ރާއްޖޭގެ ޚަބަރު ކޮންމެވެސް އެއްގޮތެއް ނިންމާށެވެ.

ކޮންމެވެސް އެއްގޮތެއް ނިންމާށެވެ.

ކޮންމެވެސް އެއްގޮތެއް ނިންމާށެވެ.

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް

މީހަކު ތިމަންނައަކީ މުސްލިމެކޭ ބުނެފައި އެމީހެއްގެ ދީނަށް ނުރުހުންތެރިވާނެ ހެއްޔެވެ. އިސްލާމްދީނުގެ ޝަރުޢީ ޙުކުމްތައް ތަޠްބީޤު ކުރަން ދެކޮޅުހަދާނެހެއްޔެވެ. ﷲ ގެ ދީނަށް ފުރަގަސްދޭނެ ހެއްޔެވެ. ޝައްކެނެތް ގޮތުގައި އީމަންތެރިކަމުގެ ގަހަނާއިން ޒީނަތްތެރިވެފައިވާ މީހަކު މިފަދަ އެންމެހާ ކަންތައްތަކުން ދުރުހެލިވެ ރައްކާތެރިވާނެއެވެ. މާތް ﷲ މިފަދައިން ވަހީ ކުރައްވައެވެ. " وَاعْلَمُوا أَنَّ فِيكُمْ رَ‌سُولَ اللَّـهِ لَوْ يُطِيعُكُمْ فِي كَثِيرٍ‌ مِّنَ الْأَمْرِ‌ لَعَنِتُّمْ وَلَـٰكِنَّ اللَّـهَ حَبَّبَ إِلَيْكُمُ الْإِيمَانَ وَزَيَّنَهُ فِي قُلُوبِكُمْ وَكَرَّ‌هَ إِلَيْكُمُ الْكُفْرَ‌ وَالْفُسُوقَ وَالْعِصْيَانَ أُولَـٰئِكَ هُمُ الرَّ‌اشِدُونَ"

އަދި ތިޔަބައިމީހުންގެ ތެރޭގައި اللَّه ގެ رسول އާ ހުންނެވިކަން ތިޔަބައިމީހުން ދަންނާށެވެ! ކަންތައްތަކުގެ ތެރެއިން ގިނަކަންތަކުގައި އެކަލޭގެފާނު ތިޔަބައިމީހުންނަށް ކިޔަމަންވެވަޑައިގަންނަވާނަމަ، ތިޔަބައިމީހުންނަށް ގެއްލުން ލިބިއްޖައީހެވެ. އަދި އެހެނެއްކަމަކު اللَّه، ތިޔަބައިމީހުން إيمان ކަމަށް ލޯބިޖައްސަވައި، ތިޔަބައިމީހުންގެ ހިތްތަކުގައި އެ إيمان ކަން ޒީނަތްތެރިކުރެއްވިއެވެ. އަދި كافر ކަމާއި، فاسق ކަމާއި، އުރެދުމަށް ތިޔަބައިމީހުން ނުރުހުންތެރިކުރެއްވިއެވެ. އެއުރެންނީ، ހަމަ ތެދުމަގު ލިބިގެންވާ މީހުންނެވެ.

އިސްވެ ބަޔާންވެ ދިޔަ އާޔަތުގައި އީމާންކަމުން ޒީނަތްތެރިވެފަވާ ބައެއްގެ ސިފަ މާތް ﷲ ބަޔާން ކުރައްވާފައެވެއެވެ. އާދެ ! އިމާންކަމުން ޒީނަތްތެރިވެފައިވަ މީހެއްނަމަ އީމާނުގެ އަހުލުވެރިންނަށް ލޯބިކުރާނެކަން ކަށަވަރެވެ. އަދި މިދީނުގެ މަޡްހަރުތަކަށް ލޯބިކުރާނެއެވެ. ދީނުގެ ޝިޢާރުތަކަށް ލޯބިކުރާނެއެވެ.
ނިކަންވިސްނާ ފިކުރުކޮށްލައްވާށެވެ. މުސްލިމެއްގެ ގޮތުގައި ހުރެ މީހަކު މުޖުތަމަޢު ތެރޭގައި ހުންނަ ދީނާ ބީރައްޓެހި ކަންކަމަށް ނުރުހި އެވާހަކަ ނުދައްކާ ސުކޫތުވެގެން ހުރެފައި މުސްލިމަކު ތުނބުޅި ދިގުކުރުމުން އެކަމާ ފާޑުކިޔާ އަޑު އުފުލާ މީހަކީ ބަޔާންވެދިޔަ އާޔަތުގެ އެވާ އީމާންތެރިކަމުކަމުން ޒީނަތްތެރިވެފައިވާ މީހެއްކަމުގައި ބެލެވިދާނެހެއްޔެވެ. ޝައްކެތް ނެތް ގޮތުގައި އީމާންތެރިކަމުން ޒީނަތްތެރިވުމުގެ ތެރޭގައި މީދީނުގެ ޝިޢާރުތަކާއި މިދީނުގެ މަޡްހަރުތަކަށް ތިމާ ލޯބިކުރުން ހިމެނެއެވެ.

އިސްވެދިޔަ އާޔަތުގައި މިބަޔާން ކުރެވުނު ސިފަލިބިފައިވާ އީމާނުގެ އަހުލުވެރިން ދީނުގެ ޝިޢާރެއް ކުރިމަތިން ފާޅުވެއްޖެނަމަ އެމީހެއްގެ ހިތަށް ހަމަޖެހުންލިބި އުފާލިބެން ފަށައެވެ. ނަމާދުގެ ޖަމާޢަތަށް ގޮވާލެވޭ އަޑު އިވުމާއެކު އެކަމަށް ޝައުޤުވެރިކަން އުފެދެން ފަށާނެއެވެ. ކުރިމަތިން އިސްލާމީ ޖިލްބާބުން ނިވާވެގެން ހުރި މުސްލިމް އުޚްތަކު ފެނުމުން އެކަމާ އުފާކުރާނެއެވެ. ދީނަށް ލޯބިކުރާ ޒުވާނެއް ފެނުމުން ހިތަށް ހަމަޖެހުން ލިބިގެންދާނެއެވެ.
ޝައްކެތް ނެތް ގޮތުގައި މުސްލިމެއްގެ ކައިރީ ކީރިތި ރަސޫލައަށް ތިބާ ލޯބިކުރަންހޭ އަހާ ސުވާލުކޮށްފިނަމަ ޖަވާބުގައި އާއެކޭ ބުނާނެއެވެ. އެގޮތުން ކީރިތި ރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމް އަމުރުކުރައްވާ އަދި ދީނުގެ ޝިޢާރެއްގެ ގޮތުގައި ހުރިހާ ޒަމަނެއްގައިވެސް މުސްލިމުން ބަލަމުން އައި ކަމެއް ކަމުގައވާ ފިރިހެނުންގެ ތުނބުޅި ދިގުކުރުމަށް ތިބާ ލޯބި ކުރަންޖެހޭނެއެވެ. އެހެނީ ތިބާ އިތުރު އެކަލޭގެފާނަށް ލޯބިކުރާކަމަށް ދަޢުވާކުރާނަމަ އެކަލޭގެފާނުގެ އަމުފުރުޅަތަކަށް ކިޔަމަންތެރިވެ އެކަމަށް ލޯބިކުރަން ޖެހޭނެއެވެ.

އެކަލޭގެފާނުގެ ބަސްފުޅުތަކަށް ނަޒަރުހިނގާލާއިރު ތަފާތު ފަސް ގޮތަކަށް ތުނބުޅި ދިގުކުރުމަށް އިތުރުއެކަލޭގެފާނު ވަނީ އަމުރު ކުރައްވާފައެވެ. ކީރިތި ރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމްގެ އަޞްޙާބުންވަނީ މިއަމުރުފުޅު ތަންފީޒު ކުރައްވާފައެވެ. މިއުންމަތުގެ އެތައް އެތައް ޢިލްމުވެރިންނެއްވަނީ މިކަމުގެ ވާޖިބުކަން ބަޔާންކުރައްވާ ފަތުވާދެއްވާފައެވެ. މިއެންމެހާކަންކަން މިފަދައިން ހުރުމާއެކު ތިބާ ތުނބުޅިއަށާއި އެނޫންވެސް އެހެން ޝިޢާރުތަކަށް ފޫހިވެ ނުރުހެންތެރިންވާޖެހޭ ސަބަބެއް ފަހެ އަބައޮތް ހެއްޔެވެ.
މިހާހިސާބުން ދެން ސުވާލުކޮށްލަން ބޭނުންވަނީ ތިބާ އިސްލާމްދީންދެކެ ފޫހިވަނީތޯއެވެ؟ ނުވަތަ މުސްލިމުންދެކެ ފޯހިވަނީތޯއެވެ؟ ނުވަތަ އިސްލާމީ މަޡްހަރުތަކާ ޝިޢާރުތަކަށް ފޫހިވަނީތޯއެވެ؟ އެހެންކަމުން މީގެތެރެއިން ކޮންމެވެސް އެއްކަމެއް ފާހަގަކޮށް ކޮންމެވެސް އެއްގޮތެއް ނިންމަން ޖެހޭ ވަޤުތު އައިސް ކުރިމަތިވެއްޖެއެވެ. އެހެނީ ވަކި ކަމެއް ނިންމުމެއްނެތި، ފާހަގަ ކުރުމެއްނެތި އަދި ވަކި ގޮތެއް ކަނޑައެޅުމެއްނެތި ތަންތަނުގައި ދެކެވޭ ވާހަކަތަކުގެ ސަބަބުން މުޖުތަމަޢުތެރޭގައި ތިބާގެ ސަބަބުން ވަރަށް ގިނަ ފިތުނަތަކަށް ޖާގަ އެބަދެވެއެވެ. މާތް ﷲ އަޅަމެން އެންމެނަށް ހިދާޔަތް ދައްކަވާ ހެޔޮ ރަޙްމަތް ލައްވާށި. އާމީން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.