
މެއި 13، 2012 – ނައިބް ރައީސް ޑީން އިސްލާމިކް އެފެއާޒް މިނިސްޓްރީގެ ވެރިންނާ ބައްދަލުކުރެއްވުމަށް ވަޑައިގެންނެވުމުން މިނިސްޓަރ ޝައިޚް ޝަހީމް މަރުހަބާ ދަންނަވަނީ – ފޮޓޯ : ރައީސް އޮފީސް
މީގެ ކުރިން އިސްލާމީ ކަންތައްތަކާ ބެހޭ އެންމެމަތީ މަޖިލިހުގެ ނަމުގައި ހިންގަމުންދިޔައިރު ސަރުކާރުން އެތަނަށް 150 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ބަޖެޓެއް ހަމަޖައްސާދެމުންދިޔަ ނަމަވެސް، އިސްލާމިކް އެފެއާޒް މިނިސްޓްރީ އުފެއްދުމަށްފަހު ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި އެތަނުގެ ބަޖެޓް ހީނަރުވެ، އެޢަދަދު 50 މިލިއަނަށް [ތިން ގުނަ ދަށަށް] ވެއްޓިފައިވާ ކަމަށް މިނިސްޓަރ ޝައިޚް މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ނައިބު ރައީސްކަމާ މުޙައްމަދު ވަޙީދުއްދީން (ޑީން) ހަވާލުވެވަޑައިގަތުމަށްފަހު މިނިސްޓްރީތަކުގެ އިސްވެރިންނަށް ތައާރަފުވުމުގެ ގޮތުން ފުރަތަމަ އިސްލާމިކް އެފެއާޒް މިނިސްޓްރީގެ އިސްވެރިންނާ އިއްޔެ ބައްދަލުކުރައްވައި އެމިނިސްޓްރީގެ މަސައްކަތްތައް ކުރިއަށްދާގޮތާއި ދިމާވެފައިވާ ދަތިތަކާބެހޭ ގޮތުން ޑީންއާ މަޢުލޫމާތު ހިއްސާކުރައްވަމުން މިނިސްޓަރ ޝަހީމް ވިދާޅުވީ، ދީނީކަންކަން ކުރުމަށް ސަރުކާރުން ކުރިން ބަޖެޓް ދީފައިވީ ނަމަވެސް މިދިޔަ ތިން އަހަރުގެ ތެރޭގައި އެވަރަށް ފައިސާ ބަޖެޓް ކޮށްފައި ނުވާ ކަމަށެވެ.
އަދި މިނިސްޓްރީއެއްގެ ގޮތުގައި އިސްލާމިކް އެފެއާޒް މިނިސްޓްރީ ހިނގަމުން އަންނައިރު އެމިނިސްޓްރީއަކީ އެންމެ ބޮޑަށް އަޅާނުލާ ދޫކޮށްލެވިފައިވާ މިނިސްޓްރީ ކަމަށެވެ.
"ކުރިން މިތާގެ ބެޖެޓަކީ 150 މިލިއަން ރުފިޔާވަރު. ނަމަވެސް ވޭތުވެ ދިޔަ ތިން އަހަރުވަނީ މިތާގެ ބަޖެޓް އުނިވެފައި. ގާތްގަނޑަކަށް 50 މިލިއަން ނުވަތަ އެއަށްވުރެ ދަށަށްވަނީ ވެއްޓިފައި. އެހެން ކަމުން މިތާގެ ޚިދުމަތްތައް މިވަނީ ވަރަށް ބޮޑަށް ބަލިކަށި ވެފައި،" މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ 28 އަހަރުވަންދެން މެދުކެނޑުމެއްނެތި ސަރުކާރުން ޚަރަދުކޮށްގެން ބާއްވަމުންއައި ގައުމީ ޤުރުއާން މުބާރާތަށް ބޭނުންވާ ފައިސާ ހަރަދުކުރާމިންވަރަށް ލިބިފައި ނެތުމުގެ ސަބަބުން، އެމުބާރާތް ބާއްވާފައިވަނީ ޒަކާތުގެ ފަންޑުން ފައިސާ ބޭނުންކޮށްގެން ކަމަށެވެ.
އަދި އެމަނިކުފާނު އެމިނިސްޓްރީއާ ހަވާލުވެވަޑައިގަތުމުގެ ކުރިން، މިނިސްޓްރީގެ ދަށުން ހިންގަމުންދިޔަ މިސްކިތްތަކާއި އިމާމުންގެ ކަންތައްތައް ކައުންސިލްތަކުގެ ބެލުމުގެ ދަށަށް ގެންދިއުން އެއީ ވަރަށް ކަންބޮޑުވެ ވަޑައިގެންނަވާ ކަމެއް ކަމަށާއި، އެކަމުގެ ސަބަބުންވެސް މިނިސްޓްރީ ވަރަށް ބޮޑަށް ބަލިކަށިވެފައިވާ ކަމަށެވެ.
މިއަހަރަށް ލާފާކޮށް އިސްލާމިކް އެފެއާޒް މިނިސްޓްރީން އެކުލަވާލި އެމިނިސްޓްރީގެ ބަޖެޓުން 8 މިލިއަން ރުފިޔާ އުނިކުރުމަށް ފިނޭންސް މިނިސްޓްރީން އެންގުމުން، އެވަރަށް އުނިކުރުމުންވެސް ބަޖެޓް ފާސްވިއިރު، އެމިނިސްޓްރީގެ މަޝްވަރާއަކާނުލައި މިނިސްޓްރީގެ ބަޖެޓުން ކުރަންޖެހޭ މުހިންމު ކަންކަމަށް ބަޖެޓްކޮށްފައިވާ ފައިސާގެ ބޮޑު ބައެއް އުނިކޮށްފައިވާ ކަމަށާއި އެކަންކަން ކުރުމަށް ބަޖެޓް ނުލިބޭނަމަ މަޤާމްގައި ހުންނަވަން ބޭނުންންނުވާ ކަމަށް ބުނެ ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. ޢަބްދުލް މަޖީދު ޢަބްދުލް ބާރީ އޭރުގެ ރައީސް މުޙައްމަދު ނަޝީދަށް ފޮނުއްވާފައިވާ ސިޓީއެއް ވަނީ މިދިޔަ މަހުގެ ތެރޭގައި ލީކުވެފައެއެވެ.
ރައީސް ނަޝީދު ވެރިކަމުން އިސްތިއުފާދެއްވުމުގެ ދެ ދުވަސްކުރިން ފޮނުއްވާފައިވާކަމަށް ބުނާ ސިޓީގައި ޑރ. މަޖީދު ވިދާޅުވެފައިވަނީ ބަޖެޓް އުނިކޮށްފައިވުމުން މިނިސްޓްރީން ކޮންމެ ހަފުތާއަކު ނެރެމުންދާ ހިދާޔަތުގެ އަލި ޗާޕްކުރުމަށް ހިނގާ ޚަރަދާއި މި މިނިސްޓްރީން އެމްއެންބީސީ ވަން މެދުވެރިކޮށް ގެނެސްދޭ ޓީވީ ޕްރޮގްރާމްތަކާއި ރާއްޖެ ރޭޑިއޯ މެދުވެރިކޮށް ގެނެސްދޭ ރޭޑިއޯ ޕްރޮގްރާމްތަކާއި ރަމަޟާން މަސް އިޙްޔާކުރުމުގެ ޕްރޮގްރާމްތަކަށް ހިނގާ ފައިސާއާއި އިމާމުވެ ތަރާވީޙް ނަމާދުކުރައްވާ ބޭފުޅުންނަށް ދޭންޖެހޭ އެލަވަންސް ފައިސާއާއި މިނޫނަސް މިނިސްޓްރީގެ ބަޖެޓަށް ކޮންމެހެން ލިބެންޖެހޭ ގިނަ އަދަދެއްގެ ފައިސާ ނުލިބިވާ ކަމަށެވެ.
“ތަފާތު ބޮޑެތި ގޮންޖެހުންތަކާއެކުވެސް މިހާތަނަށް އަޅުގަނޑު މަސައްކަތްކުރަމުން މިއައީ ގައުމީ ތަރައްގީގެ އޮނިގަނޑުގައިވާ ކަންތައްތަކުގެ ތެރެއިން މިމިނިސްޓްރީން ކުރަންޖެހޭ ކަންތައްތައް ކުރެވޭތޯއެވެ. ނަމަވެސް، މިކަންތައްތައް ކުރުމަށް ބޭނުންވާ ފައިސާ މިނިސްޓްރީގެ ބަޖެޓަށް ނުލިބޭ ކަމުގައިވާނަމަ، ރައްޔިތުންނަށް ކޮށްދޭންޖެހޭ ކަންކަން ނުކުރެވޭފަދަ ހާލެއްގައި، ރައްޔިތުންގެ ފައިސާއިން މުސާރަ ނަގައިގެން މިމަގާމުގައި ހުރުމަކީ އަޅުގަނޑުގެ ޟަމީރު ގަބޫލުކުރާ ކަމަކަށް ނުވާތީ މިވާހަކަ ދެންނެވީމެވެ،” ފެބްރުއަރީ 5، 2012ގައި ލިޔުއްވާފައިވާ ޑރ. މަޖީދުގެ ސިޓީގައި ވިދާޅުވެފައިވެއެވެ.
ކޮންމެ ހުކުރު ދުވަހަކު އިސްލާމިކް އެފެއާޒް މިނިސްޓްރީގެ ފަރާތުން "ހިދާޔަތުގެ އަލި" ނަމުގައި ނެރޭ ނޫސް ޗާޕްކުރުމަށް އެތަނުގެ ބަޖެޓްގައި ފައިސާ ނެތުމުގެ ސަބަބުން އެނޫސް ނެރުން ހުއްޓިފައިވާތާ މިހާރު ތިންމަހެއްހާ ދުވަސް ވަނީ ވެފައެވެ. "ހިދާޔަތުގެ އަލި" ނޫސް ޗާޕްކުރުމަށް ކޮންމެ ހަފުތާއަކު 10800ރުފިޔާ ޚަރަދުވާއިރު، އެނޫސް ނެރޭނެ ފައިސާ ނެތުމުން ދެފަހަރެއްގެ މަތިން ދަރަންޏަށްވެސް ޗާޕްކޮށްފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.
އެނޫސް އަލުން ޗާޕްކުރުމަށްޓަކައި ފައިސާ ހޯދުމަށް ސަރުކާރާއެކު މަޝްވަރާކުރަމުންދާ ކަމަށް މިނިސްޓަރު ޝަހީމް ވަނީ ވިދާޅުވެފައެވެ.
















އަންނި ބޭނުން ނުވޭ ކޮންމެހެން އިސްލާމް ދީން ކުރިއަރުވާކަށް.އެހެންވީމާ އިސްލާމިކް މިނިސްޓްރީ އަށް ބަޖެޓެއް ނުލިބުނަސް ހުރިހާ މުވައްޒަފުންނަށް މަހުމުސާރަ ބަރާބަރަށް ލިބޭނުންތޯ.ބަޖެޓެއް ނުލިބޭކިޔާފާ މިނިސްޓަރާއި،ސްޓޭޓް މިނިސްޓަރ އަދި ޑިޕއުޓީ މިނިސްޓަރުން އިސްތިއުފާ ދެއްވިތޯއެވެ.އަންނިއަށް ސަނާ ކިޔަކިޔާތިއްބެވީ ނުންތޯއެވެ.ﷲގެ ވާގިފުޅާއި އެކު މިހާރުގެ މިނިސްޓަރ ޝެއިޚް ޝަހީމް އެކިއެކި ބޭފުޅުންކައިރީގާ ސަލާމް ޖައްސަވައިގެން ނަމަވެސް އިސްލާމް ދީން ކުރިއެރުވުމައްޓަކައި ފައިސާ ހޯއްދަވައިގެން ދިވެހި ގައުމުގައި އިސްލާމްދީން ކުރިއެރުވުމަށް ކުރއްވަންޖެހޭ މަސައްކަތް ހުއްޓާލާފައި އެމަނިކުފާނުގެ ފަހަތަށް ނުޖެހޭނެކަން ކަށަވަރެވެ.ސާބަސް ޝަހީމް.މަނިކުފާނުގެ ތިކުރައްވާ މަސައްކަތަށް މާތްﷲ ތަވްފީގް ދެއްވާށިއެވެ.