ރާއްޖޭގެ ޚަބަރު

މީސްތަކުން ޙައްޤުބަހެއްގެ އިންތިޒާރުގައި ތިއްބާ! (1 ވަނަ ބައި)

ގޭގައި ހުއްޓާއައީ ފޯނު ކޯލެކެވެ. އަޅުގަނޑުގެ ދަރިފުޅަށް ނަޞޭޙަތެއް ދެއްވަން ވަޤުތުކޮޅެއް ދެއްވާށެވެ. ދަރިފުޅުގެ ފިކުރު ހުންނަގޮތުން މިހާރު ހެއްދެވިފަރާތެއް ވޮޑިގެންވާކަން ޤަބޫލު ކުރުމާމެދުވެސް ޝައްކެވެ. އާދެ މިއަޑު އިވުމާއެކު ވަރަށް ފުންއަސަރެއް ކުރިއެވެ. ރާއްޖޭގެ ދީނީ ޙާލަތު އޮތް ގޮތާމެދު ވިސްނާލެވުނެވެ. ލާދީނީ ފިކުރުގެ ނުބައިއަސަރު މަގުތަށް މަތިން ދަތުރު ކުރަމުންގޮސް ގޭގޭގެތެރެއަށް ވަންނަން ފަށައިފިކަމުގެ ރަތް ސިގްނަލް އަޅަން ފެށިއެވެ. އެހެންކަމުން އަތުގެ އިނގިލިތަކަށް ޙަރާކާތްތަކެއް ގެނެސް ހިތުގައިވާ ޝުޢޫރު ލިޔުމެއްގެ ސިފައިގައި ތިޔަ ލޮބުވެތި އަރިސްތަކުންނާ ޙިއްސާކޮށްލަން ޝައުޤުވެރިވެ މިކަމަށް ނުހަނު ބޭނުވިއެވެ.

އާދެ! މިލިޔުން ކިޔަން ފެށުމުގެކުރިން ކޮންމެ ބޭފުޅަކުވެސް އެބޭފުޅެއްގެ ސިކުނޑި ހުޅުވާލާ ތިމާގެ ދީނާ ތިމާ ޤަބޫލުކުރާ ޢަޤީދާ ކުރިއަށްނެރެ ހިތުގައިވާ އެހެެނިހެން ޖަޒުބާތުތަކާއި ޝުޢޫރުތައް ވަޤުތުކޮޅަކަށް އެއްފަރާތަކަށް ޖައްސަވާ ލައްވާށެވެ.

ކުދިކުދި ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެކުލެވިފައިވާ މިދީބުގެ ތެރޭގައި ﷲ ގެ ނޫރު އަލިވިލިގެން ދިޔައީ މީސްތަކުންގެ ހިތްތަކަށް އުފާވެރިކަން ގެނެސްދެމުންނެވެ. ހިލައަށާއި ބުދުތަކާއި އަދި ޖަމާދާތްތަކަކީ ތިމާމެންގެ ކަލުންކަމުގައި ހަދައިގެން ތިބިތިބުން ދޫކޮށްލާ، ޝިރުކުގެ ކަސްތޮޅުތަކުން ސަލާމަތްވެ، އެއްކައުވަންތަ، ޚާލިޤްވަންތަ، މުޅިކާއިނާތުގެވެރި މާލިކުއަށް ބޯލަނބާ ކިޔަމަންތެރިކަން އަދާކުރާ ޙާލުގައި އަނދިރީގެތެރެއިން އަލިކަމުގެ ތެރެއަށް ނިކުތީ ހިތްތަކަށް ތާޒާކަން ގެނެސްދެމުންނެވެ.

ހުރިހާ ޒަމާނެއްގައިވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިސްލާމްދީނާ ދެކޮޅަށް ކުރެވޭހަނގުރާމަ އަންނީ ކުރެވެމުންނެވެ. އެގޮތުން އޭގެ އެކިއަސަރުތައް އެކިދުވަސްވަރުތަކުގައި މިރާއްޖޭގެ ގޮނޑުދޮށްތަކަށް އައީ ބީއްސަމުންނެވެ. މިއީ ތާރީޚުވެސް އެކަމަކަށް ހެކިދޭ ބޮޑުވެގެންވާ ހަޤީޤަތެކެވެ. އަޅުގަނޑުމެންގެ ނަޒަރުގޮސް ހުއްޓެނީ ޕޯޗުގީޒުން ރާއްޖެހިފައި ރާއްޖެ އަޅުވެތި ކޮށްގެން ތިބިދުވަސްވަރު އިސްލާމްދީން މަތީގައިތިބި ނިކަމެތި އެތައްމުސްލިމުންނާ ދެކޮޅަށް ކުރެވުނު މަޢުނަވީ އަދި ފިކުރީ ހަނގުރާމަތުގެ އެކި ޙާދިޡާ ތަކަށެވެ. އެކަންކަމުގެ ތަފްޞީލު މުއައްރިޚުން ކުރެއްވި އެކި ދިރާސާ ފޮތްތަކުގެ އަލީގައި އެހެރީ ފެންނާށެވެ. އެއީވެސް މާޒީވެގެން ދިޔަ ދިގު ތާރީޚުގެ ޞަފްޙާ ތަކުގެތެރެއިން ޞަފްޙާއެކެވެ.

އެއަށްފަހު އެކިއެކި ނަންނަމުގައެވެ. އެކިއެކި ކުލަވަރު ދައްކުވައިދެމުންނެވެ. ވަލީވެރިބޭކަލުންގެ ކީރިތި ކަމާއި، ޒިޔާރަތް ޒިޔާރަތުގެ މާތްކަމުގެ ވާހަކަތަކުން އަތުރާލެވިފައިވާ ތަޢުރީފުގެ ބަސްތަކުގެތެރެއިން ލާފައެވެ. ސައިފުރަސްގެފާނު ވާހަކައާއި އުދުހޭ އަހުގެ ވާހަކަ ކަހަލަ ވާހަކަ ފޮތްތަކުގެތެރެއިން ލާފައެވެ. ސިޙުރާއި ނުޖޫމީ ޢިލްމާއި އަތްބެލުމުގެ ހުނަރުފަދަ އެކިހުނަރުތަކުގެތެރެއިންލާފައެވެ. މި ފަދަ ކަޅުއަނދިރި މަންޒަރުތަކާ ކުލަތަކުން މުޅި ރާއްޖޭގެ އުދަރެސް ބައްދާލިއެވެ. މިފަދަ އެކިއެކި ޒަމާންތަކުގައި ތަވްޙީދުގެ ދިދައިގައި ހިއްޕަވައިގެން އެންމެހާ ބާޠިލް ފިކުރަތަކާއި އިދިކޮޅަށް މިޤައުމުގައި އުފެދުނު އަބުޠާލުންވަނީ ހަނގުރާމަކޮށްފައެވެ. ނަބީބޭކަލުންނާއި ރަސޫލު ބޭކަލުންގެ ދަޢުވަތު ދިރުވާ މިދީނަށްޓަކައި އެބައެއްގެ ފުރާނަޔާ މުޅިޙަޔާތް ހޭދަކޮށްފައިވާ އަބުޠާލުން ކޮށްދެއްވާފައިވަނީ ކޮންފަދަ ބޮޑު ޚިދުމަތްތަކެއްތޯ!

އާދެ! ތަރީޚުގެ ސަފްޙާތަކުގެ ތެރެއިން ސަފްޙާއެކެވެ. ސ .މީދޫ އަށް އުފަން އައްޝައިޚު ޙާޖީ އަބްދުއްރަޙްމާން ތައުޙީދުގެ ދިދަ ހިއްޕަވައިގެން މިރާއްޖެއަށްވަޑައިގެން މިފަސްގަނޑުގައި ހުންނަވައި ވެވަޑައިގެންނެވީ ކޮންފަދަ ބޮޑު ޤުރާބާނީއެއްތޯއެވެ. ޖާހާ ވަޒީފާއާއި މަންސަބު ހުށަހެޅުނު، އަނބިދަރީން ލޯމަތިން ބީވެގެންދިޔަ، ނަމަވެސް ތައުޙީދުގެ ދިދައިގައި ހިފައްޓަވާ ހުންނަވައިގެން އެންމެ އިންޗިއެއްވެސް ފަހަތަކަށް ޖެހިވަޑައިނުގަންނަވައެވެ. އާދެ ކީއްވެގެންތޯއެވެ ! ޝައްކެއްނެތް ގޮތުގައި ޙައްޤު ބަހެއްގެ އިންތިޒާރުގައި ރެއާދުވާލު ކަޅި ހުއްޓާނުލާ ބަލަހައްޓައިގެން ތިބި އަދި އެކަމަށް ފެންބޮވާގެންފައިވާ އެތައްދަރީންގެ ޙައްޤުގައި ވެވަޑައިގެންވި ޤުރުބާނީއެއްގެ ރިވެތި މިސާލެކެވެ.

- ނުނިމޭ-

ގުޅުންހުރި

2 ޚިޔާލު

  1. ސާބަސް ތައްޔިބު ގިނަ ލިއުން ރައްޔިތުން ފޯރުކޮއް ދެއްވާ!

  2. އިންޝާ ﷲ ވަރަށްފުރިހަމަ ލިޔުމެއް. ﷲ ތިޔަ އަޚާއަށް ރަޙުމަތްލައްވައި ސާބިތުކަން ދެއްވާށިޔެ. އާމީން ޔާ ﷲ

Your email address will not be published. Required fields are marked *