަށެވެ.
"އަޅުގަނޑުމެންގެ ތެރޭގައިވާ ބައެއް ޢަދާވާތްތެރިންވެސް ދުލުން އެވާހަކަ އޮތީ ބުނެފައި. އެބައިމީހުން ރުޅިއަންނަ ވަގުތުތަކުގައި އެބައިމީހުންގެ ޙަޤީޤަތް ދަނީ ފާޅުވަމުން. ބައެއް މީހުން ބުނާނެ، މި"މުއްލާއިންތައް" މަރަންވީއޭ! އަނެއްބައި މީހުން ބުނާނެ، މި"ހަރުކަށި މީހުންތައް" ދުވަސްދުއްވާލަންވީއޭ! އަނެއްބައިމީހުން ބުނާނެ މިބައިމީހުންނަށް އެވެނި މިވެނި ގޮތެއް ހަދަންވީއޭ! ކީކޭތޯ މިބުނެވެނީ؟ ....އެއީ ހަމައެހެން ތިބެފައި ދައްކާ ވާހަކައެއް ނޫން. އެކަމަކު، މި"މުއްލާއިން"ގެ "ކުށަކީ" ކޮބާތޯ؟ އެބައިމީހުންގެ "ކުށަކީ" އިސްވެދިޔަ ވާހަކައިގައި އަސްހާބުލް އުހްދޫދުގެ އަހުލުވެރިންގެ "ކުށް". އެބައިމީހުންގެ "ކުށަކީ" ފިރުއައުނުގެ ޤަބީލާގެ، އޭނާގެ ޖަމާޢަތުގެ ތެރޭގައި އީމާންވީ މީހުންގެ "ކުށް". އެބައިމީހުންގެ "ކުށަކީ" މައްކާގެ ޢަރަބިންގެ ތެރެއިން ރަސޫލުﷲ ޞައްލަﷲ އަލައިހިވަސައްލަމްއަށް އީމާންވީ އަހުލުވެރިން އެކުރި "ކުށް". އެބައިމީހުންގެ "ކުށަކީ" ޣައްޒާއާއި، ފަލަޞްޠީން، އިރާޤާއި، އަފްޣާނިސްތާން، ކަޝްމީރާއި، ޝީޝާން [ނުވަތަ] ޗެޗްނިޔާ އަދި ބޮސްނިޔާ ފަދަ ތަންތަނުގައި މުސްލިމުން ކުރަމުންގެންދާ "ކުށް". އެބައިމީހުންގެ ކުށަކީ މިއަދު އަޅުގަނޑުމެން ކުރަމުންގެންދާ "ކުށް". ﷲ އެއްކައުވަންތަކޮށް، އެކަލާނގެއަށް އީމާންވެ، އެކަލާނގެއަށް އަޅުކަންކުރުމުގެ އެ"ކުށް". އެއީ އަޅުގަނޑުމެންގެ "ކުށަކީ". އެ"ކުށުގެ" ސަޒާ އެބައިމީހުން އަޅުގަނޑުމެންނަށް ދޭން ބޭނުންވަނީ." ޝައިޚް ޝަމީމް ވިދާޅުވިއެވެ.
ޝައިޚް ވިދާޅުވީ މުސްލިމުންނަށް އަނިޔާވެރިވުމަކީ ހަމައެކަނި ފަލަސްތީން، އިރާޤް، އަފްޣާނިސްތާން، ސީރިއާ، ކަޝްމީރު ނުވަތަ އޭގެ ކުރީގެ ގައުމުތަކަށް ޚާއްޞަ ކަމެއް ނޫން ކަމަށާއި އެހިސާބުން ނިމޭ ކަމެއްވެސް ނޫން ކަމަށެވެ. އަދި އެއީ ނުރައްކާތެރި ކަމެއް ކަމަށެވެ.
"އަޅުގަނޑުމެންގެ ތެރެއިން ކިތައް މީހުންނަށްތޯ އިސްލާމުންގެ ޙާލަތު ޚަބަރެއްގެ ގޮތުގައި ބަލާލަން ވަގުތު ލިބުނީ؟ އަޅުގަނޑުމެންގެ ތެރެއިން ކިތައް މީހުންނަށްތޯ އިސްލާމުންނަށް ލިބެމުންދާ އަނިޔާއާ މެދުގައި ކަންބޮޑުވެ ދެރަވެލަން ވަގުތުކޮޅެއް ލިބުނީ؟ އަޅުގަނޑުމެންގެ ތެރެއިން ކިތައް މީހުންތޯ އެކަމާ ވަގުތު ހޭދަކުރީ؟ އަޅުގަނޑުމެންގެ ތެރެއިން ކިތައް މީހުންތޯ އަޅުގަނޑުމެންގެ ދުޢާތަކުގައި، އަޅުގަނޑުމެންގެ ނަމާދުތަކުގައި އިސްލާމްދީނާއި މުސްލިމުންނަށްޓަކައި ދުޢާކުރަނީ؟" - ޝައިޚް ޝަމީމް
"ދުޝްމަނުންގެ އަނިޔާވެރިކަން، އެބައިމީހުންގެ ރުޅިވެރިކަމާއި އެބައިމީހުންގެ ޢަދާވާތްތެރިކަން، އަޅުގަނޑުމެންނާމެދުވެސް އޮތީ އެގޮތަށް. އެބައިމީހުންގެ މިސާލަކީ ބަނޑުހައިގެންފައިވާ، ބަނޑަށްޖެހިފައި ކާންބޯން ނުލިބިފައިވާ ސިންގާއެއްގެ މިސާލު. އެބައިމީހުންގެ އަތުގައި އަޅުގަނޑުމެންގެ މިއްލަތު، އަޅުގަނޑުމެންގެ މިއުންމަތް ޖެހޭ ކޮންމެ ވަގުތެއްގައި އެބައިމީހުން މިއުންމަތް ނޮޅާ ފުނޑުފުނޑުކޮށްލާނެ. ޔަޤީންކުރޭ! ﷲ ގަންދީ ބުނާ ތެދު، ﷲ ގަންދީ ހުވާކޮށްފައި ބުނާ ބަހެއް މިއީ. އެދުޝްމަނުން، އެޢަދާވާތްތެރިން އިސްލާމީ އުންމަތުގެ އެއްވެސް ގައުމެއް، އެއްވެސް މުޖުތަމަޢެއް، އެއްވެސް ޖަމާޢަތެއް، އެއްވެސް ޤަބީލާއެއް ދޫނުކުރާނެ. އެބައިމީހުން އެބައިމީހުންގެ ޝިރުކުގެ މަތީގައި އެބައިމީހުން ޝަރީކުކުރާ ފަރާތްތަކަށް އަހުދުކަޝަވަރު ހިފައިގެން އެތިބެނީ، ތިމަންމެން ޝިރުކާއި ކުފުރު ފަތުރާނަމޭ، ތިމަންމެން އަޅުކަންކުރާ ޝައިޠާނާއާއި ދައްޖާލުގެ ކަންތައްތައް ތަހުޒީބުގެ ނަމުގައި ސައިންސާއި ޓެކްނޮލޮޖީގެ ނަމުގައި ނުވަތަ އެނޫން ކޮންމެވެސް ނަމެއްގައި ފަތުރާނަމޭ." ޝައިޚް ޝަމީމް ވިދާޅުވިއެވެ.
ޝައިޚް ޝަމީމް ވިދާޅުވި ގޮތުގައި ދުޝްމަނުން މަސައްކަތްކުރަމުންދަނީ، އިސްލާމްދީނުގައި ހިފަހައްޓައިގެން ތިބި، އެމީހުންގެ ނަމުންނަމަ "ހަރުކަށި ޓެރަރިސްޓުން" ނުވަތަ އިސްލާމްދީނަށް ޢަމަލުކުރާ "މެދުމިނުން ކައްސާލާފައިވާ" އެންމެން ފަނާކޮށް ހަލާކުކުރާނެ ކަމުގެ ވިސްނުމުގައެވެ. އެގޮތުން އެއްތަނަށްފަހު އަނެއް ތަނެއް، އެއް ޖަމާޢަތަކަށްފަހު އަނެއް ޖަމާޢަތެއް ހަލާކުކުރަމުންދާ ކަމަށެވެ.
"މިކުޑަކުޑަ ދިވެހިރާއްޖެއަށް 100 ޕަސެންޓް [މުސްލިމް ގައުމެކޭ] ކިޔާތީ އެބައިމީހުންގެ ލޮލަށް ނިދިނާދޭ. އެހެންވީމާ އެތައް ޒަމާނަކުއްސުރެ އެބައިމީހުން މަސައްކަތްކުރަމުން އައިސް އެމީހުން ކާމިޔާބުކޮށްފައި އެވަނީ. އަޅުގަނޑުމެންގެ ތެރޭގައި މީގެ 10 ވަރަކަށް އަހަރުގެ ކުރީގައި، ﷲ އަށް ކާފަރުވެ، އެކަލާނގެ ޝަރީޢަތަށް ކާފަރުވެ، ފާޅުގައި މިދީނާ އިދިކޮޅަށް ބަސްބުނާ މީހުން އަޅުގަނޑުމެން އަޑެއްނާހަމު. ނުވެސް ދެކެން. ފާފަކުރާ މީހުން ފާފަކުރޭ. އެހެން ނަމަވެސް، އެބައިމީހުން އެބައިމީހުންގެ ހިތުން އިޤްރާރުވޭ، އެބައިމީހުންގެ ދުލުން އިޤްރާރުވޭ ތިމަންނަ މިކުރެވުނީ ނުބައި ކަމެއްކަން. ތިމަންނަ ތައުބާވާން ޖެހޭނެކަން. ތިމަންނައަށް އެކަމުގައި އަޒާބު ލިބޭނެކަން." ޝައިޚް ޝަމީމް ވިދާޅުވިއެވެ.
ނަމަވެސް، މިއަދު ދިވެހިންގެ ބަޔަކު އިންސާނީ ޙައްޤު ލިބިގަތުމުގެ ނަމުގައި އެބައިމީހުންގެ ޝައިޠާނުންގެ އެހީގައި، ބައިނަލްއަގްވާމީ ޖަމާޢަތްތަކާއި ޖަމްޢިއްޔާތަކުގެ އެހީގައި އެމީހުން އެކިޔާ ޙައްޤުތައް ހޯދަން ނުކުމެއްޖެ ކަމަށާއި އެމީހުން ކުފުރާއި ޝިރުކުގެ އިއުލާން ކުރަން ފަށައިފި ކަމުގައި ޝައިޚް ޝަމީމް ވިދާޅުވިއެވެ.
"މާތް ﷲ ގެ ޝަރީޢަތަށް ފާޅުގައި ގޮންޖަހާ އެދީނަށް ފުރައްސާރަކުރަމުން އެދަނީ. އެކަމުގައި އެނަންމަތީގައި މުޒާހަރާކުރަމުން އެދަނީ. އިސްލާމްދީނުގެ އަހުލުވެރިންނަށް، މިދީނުގެ ޢިލްމުވެރިންނަށް، މިދީނަށްޓަކައި މަސައްކަތްކުރާ މީހުންގެ ބޮލުގައި ބަދުނާމުތައް އަޅުވަމުން، އެބައިމީހުންނަށް އަނިޔާކުރަމުން، އެބައިމީހުން ނައްތާލުމަށްޓަކައި ހުރިހާ ބާވަތެއްގެ ރޭވުމެއް ރާވަމުން [އެދަނީ]. ޝައިޚް ވިދާޅުވިއެވެ.
ޝައިޚް ޝަމީމް ވިދާޅުވީ އެކަންތައްތަކާ އިދިކޮޅަށް މަސައްކަތްކޮށް، ﷲ ގެ ދީނަށް ނަޞްރުދިނުމަށް މަސައްކަތްކުރަން މިއަދު އަޅުގަނޑުމެންގެ ގިނަ މުސްލިމުން ނުކުޅެދިފައިވާ ކަމަށެވެ.
"އަޅުގަނޑުމެންގެ އެއްވެސް ވިސްނުމެއް، ޚިޔާލެއް، ފިކުރެއް، މަޝްވަރާކުރުމެއް، އެކަކު އަނެކަކަށް ވާގިވެރިވުމެއް، އެކަކު އަނެކަކާ ސުވާލުކުރުމެއް، އެއްމުސްލިމަކު އަނެއް މުސްލިމަކަށް އޯގާތެރިވެ، އަޚްވަންތަކަމާއި އުޚުވަތްތަރިކަން ބޭއްވުމެއް އެބައޮތްތޯ ދީނަށްޓަކައި މިފަދަ ގުޅުމެއް؟ ނެތް! ޢިލްމުވެރިން ބައިބައިވެފައި. އާންމު ރައްޔިތުން ބައިބައިވެފައި. އެންމެން އެކަކު އަނެކަކުގެ ޢަދާވާތްތެރިންނަށް ވެފައި." ޝައިޚް ޝަމީމް ވިދާޅުވިއެވެ.
ޝައިޚް ސިޔާސީ ވާހަކަ ދައްކައި ވަކި މީހަކާ ނުވަތަ ވަކި ބަޔަކާ ބެހުނީއޭ ކަމަށްބުނެ، ޝައިޚާ ދިމާއަށްވެސް ބަޔަކު މީހުން އަވަގުރާނަގޮވައި އެއްޗެހި ކިޔަމުންދާ ކަމަށާއި ހަރުކަށި މީހެއްގެ ގޮތުގައި ސިފަކުރަމުންދާ ކަމަށްވެސް ޝައިޚް ޝަމީމް އިޝާރާތްކުރެއްވިއެވެ.
އެކި ގައުމުތަކާއި މުޖުތަމަޢުތަކުގައި މުސްލިމުންނާމެދު ހިންގަމުންދާ އަނިޔާވެރި ޖަރީމާތަކަށް ޝައިޚް ބައްލަވާލެއްވިއެވެ.
"މިއީ އިސްލާމުންގެ ޙާލަތު. އަޅުގަނޑުމެންނަށް ރުއިން ޙައްޤެއް ނުވޭތޯ؟ އަޅުގަނޑުމެންގެ ލޮލުން ކަރުނައަޅާކަށް ނުވޭތޯ؟" - ޝައިޚް ޝަމީމް
އެގޮތުން، ސީރިއާގައި މުސްލިމުން މިއަދު މަރަމުންދާ އިހާނާތްތެރި ގޮތަށް ބައްލަވާލައްވަމުން ޝައިޚް ޝަމީމް ވިދާޅުވީ ދުނިޔޭގެ ބޮޑެތި މީޑިއާތަކުން އެޚަބަރުތަކެއް ނުދައްކާ ކަމަށާއި، މިއަދާ ހަމައަށް އެތައް މަސްތަކެއް ފާއިތުވެގެންދިޔައިރު ސީރިއާގައި އަނިޔާ ލިބެމުންދާ މީހުންނަށް އެހީތެރިވުމަށް އދ. އިން ޤަރާރެއް ފާސްނުކުރެވިފައިވާ ކަމަށެވެ. އެއީ ޗައިނާއާއި ރަޝިއާ ފަދަ ގައުމުތަކުން އެކަމަށް އިންކާރުކުރަމުންދާތީ ކަމަށާއި އަދި އަޅުގަނޑުމެންގެ ގައުމުތަކުގެ ނަން އެލިސްޓުތަކުގައި ޖަހައިގެންއުޅޭ ތަންތަނަކީ މުސްލިމުންނަށް އެއްވެސް ބާރެއް އޮތް ތަންތަނަށް ނުވާތީ ކަމަށެވެ.
"އެއީ އިސްލާމުންގެ އަތުން ޚަރަދުކުރިޔަސް، އެބައިމީހުންގެ ލޭބޮއެގެން، އެބައިމީހުންގެ ލާރި ކައިގެން، އެބައިމީހުންނަށް [މުސްލިމުންނަށް] އަނިޔާކުރުމަށް ހަދާފައިވާ ތަންތަން." ޝައިޚް ޝަމީމް ވިދާޅުވިއެވެ.
ޝައިޚް ވިދާޅުވީ މިއަދުވެސް އދ. އާއި އެބައިމީހުންގެ އޯގާތެރި ޖަމާޢަތްތަކުން ޚަބަރު ފަތުރަމުންދަނީ ސީރިއާގެ މައްސަލަ ބަލައި ތަޙްޤީޤްކުރަމުންގެންދާ ވާހަކަ ކަމަށާއި، އެކަމަކު ކޮންމެ ދުވަހަކު އެތައް ބައިވަރު މުސްލިމުންނެއް އަނިޔާވެރިކަމާއި ނިކަމެތިކަމާއެކު ޤަތުލުކޮށް މަރަމުންދާ ކަމަށެވެ.

ފަލަޞްޠީނާއި ސީރިއާފަދަ ގައުމުތަކުގައި މުސްލިމުންނާ ދެކޮޅަށް ކާފަރުން ހިންގަމުންދާ އަނިޔާވެރި ލާއިންސާނީ ޖަރީމާތަކުގެ ތެރެއިން
"މިއީ އިސްލާމުންގެ ޙާލަތު. އަޅުގަނޑުމެންނަށް ރުއިން ޙައްޤެއް ނުވޭތޯ؟ އަޅުގަނޑުމެންގެ ލޮލުން ކަރުނައަޅާކަށް ނުވޭތޯ؟" ޝައިޚް ޝަމީމް ސުވާލުކުރެއްވިއެވެ.
ޙަދީޘްގެ އަލީގައި ޝައިޚް ޝަމީމް ބަޔާންކުރެއްވި ގޮތުގައި، އިސްލާމުންގެ ކަންކަމާމެދުގައި ފިކުރުނުކުރާ، އިސްލާމީ އުންމަތާމެދުގައި ކަންބޮޑުނުވާ މީހުންނަކީ މިއުންމަތުގެ ތެރެއިންވާ މީހުންނެއް ނޫނެވެ. އެފަދަ މީހުން މަދުން ނަމަވެސް އަޅުގަނޑުމެންގެ ތެރޭގައި އުޅެމުންދާ ކަމަށެވެ.
"އަޅުގަނޑުމެންގެ ތެރެއިން ކިތައް މީހުންނަށްތޯ އިސްލާމުންގެ ޙާލަތު ޚަބަރެއްގެ ގޮތުގައި ބަލާލަން ވަގުތު ލިބުނީ؟ އަޅުގަނޑުމެންގެ ތެރެއިން ކިތައް މީހުންނަށްތޯ އިސްލާމުންނަށް ލިބެމުންދާ އަނިޔާއާ މެދުގައި ކަންބޮޑުވެ ދެރަވެލަން ވަގުތުކޮޅެއް ލިބުނީ؟ އަޅުގަނޑުމެންގެ ތެރެއިން ކިތައް މީހުންތޯ އެކަމާ ވަގުތު ހޭދަކުރީ؟ އަޅުގަނޑުމެންގެ ތެރެއިން ކިތައް މީހުންތޯ އަޅުގަނޑުމެންގެ ދުޢާތަކުގައި، އަޅުގަނޑުމެންގެ ނަމާދުތަކުގައި އިސްލާމްދީނާއި މުސްލިމުންނަށްޓަކައި ދުޢާކުރަނީ؟ ހައްދަވާބޮޑުކުރެއްވި ރަސްކަލާކޯއޭ، އިސްލާމްދީނަށް ނަޞްރުދެއްވާނދޭވޭ. އަނިޔާ ލިބެމުންދާ މުސްލިމުންނަށް ނަޞްރުދެއްވާނދޭވޭ. އަނިޔާވެރިން ނިކަމެތިކުރައްވާނދޭވެ. [މިފަދަ ދުޢާތައްކުރަނީ] ކިތައްމީހުންތޯ؟" ޝައިޚް ޝަމީމް ސުވާލުކުރެއްވިއެވެ.
















ޝޭޚުގެ ދަރުސް ކިޔާފަ ހިތައްކުރި އަސަރުން ލޮލުން ކަރުނަ އޮހެރުނެވެ.ތިފަދަ ދަރުސް ޓީވީއެމުން ވަގުތުން ދެއްކުމަކީ މުހިއްމުކަމެއް.
ﷲ ގަންދީ ހުވާކޮށްފަ ބުނަން. އަހަރެންވެސް ފުރުޤާން (ފްލެޓް) މިސްކިތްތެރޭގައި އެރޭ ދަރުސް ފެށިފެން ނިމެންދެން އިނިން. އަހަރެންގެ ހިތަކަށް ކުޅަދާނައެއްނުވި. ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ މުސްލިމުންގެ ހާލު ތަފްޞީލުކޮށް އެނގުނީމާ ކެތްނުވީ. ކަރުނަތަށް ނުހިފެހެއްޓުނު. އެ އަޚުންނާއި އުޚްތުން މަތިން ހިތައް އަރފރައި ބަނޑު ހައިނުވަނީސް ނުވެސް ކެވޭ. ﷲ ގަނދީ ހުވާ ކޮށްފައި ބުނަން އަޅުގަނޑަށް ނީވޭ ދަރުސެއް ވަރަށް މަދުވާނެ ރާއްޖޭގައި ދީފައިވާ. ” އިސްލާމް ދީނުގެ ނަޒަރުގައި މިއުޒިކް” ދަރުސް އާއި މިދަރުސް. އިލްމީ ގޮތުން ލާމަސީލު. ﷲ ޝައިޚްގެ ކިޔެވުމުގެ ފައިދާ އިސްލާމީ އުންމަތަށްވެސް ދެއްވާށި.
މާތް ﷲ ޝައިޚަށް ހެޔޮ ޖަޒާ ދެއްވާ އޭނާގެ މަސައްކަތުގައި ބަރަކާތްލައްވާ އަދި ދިވެހިރައްޔިތުންނަށް އެ ނަސޭހަތްތަކުގެ ފައިދާ ލިބޭނެ މަގު ފަހިކޮށްދެއްވާނދޭވެ. އާމީން.